ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އިމްރާން އިސްވެ އުޅުނު ’ގައުމީ ހަރަކާތް‘ ތޮޅިއަށް!

އިމްރާން އިސްވެ އުޅުނު ‘ގައުމީ ހަރަކާތް’ ތޮޅިއަށް!

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަރައްޤީކުރާ ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް އިންގިލާބީ ބޮޑެތި ނަފާތަކެއް ލިބި، ރައްޔިތުންގެ ފުދުންތެރިކަން އިންތިހާއަށް އިތުރުވެގެންދާނެ އުއްމީދީ މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށްގެންދާ ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލްޢައްބާރު އަދި ދިވެހި ސަރުކާރުން ހާމަކުރައްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ އިމާރާތްކުރުމުގެ މަރުޙަލާގައި އެކަނިވެސް 40،000 އާއި 54،000 ދެމެދުގެ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެއެވެ. އަދި މަޝްރޫޢު ނިމި ހޮޓާތަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތަކުގެ އިތުރުން ސުކޫލްތަކާއި ޕާކުތައް ފަދަ ޚިދުމަތްތައް ހިންގަން ފެށުމުން 14،000 އާއި 18،000 އާ ދެމެދުގެ ދާއިމީ ވަޒީފާ އުފެދިގެންދާނެއެވެ.

މިފަދަ ބޮޑު އިޤްތިޞާދީ މަންފާއެއް ލިބޭ މަޝްރޫޢެއްގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް 99 އަހަރަށް ކުއްޔަށް ދީގެން އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، ކުރީގެ ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ އިސްވެ ހުންނަވައި ފެއްޓެވި "ގައުމީ ހަރަކާތް" އެންމެ ފަހުން ތޮޅިއަށް ގޮސް ފަނުފުލުން ހިނގައްޖެއެވެ. 5.2 މިލިއަން އަކަމީޓަރުގެ ބިން ބޭރު ބަޔަކަށް ދިނުމަކީ ބޮޑު ޖަރީމާއެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ޒަޔަނިސްޓުންގެ ނުފޫޒު ވަންނާނެ ކަމަށް ބުނެ، "ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި މި މަހުގެ 19 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެ ހަރަކާތް އިފްތިތާޙުކުރީ ވަރަށް ފޮނި އުއްމީދުތަކަކާ އެކުގައެވެ.

ހުރިހާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާތައް އަދި ޢާންމު ރައްޔިތުން އެކަތިގަނޑަކަށް ހަދައިގެން ކަމަށްބުނެ، ސަރުކާރުގެ ނިންމުން ބާޠިލްކުރަންދެން މަގުމައްޗަށް ނުކުމެ ވަރުގަދަ އިހުތިޖާޖުތަކެއް ކުރާނެ ކަމުގެ އިންޒާރު އިމްރާން ދެއްވިއެވެ. ދީނާއި ގައުމަށް ޣައްދާރުވުމުގެ ނަތީޖާ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ހިތިވާނެ ކަމަށް ވިދާޅުވެ، ގައުމީ ސަލާމަތަށްޓަކައި މުޅި ރައްޔިތުން ތެދުވުމަށް އިމްރާން ގޮވައިލެއްވި ނަމަވެސް، އެ ގޮވައިލުމަށް ސިޔާސީ މަސްރަޙުންނާއި ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ އިންތިހާއަށް ފިނި ތަރުޙީބެކެވެ.

މި ހަރަކާތް ކޮޅަށް ނުޖެހި ބޮޑުތަނުން ނާކާމިޔާބުވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުން އެކަމަށް ދިން ހަރުދަނާ އަދި ސާބިތު ރައްދެވެ. ރައީސް ޑރ. މުޢިއްޒު ވަނީ ބިން މިލްކުކޮށްދޭން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން އަބަދުވެސް އުޅެނީ ގައުމަށް ފައިދާއެއް ވާން އުޅޭ ކޮންމެ ދަނޑިވަޅެއްގައި ހުރަސްއަޅަން ކަމަށް ވިދާޅުވެ، ރައްޔިތުންނަށް ދެއްވި ޔަގީންކަމާ އެކު މި މަޝްރޫޢު ހުއްޓުވަން ކުރާ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެކަން ވަރަށް ސާފުކޮށް ހާމަކުރައްވާފައެވެ. ސަރުކާރުގެ މި ހަރުދަނާ ވިސްނުމުގެ ކުރިމަތީގައި އިދިކޮޅުގެ ހަމަލާތައް ދިޔައީ ބާތިލުވެގެންނެވެ.

