ބުދަ، 18 ނޮވެމްބަރު 2026
ވާހަކަ

ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (31 ވަނަ ބައި)

ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (31 ވަނަ ބައި)

އެމީހުންގެ ފަސްފަހަތުން ދާން އިޝްޔާ ކިތަންމެހައި ވެސް ބޭނުންވިއެވެ. އެހެނަސް އެ ވަގުތު އެ ހިތްވަރު ކުރާކަށް ނުކެރުނެވެ. އަޒާންގެ ކުރިމައްޗަށް އަރާހައި ހިތްވަރު އަދި އިޝްޔާގެ ކިބައިގައި ނެތީއެވެ. އެ ޚިޔާލުތަކުގައި އެތައް އިރަކު ކާރު ދުއްވުމުގައި އިޝްޔާ އުޅުނެވެ. ގެއާ ހަމައަށް އޭނާ ދިޔައީ އައިމަން ބޭރަށް ދާނެހައި އިރު ކޮށްފައެވެ.

 

ފެންވަރައި ތާޒާވެލައިގެން އިޝްޔާ އައިސް ހުއްޓިލީ ކޮޓަރީގައި ހުރި ބެލްކަނީގައެވެ. މަޑުމަޑުން ޖެހެމުންދިޔަ ރޯޅީގައި ތެތްފިނިކަމެއް އެކުލެވިފައިވިއެވެ. ހީކަރުވައިގަނެގެން އިޝްޔާ ދެއަތް ދެއަތާ އުނގުޅާލިއެވެ. އަދި އުޑުމައްޗަށް ނަޒަރު ހުއްޓާލިއެވެ. ވާރޭ ކަނިކަނި ޖަހަންފެށީ ވެސް އިޝްޔާ އެގޮތަށް ހުއްޓައެވެ. ވާރޭވެހެން ފެށުމާއެކު އަޒާން މަތިން އޭނާ މާބޮޑަށް ހަނދާންވާގޮތް ވިއެވެ. ވާރޭ ތެރޭގައި އަޒާންއާ އެކީ ހޭދަވެފައި ހުރި ފޮނިފޮނި ދުވަސްތައް އިޝްޔާގެ ދެލޯ ކުރިމަތީގައި ސިފަވާން ފެށުމާއެކު އޭނާއަށް ދެލޯ މަރައިލެވުނެވެ. އަޒާންއާ ބައްދަލުކޮށްލަން ދިއުމަށް އެ ހިތް އިންތިހާއަށް އެދެން ފެށިއެވެ. އިޝްޔާގެ މެރިފައިވި އެސްފިޔަތަކުގެ ތެރެއިން ކަރުނައިގެ އަސަރު ފައުޅުވެލީ އިތުރަށް ކެތްނުވެގެން ކަހަލައެވެ. މާޒީގެ ދުވަސްތައް ހަނދާންވަމުންދިޔަ ވަރަކަށް އޭނާ އަށް ކުރެވުނު ކަންތައް މަތިން ހަނދާންވެ އިޝްޔާ އިތުރަށް ހިތުޖެހޭގޮތް ވިއެވެ. އެފަދައިން އަޒާންއާ ދޭތެރޭ ކަންތައް ނުކުރެވުނުނަމައޭ ތަކުރާރުކޮށް ހިތަށް އަރަމުންދިޔައެވެ. އެހެންނޫންނަމަ މިއަދު އޭނާގެ ދިރިއުޅުން ކިހައި އުފާވެރިވީސް ހެއްޔެވެ. ލޯތްބަށް އެދި އާދޭސްކުރަން ނުޖެހުނީސްކަން ގައިމެވެ. އަމިއްލަ ދިރިއުޅުމުގެ އުނިކަން އިހުސާސުވަމުން ދިޔައީ އިންތިހާއަށެވެ. ފުރިހަމަވާނެ ކަމަށް ހީކުރި ދިރިއުޅުން މުޅިން ބޮއްސުންލައިގެން ގޮއްސިއެވެ. އައިމަންގެ ކިބައިން ފިރިއެއްގެ ފަރާތުން ލިބެންޖެހޭ އެއްވެސް ގާތްކަމެއް ނުލިބޭތަނުގައި، ލިބެމުންދިޔަ އަނިޔާތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަޒާންއާ އެކީ ހޭދަވީ ދުވަސްތަކުގައި ދުވަހަކުވެސް ހިތުޖެހިގެން ރޯކަށް އިޝްޔާއަކަށް ނުޖެހެއެވެ. އެ ދެލޮލުން އެންމެ ކަރުނަތިއްކެތް ވެސް ވެއްޓޭތަން ދުށުމަކަށް އަޒާން ނޭދެއެވެ. އަޒާން އާއި އައިމަން އަޅާ ކިޔެމުންދިޔަ ވަރަކަށް އިޝްޔާ އަށް އަމިއްލަ ނަފުސު ކުށްވެރިކުރެވެމުން ދިޔައެވެ. އަޒާންއާ މެދުގައި އޭނާއަށް ކަންތައް ކުރެވުނީ ބޭއިންސާފުންކަން އަމިއްލަ އަށް ވެސް ގަބޫލުކުރެވެން ފެށިއެވެ. އަޒާންއާ ބައްދަލުކޮށް އޭނާގެ ކިބައިން މަޢާފަށް އެދެން އިޝްޔާ ބޭނުންވިއެވެ. މަޑުމަޑުން ދެލޯ ހުޅުވާލަމުން އަތުގެ ނުފުށުން ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ. އަމިއްލަ ނަފުސަށް ހިތްވަރުދޭ ފަދައަކުން އޭނާ ހަށިފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ.

