ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (32 ވަނަ ބައި)
ފަހަތަށް ޖެހެމުން ގޮސް އިޝްޔާ އަށް ސޯފާގައި އިނށީދެވުނީ ދެ ފައިގައި އިތުރަށް ކޮޅަށް ހުންނާނެހައި ބާރު ނެތުމުންނެވެ. އަނގަމަތީގައި އަތް އަޅައިގެން އިންއިރު، އިޝްޔާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ބޮޑުވެފައިވި ދެ ލޮލުން އޭނާ އަށް ކުރިމަތީގައި ހުރި ރައްޔާންގެ މޫނަށް ބެލެމުންދިޔައީ އިވުނު ވާހަކައިގެ ތެދުކަން އެ ދެލޮލުން ހޯދާ ފަދައަކުންނެވެ. ރައްޔާން ބަހެއް ނުބުނެ ހުރީ އިޝްޔާއަށް ވަގުތު ދީގެން ކަހަލައެވެ. ދެމެދަށް ވެރިވި ހިމޭންކަމާއެކު އިޝްޔާގެ މަޑު ގިސްލުމުގެ އަޑު އިވިގެންދިޔައެވެ.
"ނޫން.. ނޫން.. ބުނޭ ތީ ދޮގެކޭ.. ނުވާނެ އެހެނެއްނެއް.. ޒާން މިވަރުގެ ކަމެއް.." ދެފަރާތަށް ބޯހޫރަމުން އިޝްޔާއަށް ބުނެވުނެވެ. ރައްޔާންގެ ދުލުން އިވުނު ވާހަކަތައް އޭނާގެ ކަންފަތްބުޑުގައި ގުގުމަމުން ދާހެން އޭނާ އަށް ހީވަނީއެވެ.
Ads by BML
"އިޝްޔާ ގަބޫލުކުރިޔަސް، ނުކުރިޔަސް ހަގީގަތަކީ މީ.. ޒާން ބޭނުމެއް ނުވި މިއިން އެއްވެސް ވާހަކައެއް އިޝްޔާ ގާތުގަ ބުނާކަށް. ސުފްޔާންބެއާ ޔުމްނައްތަ އަކަށް ވެސް ނޭނގޭނެ. ޒާން ހުރީ ކައިވެނީގެ ފަހުން އިޝްޔާއަށް ހުރިހާ ވާހަކަތަކެއް ކިޔާދެން. އެކަމަކު... އެތައް ދުވަހެއްވަންދެން އޭނާ ކުރި އެ ދިގު އިންތިޒާރަށް ނިމުމެއް ނައި.." ފުންނޭވައެއް ދޫކޮށްލަމުން ރައްޔާން ބުނެލިއެވެ. ދެންވެސް ބަހެއް ނުބުނެ އިސްޖެހިފައި އިޝްޔާއަށް އިނދެވުނީއެވެ. އަޒާން އޭނާ އަށްޓަކައި އެ ވަރުގެ ބޮޑު ގުރުބާނީއެއް ވެދާނެކަމަށް ކުޑަކޮށްވެސް އިޝްޔާއަށް ހީކުރެވިފައެއް ނެތެވެ.