އޭގެ އިތުރުން، އިދިކޮޅު ފަރާތްތަކުގެ މެދުގައި އޮތް ބައިބައިވުމަކީވެސް މި ހަރަކާތް ތޮޅިއަށް ދިޔަ މައިގަނޑު ސަބަބެކެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ފަދަ ސިޔާސީ ލީޑަރުންވެސް އީގަލް ހިލްސްގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، އިމްރާން އިސްވެ އުޅުއްވާ ހަރަކާތަކަށް އެހެން އެއްވެސް ސިޔާސީ ފިކުރެއްގެ ލީޑަރަކު ތާއީދެއް ނުކުރެއްވިއެވެ. ހުރިހާ ޕާޓީތައް އެއްގަލަކަށް އަރުވައިގެން ބޮޑު އިއްތިހާދެއް ހަދަން އިމްރާން ކުރެއްވި މަސައްކަތް ނިމިގެންދިޔައީ އެއްވެސް ބަޔަކު އަޅައިނުލި، އެކަނިވެރި ހަރަކާތެއްގެ ގޮތުގައެވެ.

މި ހަރަކާތަށް އާންމު ރައްޔިތުންގެ ފަރާތުން ޖޯޝެއް ނުފެނުނު އަނެއް ސަބަބަކީ އިމްރާންގެ އަމިއްލަ ސިޔާސީ އިތުބާރު ގެއްލިފައި އޮތުމެވެ. މީގެ ކުރީގެ ސަރުކާރުތަކުގައިވެސް އެކި ނަންނަމުގައި "ގައުމީ ހަރަކާތްތައް" އުފައްދަވައި، މަގުމައްޗަށް މީހުން ނެރުމަށްފަހު، އެންމެ ފަހުން އަމިއްލަ ސިޔާސީ މަންފާއަށް ކަންކަން ބޭނުންކުރައްވާފައިވާ ކަމަށް ރައްޔިތުން ގަބޫލުކުރެއެވެ. އެހެންކަމުން، އިމްރާން އަނެއްކާވެސް އަމިއްލަ ސިޔާސީ ހައިސިއްޔަތު ހޯއްދަވަން ނުކުމެވަޑައިގަތުމުން ރައްޔިތުން އެކަން ބަލައިނުގަތީއެވެ.

ފުރިހަމަ ޕްލޭނެއް ނެތި، އަދި ސިޔާސީ އެހެން ބާރުތަކުގެ އެއްބާރުލުމެއް ނެތި، ހަމައެކަނި ޖަޒުބާތީ ބަސްތަކަކުން ރައްޔިތުން ހިލުވައިލަން އުޅުނު "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތް ނިމިގެން ދިޔައީ ފެށުނުތާ ދެތިން ދުވަހުގެ ތެރޭގައި އެއްވެސް އަސަރެއް ވަހެއްނެތް ޖަމަލު ފޮޑީގެ މިސާލަށެވެ. ސަރުކާރުގެ ސާބިތުކަމާއި، ސިޔާސީ އެއްބައިވަންތަކަން ނެތުމާއި، އިމްރާނަށް އޮތް އިތުބާރު ކުޑަވުމުގެ ސަބަބުން، މި ފަހަރުވެސް އޭނާ އިސްވެ ފެއްޓެވި "ގައުމީ ހަރަކާތް" މިވަނީ ސިޔާސީ ގޮތުން ފެއިލްވެ، އެއްކޮށް ތޮޅިއަށް ގޮސްފައެވެ.