ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އުމުރުދުވަހުގެ ހުކުމުގައި ހުރި އަބުޗާ އަނބުރާ ޖަލަށް، އަސްލު މިވީ ކިހިނެއް؟

އުމުރުދުވަހުގެ ހުކުމުގައި ހުރި އަބުޗާ އަނބުރާ ޖަލަށް، އަސްލު މިވީ ކިހިނެއް؟

އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައިގައި 98 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަނެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ޢަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން މިދިޔަ މަހުގެ 29 ގައި ދޫކޮށްލި މައްސަލައިގައި ސަރުކާރުން ވަނީ ނުހަނު އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ގާނޫނުގެ ސިޔާދަތު ކަށަވަރުކޮށްދީފައެވެ.

މި މައްސަލަ ފާހަގަކުރެވުމާއެކު، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާންގެ އިސްނެންގެވުމުގެ ދަށުން ކަމާބެހޭ ގާނޫނީ ލަފާ ވަގުތުން ހޯއްދަވައި، އަބުޗާ ދޫކޮށްލުމަށް ނިންމި ނިންމުމަކީ ގާނޫނާއި ސަރުކާރުގެ ސިޔާސަތުތަކާ މުޅިން ހިލާފު ނިންމުމެއްކަން ކަށަވަރުކުރެއްވިއެވެ. އަދި އެއާއެކު، ލަސްކުރުމެއް ނެތި އަންގާރަ ދުވަހު އޭނާ އަލުން ހައްޔަރުކޮށް، ޖަލު ބަންދަށް ބަދަލުކޮށްފައިވަނީ ސަރުކާރުން ގާނޫނު ނެގެހެއްޓުމަށް ދޭ އިސްކަން ސާބިތުކޮށްދެމުންނެވެ.

މި ނިންމުން ނިންމުމުގައި ޕެރޯލް ބޯޑުން ބަލަންޖެހޭ ގާނޫނީ އަދި އިޖުރާއީ ކަންކަމަށް ފަރުވާކުޑަކޮށް، ހުކުމް ލުއިކޮށްދިނުމުގައި އަރައިގެންދިޔަ އޮޅުމާ ގުޅިގެން، ސަރުކާރުން ވަނީ ޒިންމާދާރުކުރުވުމުގެ މަތީ މިންގަނޑެއް ގާއިމުކޮށްފައެވެ. އެގޮތުން، ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް ބެލެވުނު ނަމަވެސް، ގައުމީ ބޮޑެތި މައްސަލަތަކުގައި ފަރުވާކުޑަކުރުމަކީ ޖާގަދެވޭނެ ކަމެއް ނޫންކަން ހާމަކުރައްވައި، އެ ނިންމުން ނިންމި ޕެރޯލް ބޯޑުގެ 6 މެންބަރުން ވަނީ ވަގުތުން މަގާމުން ވަކިކުރައްވާފައެވެ.

އަމަލީ ގޮތުން މިފަދަ ގޯސްތައް ތަކުރާރުވިޔަނުދިނުމަށްޓަކައި ޕެރޯލް ބޯޑަށް އާ މެންބަރުން އައްޔަންކޮށް، ބޯޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށްގެން ކުރިއަށްގެންދިއުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފައްޓަވާފައެވެ. މިއީ ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި ހުއްޓުމެއްނެތި ނިޒާމީ އިސްލާހުތައް ގެނެސް، އިންސާފުވެރިކަން ދަމަހައްޓަން ސަރުކާރުން ކުރާ އިހުލާސްތެރި މަސައްކަތުގެ ހެކިދޭ ކަމެކެވެ.

މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މަސްތުވާތަކެތި ޓްރެފިކްކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމާއި، އެފަދަ ބޮޑެތި ކުށްވެރިންނަށް އަދަބު ލުއިނުކުރެވޭނެ ގޮތަށް ގާނޫނީ އިންތަކެއް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.

މި މައްސަލައިގައި ސަރުކާރުން ނެންގެވި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކުން ސާފުވެގެންދަނީ، ކުށްވެރިންނަށް ފުރުސަތު ނުދީ، ރައްޔިތުންގެ ސަލާމަތާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގައި މި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެކަމެވެ.