ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

‏އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް ޔާމިން، ރައީސް ސޯލިހު ވަޑައިގަންނަވަން ކެރިދާނެތަ؟

‏އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް ޔާމިން، ރައީސް ސޯލިހު ވަޑައިގަންނަވަން ކެރިދާނެތަ؟

‏ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ‏‏ރައީސުންނަށް ދައުވަތު އަރުވަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމި ‏‏ނިންމުމާއެކު، ރާއްޖޭގެ ސިޔާސީ މަޝްރަޙު ވަނީ އަނެއްކާވެސް ހޫނުވެފައެވެ.

އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ، ‏‏މި ޕްރޮޖެކްޓްގެ މާޒީއާ ގުޅިފައިވާ ދެ ސިޔާސީ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ‏‏އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރަސްމިއްޔާތަށް ވަޑައިގަންނަވާނެތޯއެވެ.

މިއީ ހަމައެކަނި ‏‏ރަސްމިއްޔާތެއްގައި ބައިވެރިވުމަށްވުރެ މާ ބޮޑު ސިޔާސީ މާނައެއް އެކުލެވިގެންވާ ކަމެކެވެ‏‎.‎

‏އާ ޓާމިނަލްގެ މަޝްރޫއަކީ ރައީސް ޔާމީންގެ ވެރިކަމުގައި، 2016 ވަނަ އަހަރު ފެށިގެން ދިޔަ "މެގަ ޕްރޮޖެކްޓް" ‏‏ތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަޝްރޫއެވެ.

އެމަނިކުފާނުގެ ސަރުކާރުން އޭރު ދެކެމުން އައީ، ރާއްޖޭގެ ‏‏އިގްތިސާދީ މައި ދޮރޯށި ކަމަށްވާ އެއާޕޯޓު، ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރާއްޖޭގެ ފަތުރުވެރިކަން އިތުރު ‏‏ހަރުފަތަކަށް ގެންދިއުމުގެ ހުވަފެނެކެވެ.

އެމަނިކުފާނުގެ ސަޕޯޓަރުން އަދިވެސް ދެކޭ ގޮތުގައި މިއީ "ރައީސް ޔާމީންގެ ‏‏ޕްރޮޖެކްޓެކެވެ" އަދި މި މަޝްރޫއުގެ ޝަރަފާއި ކްރެޑިޓްގެ އެންމެ ބޮޑު ހައްގުވެރިޔަކީ ވެސް އެމަނިކުފާނެވެ‏‎.‎

‎2018 ‎‏ވަނަ އަހަރު ވެރިކަން ބަދަލުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އައުމާއެކު، އާ ޓާމިނަލްގެ ‏‏މަސައްކަތްތައް ކުރިއަށް ދިޔައީ ސިޔާސީ ގޮތުން ގިނަ ބަހުސްތަކަކާ އެކުގައެވެ.

ނަމަވެސް، މި ޕްރޮޖެކްޓް ކުރިއަށް ‏‏ގެންދިއުމުގައި ރައީސް ސޯލިހުގެ ސަރުކާރުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މިގޮތުން، ޕްރޮޖެކްޓަށް ‏‏ބޭނުންވާ ފައިނޭންސިންގެ ބޮޑު ބައެއް ހަމަޖެއްސުމުގައި އެ ސަރުކާރުން އިސްނެގިއެވެ.

ސައުދީ ފަންޑުން 100 ‏‏މިލިއަން ޑޮލަރު އަދި އަބޫދާބީ ފަންޑުން 80 މިލިއަން ޑޮލަރުގެ ފައިނޭންސިންގ ހަމަޖެއްސީ އެމަނިކުފާނުގެ ‏‏ސަރުކާރުންނެވެ. އެހެންކަމުން، މަޝްރޫއު ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް، ނިންމުމުގެ މަރުހަލާއަށް ގެނައުމުގައި ‏‏އެ ސަރުކާރުގެ ހިއްސާ ބޮޑެވެ‏‎.‎

‏ޓާމިނަލް ހުޅުވުމުގެ ތާރީޚު ކައިރިވަމުން އައިއިރު، މި މަޝްރޫޢުގެ ޝަރަފު ހައްގުވަނީ ކޮން ބަޔަކަށްތޯއާ މެދު ‏‏އުފެދިފައިވާ ސިޔާސީ ބަހުސް ވަނީ އިތުރަށް ހޫނުވެފައެވެ.

