ނުދައްކާ އެތައް ވާހަކައެއް، ނުފެންނަ އެތައް މަންޒަރެއް، އެމްޕީއެލްގެ މެކޭނިކުން ދައްކުވައިދެނީ ދިވެހިންނަށްވެސް ވާނެކަން!
މެކޭނިސްޓުންނަކީ ދިވެހިރާއްޖޭގެ އެކި ކުންފުނިތަކުގައި އަގުހުރި އަދި ފަންނީ މަސައްކަތެއް ކުރަމުންދާބައެކެވެ.
އެގޮތުން ދިވެހިރާއްޖޭގެ މައި ވައިގެ ބަނދަރު ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފެށިގެން ޓްރާންސް މޯލްޑިވިއަން އެއަރވޭސް ފަދަ ބޮޑެތި ކުންފުނިތަކުގައި މެކޭނިސްޓުން އަދާކުރަމުންދަނީ މުހިންމު އަދި ޒިންމާދާރު ދައުރެކެވެ.
މެކޭނިސްޓުންގެ ޒިންމާތަކުގެ ތެރޭގައި އެކިބާވަތުގެ އުޅަނދުފަހަރު، އަދި މެޝިނަރީތަކުގެ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމާއި، މެޝިނަރީތަކުގެ މެއިންޓަނަންސް ޝެޑިއުލްތައް ރާވައި، އެ ޝެޑިއުލްތަކާއި އެއްގޮތަށް މަސައްކަތްކުރުން ހިމެނެއެވެ. މެކޭނިސްޓުންގެ މުހިންމުކަން ކުންފުންޏަކަށް އެންމެ ބޮޑަށް ފާހަގަކުރެވެނީ އޮޕަރޭޝަނަށްބޭނުންކުރާ ވެހިކަލްތައް ހުއްޓި، އޮޕަރޭޝަނަށް ބުރޫއަރާ ހިސާބުންނެވެ. އެފަދަ ދަނޑިވަޅެއްގައި،މެކޭނިސްޓުންގެ ހައްސާސް މިންވަރު ހާމަވެގެންދެއެވެ. އެހެނީ، ފާއިތުވި އަހަރުތަކާ އަޅާބަލާއިރު،ދިވެހިރާއްޖޭގެ މެކޭނިކަލް ދާއިރާގައި ބިދޭސީންނަށް ވުރެން، ދިވެހި ޒުވާނުން މި ދާއިރާއަށްތަމްރީނުކޮށް، މަސައްކަތުގެ މައިދާނުން ފެނިގެންދާ ކަން ފާހަގަކުރެވެއެވެ.
Ads by BMLއެހެން ބޮޑެތި ކުންފުނިތަކެކޭ އެއްފަދައިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ 'ޑެއިލީ'އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް، ހެވީ ވެހިކަލްތައް މެދުކެނޑުމެއްނެތި އޮޕަރޭޓްކުރުމަކީ ކުންފުނީގެ ޚިދުމަތްތައް އެންމެ އެދެވޭ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ކޮންމެހެން މުހިންމު ކަމެކެވެ.އަދި މި ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ޒިންމާ އަދާކުރަމުންދާ މެކޭނިސްޓުންގެ ދައުރުވެސްއެހާމެ ބޮޑެވެ.
އެމްޕީއެލްގެ މި ދާއިރާގައި މަސައްކަތް ކުރަމުންދާ ހުނަރުވެރި މެކޭނިސްޓެއްގެ ގޮތުގައިމުޙައްމަދު ޢައްސާން ފާހަގަކުރެވެއެވެ. ޢައްސާން އަކީ އެމްޕީއެލްގައި16 އަހަރު ޚިދުމަތުގައި ދެމިހުރި ހީވާގި މުވައްޒަފެކެވެ.
އޭނާ މަސައްކަތް ކުރަމުންދަނީ، އެމްޕީއެލްގެ މެކޭނިކަލް އެންޑް އިނޖީނިއަރިންގ ޑިޕާޓްމަންޓުގައި، ސްޕެޝަލިސްޓް މެކޭނިކެއްގެ ގޮތުގައެވެ. ޢައްސާން ބުނިގޮތުގައި އޭނާ އެމްޕީއެލް އާއި ގުޅިފައިވަނީ 2009 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސްގެ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ގޮތުންކަމަށެވެ.
