އީގަލް ހިސްލް މަޝްރޫއުގެ ހަގީގަތް: ބިމުގެ ސިޔާދަތީ ބާރު ދައުލަތަށް، މިލްކުވެރިކަން ބީވެގެންނެއް ނުދާނެ!
ލިޔުއްވީ: އަލްއުސްތާޒު މުހައްމަދު ހަލީމް ދިވެހިރާއްޖޭގެ އިގުތިސޯދީ އަދި އުމްރާނީ ތާރީހުގެ މިސްރާބަކަށް އެނބުރިގެންދާނެ އެންމެ ބިޔަ، އެންމެ ހާއްސަ މަޝްރޫއަކަށް ވެގެންދާނީމޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ ތަރައްގީކުރުމުގެ ޕްރޮޖެކްޓެވެ.
ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ މި މެގާ މަޝްރޫއަކީ ރާއްޖޭގެ އިގުތިސޯދުގެ މޫނުމަތި މުޅިން ބަދަލުކޮށްލާނެ ދެވަނައެއް ނުވާ އިންގިލާބީ ފެށުމެކެވެ. ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތަކާއެކު ގައުމުގެ ސިޔާދަތާއި ބިމުގެ މިލްކުވެރިކަމާ މެދު ސިޔާސީ ފަރާތްތަކާއި، އާންމުންގެ ތެރޭގައި އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ.
ނަމަވެސް، ޔަގީންކަމަކީ، މި މަޝްރޫއުގެ ގާނޫނީ އަދި މާލީ އޮނިގަނޑު ރޭވިފައިވަނީ ދައުލަތުގެ ސައްތައިން ސައްތަ ބާރު ހިނގާގޮތަށެވެ. އަދި ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލު އަބަދުވެސް އޮންނަ ގޮތަށެވެ.
Ads by BMLގައުމީ ސަލާމަތާއި، ބިމުގެ ހައްގުތަކާއި، ދައުލަތަށް ލިބޭ މާލީ މަންފާގެ އިތުރުން ދުނިޔޭގެ ރިއަލް އެސްޓޭޓް މާކެޓުގައި ރާއްޖޭގެ މި މޮޑެލްގެ އަގު ހިފެހެއްޓުމަށްޓަކައި ހަދާފައިވާ މި ހާއްސަ ގާނޫނީ އޮނިގަނޑަކީ، ރާއްޖޭގައި މިހާތަނަށް ހިންގި ފަތުރުވެރިކަމުގެ ރިސޯޓު މޮޑެލްއަށްވުރެ މާ ހަރުދަނާ، އަދި ދައުލަތުގެ ސިޔާދަތީ ބާރު މާ ބޮޑަށް ރައްކާތެރިކޮށްދޭ ފަރުމާއެކެވެ.
ބިމުގެ މިލްކުވެރިކަމާއި، ސިޔާދަތީ ބާރައި، ގާނޫނު އަސާސީގެ 251 ވަނަ މާއްދާގެ އިމްތިޔާޒު
ރަސްމާލޭގެ މަޝްރޫއުގެ ދަށުން ދޫކުރެވޭ ބިމުގެ އަސްލު މިލްކުވެރިކަމަކީ އެއްވެސް ހާލަތެއްގައި، އަދި އެއްވެސް ސިފައެއްގައި ދިވެހި ދައުލަތުގެ އަތުން ބީވެގެންދާނެ އެއްޗެއް ނޫނެވެ. ބައިނަލްއަގުވާމީ ރިއަލް އެސްޓޭޓް އުސޫލުތަކާއި ދިވެހި ގާނޫނީ ނިޒާމު ކަށަވަރުކޮށްދޭ ގޮތުގައި، އެތަނުން ޕްރޮޕަޓީއެއް ގަންނަ އެއްވެސް އަމިއްލަ ފަރާތަކަށް، ނުވަތަ އެތަން ތަރައްގީކުރާ ޑިވެލޮޕަރަށް، ނުވަތަ އެ ތަނުން ތަނެއް ވިއްކާ މީހަކަށްވެސް ބިމުގެ ދާއިމީ މިލްކުވެރިކަމުގެ ހައްގެއް (Freehold Rights) ލިބިގެނެއް ނުވެއެވެ. އެހެންކަމުން، ބިމުގެ މާދަރީ މިލްކުވެރިކަމާއި، ސިޔާދަތީ ބާރު އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ދަށުގައެވެ.
ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ށ) ގައި ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ބިމެއް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރެވެ. އެހެންކަމުން، އީގަލް ހިލްސް ޕްރޮޖެކްޓްގެ ދަށުން ރަސްމާލެއިން ކުއްޔަށް ދޫކުރެވޭ ކޮންމެ 'އާ ގްރާންޓަކީ' ގާނޫނު އަސާސީ ހުއްދަކުރާ އެ 99 އަހަރުގެ އިމުގެ ތެރެއިން ފެށޭ މުޅިން 'އާ ފެށުމެކެވެ'. މިފަދަ 'ފްރެޝް ލީސް' ތަކަކީ ކުރީގެ އެއްބަސްވުމުގެ ދަށުން އިތުރުކުރެވޭ މުއްދަތެއް (Extension) ނޫންކަން އިނގިރޭސިވިލާތާއި އިންޑިޔާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުން އެނގެއެވެ. އެގޮތުން، އިންޑިއާގެ ސުޕްރީމް ކޯޓުގެ State of M.P. v. K rishnadas Tikaram ގަޒިއްޔާގައި ފަނޑިޔާރު ބަޔާންކުރައްވާފައިވަނީ، ބިމުގެ އެއްބަސްވުމެއް އާކުރުމަކީ ނުވަތަ އާ ބަޔަކަށް ގްރާންޓް ދިނުމަކީ ކުރީގެ ގާނޫނީ އިލްތިޒާމްތަކުން އެ އެއްބަސްވުން މުޅިން މިނިވަންވާ ކަމެކެވެ. އަދިމުއްދަތު ގުނުން ސުމަކުން ފެށޭ 'އާ ގްރާންޓެއް' ކަމަށެވެ. ހަމައެއާއެކު، އިނގިރޭސިވިލާތުގެ ކޮމަން ލޯގެ Matthews v. Smallwoodގަޒިއްޔާގައި ފަނޑިޔާރު ކަނޑައަޅުއްވާފައިވަނީ، ބިމެއްގެ ހައްގުތަކަށް ބަދަލު އައުމުން ގާނޫނީގޮތުން ހިންގަނީ 'Surrender and Regrant' (ކުރީގެ ހައްގުތައް ސަރުކާރަށް ދޫކޮށްލުމުން އަލުންދޭ މުޅިނ އާ ދިނުމެއްގެ ގޮތުގައި) ކަމަށާއި، މިއީ މުޅިން އާ ކޮންޓްރެކްޓެއްގެ އުފެދުން ކަމަށެވެ. އެހެންކަމުން، އީގަލް ހިލްސް އިން ރަސްމާލޭގައި ތަރައްގީކުރާ ޕްރޮޕަޓީތައް ފްރެޝް ގްރާންޓެއްގެ ގޮތުގައި 99 އަހަރަށް ކުއްޔަށް ދިނުމަކީ އޭގެ މައްޗަށް ގާނޫނޫ އަސާސީގެ 251 ވަނަ މާއްދާގެ ދަށުން އިމްތިޔާޒު ލިބިގެންވާ އެއްބަސްވުންތަކެކެވެ.
ޓެކްސް ގާނޫނުގެ ބާރުވެރިކަން ހިނގާނެ!
