ބުދަ، 18 ނޮވެމްބަރު 2026
ވާހަކަ

ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (33 ވަނަ ބައި)

ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (33 ވަނަ ބައި)

އައިމަންގެ ރާގު ހުރިގޮތުން ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވަތް ނަމަވެސް އެކަން މޫނުމަތިން ފައުޅުކުރާކަށް އިޝްޔާ ބޭނުމެއްނުވިއެވެ. އެހެންވެއްޖެނަމަ އޭނާގެ ބަލިކަށިކަމުގެ ފައިދާ އައިމަން ނަގައިފާނޭ ހީކުރެވުނީއެވެ. "ދާން އުޅޭ މީހަކު ހިފާއްޓަނީ ކީއްކުރަން؟ އޭނަ ދިޔަދީބަލަ" ފާޑަކަށް ހިނިއައިސްފައި އިނދެ އައިމަން ގާތުގައި އިން އަންހެންކުއްޖާ ބުނެލިއެވެ. އެއަޑަށް އެ ކުއްޖާގެ މޫނަށް އިޝްޔާ އަވަސް ނަޒަރެއް ދިނެވެ. އެހެނަސް ވަކި ޖަވާބެއް އެކުއްޖާއަށް ދޭކަށް އޭނާ ގަސްދެއް ނުކުރިއެވެ. "ހޫމްމް.. ރަނގަޅު ވާހަކައެއް ތީ. އެހެންނޫނަސް އަހަރެން ވެސް މިހާރު ކަލޭ މަތިން މުޅިން ފޫހިވެއްޖެ. ގެއަށް އައިސް ވަންނައިރަށް ކޮންމެވެސް ކޫސަނި ޝަކުވާތަކެއް ކުރުން ނޫން ކަމެއް ނުކުރޭ. ހިތްހަމަޖެހިގެން ކަމެއް ކޮށްލެވެން ނޯވޭ. ކަލޭގެ ބޭނުން އަހަންނަށް ވެސް ފުދިއްޖެހެން ހީވަނީ" ޖެއްސުމުގެ ރާގަކަށް އިޝްޔާއަށް ބަލަން އިނދެ އައިމަން ބުނެލިއެވެ. އިޝްޔާ އެއްޗެއް ބުނޭތޯ އިރުކޮޅަކު އޭނާ މަޑުކޮށްލިއެވެ. އެހެނަސް އެ ހުރި ގޮތަށް އިޝްޔާ ހުންނަން ފެށުމުން އައިމަންގެ ބޮލަށް އުނދަގޫވާ ގޮތްވިއެވެ. އޭނާއަށް ހަމަޖެހިގެން ކުރަން ބޭނުން ކަމެއް ކުރެވޭނީ އިޝްޔާ އެތަނުން ވީހައިވެސް އަވަހަށް ފޮނުވާލުމުންކަން ވިސްނުނީއެވެ. ލައިގެން ހުރި އޮފީސް ފަޓުލޫނުގެ ޖީބުން ގަލަމެއް ނަގަމުން އެ ފޯރމުގައި އައިމަން ސޮއި ކުރިއެވެ. އަދި އިތުރަށް އެއްޗެކޭ ބުނުމެއްނެތި އިޝްޔާއާ ދިމާއަށް ފޯރމް ހޫރާލީއެވެ. "ގެޑް އައުޓް" ހަރުކަށި ގޮތަކަށް އައިމަން ބުނެލިއެވެ. "ދެން އަހަރެމެން ބައްދަލުވާނީ ކޯޓުން" ފޯރމަށް ބަލައިލަމުން ދަތްކުޑި ވިކައިލައިފައި އިޝްޔާ ބުނެލިއެވެ. ބޭކާރު ވާހަކަތަކެއް ދައްކާކަށް އައިމަން ނޫޅުނެވެ. ބޭނުންވި ކަންތައް ވުމުން އިތުރަށް އެތަނުގައި އައިމަންގެ ކުޅިވަރު ދެކެން އެންމެ ސުކުންތެއްވެސް މަޑުކުރާކަށް އިޝްޔާ ނޫޅުނެވެ. ފޮށި ދަމަމުން އޭނާ ގެއިން ނުކުމެގެން ދިޔައީއެވެ. ލިފްޓަށް އެރުމާއެކު ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެނބުރި ދާން އޮތީ އޭނާގެ އަމިއްލަ ގެއަށެވެ. މައިންބަފައިން ގާތަށެވެ. އެމީހުންގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ޚުދު އިޝްޔާ އަކަށް ވެސް ނޭނގެއެވެ. އެކަމާ ވިސްނާ ބޯގޮއްވާކަށް އޭނާ ބޭނުމެއްނުވިއެވެ. މިވަގުތު އޭނާ ބޭނުންވަނީ ވީހައިވެސް އަވަހަށް އަޒާންއާ ބައްދަލުކުރާށެވެ. އަދި އެ ދެފައި ބުޑަށް ވެއްޓި އާދޭސްކުރާށެވެ. އަޒާންގެ ޚިޔާލުތަކުން އިޝްޔާގެ ހިތް އަވަސްވަމުން ދިޔައެވެ. އެހައި ދުވަސްފަހުން އޭނާ ފެނުމުން އަޒާން އަށް ވާނީ ކިހިނެއްބާވައެވެ؟ ލޯބިން އައިސް ބައްދާލާނެ ބާއެވެ؟ އޭނާއަށްޓަކައި އަބަދުވެސް އިންތިޒާރު ކުރި ވާހަކަ ބުނާނެބާއެވެ؟ އަދިވެސް އެ ހިތުގައި އޭނާގެ މައްޗަށް ފުން ލޯތްބެއް ވާނެބާއެވެ؟ ތަފާތު ޚިޔާލުތަކުން އިޝްޔާގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. ލިފްޓުން ފައިބަމުން އޭނާ ޓެކްސީއެއް ހޯދުމަށްފަހު އަޒާންގެ ގޭގެ އެޑްރެސް ބުނެލިއެވެ. އެހެން ހުރިހައި ކަމަކަށްވުރެ ބޮޑަށް އޭނާ ވަނީ އަޒާން ދުށުމަށް ކެތްތެރިކަން ކުޑަވެފައެވެ.

