ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް: ތަރައްޤީގެ ދިގު ދަތުރާއި މެޑަލްގެ ހައްޤުވެރިން
ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ މަސައްކަތެކެވެ.
ޚާއްސަ ގޮތެއްގައި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކަށް އެއަރޕޯޓެއްގެ ތަރައްޤީއަކީ މުހިންމު ސިނާއަތް ކުރިއެރުވުމަށް އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅެވެ. މި މަޝްރޫޢު ނިންމުމަށް 9 އަހަރު ހޭދަވެ، ދިވެހި ޒަޢާމަތުގެ 3 ދައުރެއް މި މަސައްކަތުގައި ބައިވެރިވެފައިވެއެވެ. މި މަސައްކަތުގެ މެޑަލްގެ ހައްޤުވެރިން ކޮން ބަޔަކަށްތޯ ބެލުމަކީ މުހިންމު ކަމެކެވެ.
ޕީޕީއެމްގެ ފުރަތަމަ ވެރިކަން: މަސައްކަތުގެ ބިންގާ އެޅުން (2016 - 2018)
Ads by BMLވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ބިންގާ އެޅުނު އިރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. 2016 ވަނަ އަހަރު މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވި، ޢަމަލީ މަސައްކަތް ފެށިގެން ދިޔައެވެ. މި ދައުރުގެ ތެރޭގައި ޓަރމިނަލަށް ބޭނުންވާ 7.8 ހެކްޓަރު ހިމެނޭ ގޮތަށް ޖުމްލަ 65 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އޭގެ އިތުރުން އައު ޓަރމިނަލްގެ ފައުންޑޭޝަން މަސައްކަތާއި، އައު ރަންވޭގެ ޢަމަލީ މަސައްކަތްވެސް މި ދައުރުގައި ނިމުނެވެ. ނަމަވެސް އައު ރަންވޭ ރަސްމީކޮށް ހުޅުވައިފައެއް ނުވެއެވެ. ޖުމްލަ ގޮތެއްގައި 2016 ވަނަ އަހަރު މަސައްކަތް ފެށިގެން 2 އަހަރާއި 3 މަސް ދުވަހުގެ ތެރޭގައި އެއަރޕޯޓް ތަރައްޤީކުރުމުގެ %35 މަސައްކަތް ނިމިފައިވެއެވެ.
އެމްޑީޕީގެ ވެރިކަން: މަސައްކަތް މަޑުޖެހި ދިގުލައި ދިޔަ ދުވަސްތައް (2018 - 2023)
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެއަރޕޯޓުގެ މަސައްކަތާއި ހަވާލުވިއިރު، އެންމެ ބޮޑު މައްސަލައަކަށް ނެގީ ޓަރމިނަލުގެ ޑިޒައިނެވެ. ޑިޒައިނަށް ބަދަލު ގެނެސް، މަސައްކަތް އަލުން ހަވާލުކުރީ 2019 ވަނަ އަހަރުގެ ޖޫން މަހުއެވެ. މި ޑިޒައިން މަސައްކަތަށް އެކަނިވެސް 115 މިލިއަން ޑޮލަރު ނުވަތަ 1.7 ބިލިއަން ރުފިޔާ ރައީސް ޞާލިޙްގެ ސަރުކާރުން ޚަރަދު ކުރިއެވެ. ނަމަވެސް މި ދައުރުގައި ކޮށްފައިވަނީ ހަމައެކަނި ޓަރމިނަލުގެ ސްޓްރަކްޗަރގެ ކޮންކްރީޓް މަސައްކަތާއި، ފަސާޑް ނުވަތަ ބޭރުފުށުގެ މަސައްކަތާއި، އިމާރާތް ހިޔާކުރުމުގެ މަސައްކަތެވެ.
ޓަރމިނަލުގެ އެތެރޭގެ ކޮންކްރީޓް މަސައްކަތް ފިޔަވައި، ދެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ސަރުކާރުގެ ދައުރު ނިމިގެން ދިޔައިރުވެސް ހުރީ ހަވާލުނުކޮށް ނުވަތަ ނުނިންމައެވެ. އެމްޑީޕީގެ ވެރިކަމުގެ 5 އަހަރުގެ ދައުރުގައި އެއަރޕޯޓުގެ މަސައްކަތުގެ އެންމެ %19 ނިމުނުކަން ފާހަގަކޮށްލެވެއެވެ. މި ދުވަސްވަރު މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހި، މަޝްރޫޢު ދިގުލައިގެން ދިޔައެވެ.