"އިޝްޔާ ގޮވައިގެން ލަންޑަނަށް ދިޔަ ގޮތަށް ޒާން ޓެސްޓް ތައް ހެދި.. ބޭރަށޭ ކިޔާފަ ޒާން ކޮންމެ ފަހަރަކުވެސް ދިޔައީ ހޮސްޕިޓަލަށް. އިޝްޔާއާ ޒާން މެޗް ވާކަން އެނގުމުން އިތުރަށް އެއްވެސް ކަމަކާ މެދުގަ ވިސްނާކަށް ޒާން ބޭނުމެއްނުވި. ކޮންމެ ހާލަކުންވެސް އިޝްޔާގެ ފުރާނަ ސަލާމަތްކުރަން ޒާން ބޭނުންވީ. ފުރަތަމަ މިކަމަށް އަހަރެމެން ވެސް އެއްބަހެއް ނުވަން. އެކަމަކު ޒާން އާދޭސްކުރި ވަރުން އޭނާގެ ކުރިމަތީ ހަތިޔާރު ބަހައްޓަން ޖެހުނީ އިޝްޔާ އަކީ ޒާން އަށް ކިހާ މުހިންމު މީހެއްކަން އެނގޭތީ. ޒާންގެ އެދުމަށް މިކަންތައް ތި އާއިލާއަށް އޭރު ސިއްރުކުރީ. އޮޕަރޭޝަން ކުރެވުނު ދުވަހު މަންމަ ހުރީ ވަރަށް ކަންބޮޑުވެފަ ޒާން ގާތުގަ ނުހުރެވޭނެތީ. އެހެން ހުއްޓަ އެތަނަށް ޒިވީ އައީ.. މަންމަ ޒާން ގާތުގަ ގާތް މީހަކު ހުރުމަށް އެދުނު ވަރުން ޒިވީ ދުރަށް ގެންގޮއްސަ އެ ހުރިހާ ވާހަކަތަކެއް ޒިވީ އަށް ކިޔާދިނީ. އަދި ޒާން ގާތުގަ މަޑުކުރަން ދިއުމަށް ޒިވީ ގާތުން އެދުނީ. މަންމަގެ އެދުން ޒިވީ ފުރިހަމަކޮށްދިން" ދުރަށް ނަޒަރު ހުއްޓާލައިގެން ހުރި ރައްޔާން ވާހަކަދައްކަމުން ދިޔައެވެ. ހުއްޓުން އަރާފައި އިވެމުންދިޔަ ވާހަކަތައް އަޑުއަހަން އިނުން ނޫން ކަމެއް އިޝްޔާއަކަށް ނުކުރެވުނެވެ.
"ޒާންގެ އޮޕަރޭޝަން ކުރެވެމުންދިޔަ ވަގުތު ޑޮކްޓަރުން ވެސް އުއްމީދު ނުކުރާފަދަ ކޮމްޕްލިކޭޝަންސް ތަކެއް އައިސް އެމަރޖެންސީ ހާލަތަކަށް ދިޔައީ. އެ ނާޒުކު ދަނޑިވަޅު ޒާންގެ މައިބަދައިގެ ވަކި ހިސާބަކަށް ލޭ ދައުރުވުން ކުއްލިއަކަށް ދަށްވީ. ގިނަ ވަގުތުތަކަކަށް އެ ހިސާބަށް ލޭ ދައުރުވުން ލަސްވެ، ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން ޒާންގެ މައިބަދައަށް ހީނުކުރާފަދަ ގެއްލުންތަކެއް ލިބުނީ. ޒާން އަށް ނުހިނގޭގޮތްވީ އެހެންވެ. ޒާން އެކްސިޑެންޓް ވީކީ ނޫން. އަމިއްލަ ނަފުސުވެސް އިޝްޔާ އަށްޓަކާ ޤުރުބާން ކުރީ. ޒާން އަށް އެ ހާލަތު ދިމާވުމަކުން އެއިން އެއްވެސް ކަމަކާ އޭނާ އެހާ ހިތާމައެއް ނުކުރޭ. އެނގޭތަ ކީއްވެކަން. އިޝްޔާގެ އޮޕަރޭޝަން ކާމިޔާބުވިކަން އެނގުނީމަ. އިޝްޔާ ހެޔޮހާލުގަ ހުރިކަން އެނގުނީމަ. ޒާން އަށް އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް މުހިންމުވީ އެކަން. ކިތަންމެ ދުވަހެއް އަހަރެން މި ވާހަކަތައް އިޝްޔާއާ ދިމާއަށް ބުނަން ބޭނުންވެފަ ހުންނަތާ. އެކަމަކު ކެތްކޮށްލައިގެން ހުރީ. ޒާންވީ ޤުރުބާނީގެ އެއްވެސް އަގެއް ނެތް. އެ ހިތުގަ ޖައްސާފަ ޒާން ރޮއްވާލާފަ ކަލޭ އުފަލާ ހިތްހަމަޖެހުމުގަ ދިރިއުޅުން ވޭތިކުރަމުން ތި ދަނީ. ކުޑަވެސް އެއްޗެއް ހިތަކަށް ނާރާތަ؟ މިއަދު ޒާން އެ ހިތާމަތަކުން އަރައިގަނެ ދިރިއުޅުމާ ކުރިމަތިލާން ތައްޔާރުވީމަ އަނެއްކާވެސް ކަލޭ ތި މަސައްކަތް ކުރަނީ އެ ދިރިއުޅުމަށް ވިހަލާން. އަހަންނަށް އެތަން ބަލާކަށް ދުރުގައެއް ނުހުރެވޭނެ. ކަލޭ އަހަރެންގެ ކޮއްކޮއާ ދުރުގަ ހުރޭ. އަދި ބުނަން. އަހަރެން ބޭނުންވަނީ ދެން ތި ދިރިއުޅުމުން ވޭތުވާ ކޮންމެ ސިކުންތަކުވެސް ކަލެއަށް ޒާން ވި ޤުރުބާނީ ހަނދާންވާން. ތި ހަށިގަނޑުގަ ހުރި ލަކުނު ފެންނަ ކޮންމެ ވަގުތަކު ކަލޭ ޒާން އަށް ދިން އަނިޔާމަތިން ހަނދާންކުރަން. ތިކަހަލަ އަންހެނަކަށް ޒާން ފަދަ މީހަކު ހައްގެއް ނޫން. އަޑުއިވިއްޖެތަ؟ ދެވަނަ ފަހަރަށް އަހަރެން އިޝްޔާއާ މިހެން ވާހަކަ ދައްކާކަށް ނާންނާނަން. އެހެންވީމަ މީ އިންޒާރެއްކަމަށް ބަލާ." ހަރުކަށި ގޮތަކަށް ރައްޔާން ބުނެލިއެވެ. ހަގީގަތުގައި ވެސް އޭނާ ހުރީ އިޝްޔާގެ އަމަލުތައް ހުރި ގޮތުން އޭނާދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެތައް އެއްޗެއް ބުނަން ބޭނުންވިއަސް އޭރު ހިލްމީ މެންގެ ބަހަށް ކިޔަމަންވެ ހިމޭންކަން ޚިޔާރުކުރީއެވެ. ނަމަވެސް، އިޝްޔާ އަލުން އަޒާންއާ ވައި އެޅިލާކަށް ވެސް ރައްޔާން އަކަށް ނުރުހެވޭނެއެވެ. ކަންތައް މާ މައްޗަށް ނުދަނީސް ފިޔަވަޅެއް އަޅަން އޭނާ އަށް މަޖުބޫރުވީ އެހެންވެއެވެ.
ރައްޔާން ވާހަކަދައްކާ ނިމުމުން ވެސް އިޝްޔާ އެއްޗެއް ބުނާކަށް ގަސްދެއް ނުކުރިއެވެ. ނޫނީ ވާހަކަ ދެއްކޭވަރަށް ވުރެ އަމިއްލަ ނަފުސުގެ ހާލަތު ބޮޑުވީއެވެ. އިސްޖަހާލައިގެން އުނގުމަތީގައި ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލައަށް ބަލަހައްޓައިގެން އޭނާ ހިމޭންވެފައި އިނީއެވެ. އޭރު ވެސް ހުއްޓުމެއްނެތި ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އަޒާން އެފަދަ ޤުރުބާނީއެއް އޭނާއަށްޓަކައި ވެދާނެކަމަށް އިޝްޔާއަށް ހީކުރެވިފައި ނެތީއެވެ. އެ ދަރަޖައަށް އަޒާން އޭނާދެކެ ލޯބިވިކަން އިހުސާސުނުވީއެވެ. އޭނާ އަކީ ކިހައި ނުބައި މީހެއް ހެއްޔެވެ؟ ކޮންމެފަދަ ހާލަކުން ވިޔަސް އޭނާއާ އެކުގައި އުޅުމަށް ދެގޮތެއްނުވެ ހުރި ބައިވެރިޔާ ދޫކޮށްލެވުނީއެވެ. އިޝްޔާ އަށްޓަކައި އަޒާން ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ އެކަމަކު ބަދަލުގައި އިޝްޔާއަށް ދެވުނީ ހިތާމަ އާއި ހިތްދަތި ކަމެވެ. ވޭނާއި އަނިޔާއެވެ. އެވަރުން ވެސް އަޒާން އޭނާއާ ދިމާއަށް ބަދު ބަހެއްވެސް ނުބުންޏެވެ. އޭނާގެ ނިންމުން ބަލައިގަނެ އެއަށް އިޙުތިރާމް ކުރީއެވެ. ފަހަތުން އާދޭސް ކުރާކަށް ވެސް ނާދެއެވެ. އިޝްޔާ ބޭނުންވާފަދަ ދިރިއުޅުމެއް ހޯދަން އޭނާ ދޫކޮށްލީއެވެ. އެކަމަކު އެ ދިރިއުޅުމުން ވެސް އިޝްޔާ އަށް ލިބުނު ހިތްހަމަޖެހުމެއް ނެތެވެ. މީހުން ބުނަނީ ތެދެކެވެ. އެހެން މީހެއްގެ ހިތުގައި ޖެއްސުމަށްފަހު ތިމާއަށް ވަކި އުފަލުގައި ނޫޅެވޭނެއެވެ. އޭނާ ކަންތައް ކުރި ގޮތުން އަޒާން ހޭދަކުރާނެ ހިތްދަތި ދިރިއުޅުން ހިތަށް ސިފަވުމާއެކު އިޝްޔާގެ ގިސްލުން ބާރުވެލިއެވެ. މިއަދު އެކަމާ ދެރަވެ ހިތާމަކުރުމަކުން ވާނީ ކީއްހެއްޔެވެ؟ ވެދިޔަތަން ބަދަލުކުރަން ކިތަންމެ ބޭނުންވިއަސް، އެ ބާރެއް ޚުދު އިޝްޔާ އަކަށް ވެސް ލިބިފައެއް ނުވެއެވެ. އެހެނަސް އަޒާންގެ ކިބައިން މަޢާފަށް އެދެން އެ ހިތް އެދެމުންދަނީއެވެ. ދެވަނަ ފަހަރަށް އެ ޙަޔާތުން ކުޑަ ނަމަވެސް ޖާގައެއް ލިބުމަށް އެދެވެނީއެވެ. އޭރަށް އޭނާގެ ސަބަބުން އެ ހިތަށް ލިބުނު ކޮންމެ އަނިޔާއެއް ފިލައިގެން ދާވަރަށް އޭނާ އެ ހިތަށް ލޯބިދޭނެއެވެ. ނަމަވެސް، އަޒާން އޭނާއަށް އެ ފުރުސަތު ދީފާނެބާއެވެ. ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. އެހެންވިޔަސް ބަލި ގަބޫލުކޮށް ދެ އަތް އުރާލައިގެން ހުންނާކަށް އިޝްޔާ ބޭނުމެއް ނޫނެވެ.
އިޝްޔާ ބަހެއް ނުބުނީތީ އިރުކޮޅަކު އެތަނުގައި މަޑުކޮށްލުމަށްފަހު ރައްޔާން އެތަނުން ދިޔައީއެވެ. ތަކުރާރުކޮށް އަޒާންއާ ގާތްނުވުމަށް އިޝްޔާ ގާތުގައި ބުނެފައެވެ. އެހެނަސް، ރައްޔާންގެ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ދޭކަށް އިޝްޔާ ގަސްދެއް ނުކުރިއެވެ. އަޒާންއާ ބައްދަލުކުރަން އޭނާ ނިންމިއެވެ. އިޝްޔާއަށް މަޢާފުކޮށް އަޒާން އޭނާ ބަލައިގަންނަން ހުރިކަމުގައި ވާނަމަ، އެންމެނާ ދެކޮޅަށް ވެސް އިޝްޔާ އެކަން ކުރާނެއެވެ. އަދިވެސް އަޒާންގެ ހިތުގައި އިޝްޔާއަށް އެފަދަ މަތިވެރި މަޤާމެއް ދެވިފައިވާނޭ އޭނާގެ ހިތް ބުނަމުންދިޔައެވެ. އެންމެ ހިނދުކޮޅެއް ވެސް ފިކުރުތަކުގައި ބޭކާރުކޮށްލާކަށް އިޝްޔާ ބޭނުމެއް ނުވިއެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން އިންތަނުން އޭނާ ތެދުވިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި އައިސް ކޮޓަރިއަށް ވަންނަމުން ހެދުން އަލަމާރީގެ ބިތްދޮށުގައި ހުރި އޭނާގެ ފޮށި ދަމާފައި ނެރުނެވެ. ފޮށި ހުޅުވާލުމާއެކު އޭނާ ބޭނުންވާ ސާމާނުތައް ފޮށްޓަށް އެޅުމަށްފަހު ފޮށި ލައްޕާލިއެވެ. އަދި ލޯގަނޑު ކުރިމަތީގައި ހުއްޓިލަމުން ކުޑަކޮށް މޫނުމަތި ފުހެލައި ތާޒާ ވެލިއެވެ. އެއްޗެއް ވިސްނަން ހުރި މީހަކު ފަދައިން އިރުކޮޅަކު ހުރުމަށްފަހު ކުދި ފިޔަވަޅުތަކެއްގައި އައިސް އަލަމާރި ހުޅުވާލިއެވެ. އޭގެ ތެރޭގައި ތަޅުލެވޭހެން ހުރި ކުޑަ ވަތްގަނޑު ހުޅުވާލަމުން އެތެރޭގައި އޮތް ވަރީގެ ފޯރމް އިޝްޔާ ނެގިއެވެ. މީގެ ދެތިން ދުވަސްކުރިން އިޝްޔާ ވަނީ އެ ފޯރމް ފުރާފައެވެ. އެހެނަސް އެ ނިންމުމާމެދު ޔަގީންކަން ނެތުމުން ބާއްވާފައި އޮތީއެވެ. ނަމަވެސް މިރޭ އޭނާ ބޭނުންވާ ގޮތް އިޝްޔާއަށް އެނގި ސާފުވެއްޖެއެވެ. އިތުރަށް އެ ނަމެއްނެތް ކައިވެނީގައި ދިރިއުޅުމުގެ ބޭނުމެއް ނެތެވެ.