 

ގޭގެ ބެލް އަޅާލިއަޑަށް ގޭގައި ގެންގުޅޭ ޚާދިމަކު ގޮސް ދޮރު ހުޅުވާލިއެވެ. އެތެރަށް ވަންނަމުން މަޑުމައިތިރި ރާގަކަށް ސަލާމް ގޮވާލި އަންހެންކުއްޖާ ފެނިފައި ސޯފާގައި އިން ލިޔާރާއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. އެތަންފެނި ޓީވީ އަށް ބަލަން އިން ހިލްމީގެ ސަމާލުކަން ވެސް ގޭގެ ދޮރާ ދިމާއަށް ހުއްޓުނެވެ. ކަރުނުން ބަރާވެފައިވާ ދެލޮލާއެކު އިސްޖެހިފައި ހުރި އިޝްޔާ ފެނުމުން އޭނާ އަށް ވެސް ލިބުނީ ހައިރާން ކަމެވެ. އިންތަނުން ތެދުވަމުން އޭނާ ލިޔާރާއާ ގާތަށް ޖެހިލިއެވެ. އޭރު ރުޅިއައިސްގެން ގޮސް ލިޔާރާގެ ދޮން މޫނަށް ވަނީ މަޑު ރަތްކުލައެއް ވެރިވެފައެވެ.

