ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އެމެރިކާއިން އިރާނާ ދެކޮޅަށް ބޭނުންކޮށްފާނެ ކަމަށް ބެލެވޭ "މަދަރ އޮފް އޯލް ބޮމް" އަކީ ކޮބާ؟

އެމެރިކާގައި އޮތް ނިޔުކްލިއަރ ހަތިޔާރު ނޫން އެންމެ ބާރުގަދަ ބޮން --- ފޮޓޮ: އަލްޖަޒީރާ
އެމެރިކާގައި އޮތް ނިޔުކްލިއަރ ހަތިޔާރު ނޫން އެންމެ ބާރުގަދަ ބޮން --- ފޮޓޮ: އަލްޖަޒީރާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ޙަރަކާތްތައް އަލުން ފެއްޓެވުމަށް އަމުރުކުރައްވައިފިނަމަ، އިރާނުގެ ހަކަތައާ ބެހޭ ވަސީލަތްތަކާއި ނިއުކްލިއަރ ސައިޓްތަކަށް ޙަމަލާދިނުމަށް އެމެރިކާގެ އަސްކަރިއްޔާގައި އޮތް އެންމެ ބާރުގަދަ ނިއުކްލިއަރ ނޫން ބޮން ކަމަށްވާ "ޖީބީޔޫ-43/ބީ މެސިވް އޯޑްނަންސް އެއަރ ބްލާސްޓް" (އެމްއޯއޭބީ) ނުވަތަ "މަދަރ އޮފް އޯލް ބޮމް" ބޭނުންކުރުމުގެ ރޭވުންތަކެއް އެމެރިކާއިން ތައްޔާރުކުރަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

"މަދަރ އޮފް އޯލް ބޮމް" ގެ ނަމުން މަޝްހޫރުވެފައިވާ މި ބޮމަކީ ގާތްގަނޑަކަށް 9,800 ކިލޯގްރާމް (10 ޓަން) ބަރުދަން އުޅޭ އަދި 8,500 ކިލޯގްރާމްގެ ހައި-އެކްސްޕްލޯސިވް މާއްދާ އެކުލެވޭ ބޮމެކެވެ. ދިގުމިނުގައި 9 މީޓަރު ހުންނަ މި ބޮމަކީ އެމެރިކާގެ ސްޓެލްތް ބޮމާ ބޯޓުތަކަށް ނުގުޅޭވަރަށް ބޮޑު އެއްޗެއް ކަމުން، މި ބޮން އެޅުމަށް ބޭނުންކުރަނީ ސީ-130 ހަރކިއުލީސް މަރުކާގެ ކާގޯ މަތިންދާބޯޓުތަކެވެ.

މި ބޮމަކީ ބިމުގެ މަތީގެ ސަތޙައިގައި ގޮއްވާލައިގެން ބޮޑު ސަރަޙައްދަކަށް އޭގެ ނުރައްކާތެރި ބާރު ފޮނުވާލުމަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. ބިމުގައި ޖެހުމުގެ ކުރިން ވައިގެ ތެރޭގައި ގޮވާ މި ބޮމުގެ ސަބަބުން 1 ކިލޯމީޓަރުގެ ދުރުމިނުގައިވާ އިމާރާތްތަކާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދެއެވެ. އެމެރިކާއިން މި ބޮން އެންމެ ފުރަތަމަ އަދި މީގެ ކުރިން ބޭނުންކޮށްފައިވަނީ 2017 ވަނަ އަހަރު އަފްޣާނިސްތާނުގައި އައިއެސްގެ ހަނގުރާމަވެރިން ތިބި ފަރުބަދަތަކާއި އަވަށްތަކަށް ޙަމަލާދިނުމަށެވެ.