 

ޖެހިގެން އައި ދުވަސްތަކުގައި އަޒާން ދިރިއުޅޭ ގެ ކައިރީގައި ކޮންމެވެސް ވަރަކަށް އިޝްޔާ ކާރު ދުއްވާ ހެދިއެވެ. އަޒާން ދުށުމަށް ހިތް އެދެމުންދިޔަވަރުން އެ ހިތުގެ އެދުމަށް ބީރުކަންފަތެއް ދީގެން ހުންނަން އޭނާ އަށް އިތުރަށް ކެތްނުވީއެވެ. އެހެނަސް މަދު ފަހަރަކު ނޫނީ އަޒާން ފެންނަގޮތެއް ނުވިއެވެ. ބައެއް ދުވަސްތަކު ދެތިން ފަހަރުވެސް އިޝްޔާ އެ ގޭ ދޮށުން ކާރު ދުއްވާ ހަދައެވެ. ނަމަވެސް އޭނާގެ މަގުސަދު ހާސިލްކުރެވިދާނެފަދަ އެއްވެސް ފުރުސަތެއް އަދި ލިބޭ ގޮތެއް ނުވެއެވެ. އަޒާން އަށް ފާރަލާން ފެށުނީ އަމިއްލަ އިޚުތިޔާރަކާ ނުލައެވެ. ދުވަހުގެ ގިނަ ވަގުތުތައް ހޭދަވެގެން ދަނީ އެކަމުގައެވެ.

 

އިރުއޮއްސެމުން ދިޔަ ވަގުތެވެ. އޯޝަން ކްރެސްޓް ގެ ކައިރީގައި ކާރު މަޑުކޮށްލައިގެން އިޝްޔާ އިނީ މަގުމައްޗަށް ނަޒަރު ސީދާ ކޮށްލައިގެނެވެ. އޭނާގެ ތޫނު ދެލޯ އަމާޒުވެފައިވީ ހީ ސަމާސަ ކުރަމުން އެ ގެއަށް ވަންނަން އައި ޒިވްރާ އާއި އަޒާންގެ ހަރަކާތްތަކަށެވެ. މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފައުޅުވެގެން އައީ ޒިވްރާ އަޒާން އަށް ބަލާލާ ތަފާތު ނަޒަރު ފާހަގަވުމުންނެވެ. ތުންފިއްތާލުމާއެކު އިޝްޔާއަށް ދެއަތް މުށްކަވާލެވުނެވެ.

 

"އޭނަ ކީއްކުރަންތަ އަބަދު ޒާންގެ ފޫބުޑުން އެ އުޅެނީ؟ ހިތުން ޒާންގެ ދިރިއުޅުމުން ޖާގައެއް ލިބޭނެކަމަށްބާ؟ ނޫން.. އެހެންވިޔަކަ އަހަންނެއް ނުދޭނަން.. ޒާން އަހަންނަށް މަޢާފުކުރާނެބާ؟ އާން ޔަގީން މަޢާފުކުރާނެ. އަދިވެސް ޒާން އަހަރެންދެކެ އިންތިހާއަށް ލޯބިވާނެކަން ޔަގީން. އަހަރެން އެނބުރި އައިސްފިނަމަ ޒާން އަހަރެން ބަލާ ގަންނާނެ. ދުވަހަކުވެސް ޒާން އަށް އަހަރެން މަތިން ހަނދާންނައްތައެއް ނުލެވޭނެ. ޒިވީ ތި ކުރާ ބޭކާރު މަސައްކަތް ހުއްޓާލާ.. ޒާންގެ ހިތުން އަހަރެން ނޫން އަންހެންކުއްޖަކަށް ދުވަހަކުވެސް ޖާގައެއް ނުދެވޭނެ. އަހަންނަށް ކުރެވުނު ކުށެއްގެ ފައިދާ ޒިވީ ނެގިޔަކަ ނުދޭނަން." ނުރައްކާތެރި ގޮތަކަށް ޒިވްރާއަށް ބަލަން އިނދެ އިޝްޔާ އަމިއްލަ ނަފުސާ ވާހަކަދައްކަމުން ދިޔައެވެ. އަޒާން އާއި ޒިވްރާ ގެއަށް ވަތް އިރުވެސް އިޝްޔާ އިނީ އެފަދަ ފިކުރުތަކެއްގައެވެ. އޭނާ ގެއަށް ދިއުމަށް ކާރު ދުއްވާލީ އޭގެ އިރުކޮޅެއް ފަހުންނެވެ. މަޑު ދުވެއްޔެއްގައި ކާރު ދުއްވަމުންދިޔައިރު، އޭނާގެ ފަހަތުން އޭނާއަށް ފާރަލަމުން މީހަކު އައި ކަމެއް އިޝްޔާ ނުދެނަ ހުއްޓެވެ.

