ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (34 ވަނަ ބައި)
ދެލޯ މެރެމުންދިޔަ ނަމަވެސް ހޭހުރީތީ ކޮންމެވެސް ވަރަކަށް ވަށައިގެން ހިނގަމުންދިޔަ ކަންކަން އަޒާން އަށް ފެނެއެވެ. އެހެނަސް ދުލުން ބަހެއް ބުނާނެހައި ހިތްވަރެއް އޭނާގެ ހަށީގައި ނެތެވެ. ރޮމުން އޭނާ އަށް ތަކުރާރުކޮށް ގޮވަމުންދިޔަ ޒިވްރާ އަށް ބަލައިލުމަށްފަހު ކޮންމެވެސް އެއްޗެއް ބުނެވޭތޯ އޭނާ އުޅުނެވެ. އެވަގުތު އެމްބިއުލާންސް އެތަނަށް އައުމުން ޒިވްރާގެ ސަމާލުކަން އެއަށް ހުއްޓުނެވެ. ވަށައިގެންތިބި މީހުންގެ އެހީގައި އަޒާން އެމްބިއުލާންސަށް އެރުވުމަށްފަހު ހޮސްޕިޓަލާ ދިމާލަށް މިސްރާބުޖެހިއެވެ. އަޒާންގެ އަތުގައި ހިފަހައްޓައިލައިގެން އިނދެ ޒިވްރާ އަތްދަބަހުން ފޯނު ނެގިއެވެ. އަދި އަވަސް އަވަހަށް ލިޔާރާ އަށް ގުޅާލީ އަޒާން ހޮސްޕިޓަލަށް ގެންދާކަމުގެ ޚަބަރު ދިނުމުގެ ގޮތުންނެވެ.
*****
Ads by BML
އިޝްޔާއާ ދިމާއަށް އެތަނުން ދިއުމަށް ބުނަން އަނގަ ހުޅުވާލި ވަގުތު ލިޔާރާގެ ފޯނު ރިންގް ވާން ފެށިއެވެ. ސްކްރީނަށް އަރައިފައިވާ ޒިވްރާގެ ނަން ފެނުމުން ލިޔާރާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އެކޮޅުން ލިބުނު ޚަބަރަކުން އޭނާ އަށް ހީވީ އޭނާގެ ވަށައިގެންވި ދުނިޔެ އެނބުރިގަތް ހެނެވެ. ރޮއެގަންނަމުން އަވަސް އަވަހަށް ހޮސްޕިޓަލަށް އޭނާ ގެންދިއުމަށް ހިލްމީގެ ކިބައިން ލިޔާރާ އެދުނެވެ. ސުވާލުއުފެދިފައި ހުރެ ހިލްމީ ލިޔާރާ ކުރެން ވެގެން އުޅޭ ގޮތެއް އަހާލިއެވެ. "ޒާން.. ސިޑިން ވެއްޓިގެން.. ޒިވީ އެ ގުޅީ" ކޮންމެވެސް ވަރަކަށް ވެގެން އުޅޭ ގޮތް ލިޔާރާ ސާފުކޮށްދިނެވެ. އެއާއެކު އިޝްޔާ އަށް ވެސް ދެލޯ ބޮޑުކޮށްލަމުން އަނގަމަތީގައި އަތްއަޅާލެވުނެވެ. އޭނާ އަށް އެއްވެސް ސަމާލުކަމެއް ނުދީ ހިލްމީ އާއި ލިޔާރާ އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ. އެ ޚަބަރު ވަގުތުން ހިލްމީ ރައްޔާން އަށް ވެސް ދިނެވެ. އޮފީހުގައި އިން ރައްޔާން ވެސް މަސައްކަތްތައް ހުއްޓާލުމަށްފަހު އެބަދަން ކަމަށް ބުނުމުން ހިލްމީ އިތުރަށް ލަސްކުރާކަށް ގަސްދެއް ނުކުރިއެވެ. އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް އިޝްޔާ ވެސް އެގެއިން ނުކުތެވެ. އެކަމަކު އެމީހުނާ އެކީގައި އޭނާ ގެންދިއުމަށް