ޓެންޒޭނިޔާގައި އޮންނަ އަމިއްލަ ރަށެއް ވިއްކާލަން ސްޕޭސްއެކްސްގެ އިންވެސްޓަރު ޓިމް ޑްރޭޕަރ އިއުލާނުކޮށްފި
އެމެރިކާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނިތައް ކަމަށްވާ ސްޕޭސްއެކްސް އަދި ޓެސްލާގެ ކުރީގެ ބިލިއަނަރު އިންވެސްޓަރު ޓިމް ޑްރޭޕަރ، އިރުމަތީ އެފްރިކާގެ ޓެންޒޭނިޔާގައި އޭނާ ތަރައްޤީކޮށްފައިވާ އަމިއްލަ ރަށެއް 7.9 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލަން ހުށަހަޅައިފިއެވެ.
މި ރަށް ވިއްކާލުމަށްޓަކައި ޑްރޭޕަރ ވަނީ އެއްވެސް ބްރޯކަރެއް މެދުވެރިނުކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ސީދާ އޭނާގެ އަމިއްލަ އީމެއިލް އެޑްރެސް އާންމުކޮށް، ގަންނަން ޝައުޤުވެރިވާ ފަރާތްތަކުން އަގު ހުށަހެޅުމަށް ދަޢުވަތު އަރުވާފައެވެ.
އޭނާގެ ޢާއިލާއިން މި ރަށް މިހާރު މާބޮޑަށް ބޭނުންނުކުރާތީ ވިއްކާލަން ނިންމި ކަމަށް ވިދާޅުވެފައިވާއިރު، ރަށް ވިއްކަން އިއުލާނުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަށް ގަތުމަށް އެދި ގިނަ ހުށަހެޅުންތަކެއް ލިބެމުންދާ ކަމަށް ޑްރޭޕަރ ވަނީ ހާމަކޮށްފައެވެ.
Ads by BMLޓެންޒޭނިޔާގެ ލޭކް ޓެންގަންޔީކާ ކުޅީގައި އޮންނަ 110 އޭކަރުގެ މި ރަށަކީ "ލުޕީތާ އައިލެންޑް" ގެ ނަމުން ނަންދީފައިވާ، 10 ކޮޓެޖާއި، ސްޕާއަކާއި، ޕްރައިވެޓް ބީޗެއްގެ އިތުރުން ލަގްޒަރީ ގިނަ ޚިދުމަތްތަކެއް އެކުލެވޭ ރިޒޯޓެކެވެ.
ޑްރޭޕަރ މި ރަށް ވިއްކާލަން އިޢުލާނުކުރުމާ ގުޅިގެން ޓެންޒޭނިޔާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، އެ ޤައުމުގެ ބިމާބެހޭ ޤާނޫނު އޮންނަ ގޮތުން ބޭރުގެ އެއްވެސް ފަރާތަކަށް އެ ޤައުމުގެ ބިމުގެ މިލްކުވެރިކަން ނުލިބޭނެ ކަމަށާއި، އެހެންކަމުން ބިމުގެ މިލްކުވެރިކަން ވިއްކުމުގެ ޙައްޤު ޑްރޭޕަރަށް ލިބިގެން ނުވާ ކަމަށެވެ.
Ads by MACL