އަދި އޭރު މެކޭނިކަލް ދާއިރާގެ އެއްވެސް ތަޖުރިބާއެއް ޢައްސާންއަށް ލިބިފައި ނެތް ނަމަވެސް، މި ދާއިރާއިން ތަފާތު އެކި ތަމްރީންތައް ހޯދުމަށްފަހު އޭނާ އެމްޕީއެލްގެ މެކޭނިކަލް މަސައްކަތް މިހާރުކުރަމުންދާ ކަމަށެވެ. އެގޮތުން ފުރަތަމަ ޢައްސާން އެމްޕީއެލްއަށް ވަދެފައިވަނީ އެޕްރެންޓިސްއެއް ގޮތުގައި ކަމަށާއި، ޓެކްނީޝިއަނުން ފެށިގެން، މެކޭނިކް އަދި ސީނިއަރ މެކޭނިކްގެ މަގާމަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ.
ސްޕެޝަލިސްޓް މެކޭނިކްއެއްގެ ޒިންމާތަކުގެ ތެރޭގައި، ހަވާލުކޮށްފައި ހުންނަ ވެހިކަލްތައް ރިޕެއަރކުރުމާއި، މެއިންޓެއިން ކުރުން ހިމެނެއެވެ. މިއީ ވަރަށް ބުރަ ނަމަވެސް އެހާމެ ޒިންމާދާރު ބޮޑުމަސައްކަތެކެވެ. އަދި މި މަސައްކަތް ކުރުމުގައި ވަކި ކަން ކަމަށް ސަމާލުކަން ދޭން ޖެހެއެވެ. މިމަސައްކަތް ކުރަނީ ވަކި ޚާއްސަ މެޝިނަރީތައް ނުވަތަ ޓޫލްތައް ބޭނުންކޮށްގެން އަދި މިކަމަށް ވަކިޚާއްސަ ތަމްރީންތައް ނިންމުމަށްފަހުއެވެ. ޢައްސާންގެ މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތައުލީމާއިތަމްރީންތަކުގެ ތެރޭގައި، އެމްޕީއެލްއާއި ގުޅުނު ފަހުން އޭނާ ވަނީ، އިންޖީން އޯވަހޯލް ޓްރެއިނިންގ،ހައިޑްރޯލިކް ޓްރެއިނިންގ، އަދި އެމްޕީއެލްގެ ވަކިވަކި ވެހިކަލްތައް ރެޕެއަރ ކުރާނެ ގޮތުގެ ތަމްރީން ހޯދާފައެވެ. ޢައްސާން ބުނިގޮތުގައި، މިދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަން އުފެދުނީއެމްޕީއެލްއާއި ގުޅުމަށްފަހު، އިނގުނީ މިއީ ވަރަށް 'އިންޓަރެސްޓިންގ' ދާއިރާއެއް ކަމެއް ކަމަށާއި، އަދި މި މަސައްކަތަކީ ކުރަން ބުރަ މަސައްކަތެއްކަމުގައި ވީ ނަމަވެސް، މި މަސައްކަތަށް އިންޓަރެސްޓް ހުރިއްޔާ މިއީ ކުރަން ވަރަށް ކުރަން ފަސޭހަ މަސައްކަތެއް ކަމަށެވެ.
"ކޮންމެ ކަމަކައްވެސް ޝައުޤުވެރިކަމެއް ހުރިއްޔާ މަސައްކަތުގަ ވަގުތު ދާ އަވަސް މިން ވެސް ނޭގޭނެ" ޢައްސާން ބުންޏެވެ.
އެހެން ތަންތަނުގެ މެކޭނިސްޓުންނާއި، އެމްޕީއެލްގެ މެކޭނިސްޓުންނާއި ހުރި ތަފާތަކީ ކޮބާ؟
އެމްޕީއެލްގެ މެކޭނިސްޓުންނާއި، އެހެން ކުންފުނިތަކުގެ މެކޭނިސްޓުންނާއި ތަފާތުވަނީ އެމްޕީއެލްގައިބޭނުންކުރަމުންދަނީ ތަފާތު ވެހިކަލްތަކެވެ. ހެވީ ލިފްޓިންގ ފަދަ ވެހިކަލްތައް ރިޕެއަރ ކުރުމާއި މެއިންޓެއިން ކުރުން އެހެން ވެހިކަލްތަކާ އަޅާ ބަލާއިރު ތަފާތު ވާނެއެވެ. އެކަމަށް ވަކި ކަހަލަ ޓެކްނިކްތައް ބޭނުން ކުރަންޖެހެއެވެ.
