ޕެންޝަން ފަންޑުން ޙައްޖަށް: ޢުމުރުގެ ހުރަހެއް ނެތި، ކޮންމެ ދިވެއްސަކަށްވެސް ފަހިވި ރަނުގެ ފުރުޞަތެއް!
ކޮންމެ މުސްލިމެއްގެ ވެސް އެންމެ ބޮޑު އެދުމަކީ، މާތްވެގެންވާ މައްކާގެ ބިމަށް ޒިޔާރަތްކޮށް، އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ ފަރުޟު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ނަޞީބު ލިބުމެވެ.
ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ވެސް އެތައް ރައްޔިތުންނެއް އުމުރު ދުވަހުގެ ދާ އޮހޮރުވައިގެން ކުރާ ބުރަ މަސައްކަތުން އެއްކުރާ ފައިސާކޮޅު ރައްކާކުރަނީ މި މާތް މަޤްޞަދުގައެވެ.
ނަމަވެސް، ޙައްޖަށް ދާން އެއްފަހަރާ ފައިސާ ދައްކާނެ ތަނަވަސްކަން ނެތުމާއި، ދިގު އިންތިޒާރެއް ކުރަންޖެހުމަކީ އެތައް ދިވެހިންނެއްގެ ހިތުގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ. އެހެންނަމަވެސް،ރާއްޖޭގެ ޙައްޖުގެ ނިޒާމަށް ސަރުކާރުން ގެނަނަންފެށި ހެޔޮ ބަދަލުތަކާއި، ޕެންޝަނާބެހޭ ޤޤާނޫނާއި ޤަވާއިދުތަކަށް ގެނައި މުހިންމު އިޞްލާޙުތަކާއެކު، އެ ދޮރުތައް މިއަދު މިވަނީ ކުރިއަށްވުރެ ބޮޑަށް ހުޅުވި، ރައްޔިތުންގެ އުންމީދުތައް އައުވެފައެވެ.
Ads by BMLރާއްޖޭގެ ޙައްޖުގެ ނިޒާމު ހަރުދަނާކޮށް، ދެފުށް ފެންނަ، އިންޞާފުވެރި ނިޒާމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޕެންޝަން ފަންޑުގެ އެހީގައި ޙައްޖަށް ދިއުމަށް އޮތް ހުރަސްތައް ނައްތައިލުމެވެ. މީގެ ކުރިން އޮތް އުސޫލުތައް ބަދަލުކޮށް، ވަކި ޢުމުރެއްގެ ހިފެހެއްޓުމެއް ނެތި، ޝަރުޠު ހަމަވާ ކޮންމެ ބައިވެރިއަކަށް ވެސް ޕެންޝަން ފަންޑު ބޭނުންކޮށްގެން ޙައްޖަށް ދިއުމުގެ ޖާގަ ކަށަވަރުކުރެވޭނެ އިންތިޒާމު މިއަދު ވަނީ ޤާއިމުކުރެވިފައެވެ.
މިއީ ވަޒީފާ އަދާކުރާ ޒުވާނުންނަށާއި މެދުއުމުރުގެ މީހުންނަށް، ދުރާލައި ޙައްޖުގެ ދަތުރަށް ތައްޔާރުވެ، މާލީ ބުރައަކާ ނުލައި ޖާގަ ކަށަވަރުކުރުމަށް ލިބުނު ރަނުގެ ފުރުޞަތެކެވެ.
މި އިޞްލާޙުގެ ސަބަބުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައީ ޢުމުރުން ދުވަސްވީ ފަރާތްތަކަށެވެ. މީގެ ކުރިން ޢުމުރުން 65 އަހަރު ފުރި، ޕެންޝަން ޢުމުރު ހަމަވުމުން ނުވަތަ ޖާގަ ލިބޭ އަހަރު އެ ޢުމުރު ފުރޭތީ ޕެންޝަން ފައިސާ ބޭނުންނުކުރެވި، އަމިއްލަ ޖީބުން ޚަރަދުތައް ކުރަންޖެހުނު ދަތިކަމަށް މިވަނީ ދާއިމީ ޙައްލެއް ލިބިފައެވެ.
މިހާރު ޢުމުރުން 65 އަހަރު ފުރުމަށްފަހުވެސް، އަދި ކުރިން އަމިއްލަ ޚަރަދުގައި ފައިސާ ދައްކައިގެން ޖާގަ ރިޒާވްކޮށްފައިވާ ދުވަސްވީ ފަރާތްތަކަށްވެސް، އެ ފައިސާގެ ތެރެއިން %80 އާ ހަމައަށް ޕެންޝަން ސޭވިންގްސް އެކައުންޓުން ހަމަޖައްސާނެ މަގު މިވަނީ ފަހިވެފައެވެ. މިއީ ހަށިގަނޑުގައި ވަރުހުރި ދުވަހު ފަރުޟު އަޅުކަން ފުރިހަމަކުރަން އެދޭ ދުވަސްވީ އެތައް ޢުމުރުން ދުވަސްވީ ފަރާތްތަކަށް ނިންމި އޯގާތެރި ނިންމުމެކެވެ.
ހަމައެއާއެކު، ޙައްޖަށް ދިއުމަށް ދައްކަންޖެހޭ އަގުގެ އެންމެ %20 އަމިއްލައަށް ދެއްކުމަށްފަހު، ބާކީ %80 ޕެންޝަން އެކައުންޓުން ހަމަޖައްސައިދިނުމުގެ ސިޔާސަތަކީ ދިވެހި އެތައް ޢާއިލާއަކަށް ލިބުނު ވަރަށް ބޮޑު މާލީ ތަސައްލީއެކެވެ. އެއްފަހަރާ ބޮޑު އަދަދަކުން ފައިސާ ދައްކަން ނުޖެހި، އަދި ހަމަޖެހިފައިވާ ޖާގައަށް އުނިކަމެއް ނާންނާނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިގެން ދިއުމަކީ ޙައްޖުގެ އަޅުކަމަށް އޮތް އިދާރީ އަދި މާލީ ހުރަސްތައް ނައްތައިލި ވަރަށް މުހިންމު ފިޔަވަޅެކެވެ.
ކޮންމެއަކަސް ޕެންޝަން ފައިސާ އަކީ ހަމައެކަނި ވަޒީފާއިން ވަކިވުމަށްފަހު ދިރިއުޅުމުގެ ޚަރަދުތައް ބަލަހައްޓަން އޮތް އެއްޗެއްގެ އިތުރުން، އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް ކޮށައިދެވުނު އަގުހުރި މަގެއްގެ ގޮތުގައި މިއަދު މިވަނީ ބަދަލުވެފައެވެ. ދިވެހި ސަރުކާރުން ޙައްޖުގެ ނިޒާމަށް ގެނައި މި އިންޤިލާބީ ބަދަލުތަކަކީ، ކޮންމެ ދިވެހި ރައްޔިތަކަށްވެސް ފަސޭހަކަމާއި ޢިއްޒަތްތެރިކަމާއެކު މާތްވެގެންވާ ޙަރަމަށް ދިޔުމަށް ކޮށައިދިން އުންމީދީ އަދި ބާއްޖަވެރި ފާލަމެކެވެ.
Ads by MACL