 

"ކާކު ހޯދަން މިގެއަށް ތިއައީ؟" ހަރުއަޑުން ލިޔާރާ އެއްސެވެ. އޭނާއަށް ވަމުންދިޔަ ގޮތް ފެނި ހިލްމީ މަޑުމަޑުން ލިޔާރާގެ ކޮނޑުގައި ފިރުމާލިއެވެ. އަދި ހަމަޖެހިލުމަށް ނުހަނު ލޯބިން ބުނެލިއެވެ. "ހިލްމީ ހަމަޖެހޭށޭ ބުންޏަސް އަހަރެން ކިހިނެއް ހަމަޖެހޭނީ؟ އަހަރެމެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލާފަ ލަދެއްވެސް ނެތިގެން އަނެއްކާ މިގެއަށް އައިސްފިއެއްނު. ހިލްމީ އަކަށް ނޭނގޭތަ އެ ހުރި އަންހެނާގެ ސަބަބުން ޒާން އުޅުނު ހާލެއް؟" އައިސްފައިވާ ގަދަ ރުޅިން ލިޔާރާގެ ހަށިގަނޑުވެސް ރޫރޫއަޅަމުން ދިޔައެވެ.

 

"ދައްތާ.. ހެޔޮނުވާނެ އަހަންނަށް މަޢާފުކޮށްދީ.. އަހަންނަށް މިއަދު ވިސްނިއްޖެ.. ގަބޫލުކުރަން އަހަންނަށް ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން. އެކަމަކު އެ ވަގުތު އަހަރެން ވެސް ހުރީ އެފަދަ ކަމެއް ވިސްނޭ ހާލަތަކު ނޫން.. ހިލްމީބެ ޕްލީޒް.. އަހަންނަށް މަޢާފުކުރޭ. ޒަ.. ޒާންއާ.. އެންމެ ފަހަރަކު ވިޔަސް ބައްދަލުކޮށްލަން ބޭނުން" ގިސްލެވެމުންދިޔަ ހާލު ދެއަތް ޖޯޑުކޮށްލަމުން އުނދަގޫ ގޮތަކަށް އިޝްޔާ އާދޭސްކޮށްލިއެވެ. ނަމަވެސް އެ ބަސްތަކުން މިއަދު ލިޔާރާގެ ހިތަށް ކުޑަވެސް ހަމްދަރުދީއެއް ނުވަނެވެ.

 

"ޒާން އިޝްޔާއާ ބައްދަލުކުރާކަށް ބޭނުމެއް ނުވޭ. އެހެންނޫނަސް ޒާންއާ ބައްދަލުކޮށް އިޝްޔާ އިތުރަށް ދައްކަން ޖެހޭނެ ވާހަކަތަކެއް ހުރެދާނެކަމަކަށް އަހަންނެއް ގަބޫލެއް ނުކުރަން. އެހެންވީމަ އެންމެ ރަނގަޅުވާނީ ތި އައި ތަނަކަށް ދިޔައިއްޔާ" ނުރުހުމުގެ ރާގަކަށް ލިޔާރާ ބުނެލިއެވެ.

 

"ނޫން.. ތިހެން ނުބުނޭ.. ތި ނިންމުން ނިންމާނެ މީހަކީ ޒާން.. ޕްލީޒް ޒާން އަށް ގޮވާލަދީބަލަ.. ހަމަ އެންމެ ފަހަރަކު.. އަހަރެން އާދޭސްކުރަން.. އަހަރެން މިއައީ ކުރެވުނު ކަންތައް ވިސްނި އެކަމާ ހިތާމަކުރާ ހާލު.. އަހަރެން ޒާންގެ ކިބައިން މަޢާފަށް އެދެން ބޭނުން.. އަހަންނަށް މަޢާފު ކުރުމާ ނުކުރުން އޮތީ ޒާންގެ އަތްމަތީ.. ހެޔޮނުވާނެ ޒާން އަށް ގޮވާލަދީބަލަ" ކުޑަކޮށް ކުރިއަށް ޖެހިލަމުން ރޮވިފައި ހުރެ އިޝްޔާ ބުނެލިއެވެ.

