ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (30 ވަނަ ބައި)
ފާއިތުވެ ދާންފެށި ދުވަސްތަކާއެކު، އަޒާންގެ ހާލަތުވެސް އައީ ހީނުކުރާހާ އަވަހަށް ރަނގަޅު ވަމުންނެވެ. ފިޒިއޮތެރަޕީ އެއްކޮށް ނިންމާލިއިރު އަޒާން އަށް އެކަނި ކޮޅަށް ހުރެ ހިނގާލެވެއެވެ. އެހެނަސް އޭނާ އަށް ހިނގައި ހެދުމަށް އަސައެއްގެ ބޭނުން ކުރަން ޖެހިފައިވިއެވެ. ފަޔަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އުމުރު ދުވަހު އެ އަސާގެ އެހީތެރިކަން ހޯދުމަށް އޭނާ އަށް ވަނީ މަޖުބޫރުވެފައެވެ. ނަމަވެސް އެކަމަކުން އަޒާންގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އަސާގެ އެހީގައިވިޔަސް، ކޮޅަށް ހުރެ ހިނގާލެވޭނެ ގޮތް މިންވަރު ކުރެއްވީތީ އޭނާ ﷲ އަށް ޝުކުރުވެރި ވެއެވެ.
އެންމެ ފަހު ފިޒިއޮތެރަޕީ ސެޝަން ނިންމާލުމަށްފަހު އަޒާން ޓްރީޓްމަންޓް ރޫމުން ނުކުތީ ހިނިތުންވެލައިގެން ހުރެއެވެ. އޭރު އެތަނާ ކުރިމަތިވާނޭހެން ހުރި ގޮނޑި ބަރީގައި އޭނާގެ އިންތިޒާރުގައި އިނށީދެލައިގެން ޒިވްރާ އިނެވެ. އަޒާން ނުކުތްތަން ފެނުމާއެކު ހިނިތުންވެލަމުން އިންތަނުން ޒިވްރާ ތެދުވިއެވެ. އަދި އަތުގައި އޮތް މާބޮނޑި އަޒާން އަށް ދިއްކޮށްލިއެވެ. އެއާއެކު އަޒާންގެ ތުންފަތުގައި އިހު ހުރި ހިނިތުންވުން ފުންވެލިއެވެ. ޒިވްރާއަށް ޝުކުރު އަދާކުރަމުން އޭނާ އޭގައި ހިފިއެވެ. އިރުކޮޅަކު އަޒާންގެ މޫނަށް ބަލަން ހުރުމަށްފަހު އޭނާއާ އެކުގައި ތަނަކަށް ދެވިދާނެތޯ ޒިވްރާ އަހައިލީ ނުކެރިފައި ހުރެއެވެ. ވަގުތުން އަޒާން އެއްބަސްވިއެވެ. އޭނާ ވެސް ކުރާކަށް މާ ބައިވަރު ކަމެއް ނެތޭ ބުނަމުން ޒިވްރާ ގެންދިޔަ ކޮންމެ ތަނަކަށް ވެސް ދާން ތައްޔާރުކަމަށް އަޒާން ބުނެލީ ސަމާސަ އެކުލެވޭ ރާގަކަށެވެ. ދެމީހުން އެކުގައި ހޮސްޕިޓަލުން ނުކުންނަން ހިނގައިގަތް އިރު ކޮންމެވެސް ވަރަކަށް އެކި ކަންކަމާ ގުޅޭ ވާހަކަތައް ދެކެވެމުން ދިޔައެވެ.
