ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

މޯލްޑިވިއަން ބޮޑު އެއާބަސްގައި ތާށިވި 5 ގަޑިއިރު، އެކުވެރިކަމާއި އަޅާލުމުގެ ތަފާތު ތަޖުރިބާއެއް!

މޯލްޑިވިއަން އެއާބަސް-
މޯލްޑިވިއަން އެއާބަސް-

މިއީ އިންޑިއާގެ ކޮޗިން އިން މާލެ އައުމަށް ފުރަން ހަމަޖެހުނު މޯލްޑިވިއަންގެ އެއާބަސް ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ފްލައިޓް ތެރޭގައި ހޭދަކުރަންޖެހުނު ދަތި 5 ގަޑިއިރުގެ ތެރޭގައި ކުރެވުނު އިޙްސާސްތަކާއި، އެ ދަތުރުން ފެނިގެންދިޔަ ރީތި އަޚްލާޤާއި އިންސާނިއްޔަތުކަން ފާހަގަކޮށް ހިތުގެ އިޚްލާޞްތެރިކަމާއެކު ލިޔެލާ ލިޔުމެކެވެ.

ސެޕްޓެމްބަރ 16 އަކީ ފްލައިޓް ފުރުމަށް ޝެޑިއުލް ކުރެވިފައިވާ ދުވަހެވެ.

ދަތުރަކީ އަޅުގަނޑުގެ 6 އަހަރުގެ ކުޑަ ދަރިފުޅާއި، ލޯބިވާ މަންމަ އާއި ބައްޕަ އަދި ދައްތަ ގޮވައިގެން، ބައްޕަގެ ބޭސްފަރުވާގެ ކަމަކު އިންޑިއާއަށް ކުރި ދަތުރެކެވެ.

ބައްޕަގެ ސިއްޙީ ޙާލަތު ހުރިގޮތުންނާއި، ކުޑަކުއްޖަކު ގޮވައިގެން ދަތުރުކުރަން ޖެހުމުން، ފަރުވާއަށްފަހު އެނބުރި އަމިއްލަ ޤައުމަށް ދެވޭނެ ވަގުތަކަށް އަޅުގަނޑުމެން ތިބީ ކެތްމަދުވެފައެވެ. އެއާޕޯޓަށް އައިސް ފުރަން ތައްޔާރުވި ހުރިހާ މަރުޙަލާއެއްވެސް ދިޔައީ ވަރަށް އޮމާންކޮށް، ވަރަށް ފުރިހަމަކޮށެވެ. ފްލައިޓަށް އެރިއިރުވެސް އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ނުވަތަ މައްސަލައެއް އުޅޭކަމުގެ ކުޑަނަމަވެސް އިޙްސާސެއް ނުވެއެވެ.

ނަމަވެސް، އެންމެން ގޮނޑިތަކުގައި އިށީނދެ، ސީޓްބެލްޓް އަޅުވައި، ދެން ފްލައިޓް ނައްޓާލާނެކަން ޔަގީންވި ހިސާބުން ކުއްލިއަކަށް ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން އެނގިގެންދިޔައެވެ.

ބޯޓު ނުނެއްޓި، ފްލައިޓް ތެރޭގައި މަޑުކުރަން ޖެހުނު ވަގުތު ދިގުލައިގެން ދިޔައެވެ. އެއް ގަޑިއިރު، ދެ ގަޑިއިރު ފާއިތުވެ، މިގޮތުގައި ގާތްގަނޑަކަށް 5 ގަޑިއިރު ފްލައިޓް ތެރޭގައި ތާށިވެފައި ތިބެން ޖެހުނެވެ. މިއީ ބަލި މީހަކާއި 6 އަހަރުގެ ކުޑަކުއްޖަކު ގޮވައިގެން އިންތިހާއަށް ކަންބޮޑުވެ، ހާސްވާނެ ފަދަ ދަތި ޙާލަތެކެވެ.

އެހެންނަމަވެސް، މި ހުރިހާ ނުތަނަވަސްކަމަކަށް ލުއިކަން ގެނެސްދިނީ މޯލްޑިވިއަންގެ ހިތްހެޔޮ، ހުނަރުވެރި ކެބިން ކުރޫއިންނާއި މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ މަތިވެރި އިންސާނިއްޔަތުކަމެވެ. އަޅުގަނޑުގެ ބައްޕަގެ ޙާލު ވަރަށް ގާތުން ބައްލަވައި، އަދި ކުޑަ ދަރިފުޅު ފޫހިވިޔަނުދީ، ހަމައަކަށް އެޅުވުމަށް އެ ކުރޫއިން ދެއްވި ސަމާލުކަމާއި ލޯތްބަކީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެންދާނެ ކަންކަމެއް ނޫނެވެ.