 

"އެއީ ނުކުޅެދޭ މީހަކަށް ވެގެން މިއަދު ލަދެއް ނުގަނޭތަ އެކަހަލަ މީހަކާ ބައްދަލުކުރާކަށް؟" ދެބުމަ ގޮށްޖަހައިލަމުން ލިޔާރާ ބުނެލީ ހަރުކަށި ގޮތަކަށެވެ. އެއާއެކު ތުންފިއްތާލަމުން އިޝްޔާ އިސްޖަހައިލިއެވެ. ލިޔާރާގެ ނުރުހުމާއި ރުޅިވެރިކަން އޭނާއަށް ހައްގެވެ. އެހެނަސް މިއަދު އަޒާންއާ ބައްދަލުނުކޮށް އެތަނުން ދާކަށް އިޝްޔާގެ ހިތެއް އެއްބަހެއް ނުވެއެވެ. ލިޔާރާ ކިތަންމެ އެއްޗެއް ކީ ނަމަވެސް އެކަމަކާ ކުރިމަތިލާން އިޝްޔާ ހުރީ ނިންމައިގެންނެވެ.

 

"އަހަރެމެންގެ ދަރިފުޅު އިޝްޔާ އަށްޓަކާ ކޮށްނުދެނީ ކޮން ކަމެއް؟ ހުރިހާ ކަމެއް ޤުރުބާން ކުރި.. އެކަމަކު.. އޭގެ ބަދަލުގަ ކަލޭ އެ ކުއްޖާއަށް ދިނީ އަނިޔާއާ ހިތްދަތިކަން. އަދިވެސް އެ ދަރިފުޅުގެ ވޭނީ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގަ ހަރުލާފަ ހުރި ކަހަލަ. ދުވަހަކުވެސް އެހާ ހިތު ޖެހިގެން ޒާން ރުއިތަނެއް އަހަންނެއް ނުދެކެން. މަޢާފުކޮށްދޭށޭ ބުނާއިރު މަޢާފުކުރާނީ ކިހިނެއް؟ ކަލޭ ކަންތައްކުރީ މީހަކަށް މަޢާފުކުރަން ފަސޭހަވާނެ ގޮތަކަށްތަ؟" އަޒާން އުޅުނު ހާލު ހަނދާންވުމުން ލިޔާރާގެ ދެލޯވެސް ފެންކަޅިވާގޮތް ވިއެވެ. އަދިވެސް އެ ދުވަސްތައް އޭނާގެ ހަނދާނުގައި އިއްޔަވީ ކަމެއްހެން ހަރުލާފައި އެބަ ހުއްޓެވެ. ޒަޚަމްތައް ފަސޭހަވި ނަމަވެސް އެ ޒަޚަމްތަކުން ނަގަމުންދިޔަ ދިލައަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

 

ލިޔާރާގެ ވާހަކަތަކުން އިޝްޔާގެ ލަގޮނޑިއަށް ވާންވެލިއެވެ. އޭނާގެ ސަބަބުން އަޒާން ކުރާނެ ހިތާމަ އިހުސާސުވީ ކަހަލައެވެ. ހިންދިރުވައިލަމުން އޭނާ އަށް ދެފަރާތަކަށް ބޯހޫރައިލެވުނެވެ. އެއާއެކު އިޝްޔާގެ ރުއިން އިހުނަށްވުރެ ބާރުވެލިއެވެ. ނަމަވެސް އެ އަޑުން ލިޔާރާ އާއި ހިލްމީގެ ހިތަށް ކުޑަވެސް އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ.