 

*****

 

"އިޝާ ނަމާދު ކޮށްލާ ގޮތަށް ރެޑީވައްޗޭ. އޭރަށް އަވަހަށް ގޮއްސަ އާދެވޭނީ" ގޭތެރަށް ވަންނަމުން ޒިވްރާ އަށް ބަލާލުމަށްފަހު އަޒާން ބުނެލީ ހިނިތުންވެލަމުންނެވެ. "މިހާރު ޒިވީ ގޮވާގެން ކޮންތަނަކަށް ދާން ތި ރާވަނީ؟ އެ ކުއްޖާ ގޭގަ މައިތިރިވެގެން ހުއްޓަދީބަލަ" ސޯފާގައި އިން ލިޔާރާ އަށް އެއަޑު އިވިގެން ސަމާސާ ރާގަކަށް އަޒާންއާ ދިމާކޮށްލިއެވެ. "އުހުން. ޒިވީ އަހަންނަށް ވަޢުދުވެފަ އޮތީ ހުރިހާ ވަގުތެއް އަހަންނަށް ހުސްކޮށްދޭނެކަމަށް. އެހެންވީމަ ޒިވީ ފޫހިވިޔަދޭކަށް ނުވާނެ. މިއުޅެނީ މިރޭ ޒިވީ ގޮވައިގެން ބޭރަށް ކާން ގޮސްލަން ކަމަށް" ލިޔާރާގެ ވާހަކައާ ވިއްދާ ވަގުތުން އަޒާން ބުނެލިއެވެ. ހިނިއައިސްފައި އެ ދެމީހުންގެ ވާހަކަތައް އަޑުއަހަން ޒިވްރާ ބަހެއްވެސް ނުބުނެ ހުރީއެވެ. މާލެ އައީއްސުރެ އަޒާންގެ ޠޮބީއަތު ވެސް މުޅިން ބަދަލުވެފައިވާ ކަހަލައެވެ. ކޮންމެ ދުވަހެއް ވެސް ނިމިދަނީ އަޒާން ރާވާ އެކިއެކި ކަންކަން ކުރުމުގައި ދެމީހުންގެ ވަގުތުތައް ހޭދަވެގެންނެވެ. ބައެއް ފަހަރު އަޒާންގެ ފުށުން ޒިވްރާ ބޭނުންވާފަދަ ގާތްކަމެއް އިހުސާސު ކުރެވޭހެން ވެސް އޭނާ އަށް ހީވެއެވެ. އެހެނަސް އިސްވެ އެފަދަ ވާހަކައެއް ދައްކަން އޭނާ އަށް ނުކެރެނީއެވެ. ހިތުގެ ހާލު ފޮރުވައިގެން ހުރީ އެހެންވެއެވެ. ނަމަވެސް އަޒާންގެ ގާތްކަމުން ޒިވްރާ އަށް ލިބެމުންދިޔައީ މިއިން ދުވަހަކުވެސް ނުލިބޭފަދަ އުފަލެކެވެ. ހިނިތުންވުން އެ ތުންފަތްމަތިން ފިލާ އެންމެ ހިނދުކޮޅެއް ވެސް ނާދެއެވެ. އެ ގުޅުމުގައި ޒިވްރާ ބޭނުންވާފަދަ ކުލައެއް ލަސްނުވެ ޖެހިދާނޭ ހީވެއެވެ. އެ ދުވަހަކަށް އިންތިޒާރުކޮށްގެން އޭނާ ހުރީއެވެ.