އެދޭކަށް އިޝްޔާއަކަށް ނުކެރުނެވެ. އެހެންވެ މަގުމަތިން ޓެކްސީ އެއް ނެގުމަށްފަހު އޭނާ ވެސް ހޮސްޕިޓަލަށް ދިއުމަށް އުޅުނެވެ. ހިތް އަވަސްވެފައިވީ، އަޒާން އަށް ވީ ގޮތެއް ރަނގަޅަށް އޮޅުންނުފިލުމުންނެވެ. ވީހައިވެސް އަވަހަށް އަޒާން ގާތަށް ދިއުމަށް އެދި އޭނާގެ ހިތް ތެޅިފޮޅެމުން ދިޔައެވެ. އިރުއިރުކޮޅާ އިޝްޔާ އަށް މަގުމައްޗަށް ނަޒަރު ހިންގާލެވެއެވެ. އިންތިޒާރުގެ ނިމުން ދިގެއް ނުވިއެވެ. ހޮސްޕިޓަލް ކައިރިއަށް ޓެކްސީ މަޑުކޮށްލުމާއެކު ފައިސާ ދައްކަމުން އިޝްޔާ އޭގެއިން ފޭބިއެވެ. ނަސީބު ދިމާކުރި ގޮތުން އެވަގުތު ވީ އެމްބިއުލާންސް ވެސް އައިސް އެތަނަށް މަޑުކުރި ވަގުތަށެވެ.
ސްޓެރެޗަރ އެއްގެ މަތީގައި ބާއްވައިގެން އެމްބިއުލާންސް އިން ބޭލި އަޒާން ގާތަށް ލިޔާރާ އާއި ހިލްމީގެ އިތުރުން އިޝްޔާ އަށް ވެސް ދެވުނީ އެކުއެކީ ކަހަލަ ގޮތަކަށެވެ. ހާލަތުގެ ނާޒުކު ކަމުން އެ ވަގުތު އިޝްޔާ ހުއްޓުވާނެހައި ހޭވެރިކަމެއް އެއްވެސް މީހެއްގެ ކިބައިގައި ނެތެވެ. އެހެނަސް އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް އެތަނަށް އައި ޒިވްރާ އަށް އިޝްޔާ ފެނުމުން ހުއްޓުން އަރާގޮތް ވިއެވެ. ޚާއްސަކޮށް އަޒާންއާ ގާތްވެލަމުން ރޮވިފައި ހުރެ އިޝްޔާ އަޒާންގެ އަތުގައި ހިފިތަން ފެނުމުން ޒިވްރާގެ ހިތް ހީވީ، ހިނދުކޮޅަކަށް މަޑުޖެހިލިހެންނެވެ. ބޭއިޚުތިޔާރުގައި އޭނާ އަށް ދެއަތް ޖޯޑުކޮށްލަމުން މޭގައި ޖައްސާ ބާރުކޮށްލެވުނެވެ. ހިތް ކިތަންމެ އެދެމުންދިޔައެއް ކަމަކު އަޒާން އާއި އިޝްޔާއާ ދެމެދަށް ވަންނާކަށް އޭނާއަކަށް ނުކެރުނެވެ. ހިނގުން މަޑުޖައްސާލަމުން އޭނާ އަށް އިސްޖަހާލެވުނެވެ. ކޮންމެ ގޮތެއް ވިއަސް އިޝްޔާ ހުއްޓައި އަޒާން އޭނާ ޚިޔާރުނުކުރާނެކަން ޒިވްރާ އަށް ވިސްނުނީ ކަހަލައެވެ. އަވަސް އަރުވާލައިފައި އަޒާން ކުރިއަށް ގެންދަމުންދިޔައިރު، އޭނާއާ އެއްވަރަށް އެ އަތުގައި ހިފައިގެން ހުރެ އިޝްޔާ ވެސް ކުރިއަށް ދަމުން ދިޔައެވެ. ރޮމުން އޭނާ އަޒާންގެ ކިބައިން ތަކުރާރުކޮށް މަޢާފަށް އެދެމުންދިޔައެވެ. ދެބަދޭތެރޭގައި އޮތް އަޒާން އަށް ކޮންމެވެސް ވަރަކަށް ވަށައިގެން ހިނގަމުންދިޔަ ކަންކަން ފެންނަމުން ދިޔައެވެ. އެހެނަސް އަނގައިން ބުނާނެހައި ވަރެއް އޭނާގެ ނެތީތީ ހިމޭނުން އޮތީއެވެ.
