3 ޤައުމެއްގެ ބައިވެރިވުމާއެކު، ގްލޯބަލް ހައުސްކީޕިންގް ވީކް މިފަހަރު އދ. އޮމަދޫގައި
ދުނިޔޭގެ ތިން ޤައުމެއްގެ ބައިވެރިވުމާއެކު، "ގްލޯބަލް ހައުސްކީޕިންގް ވީކް" މި ފަހަރު އދ. އޮމަދޫގައި ކުލަގަދަކޮށް ފާހަގަކުރަން ފަށައިފިއެވެ.
މިއީ މިހާތަނަށް ހައުސްކީޕިން ދާއިރާއިން ރާއްޖޭގެ ބާއްވަމުންދާ އެންމެ ދުވަސް އެއް ހަރަކާތެވެ.
މި ހަރަކާތަކީ މޯލްޑިވްސް ހައުސްކީޕިންގް އެސޯސިއޭޝަނާއި އދ. އޮމަދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ޚާއްޞަ އިވެންޓެކެވެ. ރާއްޖޭގެ އެންމެ އަގުބޮޑެތި އަދި ފެންވަރު ރަނގަޅު ރިސޯޓުތައް ހިމެނޭ އދ. އަތޮޅުގައި ބާއްވާ މި ހަރަކާތުގައި، ރާއްޖޭގެ 30 އަށް ވުރެ ގިނަ ރިސޯޓާއި، އެ ސަރަޙައްދުގެ ގިނަ އަދަދެއްގެ ގެސްޓްހައުސްތަކުން ދަނީ ބައިވެރިވަމުންނެވެ.
Ads by BMLމި އަހަރުގެ ހައުސްކީޕިންގް ވީކްގައި ރާއްޖޭގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރުގައި ތިން ޤައުމެއްގެ އެސޯސިއޭޝަނުން ބައިވެރިވެއެވެ. އެއީ ސިންގަޕޫރު، ވިއެޓްނާމް އަދި މެލޭޝިއާގެ ހައުސްކީޕިންގް އެސޯސިއޭޝަނެވެ.
"އިންޓަރނޭޝަނަލް ހައުސްކީޕިންގް ވީކް" ގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި، ޚާއްޞަކޮށް ރިސޯޓުތަކާއި ހޮޓެލްތަކުގައި ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ހައުސްކީޕަރުންގެ އަގު ވަޒަންކޮށް، އެ މުވައްޒަފުންގެ މަސައްކަތްތައް ބަލައިގަތުމެވެ.
މުޅި ދުނިޔޭގައިވެސް މި ހަފްތާ ފާހަގަކުރަމުންދާއިރު، އޮމަދޫގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި އެކި ކަހަލަ ކުޅިވަރުތަކާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ.
މި ހަރަކާތުގެ މެއިން ސްޕޮންސަރަކީ "އެކޯ ލެބް އެންޑް ގްރީން ޕާކް" އެވެ. އަދި މި އިވެންޓުގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ "ކެއަރފަސްޓް މޯލްޑިވްސް" އިންނެވެ.
މިފަދަ ބައިނަލްއަޤްވާމީ ހަރަކާތެއް މީހުން ދިރިއުޅޭ ރަށެއްގައި ބޭއްވިގެން ދިއުމަކީ ރަށުގެ އިޤްތިޞާދަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް އޮމަދޫ ކައުންސިލުން ފާހަގަކުރެއެވެ.
Ads by MACL
