ބުދަ، 18 ނޮވެމްބަރު 2026
ވިޔަފާރި

ހޯނޑެއްދޫގައި ފެށި "ދަ އައިލެންޑް ފެކްޓްރީ": ބީއެމްއެލް ސްޓާޓްއަޕް ގްރާންޓާއެކު ފުޅާވަމުންދާ ކާމިޔާބު ވިޔަފާރިއެއް

ހޯނޑެއްދޫގައި ފެށި "ދަ އައިލެންޑް ފެކްޓްރީ": ބީއެމްއެލް ސްޓާޓްއަޕް ގްރާންޓާއެކު ފުޅާވަމުންދާ ކާމިޔާބު ވިޔަފާރިއެއް

ދިވެހި މަސްވެރިން ބާނާ ކަނޑުމަހަށް އިތުރު މަންފާއެއް ހޯދައިދީ، އީޖާދީ އުފެއްދުމެއްގެ ގޮތުގައި ބާޒާރަށް ނެރުނު "ދަ އައިލެންޑް ފެކްޓްރީ" ގެ ޓޫނާ ޖާރކީ މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ކާމިޔާބު ވިޔަފާރިއަކަށް ވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓާޓްއަޕް ގްރާންޓުގެ ދަށުން ނިޔާފް މުޙައްމަދު އިސްނަގައިގެން ފެށި މި ވިޔަފާރިން އުފައްދާ މަހުގެ އުފެއްދުންތައް މިހާރު ވަނީ ރާއްޖޭގެ ގިނަ ރަށްރަށުގެ ބާޒާރުތަކަށް ނެރެ، ޚިދުމަތްތައް ފުޅާދާއިރާއެއްގައި ފޯރުކޮށްދޭން ފަށާފައެވެ.

ނިޔާފް މި ވިޔަފާރީގެ ބިންގާ އަޅާފައިވަނީ ޒަމާނީ ޕްރޮސެސިންގ އަދި ޕެކޭޖިންގ ވަސީލަތްތަކުގެ އެހީގައި، ރައްކާތެރި އަދި ޕްރޮޓީންއިން މުއްސަނދިވެފައިވާ މަތީ ފެންވަރުގެ ކަނޑުމަހުގެ އުފެއްދުންތަކެއް ދިވެހި އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަތިވެރި އަޒުމުގައެވެ. 2024 ވަނަ އަހަރު ހުޅުވާލި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ކާމިޔާބުކޮށްގެން ފެށި މި މަޝްރޫޢުގެ މައިގަނޑު އެއް އަމާޒަކީ، ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް ވެލިއު-އެޑެޑް އުފެއްދުންތައް ތައާރަފުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއެރުވުމަށް އެހީތެރިވެދިނުމެވެ.

ގދ. ހޯނޑެއްދޫގައި ޤާއިމުކޮށްފައިވާ ޒަމާނީ ފެކްޓަރީން ތައްޔާރުކުރާ ޓޫނާ ޖާރކީއަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މި އުފެއްދުން މިހާރު ރިސޯޓްތައް ހިމެނޭހެން ރާއްޖޭގެ 17 އަށްވުރެ ގިނަ ރަށެއްގެ 80 އަށްވުރެ ގިނަ ފިހާރައިން ލިބެން ހުރެއެވެ. މީގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ 30 އަށްވުރެ ގިނަ ފިހާރަ ހިމެނޭކަމީ މި ވިޔަފާރީގެ ފުޅާކަން ހާމަކޮށްދޭ ކަމެކެވެ.

ބީއެމްއެލް ސްޓާޓްއަޕް ގްރާންޓަކީ އާންމުންގެ މެދުގައި ހުންނަ އީޖާދީ އަދި އުއްމީދީ ވިޔަފާރި ޚިޔާލުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި ކޮންމެ އަހަރަކުވެސް ހޮވާލެވޭ އެންމެ ފާހަގަކޮށްލެވޭ ދެ ވިޔަފާރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ހިންގާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ހޮވޭ ކޮންމެ ވިޔަފާރިއަކަށް 500،000 (ފަސް ލައްކަ) ރުފިޔާގެ ހިލޭ އެހީ ދޫކުރެއެވެ.

މިއީ ޤައުމީ އިޤްތިޞާދީ ދުވެލި ހަލުވިކޮށް، އީޖާދީ ވިސްނުންތަކާއެކު ނުކުންނަ ޒުވާން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ނުހަނު މުހިންމު އަދި ނަތީޖާ ފެންނަމުންދާ އިސްނެގުމެކެވެ.

ވިޔަފާރި

އިތުރަށް ←