ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ވުޖޫދަށް ގެނުވީ ހަނަފަސް ބިމެއް، އަންނަން އޮތީ ބިލިއަނުން!

ރަސްމާލެ މަޝްރޫޢުގެ ކުރެވުމެއް ---
ރަސްމާލެ މަޝްރޫޢުގެ ކުރެވުމެއް ---

ފުށިދިއްގަރު ފަޅުގެ ފުން ކަނޑުން ހިއްކަމުންދާ ހަނަފަސްބިމަކީ މާދަމާ ދިވެހިރާއްޖޭގެ އިޤްތިޞާދީ މައިބަދަ ކަމުގައި ވެގެންދާނެ އުއްމީދީ ބިމެކެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ހިންގޭ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓް ޕްރޮގްރާމް ކަމަށްވާއިރު، މީގެ ދަށުން 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެއް ރާއްޖެއަށް އަންނާނެއެވެ.

މި މަޝްރޫޢުގެ "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ތަރައްޤީކުރުމަށް ސަރުކާރުން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޔޫއޭއީ (އަބޫދާބީ) ގެ މަޝްހޫރު ބިޔަ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް އާއެކުގައެވެ. މިއީ ދުނިޔޭގެ އެކި ޤައުމުތަކުގައި ފާހަގަކޮށްލެވޭ ބޮޑެތި ސިޓީތައް ބިނާކޮށްފައިވާ، ކޮލިޓީ އަދި އިތުބާރު ހިފޭ އިންވެސްޓަރެކެވެ. މުހިންމު އަނެއް ނުކުތާއަކީ، މި ބިޔަ މަޝްރޫޢު ކުރިއަށްދަނީ ދައުލަތުން އެއްވެސް ލޯނެއް ނުވަތަ ސޮވެރިން ގެރެންޓީއެއް ދޫނުކޮށް، އަދި ޓެކްސް އިނާޔަތްތަކެއްވެސް ނުދީ ހަމައެކަނި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގެ ގޮތުގައި ކަމަށްވާތީ، ދައުލަތުގެ ދަރަންޏަށް އެއްވެސް ބުރައެއް ނުއުފުލޭނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ދިވެހި އިޤްތިޞާދަށް ބިލިއަން ޑޮލަރުގެ ސީދާ ފައިދާ ލިބިގެންދާނެއެވެ. މަޝްރޫޢު ތަރައްޤީވަމުން އަންނަ މުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ ގޮތުގައި 11 ބިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ. މީގެ ތެރޭގައި މާސްޓަރ ޑިވެލޮޕަރުގެ އާމްދަނީގެ 10 އިންސައްތަ އަދި ޕްރޮޕަޓީ މުއާމަލާތްތަކުން 4 އިންސައްތަ ދައުލަތަށް ލިބުން ހިމެނެއެވެ. މީގެ އިތުރުން، މަޝްރޫޢު އެއްކޮށް ނިމި ހިނގައިގަންނައިރު، އަހަރަކު މަދުވެގެން 1 މިލިއަން ފަތުރުވެރިން ރަސްމާލެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން އެކަނިވެސް އަހަރަކު 2 ބިލިއަން ޑޮލަރު ރާއްޖޭގެ އިޤްތިޞާދަށް އިތުރަށް ވަންނާނެއެވެ. އަދި މި މަޝްރޫޢާ ގުޅުންހުރި ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަން ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ކަމަށްވުމުން، ދިވެހި މާލީ މާރކެޓަށާއި ބޭންކިންގ ނިޒާމަށް ބޮޑު ދިރުމެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ދިވެހިންގެ ޖީބަށް ވަންނާނެ ފައިސާ އިތުރުވެ، ދިވެހި ވިޔަފާރިތަކަށް މުޅިން އައު މާރކެޓްތަކެއް ހުޅުވިގެންދާނެއެވެ. ރަސްމާލެ ތަރައްޤީވަމުންދާއިރު ޒުވާނުންނަށާއި ދިވެހި މަސައްކަތްތެރިންނަށް 54,000 އަށްވުރެ ގިނަ އައު ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. އީގަލް ހިލްސްގެ ބާނީ މުޙައްމަދު އަލައްބާރު ހާމަކުރައްވާފައިވާ ގޮތުގައި، މި މަޝްރޫޢުގައި ދިވެހިންގެ ދައުރަކީ ހަމައެކަނި ވަޒީފާ އަދާކުރުމާއި ސަޕްލައި ކުރުމެއް ނޫނެވެ؛ ދިވެހި ވިޔަފާރިވެރިންނަށްވެސް މި ބިޔަ މަޝްރޫޢުގައި ސީދާ އިންވެސްޓް ކުރުމުގެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ. މީގެ އިތުރުން، ރަސްމާލޭގައި ޤާއިމުކުރާ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) މެދުވެރިކޮށް، ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް އިޤްތިޞާދު ސިންދަފާތު ކުރެވި، އިންޑިއާ ކަނޑުގެ އެންމެ ބޮޑު ބިޒްނަސް އަދި ފައިނޭންޝަލް ހަބަށް ރާއްޖެ ހެދުމުގެ މަގު ފަހިވެގެންދާނެއެވެ.

ޖުމުލަކޮށް ދަންނަވާނަމަ، މި މަޝްރޫޢަކީ ހަމައެކަނި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢެއް ނޫނެވެ. މިއީ 2040 ވަނަ އަހަރާ އެކު ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ އިޤްތިޞާދީ ބިޔަ ތަޞައްވުރުގެ ފެށުމެވެ. މިއަދު ހަނަފަސް ބިމެއްގެ ގޮތުގައި ވުޖޫދަށް އަންނަ ރަސްމާލެއަކީ މާދަމާ މުޅި ޤައުމުގެ އިޤްތިޞާދީ މައިބަދައަށްވެ، ޤައުމަށް ބިލިއަން ޑޮލަރުގެ ފައިދާއާއި ތަރައްޤީ ގެނެސްދޭނެ އިންގިލާބީ ބިނާއެކެވެ.