 

*****

 

ވެއިޓަރު ބިލް ގެނައުމުން އަޒާން ކުޑަކޮށް ހިނިތުންވެލަމުން ބިލަށް ފައިސާ ދެއްކިއެވެ. އޭރުވެސް އޭނާ އާއި ޒިވްރާގެ ދެމެދަށް ވެރިވި ހިމޭންކަން އެގޮތުގައި ދެމި އޮތެވެ. ދެމީހުންކުރެ އެކަކުވެސް އެ ހިމޭންކަން ނައްތާލަން ބޭނުންނުވެފައި ތިބި ކަހަލައެވެ. ވެއިޓަރު ދިއުމުން ވެސް ބަހެއް ބުނާކަށް އަޒާން ނޫޅުނެވެ. ދުރަށް ނަޒަރު ހުއްޓާލައިގެން ފުން ވިސްނުމަކަށް ގެއްލިފައި ކަހަލަ ގޮތަކަށް އޭނާ އިނީއެވެ. އިސްޖަހާލި ގޮތަށް އިސްއުފުލާލާނެހައި ހިތްވަރެއް ވެސް ޒިވްރާ އަކަށް ނުލިބުނެވެ. އެހައި ދުވަހު ހިތުގައި ފޮރުވައިގެން އުޅުނު ސިއްރު އެފަދަ ގޮތަކަށް ބޭޒާރުވެދާނެކަމަށް ޒިވްރާ ކުޑަކޮށް ވެސް ހިއެއް ނުކުރެއެވެ. އަޒާންގެ ހިމޭންކަމުން އެ ވާހަކަތަކުން އަޒާން އަށް އުނދަގޫ ކުރުވައިފިކަން ވިސްނި ޒިވްރާ އިތުރަށް ޖެހިލުންވާގޮތް ވިއެވެ. ހިތުގައި އެކަން އަބަދަށް ފޮރުވުނު ނަމައޭ ތަކުރާރުކޮށް އޭނާގެ ހިތަށް އަރަމުން ދިޔައެވެ. މިވީ ގޮތުން އަޒާންއާ ދެމެދު އޮތް އެކުވެރިކަން ވެސް ގެއްލިގެން ދިޔައީއޭ ޒިވްރާގެ ހިތަށް އަރަމުންދިޔައެވެ. ހިތްދަތިވެފައި އިނދެ އޭނާ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން މަޑުމަޑުން ފުހެލިއެވެ.

 

"ޒިވީ.. ލެޓްސް ގޯ" މަޑުމައިތިރި ރާގަކަށް އަޒާން ބުނެލިއެވެ. ހަގީގަތުގައި ޒިވްރާގެ ވާހަކަތަކުން އޭނާގެ ހިތަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. އެހައި ދުވަސް ވަންދެން އަންހެންކުއްޖަކު އޭނާ ދެކެ އެ ދަރަޖައަށް ލޯބިވެދާނެކަމަށް ފަހަރެއްގައި ވެސް އަޒާން ހިތަށް ނާރައެވެ. އެހެނަސް ޒިވްރާގެ ކޮންމެ އަމަލެއްގެ ފަހަތުގައި އޭނާއަށްޓަކައި ފޮރުވިފައިވި ނިމުމެއްނެތް ތެދުވެރި ލޯބި އޭނާއަށް އިހުސާސުކުރެވެމުން ދިޔައެވެ. އެ ލޯތްބަށް އަޒާންގެ ހިތުގައި ޚާއްސަ ޤަދަރެއް އުފެދިއްޖެކަން ގައިމެވެ. ނަމަވެސް މިވަގުތު އަޒާންގެ ހިތް އެދެނީ އެކަނިވެލުމަށެވެ. އެފަދަ ބޮޑު ނިންމުމެއް ވަރަށް ވިސްނާފައި ނޫނީ ނިންމާކަށް ޚުދު އޭނާ ވެސް ބޭނުމެއްނުވެއެވެ. ހިމޭންކަމާއެކު އޭނާ އަށް ފިކުރު ކުރެވެމުންދިޔައީ އެކަމާއެވެ.

 

އަޒާންގެ އަޑަށް އިސްއުފުލާލަމުން ޒިވްރާ ބަލައިލީ މޮޅިވެރި ގޮތަކަށެވެ. "ޒާން.. އައި.. އައި އެމް ސޮރީ.. އަހަރެން.. އަހަރެން.."

