ސޯޝަލް ހައުސިންއަކީ ހިލޭ ދެވޭ ބޯހިޔާވަހިކަމެއް ނޫން! ކުލި ދައްކަން އާދަކުރައްވާ، ނުދައްކަންޏާ، ތިވެވެނީ އިހުމާލެއް!
ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމަކީ އަބަދުވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.
މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގ މަޝްރޫޢުތަކަކީ ކޮންމެހެން ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ އާއިލާތަކަށް ލުއިފަސޭހަ އަދި ކުޑަ އަގެއްގައި ދިރިއުޅޭނެ ތަނެއް ހޯދައިދިނުމަށް އެކުލަވާލާފައިވާ ޚާއްޞަ ސްކީމްތަކެކެވެ.
މިއީ ވިޔަފާރި އުސޫލުން ފައިދާ ހޯދުމުގެ ބަދަލުގައި، ރައްޔިތުންނަށް އަމާން ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެން ހިންގާ މަޝްރޫޢުތަކެކެވެ.
Ads by BMLނަމަވެސް، މިފަދަ ފްލެޓްތައް ލިބުމަށްފަހު ގަވާއިދުން ކުލި ނުދެއްކުމުގެ ނޭދެވޭ އާދަ މުޖުތަމަޢުގައި އަންނަނީ އިތުރުވަމުންނެވެ.
ސޯޝަލް ހައުސިންގ ޔުނިޓްތަކަކީ އެޅުމަށްފަހު ދޫކޮށްލެވޭ ތަންތަނެއް ނޫނެވެ.
މި ބޮޑެތި ޓަވަރުތަކާއި އިމާރާތްތައް މެއިންޓަނަންސްކޮށް، ދާއިމީ ގޮތެއްގައި ބެލެހެއްޓުމަކީ ބޮޑު ޚަރަދެއް ހިނގާ، ބުރަ މަސައްކަތެކެވެ. ލިފްޓްތަކުގެ ޚިދުމަތާއި، ސަލާމަތީ ކަންކަމާއި، ކުނި މެނޭޖްކުރުމާއި، އިމާރާތުގެ އާބާތުރަ ފިލުވުމަކީ ކުލީގެ ގޮތުގައި ލިބޭ ފައިސާއިން ހަމަޖައްސަންޖެހޭ ކަންކަމެވެ.
ގަވާއިދުން ކުލި ނުދައްކާނަމަ، މި ޚިދުމަތްތައް ދިނުމަށް ބުރޫއަރައި، ދިރިއުޅޭ މާހައުލު ހަލާކުވެ، އެކަމުގެ ނޭދެވޭ އަސަރު މުޅި އިމާރާތުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ކުރާނެއެވެ.
މީގެއިތުރުން، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ބޭރުގެ އަދި އެތެރޭގެ އިންވެސްޓަރުންނާއި މާލީ އިދާރާތަކުން ބޮޑެތި ލޯނުތައް ނަގައިގެން ހިންގާ މަޝްރޫޢުތަކެކެވެ.
މި ލޯނުތައް އަނބުރާ ދެއްކުމަށް ކަނޑައަޅާފައިވަނީ ފްލެޓްތަކުން ލިބޭ ކުލީގެ ފައިސާއިންނެވެ. ރައްޔިތުން ގަވާއިދުން ކުލި ދައްކާނަމަ ނޫނީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަކީ ދަތިކަމެކެވެ. ދަރަނި ނުދެއްކި އިތުބާރު ގެއްލިއްޖެނަމަ، ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަޝްރޫޢުތައް ހިންގުމަށް ފައިސާ ހޯދުމުގެ ދޮރުތައް ބަންދުވެގެންދާނެއެވެ.
ފާހަގަކޮށްލަންޖެހޭ ހިތާމަވެރި ހަގީގަތަކީ، ކުލި ނުދެއްކުމަކީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އެހެން އެތައް ހާސް ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ހުޅުމާލޭގެ ހިޔާ އަދި ވިނަރެސް ހިމެނޭހެން ސޯޝަލް ހައުސިންގ މަޝްރޫޢުތަކުން ކުލީގެ ގޮތުގައި ސަރުކާރަށް އަދި ކުންފުނިތަކަށް ލިބެންޖެހޭ ފައިސާގެ އަދަދު އެތައް ސަތޭކަ މިލިއަން ރުފިޔާއަކަށް އަރައެވެ. މިގޮތުން ބައެއް ފްލެޓްތަކުގެ ކުލި ނުދައްކާ ޖުމްލަ އަދަދު 600 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި ފައިސާ ނުލިބުމަކީ، އަލަށް ފަށަން ހުރި ހައުސިންގ މަޝްރޫޢުތައް މަޑުޖެހި، އަދިވެސް ކުޑަ ކޮޓަރިއެއްގައި ދަތިހާލުގައި އުޅޭ އެތައް އާއިލާއަކަށް ގެދޮރުވެރިކަން ލިބުން ލަސްވެގެންދާ މައިގަނޑު އެއް ސަބަބެވެ.
ސޯޝަލް ހައުސިންގއަކީ ހިލޭ ދީފައިވާ ތަނެއް ނޫނެވެ. އެއީ ދައުލަތުން ރައްޔިތުންނަށް ދީފައިވާ ވަރަށް ބޮޑު ލުޔެކެވެ.
އެހެންކަމުން، ގަވާއިދުން ކުލި ދެއްކުމަކީ ފަރުދީ ޒިންމާއެއްގެ އިތުރުން އަނެކުންގެ ހައްގުތަކަށް ރައްކާތެރިވުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މިއަދު ތިބާ ދައްކާ ކުއްޔަކީ މާދަމާ އެހެން ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަމެއް ލިބުމަށް މަގުފަހިވާނެ ވަސީލަތެކެވެ.
ވީމާ، ކުލި ދައްކަން އާދަކުރައްވާށެވެ. އަމިއްލަ ޒިންމާ އަދާކޮށް، ގައުމީ ތަރައްގީގައި ބައިވެރިވާށެވެ!
Ads by MACL