ބައިނަލްއަގުވާމީ އިންވެސްޓްމަންޓްތައް ހިފައިގެން އަންނަކުންފުނިތަތަކުން ޓެކްސްގެ ބޮޑެތި ލުއިތަކައި، ބޮޑެތި އިނާޔަތްތައް ނުވަތަ ގާނޫނީ އިސްތިސްނާތަކަށް އެދެއެވެ. ނަމަވެސް، މި މަޝްރޫއާއި ގުޅިގެންއީގަލް ހިލްސްއަށް އެފަދަ އެއްވެސް ލުޔެއް ސަރުކާރުން ދީފައެއް ނުވެއެވެ.
ރަސްމާލޭގައި ހިނގާ ހުރިހާ ވިޔަފާރި މުއާމަލާތްތަކެއް ހިނގާނީ ރާއްޖޭގެ ޓެކްސް ގާނޫނުތަކުގެ ދަށުންނެވެ. އަދި ހުރިހާ މާލީ މުއާމަލާތްތަކެއް ހިނގާނީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިންނެވެ. އެހެންކަމުން، މި މަޝްރޫއުން ލިބޭ މާލީ ހުރިހާ މަންފާ ދިވެހި ގައުމުގެ އިގުތިސޯދުގެ ދައުރުވުމުގެ ތެރެއަށް ވަދެގެންދާނެއެވެ. އޭގެ ސަބަބުން ރާއްޖޭގައި ބޭރު ފައިސާތިޔާގިވެ، ދިވެހި ރުފިޔާގެ އަގު މަތިވެގެން ދާނެއެވެ.
ޕްރޮޕަޓީއެއް ވިއްކުމުގެ މަރުހަލާތައް
ރަސްމާލޭގެ ޕްރޮޕަޓީތައް ވިއްކުން، އަލުން ވިއްކުން، ވާރުތަވުން ނުވަތަ ހަދިޔާކުރުމުގެ ކޮންމެ މުއާމަލާތެއް ވެސް ހިނގާނީ ސަރުކާރު މެދުވެރިވެގެނެވެ. އަދި މި މުއާމަލާތްތަކުގެ މަރުހަލާތައް ތަރުތީބު ކުރެވިފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ތެރެގައެވެ.
ފުރަތަމަ މަރުހަލާއަކީ؛ މިއީ، ޕްރޮޕަޓީއެއް ގަތުމަށް، ނުވަތަ ވިއްކުމަށް ހުށަހެޅުމުން، އެ ހުށަހެޅުމެއްގެ މައްޗަށް ބަލައި، ސަރުކާރުން އެޕްރޫވް(Government approval) ކުރާ މަރުހަލާއެވެ. ޕްރޮޕަޓީ ވިއްކުމުގެ ނުވަތަ ބަދަލުކުރުމުގެ ހުށަހެޅުން އެންމެ ފުރަތަމަ ސަބްމިޓްކުރަން ޖެހެނީ ސީދާ ދިވެހި ސަރުކާރަށެވެ. މިގޮތަށް ހުށަހެޅުމުން ސަރުކާރުން އެ ޕްރޮޕަޓީއެއް ލިބޭ ފަރާތަކީ ކޮބައިކަން ބެލުމުގެ ގޮތުން ބައިނަލްއަގުވާމީ ވެޓިން (Vetting) މަރުހަލާއެއް ކުރިއަށް ގެންދާނެއެވެ. މި މަރުހަލާގައި އެ ފަރާތަކަށް ހުއްދަ ދިނުން ނުވަތަ މަނާކުރުމުގެ ފުރިހަމަ އިހުތިޔާރު އޮންނަނީ ހަމައެކަނި ދިވެހި ސަރުކާރަށެވެ.