މަސައްކަތުގައި ބޭނުންކުރާ އެންމެ ބޮޑު އުކުޅަކީ ކޮބާ؟
މަސައްކަތުގެ ދާއިރާގައި ބޭނުންކުރާ އެންމެ ބޮޑު ޓްރިކްއަކީ، ވެހިކަލް ހަލާކުވެ އޮޕަރޭޝަނަށް ބުރޫއެރުމުގެ ކުރިން އެކަމަށް ކުރިއާ އަޅައި އެޓެންޑުވުމެވެ. އަދި ދޭތެރެ ދޭތެރެއިން ވެހިކަލްތައް ރަނގަޅަށް އޮޕަރޭޓްވެތޯ ބަލައި އަބަދުވެސް ވަރަށް ބޮޑަށް މެއިންޓެއިން ކޮށްފައި ބެހެއްޓުމެވެ.
އިމެޖެންސީ ހާލަތެއްގައި މަސައްކަތް ކުރިއަށްގެންދަނީ ކިހިނެއް؟
އިމަޖެންސީ ހާލަތުގައިވެސް އެންމެ ބޮޑު އިސްކަމެއްދެނީ ކުންފުނިން ޙިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދައްޗެއް ނުވާނެހެން މަސައްކަތް ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމަށެވެ. އެގޮތުން އެމްޕީއެލްގެ އޮޕަރޭޝަނަށް އެއްވެސް ގޮތަކަށް ބުރޫ ނާރާނެހެން ހުރިހާ ވެހިކަލްތައް ގަޑިން ގަޑިއަށް ފަންކްޝަން ކުރޭތޯ ބަލަމެވެ.
ކުރިމަގަށް ވިސްނާލާއިރު، ޢައްސާން ބުނީ ވަޒީފާގެ ދާއިރާއިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުރިކަމަށެވެ. އަދި އަބަދުވެސް ބަލަނީ ތަޖުރިބާ ހުރި މީހުން ކައިރިން މައުލޫމާތުހޯދައި، އާ ކަންކަން އުނގެނުމުގެ މަސައްކަތް ކުރަން ކަމަށެވެ. އަދި އެގޮތަށް ކުރިއަށް ގޮސްފިނަމަ މިއީ އުުނގެނުމަށް ފަސޭހަ ދާއިރާއެއް ކަމަށެވެ.
މަސައްކަތަށް އެންމެ ބޮޑަށް ހިތްވަރު ލިބެނީ ކޮންކަމަކުން؟
އެންމެ ބޮޑަށް ހިތްވަރު ލިބެނީ ކުރާ މަސައްކަތް އަޅުގަނޑުގެ މެނޭޖަރުން ބަލައިގަންނާތީއެވެ.
ޢައްސާން އެމްޕީއެލްއާއި ދޭތެރޭ ދެކޭ ގޮތަކީ ކޮބާ؟
އެމްޕީއެލްގައި އަޅުގަނޑު މަސައްކަތް ކުރަނީ ވަަރަށް ކުރާ ހިތުން. މިތަނަށް މަސައްކަތަށް އައިސްސިއްޔާ މިތަނުން ދާ ހިތެއް ނުވޭ. އެހާވެސް އެކުވެރި ޓީމެއް އޮންނަ ތަނެއް އެމްޕީއެލްއަކީ.
އެމްޕީއެލްގެ މެކޭނިކްއަކަށް ވުމަށް ބޭނުންވާ ފަރާތްތަކަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟
ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖަކީ، މެކޭނިކަލް ދާއިރާއިންވެސް ރާއްޖޭގައި ކުރި މަގު އެބައޮތްކަމެވެ. އަދި މި ދާއިރާއިން މައްޗަށް ކިޔެވި ވަރަކަށް ލިބޭ އާމްދަނީވެސް ބޮޑުވެގެންދާނެއެވެ. އަދި މީ ދަސްކުރަން އެންމެ ރަނގަޅު އެއް މަސައްކަތެވެ. ކޮންމެ ކުންފުންޏަކަށް މަސައްކަތަށް ދިޔަޔަސް ވަޒީފާގެ ފުރުސަތު ލިބުން ބޮޑު ދާއިރާއެއް ކަމެވެ. ވަކިން ޚާއްސަކޮށް އެމްޕީއެލްއަކީ މެކޭނިކެއްގެ ގޮތުގައިމަސައްކަތް ކުރަން ވަރަށް ހިތްގައިމު މާހައުލެކެވެ.
Ads by MACL
