ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

”ބައްޕާ، ޕާޓޭން އަސްލު ހާދަ ބާރުގަދައޭދޯ، އަމިއްލައަށޭ ވެކްސިން ޖަހަނީ“ ފެނުނު މަންޒަރާއި ކުއްޖާގެ ބަސް!

ތުއްތު ކުދިންގެ ޅަސިކުނޑިތަކަށް މިފަދަ މަންޒަރުތައް ސިފަވުމަކީ ނުހަނު ބޮޑު ހިތާމައެއް ---
ތުއްތު ކުދިންގެ ޅަސިކުނޑިތަކަށް މިފަދަ މަންޒަރުތައް ސިފަވުމަކީ ނުހަނު ބޮޑު ހިތާމައެއް ---

މާލޭގެ ގޯޅިގޯޅިތަކާއި އާންމު ދިރިއުޅޭ ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ވަބާ ފެތުރި، އާންމު ރައްޔިތުންނާއި ކުޑަކުދިންގެ ރައްކާތެރިކަމަށް އޮތް ބިރުވެރިކަން އަނެއްކާވެސް މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ސުކޫލު ގަޑިތަކުގައާއި މިސްކިތްތަކަށް ދާ ވަގުތުތަކުގައި ގޯޅިތަކު ތެރެއިން ފެންނަ ހިތާމަވެރި މަންޒަރުތަކުގެ ސަބަބުން މައިންބަފައިން ސިއްސައިގެންދާއިރު، ދާދިފަހުން ހިނގައިދިޔަ ހާދިސާއަކުން މުޅި މުޖުތަމައު ރޮއްވާލައިފިއެވެ.

އޮފީސް ގަޑި ނިންމާލުމަށްފަހު މެންދުރު ގަޑީގައި 7 އަހަރުގެ ކުޑަ ދަރިފުޅު ސުކޫލަށް ގެންދިއުމަށްޓަކައި ގެއަށް ވަން ބަފައަކަށް ފެނުނު މަންޒަރާއި، އެ ކުއްޖާގެ ދުލުން ބުނެލި ބަސްކޮޅުން ދައްކުވައިދެނީ މި ވަބާގެ ނުރައްކާތެރިކަން ކުދިންގެ މައުސޫމް ސިކުނޑިތަކަށް ފޯރާފައިވާ މިންވަރެވެ.

މުއައްސަސާތަކުގެ ސަމާލުކަމަށް ޓަކައި، އާންމު ރައްޔިތަކު ހިއްސާކުރި މި ހާދިސާ ހިނގާފައިވަނީ މެންދުރު 12:15 ހާއިރުއެވެ. އޮފީހުގައި އިނދެފައި ދަރިފުޅު ސުކޫލަށް ގެންދިއުމަށްޓަކައި ގެއަށް ދިޔަ މަގުމަތީގައި ގޭގެ ގޯޅިއަށް ވަންއިރު، އާދައިގެ މަތިން މަސްތުގެ ހާލަތުގައި ތިބި ދެ މީހަކު ފެނުނެވެ. ކުދިން ސުކޫލަށް ދާން ތިރިއަށް ފައިބާއިރު އެފަދަ މަންޒަރެއް ފެނި ބިރުގަންނާނެތީ، ވަގުތުން ފުލުހުންނަށް ގުޅައި އެމީހުން އެތަނުން ދުރުކޮށްދިނުމަށް އެދުނެވެ. ނަމަވެސް، ފުލުހުން އަންނާނެ ކަމަށް ބަލައި 7 އަހަރުގެ ދަރިފުޅު ގޮވައިގެން ގެއިން ނިކުތްއިރު ފެނުނީ މުޅިން ތަފާތު، ހިތްފަޅައިގެންދާ ފަދަ މަންޒަރެކެވެ. އެ ދެ މީހުން ހަމަ އެތަނުގައި ތިބެގެން އަތަށް ސިރިންޖު ޖަހަމުން ދިޔައެވެ.

މި ބިރުވެރި މަންޒަރު ދަރިފުޅަށް ފެނިދާނެތީ އަވަސް އަވަހަށް ގޯޅިން ނިކުމެ ސައިކަލަށް އެރުވި ނަމަވެސް، އެ މައުސޫމް ކުއްޖާގެ ލޮލުގައި އެ މަންޒަރު ވަނީ އަޅައިގެންފައެވެ. ސައިކަލަށް އަރަމުން އެ ކުއްޖާ ބައްޕައާ މުޚާތަބުކޮށް ބުނީ، "ބައްޕާ، ޕާޓޭން އަސްލު ހާދަ ބާރުގަދައޭދޯ، އަމިއްލައަށޭ ވެކްސިންވެސް ޖަހަނީ" މިހެންނެވެ. މައުސޫމް ކުއްޖެއްގެ ދުލުން ބުނެލި މި ބަސްކޮޅަކީ މިއަދު މުޅި މުޖުތަމައު ލަދުވެތިވާންޖެހޭ އަދި ކަންބޮޑުވުމުން ފުރިގެންވާ ބަސްކޮޅެކެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން އާންމުކޮށް އަތަށް ސިރިންޖު ޖަހާ މަންޒަރު، އެ ކުއްޖާއަށް ސިފަކުރެވުނީ އަމިއްލައަށް ރައްކާތެރިކަމުގެ ވެކްސިން ޖަހާ ހިތްވަރުގަދަ މީހުންގެ ގޮތުގައެވެ.

މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގެ ގޯޅިގޯޅިތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި، އެތަކެތި އާންމުކޮށް ވިއްކުމުގެ އަމަލުތައް އިތުރުވަމުންދާއިރު، މިއީ ހަމައެކަނި އެންމެ އާއިލާއެއްގެ ޝަކުވާއެއް ނޫނެވެ. ދަރިން ސުކޫލަށް ގެންދިއުމަށާއި، މިސްކިތްތަކަށް ނަމާދަށް ދިއުމަށް ކުރާ ދަތުރުތަކުގައި ފުލުހުންނަށް ގުޅަންޖެހޭ އަދަދު ނޭނގޭ ހިސާބަށް ކަންކަން ގޮސްފައިވާއިރު، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ވަނީ ނުރައްކަލުގެ ތެރޭގައެވެ. މަސްތުވާތަކެތީގެ ވަބާއިން ޅަދަރިންނާއި އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކުން މިއަށްވުރެ ހަރުދަނާ، އަމަލީ ފިޔަވަޅުތަކެއް އަވަސް މުއްދަތެއްގެ ތެރޭގައި އަޅަންޖެހޭކަން މިއަދު މިވަނީ ކަށަވަރުވެފައެވެ.