 

އަޒާން އެދުނު ފަދައިން އިޝާ ނަމާދަށްފަހު ތައްޔާރުވެލައިގެން ދެމީހުން އެކީ ގެއިން ނުކުތީ ރޭގަނޑުގެ ކެއުމަށް އަޒާން އެންމެ ގަޔާވާ ރެސްޓޯރަންޓަށް ދިއުމަށެވެ. އެތަނުގެ ދޮރުން ވަންނަމުން ޒިވްރާ ވަށައިގެން ނަޒަރު ހިންގާލިއެވެ. އަޒާން ބޭނުންވީ މަތީގައި ހާމައަށް ހުރި ބަޔަށް ދިއުމަށެވެ. އެހެންވެ މައްޗަށް އަރަން ހުރި ސިޑިން ދެމީހުން އަރައިގެން އައިސް އެތަނުން އެކަހެރިކޮށް ހުރި މޭޒެއް ދޮށުގައި އިނށީދެ ހަމަޖެހިލިއެވެ. ހީކުރި ގޮތާ ޚިލާފަށް އެތަނުގައި އެ ދެމީހުން ފިޔަވައި އިތުރު ބައެއް ނެތީތީ އަޒާން ނުހަނު ހިތްހަމަޖެހުނެވެ. ވޭޓަރު އައުމަށް ކާން ގެންނަންވީ ތަކެއްޗަށް އޯޑަރު ދިނުމަށްފަހު އޭނާ ޒިވްރާ އަށް ބަލާލިއެވެ.

 

"މިކްދާދްއާ ކައިވެނި ކުރެވުނީމަ ޒައި ވަރަށް އުފާވެފަ ދޯ ހުންނަނީ؟" ކުޑަކޮށް ނިތްއަރުވައިލަމުން އަޒާން އަހާލިއެވެ.

 

"އާން. އެމީހަކު ލޯބިވާ މީހަކު ލިބުނީމަ ކޮންމެ މީހަކުވެސް ހުންނާނީ އުފަލުންނު. ޒައި ވެސް މިކްދާދް ވެސް އެކަކު އަނެކަކު ދެކެ ނުހަނު ލޯބިވޭ. އެންމެ ހިތްހަމަޖެހެނީ ޒައި އަށް މިކްދާދް އެހާ ހެޔޮވީމަ" ޒިވްރާގެ ވާހަކަތަކަށް އަޒާން ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. އެހެނަސް އެ ވާހަކަތަކުން މާޒީގެ ބައެއް ހަނދާންތައް އޭނާގެ ހިތުގައި ކޮށްޓާލިއެވެ.

 

"ޒިވީ ދެން މީހަކާ އިންނާކަށް ނުވިސްނަންތަ؟" ޒިވްރާ އަށް ފަރުވާތެރި ނަޒަރަކުން ބަލައިލަމުން ސީރިއަސް ރާގަކަށް އަޒާން އަހާލިއެވެ. އޭނާގެ ސުވާލުން ޒިވްރާ އަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބިގެންދިޔައެވެ.

 

"ނޭނގެ. ކީއްވެ ކުއްލިއަކަށް ތިހެން ތި އެހީ؟" އުނދަގޫ ގޮތަކަށް ޒިވްރާ ބުނެލިއެވެ. "މިހާ ދުވަސްވީ އިރުވެސް ޒިވީގެ ލައިފް އަށް މީހަކު އައި ހެނެއް އަހަންނަކަށް ހިއެއް ނުވޭ. އެފަދަ އެއްވެސް ވާހަކައެއް ވެސް ޒިވީ ނުވެސް ބުނަމެއްނު" ޒިވްރާ ދުރަށް ބަލަން ހެދުމުން އަޒާން ކުޑަކޮށް ބޯއަރިކޮށްލާ ޒިވްރާގެ ކުޑަ މޫނުކޮޅަށް ބަލާލިއެވެ.

 

"ޒާން ވެސް ތި ހުންނަނީނު ހަމަ. ޒާން ނުވިސްނަންތަ ދެން ދިރިއުޅުމެއް ފަށާކަށް؟" އަމިއްލަ ނަފުސަށް ވެރިވަމުން އައި ނުތަނަވަސްކަން ފޮރުވާލަމުން ޒިވްރާ އަވަސް އަވަހަށް ބުނެލިއެވެ. އެއާއެކު ލުއި ގޮތަކަށް އަޒާން ހީނލީއެވެ. އަދި އިތުރަށް އެކަމާ ގުޅުވާ އެއްޗެއް ބުނާކަށް އޭނާ ގަސްދެއް ނުކުރިއެވެ.