Ads by BML
ކާރަށް އަރައި ހަމަޖެހިލަމުން ދާން އުޅޭ ތަނަކާމެދުގައި އަޒާން ސުވާލުކުރިއެވެ. ނަމަވެސް އެއީ ކޮންތަނެއްކަން ބުނާކަހަލަ ޚިޔާލެއް ޒިވްރާ ނުކުރިއެވެ. އަޒާން އެހައި ވަރަށް އެދުމުން ވެސް ޒިވްރާގެ ޚިޔާލު ބަދަލުވާގޮތެއް ނުވިއެވެ. މަޑު ދުވެއްޔެއްގައި އޭނާ ކާރު ދުއްވަމުންދިޔައިރު، އިރުއިރުކޮޅާ އެ ދޮން މޫނުކޮޅަށް އަޒާން އަށް ބެލެމުންދިޔައީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. މީހެއް ގާތުގައި ނުބުންޏެއްކަމަކު، ފާއިތުވެދިޔަ ދުވަސްތަކުގައި ޒިވްރާއާ މެދުގައި އެ ހިތުގައި ތަފާތު ވިންދެއް ޖަހަން ފަށައިފައިވާހެން އަޒާން އަށް އިހުސާސު ކުރެވެއެވެ. އެހެނަސް އަދިވެސް އެފަދަ ގުޅުންތަކަށް އިތުބާރުކުރުން އޭނާ އަށް ފަސޭހަ ކަމަކަށް ނުވެއެވެ. ބުނެވޭ އެންމެ ބަހެއްގެ ސަބަބުން ވެސް އެ ދެމެދުގައި އޮތް އެކުވެރިކަން ގެއްލޭކަށް އަޒާން ނޭދެއެވެ. އެ އިހުސާސުތައް ހިންދާލައިގެން ހުންނަން އަމިއްލަ ނަފުސަށް އޭނާ މަޖުބޫރު ކުރަމުންދިޔައީ އެހެންވެއެވެ. ނަމަވެސް، ބައެއް ހާލަތްތަކު އަމިއްލަ ނަފުސުގެ މައްޗަށް ބާރު ފޯރުވުން އޭނާއަށް ވެސް ފަސޭހަކަމަކަށް ނުވެއެވެ. އަމިއްލަ ހިތުގައިވީ ތެދުވެރި ނިޔަތެއްނަމަ، އެކަން އޭނާގެ މިންވަރުގައި ލެއްވުންއެދި އަޒާން އަށް ހިތާހިތުން ދުޢާ ކޮށްލެވުނެވެ.
ޒިވްރާ އަޒާން ގޮވައިގެން ދިޔައީ "ޕްރިމްރޯޒް ހިލް" އަށެވެ. އެތަނުގެ ހިތްގައިމު ވިނަގަނޑު މަތީގައި، ލަންޑަންގެ ރީތި މަންޒަރުތައް ފެންނަފަދަ ހަމަހިމޭން ހިސާބެއްގައި އެމީހުން މަޑުކޮށްލިއެވެ. ޒިވްރާގެ އަތުގައި އޮތް ރަޖާގަނޑު އަތުލަމުން އަޒާން އެ ރަޖާގަނޑު ތިރީގައި ފަތުރާލިއެވެ. އެއާއެކު އަތުގައި ހުރި ބާސްކެޓް މެދަށް ވާނެހެން ބަހައްޓަމުން ޒިވްރާ ރަޖާގަނޑު މަތީގައި އިނށީދެ ހަމަޖެހިލިއެވެ. މެންދުރުފަހުގެ ވަގުތުކަމުން ކޮންމެވެސް ވަރަކަށް މީހުން އެ ހިސާބުގައި ހަރަކާތްތެރިވާތަން ފެނެއެވެ. އުޑުމަތި ސާފުވެފައި، ޖެހެމުންދިޔަ މަޑުމަޑު ރޯޅީގައިވީ ހިތަށް ހަމަޖެހުން ގެނުވާފަދަ ފިނިކަމެކެވެ. ޒިވްރާ ގެނައި ބާސްކެޓް ތެރެއިން ސޭންޑްވިޗާއި، ސްޓޯބެރީގެ އިތުރުން ޗޮކްލެޓް ކޭކާއި ދެ ކޮފީ ތަށި ނެގިއެވެ. އެތަންފެނި އަޒާން ދެފަރާތަށް ބޯހޫރައިލިއެވެ. އޭނާ އަށްޓަކައި ޒިވްރާ އެފަދަ ކަމެއް ރާވައިފާނެ ކަމަކަށް ކުޑަކޮށް ވެސް އަޒާން ހިއެއް ނުކުރެއެވެ. ލުއި ހިނިތުންވުމެއް ޒިވްރާއަށް ހަދިޔާކޮށްލަމުން އަޒާން ޝުކުރުއަދާކޮށްލިއެވެ. ހަގީގަތުގައި އެއީ އަންހެންކުއްޖަކު އޭނާ އަށްޓަކައި ޚާއްސަކޮށްގެން އެފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެވެ. އިޝްޔާގެ ފުށުން ދުވަހަކުވެސް އަޒާން އަށް އެފަދަ ސަޕްރައިޒް އެއް ލިބިފައެއް ނުވެއެވެ. އެ ގުޅުމުގައި އަބަދުވެސް އިސްވެ އެފަދަ ކަންކަން ރާވަނީ އަޒާން އެވެ. ޒިވްރާގެ އަމަލުތަކުން އަޒާންގެ ހިތަށް އަސަރުކުރީ އެހެންވެއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު އޭނާ ދުރުން ފެންނަމުންދިޔަ މަންޒަރުތަކަށް ބަލަހައްޓައިގެން އިނެވެ. އަތުން ބީވެގެންދިޔަ ކަންކަމުގެ ބަދަލުގައި، އޭނާގެ ހަޔާތުގައި އަދިވެސް ހުރި ނިޢުމަތްތަކާމެދު، ފުރަތަމަ ފަހަރަށް ފުންކޮށް އަޒާން އަށް ވިސްނާލެވުނެވެ.