ނަމަވެސް، އިރާނުގެ ފޯޑޯ ނިއުކްލިއަރ ކޮމްޕްލެކްސް އާއި ޕިކްއެކްސް މައުންޓެން ފަދަ ބިމުގެ އަޑީގައި ވަރަށް ފުންކޮށް ފަރުމާކޮށްފައިވާ ނިއުކްލިއަރ ވަސީލަތްތައް ހަލާކުކޮށްލުމަށް މި ބޮމަކީ އެންމެ އެކަށީގެންވާ އެއްޗެއް ނޫން ކަމަށް އަސްކަރީ މާހިރުން ބުނެއެވެ. ސަބަބަކީ މިއީ ބިމުގެ ފުން އަޑިއަށް ވަދެ ގޮވާ "ބަންކަރ ބަސްޓަރ" ބޮމަކަށް ނުވާތީއެވެ. ބިމުގެ އަޑީގައިވާ ވަސީލަތްތަކަށް ޙަމަލާދިނުމަށް އެމެރިކާއިން ބޭނުންކުރަނީ "ޖީބީޔޫ-57 މެސިވް އޯޑްނަންސް ޕެނެޓްރޭޓަރ" މަރުކާގެ ބޮމެވެ. ގާތްގަނޑަކަށް 13,600 ކިލޯގްރާމް ބަރުދަން ހުންނަ އެ ބޮމަކީ ހަރުއެކުލެވޭ ދަގަނޑުން ތައްޔާރުކޮށް، ބިމުގެ 200 ފޫޓު (61 މީޓަރު) އަޑިއަށް ފޫއަޅުވައިލައިގެން ގޮއްވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ހަތިޔާރެކެވެ.

އަސްކަރީ މާހިރުން ދެކޭގޮތުގައި އިރާނާ ދެކޮޅަށް އެމްއޯއޭބީ ބޭނުންކުރުމަކީ އަސްކަރީގޮތުން ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި މިއީ ސިޔާސީގޮތުން ދައްކާލާ ދެއްކުންތެރިކަމަކަށް ވެގެންދާނެ ކަމެކެވެ. އަދި އިރާނުގެ ނިއުކްލިއަރ މަރުކަޒުތައް ހުންނަ ސަރަޙައްދުތަކަކީ ވައިގެ ދިފާޢީ ނިޒާމުތައް ވަރުގަދަ ސަރަޙައްދުތަކަކަށް ވުމުން، މި ބޮން އުފުލާ ސީ-130 މަރުކާގެ ކާގޯ މަތިންދާބޯޓުތަކަށް އެ ސަރަޙައްދުތަކަށް ވާސިލުވުމަކީ ނުރައްކާތެރި އަދި ދަތި ކަމަކަށް ވާނެއެވެ. ސުޕަރސޯނިކް ނުވަތަ ސްޓެލްތް ޤާބިލުކަން ނެތް ކާގޯ ބޯޓުތަކުގައި މިފަދަ ބޮމެއް ވައްޓާލަން އުޅުމަކީ އަސްކަރީ ރޭވުންތެރިކަމުގެ ގޮތުން ނަތީޖާއެއް ނުނުކުންނާނެ ކަމެއް ކަމަށްވެސް މާހިރުން ފާހަގަކުރެއެވެ.

މިފަދަ ބާރުގަދަ ޙަމަލާއެއް ދީފިނަމަ އިރާނުން ސަރަޙައްދީ އަސްކަރީ މަރުކަޒުތަކާއި އެމެރިކާގެ މަޞްލަޙަތުތަކަށް ވަރުގަދަ ރައްދު ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވަނީ ދީފައެވެ. އިރާނުގެ އިސް މަސްއޫލުވެރިންނާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ މުޝީރުން ވިދާޅުވެފައިވަނީ، އެމެރިކާއިން އެއްގަމު ޙަމަލާއެއް ދީފިނަމަ އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން ހައްޔަރުކޮށް، އަމާންދޭން މަޖުބޫރުކުރުވާނެ ކަމަށެވެ. އަދި ޙަމަލާތައް އަލުން ފެށިއްޖެނަމަ އަވައްޓެރި ޤައުމުތަކުގައިވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރާއި ކޮމިއުނިކޭޝަން ކޭބަލްތަކަށް ޙަމަލާދީ، މުޅި ސަރަޙައްދުގެ މަޝްރަޙު އިތުރަށް ނުރައްކާތެރި ފައްތަރަކަށް ވައްޓާލާނެ ކަމަށްވެސް އިރާނުންވަނީ އިންޒާރުދީފައެވެ.