 

"ޒާން.. އޮފީހަށް ނުކުންނާކަށް ނުވިސްނަންތަ؟" އަޒާން އެއްޗެއް ނުބުނީތީ ކުޑަކޮށް ކަރުކެހިލަމުން ޒިވްރާ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. އެކަމުން އަޒާން އަށް ވެސް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަމާ މެދުގައި ހަގީގަތުގައި އޭނާ ވިސްނަން ވެސް ބޭނުންނުވަނީއެވެ.

 

"ނޭނގެ. މި ހާލުގަ ހުރެ އަހަރެން މަސައްކަތް ކުރާނީ ކިހިނެއް؟ އެހެން މީހުން އަހަންނާ ދޭތެރޭ ދެކޭނެ ގޮތެއްވެސް ނޭނގެ" ހަމަހިމޭން ރާގަކަށް އަޒާން ބުނެލިއެވެ. މާޔޫސްކަން އޭނާގެ އަޑުގައިވިއެވެ. "ޒާން، އެހެން މީހުން ތިމާއާ ދޭތެރޭ ދެކޭ ގޮތެއް އެނގުން މުހިންމެއް ނޫން. މުހިންމީ ތިމާ އަމިއްލަ ނަފުސާ ދޭތެރޭ ދެކޭގޮތް. އެހެންވީމަ ޒާން އަށް ނުވާނޭ ހީނުކުރޭ. ތީ ނުލާހިކު ހިތްވަރުގަދަ މީހެއްނު. އެހެންވީމަ މިކަން ވެސް ޒާން އަށް ވާނެ. އަމިއްލަ ނަފުސަށް އިތުބާރުކުރަން ވާނެ. ދޮންބެ ވެސް ކިހާ އުފާވާނެ ޒާން އަލުން ވިޔަފާރިއާ ގުޅުނީމަ. މިހާރު ދޮންބެ އެކަނި ހުރިހާ ކަމެއް ބަލަހައްޓަމުން އެ ދަނީ. ދޮންބެ ވެސް ބޭނުންވޭ ޒާން އަލުން ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅޭތަން ދެކެން. އަހަރެން ވެސް ވަރަށް އުފާވާނެ ޒާން ދޮންބެއާ އެކީ އަލުން އޮފީހުގެ ކަންކަން ބަލަހައްޓަން ފެށީމަ. ހީ ނީޑްސް ޔޫ ޒާން." އޯގާތެރި ރާގަކަށް ޒިވްރާ ބުނެލިއެވެ. އޭނާއާ ހަތަރުކަޅި ހަމަކޮށްލައިގެން ބަސްހުއްޓިފައި އަޒާން އަށް އިނދެވުނީއެވެ. ލަސްލަހުން އަޒާން ބޯޖަހައިލީ ބުނާނެ އެއްޗެއް ނޭނގިގެން ކަހަލައެވެ. ދިރިއުޅުމުގެ ކޮންމެ ކަމަކާ ކުރިމަތިލުމަށް އަޒާން އަށް ހިތްވަރު ލިބެނީ ޒިވްރާގެ އެފަދަ ވާހަކަތަކުންނެވެ. އެ އަންހެންކުއްޖާ މިފަހަރުވެސް އަޒާންގެ ހިތް ރުއްސުމުގައި ކުރި ހޯދާފިއެވެ.

 

ކައި ނިމުނު އިރުވެސް ދެމެދަށް ވެރިވެފައިވީ ހިމޭންކަމެވެ. ދުރުން ފެންނަމުންދިޔަ ކަނޑުގެ ސަތަހައަށް އިރުކޮޅަކު ބަލަހައްޓައިގެން އިނުމަށްފަހު އަޒާން އިސްޖެހިފައި އިން ޒިވްރާ އަށް ބަލާލިއެވެ. "ޒިވީ.. ވައި.. ޒިވީ ކީއްވެ ތިހާ ތަފާތީ؟ ކީއްވެ އަހަންނަށް ތިހާ ހެވީ؟ ވައި ޒިވީ ވައި؟ އަހަރެން އެނގެން ބޭނުން" ކުއްލިއަކަށް އަޒާން ކުރަން ފެށި ސުވާލުތަކުން އިސްއުފުލާލަމުން ޒިވްރާ އަށް އަޒާން އަށް ބަލާލެވުނެވެ. އަޒާންގެ އަޑުގައިވި ގާތްކަމުން ހިތަށް ކުރުވި އަސަރުން ޒިވްރާގެ ދެލޯ ފެންކަޅިވާން ފެށިއެވެ. އޭނާ މިހާ ލޯބިވާއިރުވެސް އަޒާން އަށް ހަމަ އެކަން ނޭނގެނީ ހެއްޔެވެ؟ މިހާ ދުވަސްވީއިރުވެސް އޭނާގެ ދެލޮލުން އެ ހިތުގައިވީ ތެދުވެރި ލޯބި ނުފެންނަނީ ހެއްޔެވެ؟ ޒިވްރާ އަށް ހިންދިރުވައިލަމުން އަނެއްކާ ވެސް އިސްޖަހައިލެވުނީއެވެ. އެއާއެކު ކެތްތެރިކަން ކުޑަ ގޮތަކަށް އަޒާން ޒިވްރާ އަށް ގޮވާލިއެވެ. "ޒާން.. އަށް.. ހަމަ ނޭނގިގެންތަ ތި އަހަނީ؟" ބޭއިޚުތިޔާރުގައި ޒިވްރާ އަށް އަހައިލެވުނެވެ. ބުނެވުނު އެއްޗެއް އޭނާ އަށް އިހުސާސުވީ ދުލުން އެ ބަސްތައް ބޭރުވުމުންނެވެ. އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި އިނދެވުނުވަރުން ދުލުން އެ ހިތުގެ ޝަކުވާތައް ބޭރުވީ އިރުވެސް އޭނާއަށް އެކަން އިހުސާސުނުވީއެވެ.

