ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ އިހުމާލު

ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ އިހުމާލު

ދަރިންނަކީ މާތް ﷲ އިންސާނާއާ ޙަވާލުކުރައްވާފައިވާ އެންމެ އަގުބޮޑު ނިޢުމަތެވެ. އަދި އެއާއެކު އެއީ ބޮޑުވެގެންވާ އަމާނާތެއްވެސް މެއެވެ. އިސްލާމްދީނުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ ހަމައެކަނި ދުނިޔަވީ ޒިންމާއެއް ނޫނެވެ. އެއީ އާޚިރަތް ދުވަހުން އެކަމާމެދު ސުވާލުވެވޭނޭ އަޅުކަމެކެވެ. ނަމަވެސް މިއަދުގެ މުޖުތަމަޢަށް ބަލާއިރު، ދިރިއުޅުމުގެ އަދި މާއްދީ ބޭނުންތައް ފުއްދުމުގެ އަވަދިނެތިކަމުގެ ތެރޭގައި ދަރިންގެ ރޫޙާނީ އަދި އަޚްލާޤީ ތަރުބިއްޔަތަށް އިހުމާލުވުމަކީ ޢާންމުވަމުން އަންނަ ހިތާމަވެރި ޙަޤީޤަތެކެވެ.

ދަރިންނަކީ ބޮޑުވެގެންވާ އަމާނާތެއް: ޤުރުއާނުގެ އަލީގައި


ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ ދަރިންނަކީ އިމްތިޙާނެއް ކަމާއި، އެކުދިން ނަރަކައިގެ ޢަޒާބުން ސަލާމަތް ކުރުމަށް މައިންބަފައިންނަށް އަމުރުކުރައްވާފައެވެ. ސޫރަތުއް ތަޙްރީމްގެ 6 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ:

يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ
މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން (އަނބިދަރިން)، އެ އަލިފާނުގެ ދަރުތަކަކީ މީހުންނާއި ހިލަކަމުގައިވާ ނަރަކައިން ސަލާމަތްކުރާށެވެ!"

މި އާޔަތުގެ ތަފްސީރުގައި ޢަލީގެފާނު رضي الله عنه ވިދާޅުވެފައިވަނީ، އޭގެ މާނައަކީ އެކުދިންނަށް ހެޔޮކަންކަން އުނގަންނައިދީ، ރިވެތި އަދަބުތަކުން އަދަބުވެރި ކުރުވުމެވެ. މައިންބަފައިން ދަރިންނަށް ދީނީ ތަޢުލީމާއި އަޚްލާޤު ދަސްކޮށްނުދީ ދޫކޮށްލުމަކީ، އެކުދިން ނަރަކައިގެ އަލިފާނަށް ހުށަހެޅުން ފަދަ ނުރައްކާތެރި އިހުމާލެކެވެ.

އަދި ހަމައެހެންމެ، މާތް ﷲ ސޫރަތުލް އަންފާލްގެ 28 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ:

وَاعْلَمُوا أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ وَأَنَّ اللَّهَ عِندَهُ أَجْرٌ عَظِيمٌ
މާނައީ: "އަދި ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންނަކީ އިމްތިޙާނެއްކަން ތިޔަބައިމީހުން ދަންނާށެވެ! އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ދަރުމަވަނީ ﷲ ގެ ޙަޟްރަތުގައެވެ."

ޒިންމާދާރުކަމާއި ސުވާލުވެވޭނެކަން: ކީރިތި ރަސޫލާގެ ސުންނަތުން


ދަރިން ތަރުބިއްޔަތު ކުރުމުގައި ފަރުވާކުޑަކުރުމަކީ މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ:

كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ... وَالرَّجُلُ رَاعٍ فِي أَهْلِهِ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ، وَالمَرْأَةُ رَاعِيَةٌ فِي بَيْتِ زَوْجِهَا وَمَسْئُولَةٌ عَنْ رَعِيَّتِهَا (ޞަޙީޙުލް ބުޚާރީ)
މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީވެސް ބަލަހައްޓާ ވެރިއެކެވެ. އަދި ކޮންމެ މީހަކާވެސް އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ފަރާތްތަކާމެދު ސުވާލުވެވޭނެއެވެ... ފިރިހެނާއަކީ އޭނާގެ އަހުލުވެރިންގެ ބަލަހައްޓާ ވެރިޔާއެވެ. އަދި އޭނާއާ އެމީހުންނާމެދު ސުވާލުވެވޭނެއެވެ. އަދި އަންހެނާއަކީ ފިރިމީހާގެ ގޭގެ ބަލަހައްޓާ ވެރިޔާއެވެ. އަދި އޭނާއާ އެކަމާމެދު ސުވާލުވެވޭނެއެވެ."