"ޒާން.. ޒާން ޕްލީޒް.. ޑޯންޓް ގިވް އަޕް.. އަހަރެން މި އައީ އޭ.. ދެން ދުވަހަކުވެސް ޒާން ދޫކޮށްލާފަ ނުދާނަން.. ވަޢުދުވަން.. ދުވަހަކުވެސް ނުދާނަން.. އަހަންނަށްޓަކާ ޒާން ހިތްވަރު ކުރައްޗޭ.. ޕްލީޒް.. އަހަރެން ވަރަށް ލޯބިވޭ.." އަވަސް ފަރުވާދޭ ބަޔާ ހަމައަށް އައިސް، އަޒާންގެ އަތުން ދޫކޮށްލުމުގެ ކުރިން އިޝްޔާ ބުނެލިއެވެ. ބަހެއް ނުބުންޏެއް ކަމަކު އަޒާން އަށް އެ ބަސްތައް އިވުނެވެ. އޭނާގެ ދެލޮލުން ކަރުނަ ފައިބާން ފެށީ ކީއްވެކަމެއް ނޭނގެއެވެ. އިޝްޔާގެ އަތުން ދޫވުމުގެ ކުރިން އޭނާ އަށް އެ އަތުގައި ހިފައި ބާރުކޮށްލެވުނެވެ. އެކަމުން އިޝްޔާއަށް ލިބުނީ ތަފާތު ހިތްވަރެކެވެ. އަޒާން އޭނާއަށް މަޢާފުކުރީއޭ ހީވެ ކަރުނައިގެ ތެރެއިން ވެސް އިޝްޔާ އަށް ހިނިތުންވެލެވުނެވެ. އެމަންޒަރު ފެނުމުން އެމީހުންގެ ފަހަތުގައި ހުރި ޒިވްރާ އަށް ތުންފަތުގައި ދަތްއަޅާލަމުން ހިންދިރުވައިލެވުނެވެ. އިޝްޔާގެ އަތަށް އަޒާން ބާރުކޮށްލި ގޮތް ކިތަންމެ ރީއްޗަށްވެސް އޭނާ ދުއްޓެވެ. އެއީ އަޒާން އަދިވެސް އިޝްޔާ ބަލައިގަންނަން ބޭނުންވެފައި ހުރި ކަމުގެ ހެއްކެކޭ ޒިވްރާ އަށް ހީވިއެވެ. ވީއިރު އޭނާ އެ ދެމެދަށް އެޅޭ ހުރަހަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟ އަނެއް ފަރާތަށް މޫނު އަނބުރާލަމުން ޒިވްރާ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ. އަޒާން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އޭނާ އެ ނިންމުމަށް އިޙުތިރާމް ކުރުމަށް އެ ވަގުތު ޒިވްރާ ޢަޒުމް ކަނޑައެޅިއެވެ. އޭނާ އަށް މުހިންމީ އަމިއްލަ ނަފުސަށްވުރެ އަޒާންގެ އުފާވެރިކަމެވެ. އެކަމަށްޓަކައި ކޮންމެފަދަ ޤުރުބާނީ އެއް ވާން ޖެހުނަސް ޒިވްރާގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެހެނަސް އެ ވަގުތަކީ އެފަދަ ޚިޔާލުތަކެއް ކުރުން އެންމެ ރަނގަޅު ވަގުތެއް ނޫންކަން ވިސްނި ޒިވްރާ ދެފަރާތަކަށް ބޯހޫރާލަމުން އަމިއްލަ ހިތަށް އެކަން ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އަދި ހިތާހިތުން އަޒާންގެ ރައްކާތެރިކަމަށް އެދި ތަކުރާރުކޮށް ދުޢާ ކޮށްލިއެވެ.