 

"ކޮން ކަމެއް؟" އަޒާން ހީވަނީ ޒިވްރާގެ ދުލުން ވަކި ބަސްތަކެއް ގަސްދުގައި ބޭރުކުރުވަން އުޅޭހެނެވެ. ޒިވްރާ ދެފަރާތަކަށް ބޯހޫރައިލީ ކަމެއް ނޫނޭ ބުނުމުގެ ގޮތުންނެވެ. "ޒިވީ ޓެލް މީ" ހަށިގަނޑު ސީދާ ކޮށްލާ ޒިވްރާއާ ކުޑަކޮށް ކައިރިވެލަމުން އަޒާން ބުނެލިއެވެ. ފެންކަޅިވެފައިވި ދެ ލޮލުން އަޒާން އަށް ޒިވްރާ ބަލާލިއެވެ. އެ ދެލޮލުން އެތައް ހާސް ވާހަކަތަކެއް އަޒާން ގާތުގައި ބުނި ކަހަލައެވެ. އެ ތޫނު ދެލޮލަށް ބަލަހައްޓައިގެން އިންއިރު އަޒާންގެ ހިތް ބާރު ބާރަށް ތެޅެމުންދިޔައެވެ. ބަސްމޮށުންތެރި ކަމެއް ނެތަސް ޒިވްރާ ބުނަން ބޭނުންވާ އެތައް ވާހަކަތަކެއް އެ ލޮލުން އެކަނިވެސް ހާމަވާން ހުއްޓެވެ.

 

"ޒިވީ.. ޔޫ ލަވް މީ" ސިއްރެއް ފަދައިން މަޑުމަޑުން އަޒާން އަށް ބުނެވުނެވެ. "މިހާ ދުވަސް ވީ އިރުވެސް ޒާން އަށް ހަމަ ނޭނގުނުތަ؟" ބުނަން ނުބުނަން އުޅޭފަދަ ގޮތަކަށް ޒިވްރާ ވެސް އެ ރާގުގައި އަހާލިއެވެ. "ސިންސް ވެން؟" އެ އިންގޮތަށް އިނދެ އަޒާން ވެސް ކޮށްލީ ސުވާލެކެވެ. ލަގޮނޑިއަށް ވާންވެލުމާއެކު ޒިވްރާ އަށް ހިންދިރުވައިލެވުނެވެ. އޭނާ ބަހެއް ނުބުނީތީ އަނެއްކާވެސް އަޒާން ޒިވްރާ އަށް ގޮވާލިއެވެ. "ސްކޫލް ގަ... ޒާން އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން" އުނގުމަތީގައި ޖޯޑުކޮށްލެވިފައި އޮތް ދެއަތް ދެއަތާ މޮޑެމުން ނުކެރިފައި އިންފަދައަކުން ޒިވްރާ ބުނެލިއެވެ. އެއާއެކު އަޒާން އެއްކޮށް ހުއްޓުންއަރާ ގޮތްވިއެވެ. ގަބޫލުނުކުރެވިފައި ކަހަލަ ގޮތަކަށް އޭނާއަށް ޒިވްރާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ.

