ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ބޮޑެތި މަޝްރޫއުތައް ހިންގައި ދިނުމަށް އަލައްބާރު އަރިހުން ބައެއް ގައުމުތަކުން އާދޭސް ކުރަނީ!

ބޮޑެތި މަޝްރޫއުތައް ހިންގައި ދިނުމަށް އަލައްބާރު އަރިހުން ބައެއް ގައުމުތަކުން އާދޭސް ކުރަނީ!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އަދި އަގުބޮޑު ބިނާރީ މަޝްރޫއުތައް ހިންގައިދިނުމަށް، މަޝްހޫރު އިމާރާތްކުރުމުގެ ކުންފުނި އެމާރް ޕްރޮޕަޓީސްގެ ބާނީ އަދި އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރުގެ އަރިހުން ބައެއް ގައުމުތަކުގެ ސަރުކާރުތަކުން އާދޭސް ކުރަމުންދާ ކަމަށް އޭނާ ހާމަކުރައްވައިފިއެވެ.

ބްލޫމްބާގް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އަލައްބާރު ވިދާޅުވީ، އެކި ގައުމުތަކުގެ ވެރިން އޭނާގެ އަރިހަށް ވަޑައިގެން އެ ގައުމުތަކުގައި ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގައިދިނުމަށް އެދި އާދޭސް ކުރައްވާ ކަމަށެވެ.

މިގޮތުން އެ ފަރާތްތަކުން އާދޭސް ކުރަނީ އޭނާއަކީ ބުނާ ބަހާ އެއްގޮތަށް އަމަލުކުރާ، ކަންކަން ނިންމާ އަދި ދުނިޔޭގެ ފެންވަރުގެ ފެންވަރު ރަނގަޅު މަޝްރޫއުތައް ބިނާކުރާ ބޭފުޅަކަށް ވާތީ ކަމަށް އަލައްބާރު ފާހަގަކުރެއްވިއެވެ.

މިހާރުވެސް ދުނިޔޭގެ 18 ގައުމެއްގައި ބޮޑެތި މަޝްރޫއުތައް ހިންގަމުން ގެންދަވާ އަލައްބާރު ވިދާޅުވި ގޮތުގައި، އޭނާގެ ކުންފުނިތަކުން ކުރިއަށްގެންދާ މި މަޝްރޫއުތަކުގެ ޖުމްލަ އަގު 100 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ.

ދުބާއީގެ މަޝްހޫރު ބުރުޖް ޚަލީފާ ފަދަ ދުނިޔޭގެ ފެންވަރުގެ ބިނާތައް ތަރައްގީކުރުމުގައި އިސްދައުރެއް އަދާކުރެއްވި އަލައްބާރު ވިދާޅުވީ، ގިނަ ގައުމުތަކަށް ބޭނުންވަނީ ހަމައެކަނި ލާރިއެއް ނޫން ކަމަށާއި، ބޭނުންވަނީ ވިސްނުމާއި ހިންގުންތެރިކަމާއި ތަޖުރިބާ ހުރި ފަރާތްތައް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ގިނަ ގައުމުތަކުގެ ވެރިންނަށް އެންމެ ބޮޑަށް ދިމާވާ ގޮންޖެހުމަކީ ބޮޑެތި މަޝްރޫއުތައް ރާވައި، އެ މަޝްރޫއުތައް ކަނޑައެޅިފައިވާ ވަގުތަށް އަދި އެންމެ މަތީ ފެންވަރުގައި ނިންމާލުމުގެ ގާބިލުކަން ހުރި ކުންފުނިތައް ނުލިބުމެވެ.

އެމާރް ޕްރޮޕަޓީސްއާއި އީގަލް ހިލްސް މެދުވެރިކޮށް އަލައްބާރު ގެންދަވަނީ މެދުއިރުމައްޗާއި، ޔޫރަޕާއި، އޭޝިއާގެ އިތުރުން އެފްރިކާގެ އެކި ގައުމުތަކުގައި ބޮޑެތި ރިއަލް އެސްޓޭޓް، ވިޔަފާރި އަދި ފަތުރުވެރިކަމުގެ މަޝްރޫއުތައް ހިންގަވަމުންނެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ޒަމާނީ ސިޓީތަކާއި، ލަގްޒަރީ ރިސޯޓުތަކާއި، ވިޔަފާރި މަރުކަޒުތައް ތަރައްގީކުރުން ހިމެނޭއިރު، މިހާރުވެސް އަލްބޭނިއާ، މޮންޓެނީގްރޯ، ސާބިއާ، މިސްރު، މޮރޮކޯ އަދި އިރާގު ފަދަ ގައުމުތަކުގައި އޭނާގެ ކުންފުނިތަކުން ދަނީ ބިޔަ މަޝްރޫއުތައް ހިންގަމުންނެވެ.

އަލައްބާރު އިތުރަށް ވިދާޅުވީ، ކޮންމެ ގައުމަކަށް ދިޔަ ނަމަވެސް އެ ގައުމެއްގެ ސަގާފަތާއި ވެށްޓާ ގުޅޭގޮތަށް މަޝްރޫއުތައް ފަރުމާކޮށް، އެ ގައުމެއްގެ އިގްތިސާދަށް ފައިދާވާނެ ގޮތަށް ވަޒީފާގެ ފުރުސަތުތައް އުފެއްދުމަކީ އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންތައް ކަމަށެވެ.

މީގެ އިތުރުން، ބޮޑެތި އިންވެސްޓްމަންޓްތައް ކުރާއިރު އެ ގައުމެއްގެ ސަރުކާރުތަކުގެ އެއްބާރުލުމާއި، ވިޔަފާރިކުރުމަށް ފަހި މާހައުލެއް އޮތުމަކީ މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ، ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާއެކުވެސް ރިއަލް އެސްޓޭޓް އަދި ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް ޑިމާންޑް ދަނީ އިތުރުވަމުން ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ގައުމުތަކުގައި މިފަދަ ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމަށް ފުރުސަތުތައް ހޯއްދަވަމުން ގެންދަވާ ކަމަށް އަލައްބާރު ވިދާޅުވިއެވެ.

އަލައްބާރު ފާހަގަކުރެއްވި ގޮތުގައި، ވިޔަފާރީގައި އޭނާ ހޯއްދަވާފައިވާ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ކޮންމެ ކަމެއްގައިވެސް ތަފާތު ވިސްނުމެއް ގެންގުޅުމާއި، ވަގުތަށް މަސައްކަތް ނިންމުމާއި، އަދި އިންވެސްޓަރުންނާއި ސަރުކާރުތަކުގެ އިތުބާރު ހިފެހެއްޓުމެވެ.

ދުބާއީގެ ތަރައްގީގެ ދަތުރުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރެއްވި އަލައްބާރުގެ ވިސްނުންފުޅަކީ، ތަރައްގީވަމުން އަންނަ އެހެން ގައުމުތަކަށްވެސް އެ ތަޖުރިބާ ގެންގޮސްދީ، އެ ގައުމުތަކުގެ އިގްތިސާދީ ދުވެލި ހަލުވިކުރުމުގައި ބައިވެރިވުން ކަމަށް އޭނާ ވިދާޅުވިއެވެ.