"ކަލޭ.. ކަލޭ މިތާ ކީއްކުރަނީ؟" ހަލުވި ފިޔަވަޅު ތަކެއްގައި އެތަނަށް އައިސް ހުއްޓުނު ރައްޔާން އަށް އިޝްޔާ ފެނުމުން ހިތްހަމަނުޖެހިފައި އަހައިލެވުނެވެ. އެއަޑަށް ހިލްމީ އޭނާ އަށް ބަލާލަމުން ހިމޭންވުމަށް ބުނެލިއެވެ. މިއީ އެފަދަ ވާހަކަތަކެއް ދައްކަން އެންމެ މުނާސަބު ވަގުތެއް ނޫންކަން ހަނދާންކޮށްދިނެވެ. ބައްޕަގެ ބަހަށް ކިޔަމަންވާން ރައްޔާން އަށް މަޖުބޫރުވީއެވެ. އެހެނަސް ނުރުހުން އެކުލެވިގެންވާ ނަޒަރަކުން އޭނާ އިޝްޔާ އަށް ބަލައިލަމުން ދެބުމަ ގޮށްޖަހާލިއެވެ. އެތަން ފެނުނަސް ނުފެންނަ ކަމަށް ހެދިގެން އިޝްޔާ ހުރީއެވެ. އަޒާން އޭނާ ބަލައިގަންނަން ތައްޔާރަށް ހުރި އިރު، އެ ދެމެދަށް ވަންނާކަށް ރައްޔާން އަކަށް ވެސް ނުކެރޭނެކަން އޭނާ އަށް ޔަގީންވެއެވެ. ވީއިރު ބޭކާރު ކަމަކަށް ސަމާލުކަން ދޭކަށް އޭނާ ބޭނުމެއްނުވިއެވެ.
ދިގު އިންތިޒާރަކަށްފަހު އަވަސްފަރުވާދޭ ކޮޓަރީގެ ދޮރުހުޅުވާލަމުން ޑޮކްޓަރު ބޭރަށް ނުކުތެވެ. އަދި ހިނިތުންވެލަމުން އަޒާންގެ ހާލަތު ރަނގަޅުކަމަށާއި ނަސީބަކުން މާބޮޑު ގެއްލުމެއް ލިބިފައިނުވާކަމަށް ބުނެލިއެވެ. އަދި އޭނާ ހޭއެރުމުން ބައްދަލުކުރުމުގެ ހުއްދަ ލިބޭނެކަމަށް ބުނަމުން އެތަނުން ދިޔައެވެ. ޑޮކްޓަރުގެ ވާހަކަތައް އިވިފައި އެންމެނަށް އެއްފަހަރާ ޙަމްދުކޮށްލެވުނެވެ. އަދި އަޒާން ހޭއަރާނެ ވަގުތެއްގެ އިންތިޒާރުގައި ގޮނޑިތަކުގައި އިނށީދެލައިގެން އެންމެން ތިއްބެވެ. އެހެން އިން އިރު އިރުއިރުކޮޅާ ލިޔާރާގެ ނަޒަރު އިޝްޔާ އަށާއި ޒިވްރާއަށް ހުއްޓެމުން ދިޔައެވެ. އަޒާންގެ ނިންމުން އަންނާނެ ގޮތެއް ނޭނގި ޚުދު އޭނާ ވެސް ކަންބޮޑުވެފައިވީ ކަހަލައެވެ. ޒިވްރާގެ ދުލުން ފައުޅުނުކުރިއެއް ކަމަކު މިވީ ދުވަސްތަކުގެ ތެރޭގައި އޭނާ އަށް ވަނީ ޒިވްރާގެ ދެލޮލުން އަޒާން އަށްޓަކައި ތެދުވެރި ލޯބީގެ އެތައް އަސަރެއް ފެނިފައެވެ. ޚުދު އޭނާ އަށް ވެސް އެދެވެމުންދިޔައީ އަޒާން ޒިވްރާ އޭނާގެ ޙަޔާތަށް ގެނައުމަށެވެ. އެކަމަކު އޭނާ އާއި ހިލްމީ އަކީ ދުވަހަކުވެސް ކުދިންނަށް އެފަދަ ކަންކަމުގައި މަޖުބޫރިކުރި ބަޔަކަށް ނުވާތީ، އެ ނިންމުން އަޒާންގެ މައްޗަށް ދޫކޮށްލައިގެން ހުރީއެވެ. ފަހަރެއްގައި ވެސް އިޝްޔާ އެނބުރި އައިސްދާނެ ކަމަކަށް ލިޔާރާ ހިއެއް ނުކުރެއެވެ. ހިތް ނޭދުނަސް އަޒާން އިޝްޔާ ބަލައިގަނެފިކަމުގައި ވާނަމަ އޭނާއަށް ޖެހޭނީ ދަރިފުޅުގެ އުފަލަށްޓަކައި އެކަމަށް ރުހޭށެވެ. އެ ޚިޔާލުތަކުން ނުތަނަވަސްކަން ލިޔާރާ އަށް ލިބުނެވެ. ހަމްދަރުދީގެ ނަޒަރަކުން އޭނާ އަށް އިސްޖެހިފައި އިން ޒިވްރާއަށް ބަލައިލެވުނެވެ. އެ އަންހެންކުއްޖާގެ ހިތް ހަލާކުވާކަށް އޭނާ ނޭދެއެވެ. އަޒާން މިފަހަރު ވިސްނާފައި ރަނގަޅު ގޮތަކަށް ނިންމާނެނަމަ އެވެ. ހިތާހިތުން ހުރިހާ ކަމެއް ރަނގަޅު ކޮށްދެއްވުން އެދި ލިޔާރާ އަށް ދުޢާ ކޮށްލެވުނެވެ.
