އޮޅުވާނުލައްވާ، ރަސްމާލޭގައި ތަރައްގީ ކުރާ އެއްވެސް ޕްރޮޕަޓީއެއް ސަރުކާރުން ކަނޑައަޅާ ބަޔަކަށް ނޫނީ ނުގަނެވޭނެ!
ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމާއި އިޤްތިޞާދީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން ރަސްމާލެ ހިއްކައިގެން ތަރައްޤީކުރުމުގެ މަޝްރޫޢަކީ މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެވިފައިވާ އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ބޭރުގެ ބޮޑެތި އިންވެސްޓަރުންނާ ގުޅިގެން "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ފަދަ އިންގިލާބީ ބިނާތައް ގާއިމުކުރުމަށް އެކުލަވާލެވިފައިވާ ރޭވުންތަކާއެކު، އެ ތަންތަނުގެ މިލްކުވެރިކަމާއި ވިއްކުމުގެ އިޚްތިޔާރު އޮންނާނެ ގޮތަކާ މެދު އާންމުންގެ މެދުގައި ތަފާތު ސުވާލުތަކާއި ބަހުސްތައް ވަނީ އުފެދިފައެވެ. ސަރުކާރާއި ބޭރުގެ ޑިވެލޮޕަރުންގެ މެދުގައި އޮތް ގުޅުމުގެ ދާއިރާއާއި، ގާނޫނީ އިމުގެ ތެރެއިން ކަންކަން ހަމަޖެހިގެންދާނެ ގޮތް ސާފުކޮށްދިނުމަކީ މިފަދަ ބިޔަ އިންވެސްޓްމަންޓްތަކުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އެމިރޭޓްސްގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ދަށުން ބިނާކުރާ އެއްވެސް ޕްރޮޕަޓީއެއް ގަނެވޭނީ ނުވަތަ ކުއްޔަށް ނެގޭނީ ދިވެހި ސަރުކާރުން ކަނޑައަޅާ ވަކި އުސޫލުތަކަކާއި މިންގަނޑުތަކަކަށް ފެތޭ ފަރާތްތަކަށް އެކަނިކަމަށް ދިވެހި ސަރުކާރުން ހާމަކުރެއްވުމުގެ އިތުރުން، އެ ކުންފުނީގެ ޗެއާމަން މުޙައްމަދު ޢަލީ އަލްޢައްބާރު ވެސް ވަނީ ހާމަކުރައްވާފައެވެ.
މިމަޝްރޫޢުގެ މަސައްކަތްތައް ރޭވުމާއިބެހޭގޮތުން މަޝްވަރާކުރެއްވުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އަލްޢައްބާރު ފާހަގަކުރެއްވި ގޮތުގައި، އީގަލް ހިލްސްއަކީ ހަމައެކަނި މި މަޝްރޫއުގެ ތަރައްގީކުރުމުގެ މަސައްކަތް ހިންގާ ޑިވެލޮޕަރެވެ. އެހެންކަމުން ތަރައްގީކުރާ ތަންތަން ވިއްކުމާއި، އެ ތަންތަން ގަނެވޭނެ ފަރާތްތައް ކަނޑައެޅުމުގެ އިތުރުން އެފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު އޮތީ ދިވެހި ދައުލަތަށެވެ.
Ads by BMLމި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޕްރޮޕަޓީއެއް ގަންނަން ނުވަތަ ކުއްޔަށް ނަގަން އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެންމެހައި ގާނޫނީ އެއްބަސްވުންތަކާއި ލިޔެކިޔުންތައް ފުރިހަމަކުރަންޖެހޭނީ ސަރުކާރާއެކުގައެވެ. އީގަލް ހިލްސްއިން އިމާރާތްތައް ބިނާކޮށް ވިއްކައިގެން ފައިސާ ނެގިނަމަވެސް، ޕްރޮޕަޓީ ގަންނަ ފަރާތްތަކުން ސަރުކާރުން ކަނޑައަޅާ ގަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް ތަބާވާންޖެހޭނެއެވެ. އެގޮތުން، ޕްރޮޕަޓީއެއް ގަތުމުގެ މުއާމަލާތް ހިންގަމުންދާއިރު އެ މީހަކީ ރާއްޖެއިން ޕްރޮޕަޓީ ގަތުން މަނާކޮށްފައިވާ ނުވަތަ މަނާކުރެވިފައިވާ ފަރާތްތަކުގެ ލިސްޓުގައި ހިމެނޭ މީހެއްނަމަ، އެފަދަ ފަރާތަކަށް ރަސްމާލޭގެ މަޝްރޫއުގެ ތެރެއިން އެއްވެސް ޕްރޮޕަޓީއެއް ނުގަނެވޭނެއެވެ.
މި ނިޒާމު ހިންގާ ގޮތުގެ މިސާލެއްގެ ގޮތުން ދުބާއީގެ އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން އަލްޢައްބާރު ވިދާޅުވީ، ދުބާއީގައިވެސް އީގަލް ހިލްސްއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކާއެކު އެއްބަސްވުން ހެދިނަމަވެސް، ތަނުގެ މިލްކުވެރިކަން ބަދަލުކުރެވެނީ ދުބާއީގެ ބިމާ ބެހޭ އިދާރާއިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެ އިދާރާއިން ހުއްދަ ދިނުމުންނެވެ. ކޮންމެ ގައުމެއްގައި އިންވެސްޓްކުރި ކަމުގައިވީނަމަވެސް އެ ގައުމެއްގެ ގާނޫނުތަކާއި ރެގިއުލޭޓަރީ އޮނިގަނޑަށް އިހުތިރާމުކުރަންޖެހޭނެއެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ވިޔަފާރިކުރަން ދަތިވާ ފަރާތްތަކަށް އެންމެ ރަނގަޅު ގޮތަކީ އެ ގައުމެއްގައި އިންވެސްޓްނުކުރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، އިޤްތިޞާދީ މުހިންމު މިފަދަ ބިޔަ މަޝްރޫޢުތަކާ ގުޅުވައިގެން ސިޔާސީ ނުވަތަ އަމިއްލަ ތަފާތު މަޤްޞަދުތަކުގައި ބައެއް ފަރާތްތަކުން އޮޅުވާލުމުގެ ތަފާތު ގޭސްގަނޑު އަނބުރައި، ބަހުތާން ދޮގު ފެތުރުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ޙަޤީޤަތާ ޚިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ލިބޭ ގެއްލުމަކީ ހަމައެކަނި ސަރުކާރަށް ނުވަތަ ވަކި ފަރާތަކަށް އެކަނި ރައްދުވާ ދެރައެއް ނޫނެވެ. އޭގެ ބަދަލުގައި، މުޅި ޤައުމުގެ އިޤްތިޞާދީ އިތުބާރު ގެއްލި، ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅި، އެކަމުގެ ނޭދެވޭ އަސަރުން ދިވެހި ސަރުކާރާއި މުޅި ދިވެހި ރައްޔިތުންނަށްވެސް ލިބިގެންދާނީ އިޔާދަނުކުރެވޭފަދަ ބޮޑު ދެރައަކާއި ނިކަމެތިކަމެކެވެ.
Ads by MACL