ދެވަނަ މަރުހަލާއަކީ؛ މިއީ، ސަރުކާރުން މުއާމަލާތަށް ހުއްދަ ދިނުމާއެކު، ވިއްކާ ފަރާތުގެ އަތުގައި އޮތް ކުރީގެ ކުލީގެ އެއްބަސްވުން (Existing lease) އެއްވެސް ޝަރުތަކާ ނުލައި، ދާއިމީކޮށް ދައުލަތަށް ދޫކޮށްލައި ބާތިލްކުރުން (Lease surrendered) އެވެ. މިއީ ކުރީގެ އެއްބަސްވުމުގެ އެއްވެސް ގާނޫނީ ބަރުދަނެއް ދެން އަންނަ މުއާމަލާތަކަށް ނުފޯރުވުމަށްޓަކައި ކުރާ ކަމެކެވެ.
ތިންވަނަ މަރުހަލާއަކީ؛ މިއީ، ކޮންމެ ޕްރޮޕަޓީގެ ވެރިފަރާތް ބަދަލުވާ ކޮންމެ މުއާމަލާތަކުން، ޕްރޮޕަޓީ ވިއްކި އަގުގެ ނުވަތަ އެއިރެއްގެ ޓެކްސް އެސެސްމަންޓް ހަދާފައިވާ މާކެޓް ވެލިއުގާއި، މި ދެއަގުން ކުރެ ބޮޑު އަގެއްގެ ޖުމްލަ %4 ސީދާ ދައުލަތުގެ ހަޒާނާއަށް (State receives)ވަދެގެންދާނެއެވެ. މިއީ ދައުލަތަށް ދާއިމީކޮށް އާމްދަނީ ވަންނާނެ މާލީ ޕަމްޕެކެވެ.
ހަތަރުވަނަ މަރުހަލާއަކީ؛ މިއީ، ޕްރޮޕަޓީ ގަންނަ އައު ފަރާތަށް ދައުލަތުން މުޅިން އަލުން، އެ މުއާމަލާތް ހިނގާ ތާރީހުން ފެށިގެން 99 އަހަރަށް ހިނގާނެ އައު ލީސް އެއްބަސްވުމެއް (New grant) ދޫކުރެއެވެ. މިއީ ޕްރޮޕަޓީގެ މާކެޓް އަގު ދެމެހެއްޓުމަށްޓަކައި ބައިނަލްއަގުވާމީ ރިއަލް އެސްޓޭޓް މިންގަނޑުތަކާ އެއްގޮތަށް ކުރިއަށްގެންދާ ކަމެކެވެ.
ފަސްވަނަ މަރުހަލާއަކީ؛ މި މަރުހަލާގައި ދޫކުރާ އެއްބަސްވުމަކީ އައު ލީސް އެއްބަސްވުމަކީ ކުރީގެ އެއްބަސްވުމާއި ވަކިން ހެދިފައިވާ މިނިވަން އެއްބަސްވުމެކެވެ. އަދި ޕްރޮޕަޓީ ގަންނަ ފަރާތުން، ކުރީގެ ވެރިފަރާތުގެ އެއްވެސް ޝަރުތެއް، ޒިންމާއެއް ނުވަތަ ބާކީ އޮތް މުއްދަތެއް ބުރަ އުފުލާކަށް(No carry-over) ނުޖެހޭނެއެވެ.
މި އުސޫލުގެ ދަށުން، ދަށުން ރަސްމާލޭގައި ތަރައްގީ ކުރާ ތަންތަން ގަނެވިއްކުގައި އެފަރާތްތަކާއެކު މޭޒުގައި އިށީންނާނީ ދިވެހި ސަރުކާރެވެ. އަދި މިއިން އެއްވެސް މުއާމަލާތަކާއި ގުޅިގެން ހުއްދަތަކާއި ވިސާގެ ކަންކަމުގައި މާސްޓަރ ޑިވެލޮޕަރަށް ނުވަތަ އީގަލް ހިލްސް އަށް އެއްވެސް ބަހެއް ބުނުމުގެ ބާރެއް ލިބިގެން ނުވެއެވެ.
ނުވަދިހަ ނުވަ އަހަރަށް ކުއްޔަށް ދެނީ ކީއްވެ؟
ރިއަލް އެސްޓޭޓް މާކެޓުގެ ބައިނަލްއަގުވާމީ ތިއަރީތަކަށް ބަލާއިރު، ލީސްހޯލްޑް ޕްރޮޕަޓީއެއްގެ މުއްދަތު ކުރުވަމުންދާ ވަރަކަށް، އެ ޕްރޮޕަޓީއެއްގެ މާކެޓް އަގު ދަށަށް ދެއެވެ. މިސާލަކަށް، 99 އަހަރުގެ ލީހެއްގައި އޮތް ފްލެޓެއް ނުވަތަ ވިލާއެއްގެ މުއްދަތުން 40 އަހަރު ފާއިތުވުމުން، އެ ބާކީ އޮތް 59 އަހަރަށް އެ ޕްރޮޕަޓީ ބޭންކުތަކުގައި ރަހުނުކުރުމާއި، އަލުން ބޮޑު އަގުގައި ވިއްކުމަކީ ދުނިޔޭގެ މާކެޓުގައި އުނދަގޫވާ ކަމެކެވެ. ސަބަބަކީ މުއްދަތު ހަމަވާން ކައިރިވާ ވަރަކަށް އިންވެސްޓްމަންޓްގެ އަގު ދަނީ 'ޒީރޯ' އާ ދިމާލަށެވެ.
ރަސްމާލޭގެ މޮޑެލްގައި އާ ގްރާންޓްގެ ދަށުން ޕްރޮޕަޓީގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުވާއިރު، އާ އެއްބަސްވުމުގެ ދަށުން ގަންނަ ފަރާތަށް 99 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މިގޮތުން، ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ނަޒަރުން ބަލާއިރު، މީގެ ސަބަބުން ޕްރޮޕަޓީގެ އުމުރު ދުވަހަކު ވެސް ކުރުވެގެން ނުދާނެއެވެ. މާނައަކީ ޕްރޮޕަޓީގެ އުމުރުން 50 އަހަރުގައި ވިއްކާލިޔަސް، އަލަށް ގަންނަ މީހާއަށް އަނެއްކާވެސް އެޕްރޮޕަޓީ ފުރިހަމަ 99 އަހަރު ލިބިގެންދާނެއެވެ. ބޭނުމަކީ، ޕްރޮޕަޓީގެ އަގު ދާއިމީކޮށް މަތީގައި ހިފެހެއްޓުމެވެ. ދުވަހަކު ވެސް އަގު ވެއްޓިގެން ނުދާނެކަންކަށަވަރުވެއެވެ.
މީގެއިތުރުން ބައިނަލްއަގުވާމީ ބޭންކުތަކުން ލޯނު ދޫކުރާއިރު، ލީސްގެ ބާކީއޮންނަ މުއްދަތަށް ވަރަށް ބޮޑަށް ބަލައެވެ. ރަސްމާލޭގެ ޕްރޮޕަޓީތަކަކީ އަބަދުވެސް 'ފްރެޝް 99 އިޔާސް' ލީސްތަކަކަށް ވާތީ، ބޭންކުތަކުން ލޯނު ދޫކުރުމުގެ ރިސްކު ކުޑަވެގެން ދެއެވެ. އަދި ބޭންކުތަކާއި، ފައިނޭންސަރުންގެ ފުރިހަމަ އިތުބާރު އިންވެސްޓަރުންނަށް ލިބިގެންދެއެވެ.
އިސްރާއީލު ޕާސްޕޯޓަށް ރަސްމާލެބަންދު!