އަޒާން ހޭއެރުމާއެކު އޭނާގެ ހާލަތު ވެސް ރަނގަޅުވުމުން ޕްރައިވެޓް ކޮޓްރިއަކަށް ބަދަލުކުރެވުނެވެ. އަދި އާއިލާގެ މެމްބަރުންނަށް އޭނާއާ ބައްދަލުކުރުމުގެ ހުއްދަ ދިނެވެ. ކުޑަކޮށް ލޯ ހުޅުވާލައިގެން ކޮޓަރީގެ ތެރަށް ވަންނަމުންދިޔަ މީހުނަށް ބަލަހައްޓައިގެން އަޒާން އޮތެވެ. ހިނިތުންވެފައި އެތެރަށް ވަތް ލިޔާރާ އާއި ހިލްމީގެ އިތުރުން ރައްޔާންގެ ފަހަތުން ވަދެގެން އައި އިޝްޔާ ފެނުމުން އޭނާއަށް ދުރަށް ނަޒަރު ހުއްޓާލެވުނެވެ. އިޝްޔާ ދެއްކި ވާހަކަތައް ހަނދާންވުމުން އަޒާންއަށް ކުރުވީ އުނދަގޫ އިހުސާސެކެވެ. ލިޔާރާ ގޮވާލުމާއެކު ހިތްވަރުކޮށްފައި އަޒާން އެ ދިމާއަށް ބަލާލިއެވެ. އެހެނަސް ކޮޓަރިއަށް ވަންނަ ދޮރާ ދިމާއަށް އޭނާއަށް ކެތްތެރިކަން ކުޑަވެފައި އޮތް ގޮތަކަށް ބެލެމުން ދިޔައެވެ. ކޮންމެވެސް މީހަކަށް އޭނާ އިންތިޒާރުކުރާ ކަހަލައެވެ. ނަމަވެސް އިތުރު މީހަކު ނުވަނުމުން އަޒާންގެ ހިތަށް ލިބުނީ މާޔޫސްކަމެވެ. އުނދަގޫ ގޮތަކަށް ލިޔާރާގެ އަތުގައި ހިފާލަމުން އޭނާ މަންމަގެ މޫނަށް ފަރުވާތެރި ގޮތަކަށް ބަލާލިއެވެ. "މަންމާ.. ޒިވް.. ޒިވީ ކޮބާ؟" އަޒާންގެ ސުވާލުން އިޝްޔާއަށް ލިބުނީ ހައިރާންކަމެވެ. އޭނާ އެތަނުގައި ހުއްޓައި ވެސް އަޒާން އެންމެ ފަހަރަކުވެސް އޭނާއަށް ބަލައިނުލީތީ އެކަމާ ޝަކުވާ އުފެދުނެވެ. ބަހެއްވެސް ނުބުނެ އަޒާންގެ ސަމާލުކަން ލިބޭނެ އިރެއްގެ އިންތިޒާރުގައި އޭނާ ހުއްޓެވެ. އެހެނަސް އޭނާ އަށް ނުބަލަން އަޒާން ހުވާ ކޮށްގެން އޮތް ފަދައެވެ. ތުންފިއްތާލަމުން އިޝްޔާ އަށް އިސްޖަހައިލެވުނެވެ. އެތަން ބަލަން ހުރި ރައްޔާން އަށް ނުލަފާ ގޮތަކަށް ހީނލެވުނެވެ.