"ޒިވީ.." ދެމެދަށް ވެރިވި ހިމޭންކަން ނެތިގެން ދިޔައީ އަޒާންގެ އަޑުންނެވެ. މަޑު ހޫންއެއް ލައްވާލަމުން ޒިވްރާ އަޒާންއާ ކުރިމަތިވާނެހެން އެނބުރުނެވެ. އަޒާން ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވީއޭ އޭނާގެ ހިތަށް އެރީއެވެ.
"މިކޮޅަށް އަހަރެން އައި ބޭނުން ވެސް ފުދިއްޖެ އަލްޙަމްދުލި ﷲ.. އެހެންވެ.. ހިތަށް އަރަނީ އެނބުރި ރާއްޖެ ދާން. އަހަރެންގެ ދިރިއުޅުން އޮތް ތަނަކީ އެއީ.. އާއިލާ ވެސް.. އެކަމަކު.. ޒިވީ.. ޒިވީ އަށް އުނދަގޫ ނޫނިއްޔާ އަހަރެން ދާއިރުގަ ކުޑަ ދުވަސްކޮޅަކަށް ވިއަސް އަހަރެންނާއެކުގަ ޒިވީ ގެންދަން ބޭނުން. ޒިވީ އަށް ވާނަމަ އިނގޭ، އެއްވެސް މަޖުބޫރުކަމެއް ނެތް.." ބުނަން ނުބުނަން އުޅޭފަދަ ގޮތަކަށް އަޒާން ބުނެލީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައި އިނދެއެވެ. ހިނދުކޮޅަކު ބަހެއް ނުބުނެ އަޒާންގެ މޫނަށް ބަލަހައްޓައިގެން ޒިވްރާ އިނެވެ. ހީވަނީ ދޭނެ ޖަވާބަކާއި މެދުގައި އޭނާ ވިސްނަނީ ހެންނެވެ. ޒިވްރާގެ ފަރާތުން ޖަވާބެއް ނުލިބި ގިނައިރުވާން ފެށުމުން އަޒާންގެ ހިތް މާޔޫސްވާގޮތް ވިއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު ޒިވްރާ ވާހަކަދައްކަން ފެށުމުން އަޒާން ހިމޭންވީއެވެ. "ޒާން ބޭނުންތަ އަހަރެން ގެންދަން؟" ކުޑަކޮށް ބޯއަރިކޮށްލަމުން ޒިވްރާ އަޒާންއާ ހަތަރުކަޅި ހަމަކޮށްލިއެވެ. "ވަރަށް ބޭނުން" ވަގުތުން އަޒާން ބުނެލިއެވެ. އެއާއެކު ޒިވްރާގެ މޫނުމައްޗަށް ވެރިވީ ރަކި ހިނިތުންވުމެކެވެ. ބޯޖަހައިލަމުން އޭނާ އަޒާންއާ އެކުގައި ދާން ތައްޔާރުކަމަށް ޒިވްރާ ބުނެލިއެވެ. ހިތަށް ލިބުނު ހަމަޖެހުން ބަޔާންކުރަން ވެސް އަޒާން އަށް ދަތިވިއެވެ. އެކަމަށް އޭނާގެ ހިތް އިންތިހާއަށް އެދެމުންދިޔައީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެހެނަސް އެންމެ ހިނދުކޮޅަކަށް ވެސް ޒިވްރާއާ ދުރަށް ދާން އޭނާ ބޭނުންނުވާކަން ގައިމެވެ.