 

*****

 

އިޝްޔާ ގެއަށް ވަނީ އެތައް އިރަކު ބޭރުގައި ކާރު ދުއްވަން އުޅުމަށްފަހުއެވެ. ގެއަށް ވަތްއިރު އެއްވެސް މީހެއްގެ ހިލަމެއް ގޭތެރެއަކުން ނުވެއެވެ. ކޮޓަރިއާ ހަމައަށް ނުދެވިގެން އުޅެނިކޮށް ގޭގެ ބެލް އަޅާލިއަޑު އިވުމުން އޭނާ އެ ދިމާއަށް ބަލާލިއެވެ. އެވަގުތު ގެއަށް އަންނާނީ ކާކު ކަމާމެދުގައި ސުވާލު އުފެދިފައި ހުރެ އޭނާ އައިސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ރުޅި އައިސް ރަތްވެފައި ހުރި ރައްޔާން ފެނުމުން އިޝްޔާ އަށް ލިބުނީ ހައިރާން ކަމެވެ. އިޝްޔާގެ ހުއްދަ ހޯދުމެއްނެތި ރައްޔާން ދޮރު ބޮޑަށް ހުޅުވާލަމުން ގޭތެރަށް ވަނެވެ.

 

"ދޮންބެ.."

 

"އަހަރެން މީ އިޝްޔާގެ ދޮންބެ އެއް ނޫން" އިޝްޔާގެ ވާހަކަ ފުރިހަމަ ނުވަނީސް މެދުކަނޑާލަމުން ރައްޔާން ބުނެލީ ހަރުކަށި ރާގަކަށެވެ. އެއާއެކު ތުންފިއްޔާލަމުން އިޝްޔާއަށް ދެބުމަ ގޮށްޖަހައިލެވުނެވެ.

 

"އަހަންނަށް އަހާލެވިދާނެތަ މިތަނަށް ތި އައީ ކޮން ބޭނުމަކުތޯ" ދޮރުލައްޕާލަމުން އައިސް ރައްޔާންއާ ކުރިމަތިވާނެހެން ހުއްޓިލަމުން ހަށަންބަނދެލުމަށްފަހު އިޝްޔާ އަހާލިއެވެ.

 

"އިޝްޔާ ތި ކުރާ ކަންތައް ހުއްޓާލާ" އަމުރުވެރި ގޮތަކަށް ރައްޔާން ބުނެލިއެވެ. "ކޮން ކަމެއް؟ އަހަންނަކަށް ތިބުނަން އުޅޭ އެއްޗެއް ނޭނގުނު" ނިތްއަރުވާލަމުން އިޝްޔާ އެއްސެވެ. "ނޭނގޭ ކަމަށް ހެދުނީމަ އެއްކަމެއްވެސް ނޭނގޭނެ. މި ބުނަނީ ޒާން އަށް ފާރަލުން ހުއްޓާލާށޭ. ޒާންގެ ފަސްފަހަތުން އުޅުން ހުއްޓާލާށޭ. މިހާރު އެނގިއްޖެތަ؟ ހީކުރީތަ އިޝްޔާ އުޅޭ ނޫޅޭ ގޮތް އެއްވެސް މީހަކަށް ނޭނގޭނެކަމަށް. އަހަންނަށް މިހާރު ދެތިން ދުވަހު އިޝްޔާ ގެ ކައިރިން ފެނިއްޖެއޭ. ބުނަން.. އެއްފަހަރު އަހަރެންގެ ކޮއްކޮގެ ދިރިއުޅުން ކަލޭ ހަލާކުކޮށްލާފި. ދެވަނަ ފަހަރަށް އެފަދަ ކަމެއް ވިޔަކަ އަހަންނެއް ނުދޭނަން. ކަލޭ ދިން ހިތްދަތިކަމުން ޒާންއަށް އަރައިގަނެވުނީ ވަރަށް މަސައްކަތުން. އެހެންވީމަ ރަނގަޅު ވާނީ ކަލޭ އޭނާއާ ދުރުން އުޅުނިއްޔާ" ޝަހާދަތް އިނގިލި އިޝްޔާއާ ދިމާއަށް ދިއްކޮށްލަމުން ރައްޔާން ބުނެލިއެވެ. "ކޮބާ މައްސަލައަކީ؟ އަހަރެން އުޅޭންވީ ގޮތާ ކުރަންވީ ކަންކަން އެހެން މީހަކު ބުނެދޭކަށް ނުޖެހޭނެ" ރައްޔާންގެ ވާހަކަ ހުރި ގޮތުން އިޝްޔާ ވެސް ހިތްހަމަނުޖެހޭ ގޮތް ވިއެވެ.