 

"ޒިވީ.. ޝްޝްޝް.. މަޢާފަށް އެދެން ޖެހޭވަރު އެއްޗެއް އަދި ޒިވީ ނުބުނަމެއްނު.. އަހަންނަށް ކުޑަ ވަގުތުކޮޅެއް ދީ.." އޯގާތެރިކަމާއި ކުލުނުން ފުރިގެންވީފަދަ ގޮތަކަށް އަޒާން ބުނެލިއެވެ. އެއާއެކު އެކަމަށް އެއްބަސްވާ ފަދައަކުން ޒިވްރާ މަޑުމަޑުން ބޯޖަހާލިއެވެ. އެތަންފެނި ފަނޑު ހިނިތުންވުމެއް އަޒާން ހަދިޔާކޮށްލިއެވެ. އެ ހިނިތުންވުމުން އެކަނިވެސް ޒިވްރާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ.

 

ޒިވްރާއަށް ވުރެ ކުރިން އިންތަނުން އަޒާން ތެދުވިއެވެ. އަދި ލަސްހިނގުމެއްގައި އަސާގެ އެހީގައި އައިސް އޭނާ ސިޑިން ފައިބާންފެށިއެވެ. ހިމޭންވެފައި ހުރެ މަޑުމަޑުން އަޒާންގެ ފަހަތުން ޒިވްރާ ވެސް އައެވެ. ފިކުރުތަކަށް ގެއްލިފައިވީވަރުން ސިޑީގެ ހަރުފަތްތަކަށް އަޒާންގެ މާބޮޑު ސަމާލުކަމެއް ނެތެވެ. ނުވިސްނައި ހުރެ ފައި އެޅުނު ގޮތަކުން ކުއްލިއަކަށް އޭނާ އަރިއަޅާލާގޮތް ވިއެވެ. ހަށިގަނޑުގެ ބެލެންސް ގެއްލި އޭނާ ސިޑިން ވެއްޓެން ދިޔައެވެ. ސިޑީގެ އަރިމަތީގައި ހިފަހައްޓާލަން އަތް ދިއްކޮށްލެވުނު ނަމަވެސް އެކަން އަޒާން އަކަށް ކާމިޔާބެއް ނުވިއެވެ. އެނބުރެމުން ކަހަލަ ގޮތަކަށް އޭނާ ވެއްޓި ސިޑީގެ އެންމެ ތިރީ ހަރުފަތުގައި ބޯޖެހި ބޯފަޅައިގެން ދިޔައެވެ. މަދު ސުކުންތު ކޮޅެއްގެ ތެރޭގައި ހިނގައިދިޔަ ކަންތަކުން ޒިވްރާ އަށް ލިބުނު ޝޮކުގައި ހަޅޭއްލަވަގައި ގަންނަމުން ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފައިބައިގެން އައެވެ. އަޒާންގެ ނަމުން ގޮވާލަމުން އޭނާ އައިސް އަޒާންގެ ހަށިގަނޑު ކައިރީގައި ކުޑަކަކޫ މައްޗަށް އިނށީނެވެ. ކަންބޮޑުވެ ހާސްވެގެން ގޮސް ހަދާފައި ނުހަދާނެ ގޮތެއް އެވަގުތު އޭނާއަކަށް ނުވިސްނުނެވެ. ޒިވްރާގެ ހަޅޭކުގެ އަޑަށް އެ ހިސާބަށް މީހުންތައް އެއްވާން ފެށިއެވެ. އެތަނުން މީހަކު އަޒާން އޮތް ގޮތް ފެނި ދެލޯ ބޮޑުކޮށްލަމުން ވަގުތުން އެމްބިއުލާންސް އަށް ގުޅިއެވެ. އޭރު އަޒާން ކައިރީގައި އިން ޒިވްރާ އަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

 

"ޒާން.. ޒާން ޕްލީޒް.. ލޯ ހުޅުވަބަލަ.. ޒާން.." ގިސްލަމުން މޮޔައަކު ފަދައިން ޒިވްރާ އާދޭސްކުރަމުން ދިޔައެވެ.

 

(ނުނިމޭ)