*****
ޒިވްރާގެ ޗުއްޓީ ހަމަޖެހުމާއެކު އަޒާން އެނބުރި ރާއްޖެ އައުމަށް ޓިކެޓް ހަމަޖެއްސިއެވެ. ލިޔާރާ ވެސް ހުރީ އެތައް ދުވަހެއް ފަހުން އެނބުރި ޤައުމަށް ދެވެން އުޅޭތީ ނުހަނު އުފާވެފައެވެ. ނަމަވެސް ރާއްޖެ ގޮސްގެން އަޒާންގެ ހާލަތު ގޯސްވެދާނެތީވެސް އޭނާ ކަންބޮޑުވެއެވެ. އިޝްޔާ އާއި އަޒާން އަލުން ބައްދަލުވާކަށް ކުޑަކޮށްވެސް އޭނާ ނޭދެއެވެ. އެ ހަނދާންތަކުން އަޒާން އަށް ސަލާމަތްވެވުނީ އެތައް ހިތްވަރަކުންނެވެ. އަލުން އަނބުރައި އަޒާން އެފަދަ އަނދިރި ވަޅުގަނޑަކަށް ވެއްޓޭތަން ބަލާކަށް އޭނާ އަކަށް ކެތެއް ނުވާނެއެވެ.
*****
ކުރިމަތީގައި ހުރި ކެންވަހުގައި އަތުގައި އޮތް ފިހި ކާއްތައިލަމުން އިޝްޔާ އޭގެއަށް ފަރުވާތެރި ނަޒަރަކުން ބަލާލިއެވެ. ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން އައީ ބޭއިޚުތިޔާރުގައެވެ. އެ ކެންވަހުގައިވީ އަޒާން އޭނާއަށް ކައިވެނި ހުށަހެޅިރޭގެ ރީތި މަންޒަރެކެވެ. އެރޭގެ ހަނދާންތައް ހިތަށް އުނދަގޫކުރަން ފެށުމުން އިޝްޔާގެ ދެލޯ ފެންކަޅިވާގޮތް ވިއެވެ. އޭގައި ކާކުކަން ނޭނގޭ ގޮތަށް ކުރަހާފައި ހުރި ފިރިހެންކުއްޖާއަށް ދެލޯ އަމާޒުކޮށްލައިގެން އޭނާ އިނެވެ. "ޒާން.." ކެތްނުވެގެން ކަހަލަ ގޮތަކަށް އޭނާއަށް އޭގައި ފިރުމައިލެވުނެވެ. ހިތަށް ކުރަމުންދިޔަ އަސަރާއެކު އިޝްޔާއަށް ރޮވޭގޮތް ވިއެވެ. ޚިޔާލުތަކަށް ގެއްލިފައި އިންދައި އޭނާ ސިހުނީ ގޭތެރެއިން ބާރު އަޑުފަށްގަނޑެއް އިވުމުންނެވެ. އެފަދަ އަޑުތަކަށް ހޭނިފައިވީތީ އެކަމަށް މާބޮޑު ސަމާލުކަމެއް އޭނާ ނުދިނެވެ. އައިމަން ގެއަށް އައީކަން އިޝްޔާއަށް އެނގުނީއެވެ. ގުޑިލަންވެސް ބޭނުންނުވެފައި އިންދައި އެ ކޮޓަރީގެ ދޮރު ހުޅުވާލަމުން ދޮރުކަނީގައި ލެގިލަމުން އައިމަން ނުލަފާ ގޮތަކަށް ހީނލިއެވެ. އިރުކޮޅަކު އިޝްޔާގެ ހަށިގަނޑަށް ބަލަން ހުރުމަށްފަހު ދެއަތަށް ކިރެމުންކަހަލަ ގޮތަކަށް އޭނާ އައިސް އިޝްޔާ ގާތުގައި މަޑުކޮށްލިއެވެ. އަދި ގުދުވެލަމުން އިޝްޔާގެ އިސްތަށިގަނޑުގައި ތުންފަށް ޖައްސާލިއެވެ. އެވަގުތު ދުވި ނުބައި ވަހުން އިޝްޔާއަށް މޫނު ކުނިކޮށްލެވުނެވެ.