ހަށިފުރާލީ ފުން ނޭވަޔާއެކު އެ ފޯރމް ހިފައިގެން ފޮށި ދަމަމުން އިޝްޔާ ކޮޓަރިން ނުކުތެވެ. އޭރު ކޮންމެވެސް އަންހެންކުއްޖަކު ގޮވައިގެން ސޯފާގައި ހިނިއައިސްފައި އަނގަތަޅަށް އައިމަން އިނެވެ. އެ މަންޒަރުފެނުމުން އިޝްޔާ ދެބުމަ ގޮށްޖަހާލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި އައިސް އައިމަންގެ ކުރިމައްޗަށް ހުއްޓިލަމުން އެ ފޯރމް އޭނާއާ ދިމާއަށް ހޫރާލިއެވެ. އިޝްޔާގެ އަމަލުން ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނެއްކަމަކު އައިމަން އެކަން މޫނުމައްޗަކުން ފައުޅެއް ނުކުރިއެވެ. އެއްމިޔަކަނުން ހިނިތުންވެލަމުން އިޝްޔާގެ ފައިން ފެށިގެން ބޮލާ ހަމައަށް ނަޒަރު ހިންގާލިއެވެ. އިޝްޔާ ހިފަހައްޓައިގެން ހުރި ފޮށި ފެނުމުން އައިމަން ނިތް އަރުވާލީ މަލާމާތްކޮށްލާ ފަދައިންނެވެ. އަދި ގުދުވެ ތަށިމުށިތައް މައްޗަށް ވެއްޓުނު ގަނޑު ނަގައި ބަލައިލިއެވެ. އެއާއެކު ނުލަފާ ހިނިތުންވުމެއް އޭނާގެ ތުންފަތްމައްޗަށް ވެރިވިއެވެ.
"ކެތްނުވެގެން އެންމެ ފަހުން ދަނީތަ؟ އިޝީ ހާދަ ވީކްއޭ ދޯ" ފޯރމަށް ނަޒަރު ހުއްޓާލައިގެން އިނދެ އައިމަން ބުނެލިއެވެ. އެ ބަސްތަކުން މިއަދު އިޝްޔާގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. "އަހަރެން ދެން އެންމެ ހިނދުކޮޅަކަށް ވެސް ކަލޭގެ އަނބެތް ގޮތުގަ އިންނާކަށް ބޭނުމެއް ނޫން. ފޯރމް ތިއޮތީ އަހަރެން ފުރާފަ. ތީގަ ސޮއިކޮށްފަ ދީ" ހަށަން ބަނދެލަމުން އިޝްޔާ ބުނެލީ ރުޅިވެރި ގޮތަކަށެވެ. އެއާއެކު ފޯރމަށް ބަލައިލަމުން އަނެއްކާވެސް ނުލަފާ ގޮތަކަށް އައިމަން ހިނިތުންވެލީއެވެ. "ހީކުރީތަ އަހަރެންގެ ކިބައިން ސަލާމަތްވާން އެހާ ފަސޭހަވާނެ ކަމަށް" އެއިން ގޮތަށް އިނދެ އައިމަން ބުނެލިއެވެ.
(ނުނިމޭ)
Ads by MACL