ކެތްތެރިކަމާއެކު ފަސިންޖަރުންގެ ކަންކަން ބަލަހައްޓައި، ބޭނުންވި ކޮންމެ އެހީތެރިކަމެއް ވަގުތުން ފޯރުކޮށްދިނުމުގައި އެ މުވައްޒަފުން ދެއްކެވި ސާބިތުކަމަށްޓަކައި ނުހަނު ފަޚުރުވެރިވަމެވެ.

މި ހާދިސާއިން އަޅުގަނޑުގެ ހިތް އެންމެ ބޮޑަށް އުފާކޮށްދިން އަނެއް ކަމަކީ، ފްލައިޓުގައި ތިބި ދިވެހި ފަސިންޖަރުންގެ ފަރާތުން ފެނުނު ކެތްތެރިކަމާއި ރިވެތި އަޚްލާޤެވެ.

ދިމާވި ދަތިތަކާއެކު ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް، އެންމެންވެސް އިސްކުރީ މަޑުމައިތިރިކަމެވެ. ކުރޫއިންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބައި، އެއްވެސް ހަމަނުޖެހުމެއް ނެތި، އެކަކު އަނެކަކަށް އެހީތެރިވެ އަޅާލި މަންޒަރަކީ ދިވެހިންގެ އެއްބައިވަންތަކަން ހާމަކޮށްދިން ވަރަށް ރީތި މިސާލެކެވެ.

ޓެކްނިކަލް މައްސަލަ ހައްލުނުވެ، ދަތުރު ކުރިއަށް ނުގެންދެވޭނެކަން އެންގުމަށްފަހު، ހުރިހާ ފަސިންޖަރުން ގެންދިޔައީ ކޮޗިން އެއާޕޯޓް ކައިރީގައި ހުރި ހޮޓަލަކަށެވެ. އެއާޕޯޓުގައި ކުޑަ ވަގުތުކޮޅަކު މަޑުކުރަން ޖެހުނު ނަމަވެސް، މާ ގިނައިރުތަކެއް ނުވެ ހޮޓަލަށް ދެވޭނެ ފުރިހަމަ އިންތިޒާމްތައް ހަމަޖެހިގެން ދިޔައެވެ. ހޮޓަލުގެ މުވައްޒަފުންގެ ފަރާތުންވެސް ފެނުނީ އިންތިހާއަށް އޯގާތެރި މެހެމާންދާރީއެކެވެ.

ދަތުރުވެރިން ތިބޭނީ ވަރުބަލިވެ ހާސްވެފައިކަން ދަނެ، ބޭނުންވި ކޮންމެ ކަމެއްގައި އެ ބޭފުޅުން ފޯރުކޮށްދެއްވީ ނުހަނު އަވަސް އެހީތެރިކަމެކެވެ.

މިއީ އަޅުގަނޑުގެ ޙަޔާތުގައިވެސް މިފަދަ ހާދިސާއަކާ ދިމާވި ފުރަތަމަ ފަހަރެވެ. ދިމާވި ޓެކްނިކަލް މައްސަލައަކީ އެއްވެސް ބައެއްގެ ބާރު ފޯރާނެ ކަމެއް ނޫނެވެ.

ނަމަވެސް މި ތަޖުރިބާއިން އަޅުގަނޑަށް ދަސްވި އެންމެ ބޮޑު ފިލާވަޅަކީ، ކޮންމެފަދަ ދަތި ޙާލަތެއްގައިވެސް ކެތްތެރިކަން އިސްކޮށް، އެކަކު އަނެކަކަށް ހިތްހެޔޮކަން ދައްކައިފިނަމަ ކޮންމެ ކަމަކުންވެސް ފަސޭހަކަމާއެކު އަރައިގަނެވިދާނެ ކަމެވެ.

މި ދަތުރުގައި ދިވެހިވަންތަ ގާތްކަމާއި، މެހެމާންދާރީގެ އެންމެ މަތީ ފެންވަރު ދައްކުވައިދިން ކަމަށްޓަކައި، މޯލްޑިވިއަންގެ އެންމެހާ ކެބިން ކުރޫއިންނަށާއި މުވައްޒަފުންނަށް އަޅުގަނޑާއި އަޅުގަނޑުގެ މުޅި ޢާއިލާގެ ނަމުގައި ހިތުގެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ތިޔަ ދެއްވި ޚިދުމަތާއި ބެހެއްޓެވި އަޅާލުމަށް ސާބަހާއި ޝުކުރިއްޔާއެވެ! ހަމަޔަގީނުންވެސް ދިވެހިންގެ އަމިއްލަ ފްލައިޓެއްގެ އިހުސާސް ކުރެވިއްޖެއެވެ.