"އެބައިން ބޭރުގަ.. މަންމަ ބުނީމަވެސް ބުނީ އިރުކޮޅަކުންނޭ އަންނާނީ.. ގޮވާލަންވީތަ؟" ލޯތްބާއެކު އަޒާންގެ ބޮލުގައި ފިރުމާލަމުން ލިޔާރާ އަހައިލިއެވެ. އެއާއެކު ދެފަރާތަކަށް އަޒާން ބޯހޫރާލީއެވެ. އަދި ލިޔާރާ އާއި ހިލްމީގެ އެހީގައި ތެދުވެ އެނދުގައި ލެގިލަމުން ހަމަޖެހިލިއެވެ.
"އަހަރެން ބޭނުން އިރުކޮޅަކު އިޝީ.. އިޝްޔާއާ ވަކިން ވާހަކަދައްކާލަން.." އެހެންމީހުނަށް ކިރިޔާ އިވޭ ވަރަށް އަޒާން ބުނެލިއެވެ. އެއާއެކު ވަގުތުން ލިޔާރާގެ މޫނުމަތި މިލައިގެން ދިޔައެވެ. ހިތްހަމަނުޖެހުނަސް ދެކޮޅަށް އޭނާ އެއްޗެއް ނުބުންޏެވެ. އަޒާންގެ އެދުން ގަބޫލުކުރާ ފަދައަކުން ބޯޖަހައިލަމުން އެކޮޓަރިން ނުކުންނަން އެމީހުން މިސްރާބުޖެހިއެވެ. "ޒިވީ ގާތު ބުނޭ 15 ވަރަކަށް މިނިޓް ފަހުން ވަންނާށޭ.." ފަސްއެނބުރި ހިނގައިގަތް ލިޔާރާއަށް ގޮވާލަމުން އަޒާން އެދުނެވެ. ދެންވެސް ބަހެއް ނުބުނެ ލިޔާރާ ހަމައެކަނި ބޯޖަހައިލީއެވެ. އަދި ނުރުހުމުގެ ނަޒަރަކުން އިޝްޔާއަށް ބަލައިލުމަށްފަހު އެ ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ.
"ޒާން.. ތެންކް ޔޫ.. ތެންކް ޔޫ ސޯ މަޗް.. އަހަރެން ހިއެއް ނުކުރަން ޒާން އަހަންނާ ވާހަކަދައްކަން ބޭނުންވެދާނެ ކަމަކަށް ވެސް.. ޒާން ޕްލީޒް.. އަހަންނަށް މަޢާފުކުރޭ.. ގަބޫލުކުރަން އަހަންނަށް ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން.. އެކަމަކު.. މިހާރު އަހަންނަށް ވިސްނިއްޖެ.. އެންމެ ހިނދުކޮޅަކުވެސް ޒާންއާ ދުރުގަ ހުންނާކަށް އަހަރެން ބޭނުމެއް ނޫން.. ޕްލީޒް އަހަންނަށް އެއް ފުރުސަތު ދީ.. ދެވަނަ ފަހަރަށް އެފަދަ ކަމެއް ވިޔަކަ ނުދޭނަން. ޒާން ޝަކުވާ ކުރާނެ އެއްވެސް ފުރުސަތެއް ނުދޭނަން.. އަހަރެމެންނަށް ގެއްލުނު ހުރިހާ ދުވަހަކަށްވާ ވަރަށް ލޯބިދޭނަން.. އައި ޕްރޮމިސް.." ދެމީހުން އެކަނިވުމާއެކު އެންމެ ސުކުންތުކޮޅެއް ވެސް ބޭކާރުކުރާކަށް އިޝްޔާ ބޭނުމެއް ނުވިއެވެ. އަޒާންއާ ގާތްވެލަމުން އޭނާގެ އަތުގައި ހިފާލުމަށްފަހު ރޮވިފައި ހުރެ އިޝްޔާ ވާހަކަދައްކަމުން ދިޔައެވެ. ތަކުރާރުކޮށް އަޒާންގެ ކިބައިން މަޢާފަށް އެދެމުން ދިޔައެވެ. ބަހެއްވެސް ނުބުނެ އިޝްޔާއަށް ބަލަހައްޓައިގެން އަޒާން އިނީއެވެ. އެކަމުން އުނދަގޫގޮތެއް އިޝްޔާ އަށް އިހުސާސުވިއެވެ. އެ ނަޒަރުގައި ބީރަށްޓެހިގޮތެއް ހުރިހެން އޭނާއަށް ހީވަނީއެވެ. އެލޮލުން އެހެންނާ އިޝްޔާއަށްޓަކައި ފައުޅުވާން ހުންނަ ލޯތްބާއި ކުލުނުގެ އެއްވެސް އަސަރެއް ފައުޅުވާކަށް ނެތެވެ.
