ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އޭއައި ބޭނުންކޮށްގެން ހިންގާ ސްކޭމްތަކުން ރައްކާތެރިވާނީ ކިހިނެެއް؟

އޭއައި ބޭނުންކޮށްގެން ހިންގާ ސްކޭމްތަކުން ރައްކާތެރިވާނީ ކިހިނެެއް؟

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްޤީވެ، މަކަރާއި ޙީލަތުން ފައިސާ ހޯދުމުގެ އަމަލުތައް އާންމުވަމުންދާ މި ދަނޑިވަޅުގައި، މިފަދަ ނުރައްކާތެރި ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުން މުހިންމެވެ.

ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި، އަމިއްލައަށް ބައްދަލުވެފައިނުވާ މީހުންނަށް ފައިސާއާއި ގިފްޓް ކާޑު ނުވަތަ މާލީ އަދި އަމިއްލަ މަޢުލޫމާތު ނުފޮނުވުމަކީ އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅެކެވެ. މީގެއިތުރުން، އޮންލައިންކޮށް ވިޔަފާރިކުރާ ތަންތަނުގެ އެޑްރެހަކީ ސައްޙަ އެޑްރެހެއްތޯ ބެލުމާއި، ކުންފުނިތަކުގެ ސައްޙަކަން ކަށަވަރުކުރުމުގެ އިތުރުން، ވަޒީފާގެ އިޢުލާންތަކުގެ އަސްލު ބެލުމަށް ސީދާ އެ ކުންފުންޏަކަށް ގުޅައިގެން މަޢުލޫމާތު ސާފުކުރުން ހިމެނެއެވެ. އަދި ފައިސާ ދެއްކުމުގެ ކުރިން ނުވަތަ މަޢުލޫމާތު ހިއްސާކުރުމުގެ ކުރިން ވިސްނާލުމަށާއި، އަވަސް އަރުވާލައިގެން ކަންކަން ކުރުވުމަށް ކުށްވެރިން ކުރާ ޕްރެޝަރަށް ސަމާލުވުމަށް މާހިރުން އިލްތިމާސްކުރައްވައެވެ.

މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހިފައިވަނީ އޭއައި ވަސީލަތްތައް ބޭނުންކޮށްގެން މަކަރުހަދާ މީހުން އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އޮޅުވާލައިގެން ފައިސާ އަތުލުން އިންތިހާއަށް އިތުރުވަމުން ދާތީއެވެ. ކުށްވެރިން ދަނީ އޭއައި ބޭނުންކޮށްގެން އަސްލު ވިޔަފާރިތަކާ ވައްތަރު، ސައްޙަ ނޫން ވެބްސައިޓްތައް ހަދައި، އެއީ އޮރިޖިނަލް އުފެއްދުންތައް އުފައްދާ ވިއްކާ ތަންތަން ކަމަށް ބުނެ އޮޅުވާލަމުންނެވެ. ނަމަވެސް އެފަދަ ސައިޓްތަކުން ތަކެއްޗަށް އޯޑަރުކުރުމުން އެ ތަކެތި ނުލިބުމުގެ ފުރުސަތު ބޮޑުއިރު، ލިބުނު ކަމުގައި ވިޔަސް ލިބެނީ އެހެން ގައުމުތަކުން އުފައްދާ ފެންވަރު ދަށް ތަކެތި ކަމަށް އިނގިރޭސިވިލާތުގެ ޓްރޭޑިންގ ސްޓޭންޑަރޑްސް އޮފިސަރުން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން، މަކަރާއި ޙީލަތް ހަދާ ފަރާތްތަކުން ދަނީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއާއި، އަޑު ކްލޯންކުރުމާއި، ޑީޕްފޭކް ވިޑިއޯތައް ބޭނުންކޮށްގެން މީހުންގެ އަތުން ފައިސާ އަތުލުމުގެ އަމަލުތައް ވަރުގަދަކުރަމުންނެވެ. އެގޮތުން، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މަދު ޚަރަދަކުން އަސްލާ އެއްގޮތް ވެބްސައިޓްތައް ހެދުމާއި، ލޯބީގެ ގުޅުން އުފައްދައިގެން އޮޅުވާލުމުގެ ތެރޭގައި އޭއައި ބޭނުންކޮށްގެން އެކަކު އަނެކަކުގެ އަމިއްލަ މަޢުލޫމާތު ހަނދާންބަހައްޓައިގެން ގުޅުން ދެމެހެއްޓުން ހިމެނެއެވެ. އަދި އާއިލާގެ މެންބަރުން ނުވަތަ ގާތް ރަޙުމަތްތެރިންގެ އަޑާއި ސިފަ ކްލޯންކޮށްގެން، ކުއްލި އެހީއަކަށް އެދި ފައިސާ ހޯދުމުގެ މަކަރުވެރި އަމަލުތައް ވެސް ދަނީ ހިންގަމުންނެވެ.

އޭއައިގެ އެހީގައި ވަކިވަކި މީހުންނަށް އަމާޒުކޮށްގެން ފޮނުވާ އޮޅުވާލުމުގެ މެސެޖުތަކާއި އީމެއިލްތައް ފުޅާދާއިރާއެއްގައި އުފައްދަމުންދާތީ، ކުރީގައި މަކަރާއި ޙީލަތް ފާހަގަކުރުމަށް ބޭނުންކުރި އިމްލާ ކުށް ބެލުމުގެ އުސޫލަކީ މިހާރު އިތުބާރު ކުރެވޭނެ ކަމެއް ނޫން ކަމަށް ކޮންސިއުމަރ ގްރޫޕްތަކުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، މިފަދަ އޭއައި މަކަރުތަކުން ރައްކާތެރިވުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަކީ މިއަދު ނުހަނު މުހިންމު ކަމެކެވެ.