ކުރީގެ ރައީސް ޞާލިޙަށް ތާއީދުކުރާ ފަރާތްތަކުން ‏‏ދެކޭގޮތުގައި، ޓާމިނަލްގެ އެތެރެއާއި ބޭރުގެ ހުރިހާ ރީތިކަމެއްގެ ކްރެޑިޓް ހައްގުވަނީ އެމަނިކުފާނަށެވެ. އެއީ ރައީސް ‏‏ޔާމީންގެ ވެރިކަމުގައި ޓާމިނަލްގެ ބޭރު ޑިޒައިން ހުރީ "ކޮންޓެއިނަރެއް"ހެން ކަމަށާއި، ރާއްޖެއާ އެކަށީގެންނުވާ އެ ‏‏ސިފަ ބަދަލުކޮށް، ޒަމާނީ ފަރުމާއަކަށް މަޝްރޫޢު ގެންދެވީ ރައީސް ޞާލިޙް ކަމަށްވާތީއެވެ‏‎.‎

‏މި‏‎ ‎‏ވާހަކައަށް‏‎ ‎‏ރައްދު ދެއްވަމުން، ކުރީގެ ރައީސް ޔާމީން ވަނީ ރައީސް ޞާލިޙްގެ ސަރުކާރަށް ކޮރަޕްޝަންގެ ‏‏ތުހުމަތުތަކެއް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި، ޓާމިނަލަށް ބަދަލު ގެނައުމުގެ ނަމުގައި ރައީސް ޞާލިޙްގެ ‏‏ސަރުކާރުން 300 މިލިއަން ޑޮލަރު އިތުރުކުރީ ކޮރަޕްޝަން ހިންގުމަށެވެ.

އަދި، މި މަސައްކަތުގައި ރައީސް މުއިއްޒުގެ ‏‏10 ޕަސެންޓުގެ ހިއްސާވެސް ނެތްކަމަށް ވިދާޅުވެ، މުޅި މަޝްރޫޢުގެ އަސްލު ވެރިފަރާތަކީ އެމަނިކުފާނުކަން ވަނީ ‏‏ހާމަކުރައްވާފައެވެ‏‎.‎

‏މި ހުރިހާ ދެބަސްވުންތަކުގެ މެދުގައި، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުންނެވީ ސާބިތުކަމާއެކުގައެވެ. ‏‏އެމަނިކުފާނު މިކަން ސިފަކުރައްވަނީ "ކުޑަކުދިން އުޅޭ ގޮތެއް" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވާ ގޮތުގައި، މިއީ އެއްވެސް ‏‏ބަޔަކަށް އެކަނި ކްރެޑިޓް ނެގޭނެ ކަމެއް ނޫނެވެ. ރައީސް ނާސިރުގެ ދައުރުގައި ފެށި، ރައީސް މައުމޫނުގެ ‏‏ދައުރުގައި ތަރައްގީވެ، ރައީސް ޔާމީންގެ ދައުރުގައި އާ ޓާމިނަލްގެ މަސައްކަތް ފެށި، އަދި ރައީސް ޞާލިޙްގެ ‏‏ދައުރުގައި އެ މަސައްކަތް ކުރިއަށްގޮސް، މިހާރު މި ސަރުކާރުން އެ މަސައްކަތް ނިންމާ ހުޅުވުމަކީ، ހުރިހާ ‏‏ވެރިންނަށް ވެސް އޭގެ ޝަރަފު ހައްގުވާ ކަމެކެވެ.

އެމަނިކުފާނު ކަންބޮޑުވެވަޑައިނުގެން، ގައުމީ މަސައްކަތެއްގެ ގޮތުގައި ‏‏މިކަން ދެކެވަޑައިގަތުމުން، ސިޔާސީ ވާދަވެރިކަމަށްވުރެ ގައުމީ ތަރައްގީ މުހިންމުކަން ‏‎‏އެއިން އެނގެއެވެ.‏‎‏ ‏

‏އާ ޓާމިނަލަކީ ރާއްޖޭގެ ތަރައްގީއަށް ލިބުނު ބޮޑު ކުރިއެރުމެއް ނަމަވެސް، އޭގެ ތާރީޚު ވަނީ ރާއްޖޭގެ ހޫނު ‏‏ސިޔާސީ ވާދަވެރިކަމާ ވަރަށް ބޮޑަށް ގުޅިފައެވެ.

އެހެންކަމުން، މި ރަސްމިއްޔާތުގެ ދައުވަތު ރައީސް ޔާމީން އާއި ‏‏ރައީސް ސޯލިހު ގަބޫލުފުޅު ކުރައްވައި، އެއް މޭޒެއްގެ ދޮށަށް ވަޑައިގެންފިނަމަ، އެ ވާނީ ގައުމީ މަސްލަހަތު ސިޔާސީ ‏‏ފިކުރުތަކަށްވުރެ އިސްކުރެއްވި ކަމުގެ ވަރުގަދަ ހެއްކަކަށެވެ.

އެއާ ޚިލާފަށް، ދެ ބޭފުޅުންކުރެ އެއްވެސް ބޭފުޅަކު ‏‏ވަޑައިނުގެންފިނަމަ، އެއިން ދޭހަވާނީ ރާއްޖޭގެ ސިޔާސީ ފުށުއެރުންތައް އަދިވެސް ކިހާ ބޮޑުކަމެވެ. މުޅި ގައުމުގެ ލޯތައް ‏‏މިހާރު ހުއްޓިފައިވަނީ މި ސުވާލުގެ ޖަވާބަށެވެ‏‎.‎