 

"ރަނގަޅު. އިޝްޔާ ކުރާ އެހެން ކަންކަމަކާ އަހަންނެއް ނުބެހެމެއްނު. އެކަމަކު އަހަރެންގެ ކޮއްކޮގެ ދިރިއުޅުމާ ކުޅެން އުޅޭތަން ބަލާކަށް އަހަންނެއް ނުހުންނާނަން. ކަލޭ ޒާންގެ ދިރިއުޅުމުން ދިޔަކަން ނަސީބެއް. ތިކަހަލަ މީހެއް ޒާން އަކަށް ޑިޒާރވް އެއް ނުވޭ. ތީ މީހަކުވާ ލޯތްބަކާ ވީ ޤުރުބާނީއެއްގެ އަގު ވަޒަންކުރަން ވެސް އެނގޭ މީހެއް ނޫން. އެހެންނޫންނަމަ.. ޒާންއާ ދޭތެރޭ އެހާ އިހާނެތިކޮށް ކަންތައް ކުރާކަށް ނުކެރުނީސް. އަހަރެން ހިތަށް އަރާ ޒާން އެ މޮޔަ ކަންތައް ކުރުމުގެ ކުރިން އަހަންނަށް ހުއްޓުވުނު ނަމައޭ. އޭރުން އަހަރެންގެ ކޮއްކޮއަށް މިއަދު ޖެހިފަ އެއިން ހާލެއް ނުޖެހުނީސްކަން ޔަގީން. މި ހުރިހާ ކަމަކީ ވެސް ކަލޭގެ ކަންތައް. ލޯބީގެ ދަޅަ ދައްކައިގެން ޒާންގެ ބޭނުން ހިފާލީ. ކަލޭގެ ބޭނުން ފުދުނީމަ ޒާން ދޫކޮށްލީވެސް އެހެންވެ" އިޝްޔާއާ ގާތަށް ފިޔަވަޅެއް އަޅާލަމުން ދަތްކުނޑި ވިކާލުމަށްފަހު ރައްޔާން ބުނެލިއެވެ.

 

"ކޮންކަމެއް؟ ކީކޭތަ ތި ކިޔަނީ؟ އަހަންނަކަށް ތި ކިޔާ އެއްޗެއް ނޭނގުނު" ރައްޔާންއާ ހަތަރުކަޅި ހަމަކޮށްލަމުން އިޝްޔާ ވެސް އަޑަށް ބާރުލާފައި އެއްސެވެ.

 

"މި ކިޔަނީ ޒާން އަށް މިއަދު ޖެހިފަ އެ އިން ހާލު އެއީ ކަލޭގެ ސަބަބުން ވީ ކަމެކޭ. އެނގިއްޖެތަ؟"

 

"ބުނަން ވާހަކައެއް. އޭގަ އަހަރެން ކުރާނެ އެއްވެސް ކަމެއް ނެތް. ޒާން އެކްސިޑެންޓްވީ އަހަރެން ކުރި ކަމަކުންނެއް ނޫން"

 

"އެކްސިޑެންޓް ހަހަ.. ޒާން އެކްސިޑެންޓް ވީކީ ނޫން.. އިޝްޔާ އެއްފަހަރުވެސް ހިތަކަށް ނާރާތަ، ސުވާލެއް ނުއުފެދޭތަ އިޝްޔާއަށް ކިޑްނީ ހަދިޔާކުރި މީހަކާ ބެހޭގޮތުންނެއް؟" ރައްޔާންގެ ވާހަކަތައް ހުރި ގޮތުން އިޝްޔާގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވެރިވާން ފެށިއެވެ. ދެލޯބޮޑުކޮށްގެން ރައްޔާންއަށް ބަލަހައްޓައިގެން އޭނާ ހުރީ ބަހެއްވެސް ބުނަން ނުކެރިފައެވެ.

 

"ނުވިސްނާނެ. އަމިއްލަ ނަފުސު ފިޔަވާ އެހެން ބަޔަކާމެދުގަ ވިސްނާ މީހެއް ނޫނޭ ތީ. އެނގެން ބޭނުންތަ ކާކުކަން އިޝްޔާގެ ޑޯނާ އަކީ؟" މަލާމާތުގެ ރާގަކަށް ރައްޔާން އެއްސެވެ.

 

"ކަ..ކަ..ކާކު؟" އަވަސްވަމުން އައި ހިތުގެ ތެޅުމާއެކު އިޝްޔާއަށް ވާހަކަދެއްކުން ފަސޭހަކަމަކަށް ނުވިއެވެ.

 

"ޒާން.." ދެއަތް މުށްކަވައިލުމަށްފަހު ދަތްތަކަށް ބާރުކޮށްލަމުން ރައްޔާން ބުނެލިއެވެ. އެއާއެކު އިޝްޔާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ހެނެވެ. ވަށައިގެންވި މުޅި ދުނިޔެ އެނބުރިގަތް ކަހަލަ އިހުސާސެއް އޭނާ އަށް ކުރެވުނެވެ.

 

(ނުނިމޭ)