"ކިތަށްފަހަރުތަ އައިމަން ގާތު ބުނަންވީ މަސްތުގެ ހާލުގަ ހުރެ އަހަންނާ ކައިރިނުވާށޭ؟ އަހަންނަކަށް ކަމަކުނުދެއޭ. ކަލެއަކަށް އަޑެއް ނީވޭތަ؟" އައިމަންއާ ދުރަށް ޖެހިލަމުން އިޝްޔާ ހަރުކަށި ރާގަކަށް ބުނެލިއެވެ.
"ކޮބާ މައްސަލައަކީ؟ އަހަންނަކީ ކަލޭގެ ފިރިމީހާ. އަހަރެން ބޭނުން ކޮންމެ ވަގުތެއްގަވެސް ކަލެއާ ކައިރިވެވޭނެ. ކޮންމެހެން ކަލޭގެ ރުހުމެއް ބޭނުމެއްނުވޭ" އިޝްޔާގެ އަތުގައި ބާރަށް ހިފަހައްޓާލަމުން އޭނާއާ ގާތަށް އައިމަން ދަމާލިއެވެ. އެއައި ބާރުމިނުގައި އިޝްޔާ އައިސް ޖެހުނީ އައިމަންގެ މޭގައެވެ. ވަގުތުން ދެ އަތުގެ ތެރޭގައި އިޝްޔާގެ ހަށިގަނޑު ހިފާ ބާރުކޮށްލަމުން އައިމަން ބާރަށް ހީނގަތެވެ. "އައްދޯއި.. ތަދުވެއްޖޭ. ދޫކުރޭ އައިމަން.. ހަމަމިހާރު އަހަރެން ގައިން ދޫކޮށްލާ. ކިހާ ބޮޑު ކަމެއް. އަހަރެން ވެސް ކަލެއަކަށް އުނދަގުލެއް ނުކުރަމެއްނު.." އައިމަންގެ އަތްދަށުން ސަލާމަތްވާން ތެޅިގަންނަމުން އިޝްޔާ ހަޅޭއްލަވައިގަތެވެ. އެއާއެކު އިޝްޔާގެ އަނގައިގައި ހިފައި އައިމަން ފިތާލިއެވެ. "މާ ބާރަށް އަހަރެން ކުރިމަތީގައި ހަޅޭއްލަވަން ނުހަދައްޗޭ. އޭރަށް މަންޒަރު އެހާ ރީއްޗެއް ނުވާނެ. ބުނެފީމެއްނު ކަލޭ ރުހުނަސް ނުރުހުނަސް އަހަރެން ބޭނުންކަމެއް ކުރާނަމޭ" އިޝްޔާގެ އިސްތަށިގަނޑަށް ދަމައި ވާންކޮށްލަމުން އައިމަން ވެސް ހަޅޭއްލަވައިގަތެވެ. އޭނާއާ ދުރަށް ދިއުމަށް އިޝްޔާ ތެޅިފޮޅެއް ފެށުމުން އައިމަންގެ ރުޅިގަނޑު ދިޔައީ ހައްތަހާ ގަދަވަމުންނެވެ. އިޝްޔާ ދުރަށް ކޮށްޕާލުމާއެކު އޭނާ ކުރަހަމުންދިޔަ ކެންވަސް ވެސް ނަގައި އަތުގެ ކޮޅަށް ހޫރާލިއެވެ. އެއާއެކު ނޫނެކޭ ކިޔައި އިޝްޔާއަށް ރޮއެގަނެވުނެވެ. އައިމަން އައިސްފައި ހުރި ގަދަ ރުޅި މަތަވާގޮތެއް ނުވިއެވެ. އެ ކޮޓަރީގައި ހުރި އިޝްޔާގެ އެކި ކުރެހުންތައް ހަލާކުކޮށް އެތަން މިތަނަކަށް އުކަމުން އޭނާ ދިޔައެވެ. ހުއްޓުން އަރައިފައި އައިމަންގެ އަމަލުތަކަށް ދެލޯބޮޑުކޮށްގެން ބަލަން އިޝްޔާއަށް އިނދެވުނީއެވެ. އޭނާ ހިތްހަމަޖެހޭވަރު ވީ ކަންނޭނގެއެވެ. އިޝްޔާ ކުލައަޅަން