"ކީއްކުރަން އެނބުރި ތިއައީ؟ ކޮބާ އައިމަން؟" އިޝްޔާގެ އަތުން އަތްނައްޓާލަމުން އަޒާން މަޑުމަޑުން އެއްސެވެ. އެއާއެކު ހިނދުކޮޅަކަށް އިޝްޔާ ހުއްޓުން އަރާގޮތް ވިއެވެ. ހިންދިރުވައިލަމުން އަމިއްލަ ނަފުސު ހަމައަކަށް އަޅުވާލުމަށްފަހު އިޝްޔާ ވާހަކަދައްކަން ފެށިއެވެ. އަޒާންގެ އެ ދުރުކަމުން އޭނާ ކޮންމެވެސް ވަރަކަށް ހިތުޖެހޭގޮތް ވިއެވެ.
"ޒާން އުފަލެއްނުވޭތަ އަހަރެން އެނބުރި ޒާން ގާތަށް އައީމަ؟ މިއީއެއް ނޫންތަ ޒާން ވެސް ބޭނުންވާ ގޮތަކީ؟ އަހަރެން މިއައީ އަހަންނަށް ކަންތައްކުރެވުނު ގޮތް ވިސްނިގެން. މަޢާފަށް އެދެން ބޭނުންވާތީ.. އަހަރެން ހީކުރީ އަހަރެން އައީމަ ޒާން ވެސް އުފާވާނެކަމަށް. ކީއްކުރަން އައިމަންގެ ވާހަކަ ދައްކަނީ؟ އެއީ މުހިންމު މީހެއް ނޫން. ޒާން އަކަށް ނޭނގޭނެ އޭނަ އަހަންނާމެދު ކަންތައް ކުރި އިހާނެތި ގޮތެއް. އަނެއްކޮޅުން އަހަރެމެން މިއުޅެނީ ވަރިވާން.. އެހެންވީމަ އޭނާގެ ވާހަކަތައް ދައްކާކަށް ބޭނުމެއް ނޫން. ޒާން ޕްލީޒް.. އަހަންނަށް އިނގޭ އަހަންނަށް މަޢާފުކުރުން ފަސޭހަކަމަށް ނުވާނެކަން. އެކަމަކު ޒާން އަހަރެންދެކެ ލޯބިވެއެއްނު. އަދިވެސް ލޯބިވަމެއްނު. އެ ލޯތްބަށްޓާކާ ވިއަސް އަހަންނަށް މަޢާފުކޮށްދީ.. އަހަރެމެންނަށް ދެވަނަ ފުރުސަތެއް ނުދެވޭނެތަ؟ އަލުން އާ ފެށުމަކުން ނުފެށޭނެތަ؟ މާޒީގަވީ ކަންތައް ހަނދާންނައްތާލާފަ ލޯބިން ނޫޅެވޭނެތަ؟ ކުރިންވެސް އަހަންނަށް ކުށެއް ކުރެވުނީމަ އަބަދުވެސް ޒާން އަހަންނަށް މަޢާފުކުރަމެއްނު. މިފަހަރުވެސް މަޢާފުކޮށްދީބަލަ.. ޕްލީޒް ޒާން.. އައި ލަވް ޔޫ.. އައި ލަވް ޔޫ ސޯ މަޗް.. އަހަންނަށް ޒާންއާ ނުލާ ނޫޅެވޭނެ. ޒާން ގެއްލުނުފަހުން އަހަންނަށް އިހުސާސު ކުރެވުނީ އަހަރެންގެ އަތުން ގެއްލުނީ ކިހާ އަގުބޮޑު އެއްޗެއްކަން.. މުޅި ދިރިއުޅުމުގަ ވެސް ކަމަކާ ހިތާމަ ނުކުރާވަރަށް އަހަންނަށް އެކަމާމެދުގަ ހިތާމަކުރެވިއްޖެ.. ދެވަނަ ފަހަރަށް ޒާން ގެއްލޭކަށް އަހަރެން ބޭނުމެއްނޫން.." އަނެއްކާވެސް އަޒާންގެ އަތުގައި ހިފާލަމުން އިޝްޔާ އާދޭސްކުރަން ފެށިއެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު މަޑުމަޑުން ދޮރުހުޅުވާލަމުން ޒިވްރާ އެތެރަށް ބޯދިއްކޮށްލިއެވެ. އެތަން ފެނިފައި އިޝްޔާގެ ނިތަށް ރޫއަރައިގެން ދިޔައެވެ. "ވީ އާރ ނޮޓް ޑަން.. ޕްލީޒް ލީވް" ހިތްހަމަނުޖެހިފައި އިޝްޔާ ބުނެލިއެވެ. އެއާއެކު އޭނާގެ އަތް ފޮޅުވާލަމުން އަޒާން ޒިވްރާއަށް ގޮވާލިއެވެ. އަދި އޭނާގެ ގާތަށް އައުމަށް ބުނަމުން ޒިވްރާއަށް އަތްދިއްކޮށްލިއެވެ. ގަބޫލުނުކުރެވިފައި އިޝްޔާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އަދި އެއްފަހަރު އަޒާން އަށް، އަނެއް ފަހަރު ކޮޓަރީތެރަށް ވަދެގެން އައި ޒިވްރާ އަށް ނަޒަރު ހިންގާލެވުނެވެ.
ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ޒިވްރާގެ މޫނުމަތިން ފައުޅުވާން ހުއްޓެވެ. ޖެހިލުންވެފައި ހުރެ އޭނާ އައިސް އެމީހުނާ ތަންކޮޅެއް ދުރުގައި މަޑުކޮށްލަމުން ކަންބޮޑުވެފައި އަޒާންގެ އަތަށް ބަލާލިއެވެ. "އިޓްސް އޯކޭ ޒާން.. ތި ދެމީހުން ވާހަކަދައްކާ ނިމެންދެން އަހަރެން ބޭރުގަ މަޑުކޮށްލަފާނަން" ހިންދިރުވާލަމުން އިޝްޔާގެ ނުރުހުންވެފައިވާ މޫނަށް ބަލައިލުމަށްފަހު ޒިވްރާ ބުނެލިއެވެ. ވަގުތުން އެކަމަށް ދެކޮޅުހަދާ ފަދައަކުން އަޒާން ދެފަރާތަށް ބޯހޫރާލިއެވެ. "ޒިވީ އަށް އެނގެން ނުޖެހޭ ވާހަކައެއް މިތަނުގަ ނުދެކެވޭ. އަހަރެން ގާތަށް އަންނަން ބޭނުންނުވަނީތަ؟" ކެތްތެރިކަން ކުޑަ ގޮތަކަށް އަޒާން ބުނެލިއެވެ. އެއަޑުގައިވީ ބޭޤަރާރުކަން ކިތަންމެ ސާފުކޮށް ވެސް ޒިވްރާގެ އިތުރުން އިޝްޔާއަށް ވެސް ފާހަގަވިއެވެ. ނުބައި ގޮތަކަށް އިޝްޔާގެ ހިތް ތެޅިގަތެވެ. ނުކެރިފައި ހުރިފަދައަކުން ޒިވްރާ ލަސްލަހުން ކުރިއަށް ޖެހިލައި އަޒާންގެ އަތުގައި ހިފާލިއެވެ. އެއާއެކު އަޒާން ޒިވްރާގެ އަތަށް ފިތާލަމުން އޭނާއާ ގާތަށް ދަމާލިއެވެ. އެތަން ފެނިފައި އިޝްޔާގެ ހިތް ގެނބިގެންދިޔަފަދަ އިހުސާސެއް އޭނާ އަށް ކުރެވުނެވެ.
(ނުނިމޭ)
Ads by MACL