މި ޙަދީޘްފުޅުން އެނގޭ ގޮތުގައި، ކޮންމެ ބައްޕައަކާއި ކޮންމެ މަންމައަކީ އެމީހުންގެ ދަރިންގެ ކަންކަން ބެލެހެއްޓުމުގައި މާތް ﷲ ގެ ޙަޟްރަތުގައި ޒިންމާ އުފުލަންޖެހޭނެ ބައެކެވެ. ދަރިންނަށް ކާންބޯންދީ، އަންނައުނު ހޯދައިދިނުމުން އެކަނި މި ޒިންމާ އަދާކުރެވުނީކީ ނޫނެވެ. އޭގެ އިތުރުން ރަނގަޅު ތަރުބިއްޔަތާއި ދީނީ ހަމަތައް ދަސްކޮށްދިނުމަކީ ވާޖިބެކެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ:

مَا نَحَلَ وَالِدٌ وَلَدًا مِنْ نَحْلٍ أَفْضَلَ مِنْ أَدَبٍ حَسَنٍ (ސުނަނުއް ތިރްމިޛީ)
މާނައީ: "ބަފަޔަކު އޭނާގެ ދަރިއަކަށް ދޭނެ އެންމެ މާތް، އެންމެ ހެޔޮވެގެންވާ ހަދިޔާއަކީ ރިވެތި އަދަބު (ހެޔޮ ތަރުބިއްޔަތު) ދިނުމެވެ."

އިހުމާލުވުމުގެ ވައްތަރުތަކާއި އޭގެ ސަބަބުތައް


މިއަދުގެ މުޖުތަމަޢުގައި ދަރިންނަށް އިހުމާލުވުން އެކި ގޮތްގޮތަށް ފެންނަމުންދެއެވެ. އެގޮތުން އެކަށީގެންވާ ވަގުތު ނުދިނުމުގެ އިހުމާލަކީ މިއަދު އެންމެ ގިނައިން ފެންނަ އިހުމާލެވެ. ގިނަ މައިންބަފައިން ވަޒީފާއާއި ދުނިޔަވީ ކަންކަމުގައި މާބޮޑަށް ބުރަވެ، ދަރިންނާއެކު ހޭދަކުރާނެ އެކަށީގެންވާ ރަނގަޅު ވަގުތު ނުހޯދެއެވެ. އޭގެ ބަދަލުގައި ކުދިން ހިމޭނުން ބޭތިއްބުމަށްޓަކައި ނުވަތަ އަމިއްލަ ފަސޭހައަށްޓަކައި ފޯނާއި ޓެބްލެޓް ދީ ބައިތިއްބާއިރު، އެކުދިން ބަލާ އެއްޗެއްސާއި ކުރާ ކަންކަން މޮނިޓަރއެއް ނުކުރެވެއެވެ.

ދީނީ އަދި އަޚްލާޤީ ތަޢުލީމަށް ފަރުވާކުޑަކުރުމަކީވެސް މިއަދު ފެންނަމުންދާ މަންޒަރެކެވެ. ސްކޫލް މާއްދާތަކުން މަތީ މާކްސް ހޯދުމަށް ބާރުއަޅާއިރު، ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމާއި ތެދުވެރިކަމާއި، އަމާނާތްތެރިކަން ފަދަ އަސާސީ ސިފަތައް އަށަގެންނެވުމަށް އަޅައެއް ނުލެވެއެވެ. އޭގެ އިތުރުންވެސް
ލޯތްބާއި ކުލުނު ނުދިނުމާއި، ކުދިންގެ އިޙްސާސްތައް އަޑުނޭހުމާއި، ހަރުކަށިކޮށް މުޢާމަލާތް ކުރުމުގެ ސަބަބުން ކުދިން ބޭރުން ލޯބި ހޯދަން މަސައްކަތްކޮށް މަގުއޮޅިގެން ދިއުމަކީ މިއަދު އާންމު ވަމުންދާ ކަންކަކަމެވެ.

އިހުމާލުވުމުގެ ނަތީޖާ


ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވުމުގެ ނަތީޖާ މުޅި މުޖުތަމަޢަށް ކުރިމަތިވެއެވެ. މައިންބަފައިންގެ ފަރާތުން ރަނގަޅު މަގުދެއްކުމެއް ނުލިބި ބޮޑެތިވާ ކުދިން މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކަށާއި، ބަދުއަޚްލާޤީ ޢަމަލުތަކުގެ ތެރެއަށް ވެއްޓިގެން ދެއެވެ. އަދި އޭގެ ސަބަބުން ދުނިޔެމަތީގައި މައިންބަފައިންނަށް ހިތާމައާއި ލަދުވެތިކަން ލިބި، މައިންބަފައިން މުސްކުޅިވާ ދުވަހު އަޅާނުލާ ދޫކޮށްލާ ދަރިންނަށް އެކުދިން ވެގެންދެއެވެ.

ދަރިންނަކީ އަޅުގަނޑުމެން މަރުވުމަށްފަހުވެސް ހެޔޮ ދުޢާކޮށްދޭނެ، ޞަދަޤާތުލް ޖާރިޔާއެއް ފަދަ ބައެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ފަދައިން، އާދަމުގެދަރިޔާ މަރުވުމުން އޭނާގެ ހުރިހާ ޢަމަލެއް މެދުކެނޑިގެންދެއެވެ؛ އޭނާއަށްޓަކައި ހެޔޮދުޢާކޮށްދޭ ޞާލިޙު ދަރިއެއް ފިޔަވައެވެ. ވީމާ، އެފަދަ ޞާލިޙު ދަރިއަކު ބިނާކުރެވޭނީ އިހުމާލުވުންތަކުން ދުރުހެލިވެ، ކީރިތި ޤުރުއާނާއި ސުންނަތުގެ އިންތަކުގެ ތެރޭގައި ލޯތްބާއި އަޅާލުމާއެކު އެކުދިން ތަރުބިއްޔަތު ކޮށްގެންނެވެ.