ގެންގުޅޭ ފުޅިތައްވެސް އަތުގެ ކޮޅަށް ހޫރައިލަމުން އެ ކޮޓަރިން ނުކުންނަން އައިމަން ހިނގައިގަތެވެ. "މިހާރު ހުންނާނީ ކުރެހިފަ" އިޝްޔާ އަށް ބަލައިލުމެއްވެސް ނެތި މަލާމާތުގެ ރާގަކަށް އެހެން ބުނެލުމަށްފަހު އައިމަން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ އަތުގެ ކޮޅަށް ދޮރު ޖެހިއެވެ. އެއަޑަށް އިޝްޔާ އަށް ހަމަބިމަށް އާދެވުނު ކަހަލައެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން އަވަސް އަވަހަށް އިންތަނުން އޭނާ ތެދުވިއެވެ. އަދި އިސްތަށިގަނޑު އަތުން ރީތިކޮށްލަމުން ކާރުގެ ތަޅުދަނޑި ހިނފައިގެން އޭނާ ހަލުވި ފިޔަވަޅުތަކެއްގައި އައިސް ގެއިން ނުކުތެވެ. އެންމެ ހިނދުކޮޅަކުވެސް އެތަނުގައި ހުންނަން އޭނާ ބޭނުންނުވީއެވެ. ތާޒާ ވައިކޮޅެއް ލިބުމުން ކުރެވެމުންދިޔަ ޚިޔާލާއި ފިކުރުތަކުން ދުރުވެވިދާނޭ ހީވީއެވެ. ހިނދުކޮޅަކަށް ނަމަވެސް އައިމަންއާ ދުރައްދާން ބޭނުންވީއެވެ.
މަޑު ދުވެއްޔެއްގައި މާލޭގެ އެކި މަގުތަކުން ކާރު ދުއްވަމުން އިޝްޔާ ދިޔައެވެ. އިރުއިރުކޮޅާ ހޯސްލާފައި އޭނާގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އެހެނަސް ހިތްވަރުކޮށްފައި އެއިން ކޮންމެ ފަހަރަކު އެ ކަރުނަތައް އަތުގެ ނުފުށުން އޭނާ ފުހެލައެވެ. އެހައި ފަސޭހައިން ބަލި ގަބޫލުކުރާކަށް އޭނާ ބޭނުމެއްނުވެއެވެ. އަމިއްލަ ނަފުސު ބަލިކަށި މީހެއްގެ ގޮތުގައި ލޭބަލް ވާކަށް ނޭދެއެވެ. ހިތާހިތުން އައިމަންއާ ދިމާއަށް އެއްޗެހި ގޮވަމުން ދަނިކޮށް ކުއްލިއަކަށް މަގު ހުރަސްކުރަންދިޔަ ބަޔަކު ފެނި އިޝްޔާއަށް ކާރު މަޑުކޮށްލެވުނެވެ. އޭނާގެ ކުރިމަތިން ކަހަލަ ގޮތަކަށް ހިނިއައިސްފައި އެކަކު އަނެކަކާ ވާހަކަ ދައްކަމުންދިޔަ އަޒާން އާއި ޒިވްރާ ފެނުމުން އިޝްޔާއަށް ލިބުނީ ހައިރާންކަމެވެ. ހާއްސަކޮށް އަސައެއްގެ އެހީގައި ކޮޅަށް ހުރެ ހިނގަމުންދިޔަ އަޒާން ފެނުމުން އިޝްޔާއަށް ކުރުވީ މުޅިން ތަފާތު އަސަރެކެވެ. "ޒާން.. ޒާން އެނބުރި އައީތަ؟" ކިރިޔާ އަމިއްލަ ނަފުސަށް އަޑުއިވޭ ވަރަށް އިޝްޔާއަށް ބުނެވުނެވެ.
(ނުނިމޭ)
Ads by MACL