ރަސްމާލޭގެގައި ތަރައްގީ ކުރާ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާގެ އެއްވެސް ތަނެއް ރިައލް އެސްޓޭޓް ބާޒާރުން ބޭރުގެ ފަރާތްތަކަށް ގަނެވޭނީ ދިވެހި ސަރުކާރުގެ ސްކުރީނަކަށްފަހުއެވެ. ނުވަތަ ވަރުގަދަ ބެލުންތަކެއް ބެލުމަށްފަހުއެވެ. އެހެންކަމުން، މިހަރުދަނާ މި ހަރުދަނާ އޮނިގަނޑުގެ ތެރެއިން، އިސްރާއީލު ނުވަތަ ޔަހޫދީ ޕާސްޕޯޓް އޮންނަ އެއްވެސް ޒަޔަނިސްޓަކަށް މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އެއްވެސް ޕްރޮޕަޓީއެއް ގަތުމުގެ ފުރުސަތެއް ނޯންނާނެއެވެ. ސަބަބަކީ، ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން އިސްރާއީލް ޕާސްޕޯޓް ގެންގުޅޭ ކޮންމެ މީހަކަށްމެ ރާއްޖޭގެ މައި ދޮރާއްޓަކީ ބަންދު ދޮރާއްޓެކެވެ. އެހެންކަމުން ދިވެހިރާއްޖެ އެތެރެވުމުގެ ހައްގު ނެތްބަޔަކަށް ރާއްޖޭގެ ރިއަލް އެސްޓޭޓް މުއާމަލާތްތަކުގައި ބައިވެރިވުމުގެ އެއްވެސް އިދާރީ ފުރުސަތެއް ނުލިބޭނެއެވެ.
މީގެއިތުރުން، މި މަޝްރޫއުގެ ތެރެއިން ޝަރުތު ހަމަވާ އެހެން ބޭރުގެ ފަރާތަކުން ޕްރޮޕަޓީއެއް ގަތްނަމަވެސް އެއީ ރާއްޖޭގައި ދިރިއުޅުމުގެ ހައްގު ލިބިދޭ ކަމެއްނޫނެވެ. ރާއްޖޭގައި ބޭރުގައުމެއްގެ މީހަކަށް ހުރެވޭނީ ނުވަތަ ދިރިއުޅެވޭނީ މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރާ ވިސާ ލިބިގެނެވެ. މި ވިސާއަކީ ގައުމީ ސަލާމަތާއި، އުސޫލުތަކަށް ވަކިވަކިން ކޮންމެ މީހަކަށް ބެލުމަށްފަހު މެނުވީ އެއިދާރާއިން ދޫކުރާ އެއްޗެއް ނޫނެވެ. އަދި އެތަނުން ޕްރޮޕަޓީއެއް ހޯދާ އަމިއްލަ ފަރާތްތަކަށް ނުވަތަ ތަރައްގީކުރާ ޑިވެލޮޕަރަށް، ނުވަތަ ވިއްކާ މީހަކަށްވެސް ބިމުގެ ދާއިމީ މިލްކުވެރިކަމުގެ ހައްގެއް ނުލިބޭނެއެވެ، އަދި ރަސްމާލެއިން ކުއްޔަށްދޭ ތަންތަނަކީ މުއްދަތު ކަނޑައެޅިގެން ކުއްޔަށްދެވޭ ތަންތަނަށްވާތީ، ގައުމީ ސަލާމަތާއި ބޯޑަރު ބެލެހެއްޓުމުގެ ފުރިހަމަ އިހުތިޔާރު އަބަދުވެސް އޮންނާނީ ދިވެހި ސަރުކާރުގެ މުއައްސަސާތަކުގެ އަތްމަތީގައެވެ.
ރިސޯޓު މޮޑެލްއާއި ރަސްމާލެ ޕްރޮޕަޓީ އަޅާކިޔުން
ދިވެހިރާއްޖޭގައި މިހާތަނަށް ބޭރުގެ އިންވެސްޓްމަންޓްތައް ތަރައްގީކޮށްފައިވަނީ ރިސޯޓްފަދަ މަޝްރޫއުތަކަށެވެ. މިފަދައިން ތަރައްގީކުރުމަށް ދޫކުރެވޭ ތަންތަނަކީ ފަތުރުވެރިކަމުގެ ގާނޫނުގެ ދަށުން ދޫކުރެވިފައިވާ ތަންނެވެ. މިއާހިލާފަށް، ރަސްމާލޭގެ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ ޕްރޮޖެކްތަކީ ރިސޯޓު މޮޑެލްއަށްވުރެ މާ ބޮޑަށް ދައުލަތަށް ބާރުވެރިކަން ކަށަވަރުކޮށްދޭ ގާނޫނީ އޮނިގަޑެއްގެ ދަށުން ހިންގާ މަޝްރޫއެކެވެ.
ރިސޯޓު މޮޑެލްގައި ދައުލަތަށް ބަސް ބުނުމުގެ ފުރުސަތު ލިބެނީ ކުލީގެ މުއްދަތު ހަމަވާ ކޮންމެ 50 އަހަރކުން ނުވަތަ 99 އަހަރަކުން އެއްފަހަރު(Once per lease cycle) އެވެ. ނަމަވެސް ރަސްމާލޭގެ ޕްރޮޕަޓީ މޮޑެލްގައި ޕްރޮޕަޓީއެއް ބަދަލުވާ ކޮންމެ ފަހަރަކުމެ؛ ވިއްކުން، އަލުން ވިއްކުން، ވާރުތަވުން، ހަދިޔާކުރުން ފަދަ ކޮންމެ މުއާމަލާތެއް ހިނގާ ފަހަރަކުދައުލަތުގެ ބަހާއި ހުއްދަ ހޯދަން މަޖުބޫރެވެ.
ރިސޯޓުތަކުގައި އެއް ފަރާތަކަށް ކޮންމެ ބުރެއްގައި ފީ ދައްކައިގެން ދާއިމީކޮށް ރިސޯޓު ހިފެހެއްޓުމުގެ ފުރުސަތު އޮވެއެވެ. އެކަމަކު ރަސްމާލޭގައި ކޮންމެ ޓްރާންސްފައެއްގައި ސަރުކާރުގެ ހުއްދަ ހޯދަންޖެހޭއިރު، ވާރުތަވެރިޔާ ނުވަތަ ޑިވެލޮޕަރު ވިޔަސް ޖެހެނީ ހަމަ އެއް ގޭޓަކުން ފާސްހޯދާށެވެ.
ރިސޯޓެއްގެ މެދުތެރެއިން ލީސްހޯލްޑް ނުވަތަ ހިއްސާ ވިއްކާލުމުން ދައުލަތަށް ސީދާ ފައިސާއެއް ނުލިބެއެވެ. ނަމަވެސް ރަސްމާލޭގައި ކޮންމެ ޓްރާންސްފައަކުން އަގުގެ %4 ދައުލަތަށް ލިބޭނެއެވެ. އަދި މާސްޓަރ ޑިވެލޮޕަރު ނުވަތަ އިގަލް ހިލްސް އިން ޕްރޮޕަޓީ ވިއްކާ އަލަތު ފަހަރު، ކޮންމެ ވިއްކުމުން ދައުލަތަށް އަގުގެ %10 ސީދާ ލިބިގެންދެއެވެ.
ރިސޯޓު މޮޑެލްގައި ކުރީގެ ކުއްޔަށް ހިފި ފަރާތަށް އައު ލީސް ލިބުމުގެ އިސްކަން ނުވަތަ 'އިންސައިޑް ޓްރެކް' އޮވެއެވެ. ރަސްމާލޭގައި އެފަދަ އެއްވެސް އިސްކަމެއް ނޯވެއެވެ. ކޮންމެ ފަހަރަކު ލީސް ސަރަންޑާކޮށްފައި އައު ލީސް ދެނީ ހަމައެކަނި ސަރުކާރުން ގަބޫލުކުރާ ފަރާތަކަށެވެ.
ރިސޯޓުގެ މުއްދަތު ހަމަވެގެން ސަރުކާރުން ރަށް ނަގާނަމަ އިމާރާތްތަކުގެ ޑެޕްރިޝިއޭޓެޑް ވެލިއު ދައުލަތުން ރިސޯޓުގެ ވެރިފަރާތަށް ދައްކަން ޖެހެއެވެ. ރަސްމާލޭގައި އެފަދަ އެއްވެސް ބަދަލެއް ދޭކަށް ނުޖެހެއެވެ. ސަބަބަކީ ކޮންމެ ޓްރާންސްފައެއްގައި ލީސް ސަރަންޑާކުރަނީ އަމިއްލައަށް ކަމަށްވާތީއެވެ.
މަންފާ އޮތީ ރައްޔިތުންނަށް!
ރަސްމަލޭގައި ހިންގާ މި ބިޔަބޮޑު މަޝްރޫއަކީ ހަމައެކަނި މުއްސަނދިންނާއި ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލާފައިވާ ސަރަހައްދެއް ނޫނެވެ. ކިއެއްތަ؟ މިއީ، އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ދިވެހިރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާކަމުގެ އެތައް ފުރުސަތެއް ފަހިކޮށްދޭނެ މަޝްރޫއެކެވެ.
މީގެއިތުރުން، އިމާރާތްކުރުމުގެ ދާއިރާއި، ފަތުރުވެރިކަމާއި، މެރީނާ ހިންގުމާއި، ޓެކްނޮލޮޖީގެ ސިނާއަތްތައް ދިވެހިރައްޖޭގައި ފުޅާވެ ކުރިއަރައިގެން ދާނެއެވެ. ދިވެހި ޒުވާނުންނަށް އެތައް ހާސް ވަޒީފާގެ ފުރުސަތުފަހިވެގެން ދާނެއެވެ. އަންދާޒާއިން ދައްކާ ގޮތުގައި އެއީ 54،000 ހާހެއްހާ ވަޒީފާއެވެ. މިއީ ގައުމުގެ އިގްތިސާދު ދިރުވައި، ފަރުދީ ފުދުންތެރިކަން އިތުރުކުރުމަށް ލިބިފައިވާ ރަނުގެ ފުރުސަތެކެވެ.
ނިންމުން
ރަސްމާލޭގައި ހިންގާ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއަކީ ހަމައެކަނި ބޭރުގެ ކުންފުންޏަކުން ހިންގާ ވިޔަފާރިއެއް ނޫނެވެ. މިއީ ދިވެހި ސަރުކާރުގެ ފުރިހަމަ ބެލެނިވެރިކަމާއި، ކޮންޓްރޯލާއި، ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން ކުރިއަށްދާ ގައުމީ ތަރައްގީގެ އިންގިލާބީ (An evolutionary/revolutionary start) ފެށުމެކެވެ.
ޕްރޮޕަޓީގެ މިލްކުވެރިން ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރުގެ އާ ގްރާންޓެއް ސަރުކަރުން ދެއެވެ. މިއީ، ދުނިޔޭގެ ރިއަލް އެސްޓޭޓް ބާޒާރުގައި ޕްރޮޕަޓީގެ އަގު ވެއްޓުނު ނުދިނުމުގެ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅެކެވެ. އަދި މިއާއެކު ކޮންމެ މުއާމަލާތެއްގެ މުގޫ އޮންނަނީ ސަރުކާރުގެ އަތުގައެވެ. އެހެންކަމުން، މިއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަދި ރަސްމާލޭގެ އެންމެ ވެލިފުކެއްވެސް ބޭރުބަޔަކަށް މިލްކުނުވާނެކަން ކަށަވަރުކޮށްދޭ ކަމެކެވެ. އަދި ކިއެއްތަ؟ މިއީ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިހާ އެއްގޮތަށްރާއްޖޭގެ މާލީ މުސްތަގުބަލު ބަދަލުކޮށްލާނެ އާ މޮޑެލްއެކެވެ.
Ads by MACL