ރައީސް މުޢިއްޒުގެ ޒަޢާމަތް: މަސައްކަތުގެ ދުވެލި ބާރުކުރުން (2023 - މިހާރު)
އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު އެއަރޕޯޓުގެ މަޝްރޫޢުގެ ބޮޑު ބައި ނިންމެވިއެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވުމުގެ ކުރިން، އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތާއެކު މިކަމަށް ދެއްވާ އިސްކަން އެންމެ ބޮޑަށް ހާމަވިއެވެ. އޭރު ޓަރމިނަލުގެ %54.4 މަސައްކަތް ނިމިފައިވިއެވެ. އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު ޓަރމިނަލުގެ ޑިއުޓީ ފްރީއާއި ކޮމާޝަލް ޖާގަތަކުގެ މަސައްކަތް، ވަށައިގެންވާ މަގުތަކުގެ މަސައްކަތް، ކަރަންޓާއި ފެނާއި ނަރުދަމާ ގުޅޭ މަސައްކަތްތައް އެއްވެސް ބަޔަކާއި ހަވާލުކޮށްފައެއް ނުވެއެވެ. އަދި ކުރީގެ ޓަރމިނަލުން އައު ޓަރމިނަލަށް އޮޕަރޭޝަން މެދުނުކެނޑި ބަދަލުވާން ބޭނުންވާ އޮޕަރޭޝަނަލް ރެޑިނެސް އެންޑް އެއަރޕޯޓް ޓްރާންސްފަރ (ORAT) ގެ މަސައްކަތްވެސް ކުރެވިފައެއް ނެތެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި މިހުރިހާ މަސައްކަތްތަކުގެ އިތުރުން އެއިރޯ ބްރިޖްތައް ގުޅައި ޓެސްޓުކުރުމާއި، އައު ޓަރމިނަލަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމެވިއެވެ. މި މަސައްކަތްތަކަކީ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަން ދެނެވަޑައިގެން، މިވީ އަހަރަކާއި 7 މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުން ވަނީ އެއަރޕޯޓުގައި ނުނިމި އޮތް %46 މަސައްކަތް ނިންމަވައި، އައު ޓަރމިނަލް އޮޕަރޭޝަނަށް ގެނައުމަށް މިހާރު ތައްޔާރުވެފައެވެ.
މެޑަލްގެ ހައްޤުވެރިން
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް 2016 ވަނަ އަހަރު ފެށިފަހުން އެއްކޮށް ނިންމުމަށް ޖުމްލަ 9 އަހަރު ހޭދަވިއިރު، މިމަސައްކަތް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ގޮސްފައި ނުވާކަމީ ފެންނަން އޮތް ހަޤީޤަތެކެވެ. ކަމާބެހޭ މާހިރުން ޤަބޫލުކުރައްވާ ގޮތުގައި މިވަރުގެ ޓަރމިނަލެއްގެ މަސައްކަތް ފަށައިގެން ނިންމުމަށް ގިނަވެގެން ހޭދަވާނީ 2 ނުވަތަ 3 އަހަރެވެ.
މި މަޝްރޫޢުގެ ބިންގާ އަޅައި، ބިންހިއްކުމާއި ފައުންޑޭޝަން މަސައްކަތްފަދަ ބުރަ މަސައްކަތްތަކެއް ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ކުރެވިފައިވާއިރު، އެމަނިކުފާނުގެ ދައުރުގައި %35 މަސައްކަތް ނިމުނެވެ. އެމްޑީޕީގެ ވެރިކަމުގައި ރައީސް ޞާލިޙްއަށް ލިބިވަޑައިގެންނެވި 5 އަހަރުގެ ދައުރުގައި އެކަށީގެންވާ ސަމާލުކަމާއި ބެލެހެއްޓުންތެރިކަމެއް މި މަޝްރޫޢަށް ނުދެވުމުގެ ސަބަބުން މަސައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ދިޔައެވެ. މި ދައުރުގައި ނިމިފައިވަނީ އެންމެ %19 މަސައްކަތެވެ.
އަދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވީ ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށެވެ. އެމަނިކުފާނުގެ ސަރުކާރުން މިވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެއަރޕޯޓުގައި ނުނިމި އޮތް %46 މަސައްކަތް ނިންމަވައި، އައު ޓަރމިނަލް އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުކުރެއްވީ ޤައުމީ ތަރައްޤީއަށް ދެއްވި އިސްކަމުންނެވެ.
މިއަދު އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތް ނިމުމަކާއި ހަމައަށް ގޮސްފައިވާއިރު، މި މަޝްރޫޢު ފެށިގެން ނިމުމާ ހަމައަށް ގެނައުމުގައި ދިވެހި ޒަޢާމަތުގެ ތިން ދައުރެއް ބައިވެރިވެފައިވެއެވެ. ނަމަވެސް، މަސައްކަތުގެ ބޮޑުބައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމައި، ޤައުމުގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް ގެނައުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅު އެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ. އެހެންކަމުން، މި ބޮޑު މަސައްކަތް ނިންމުމުގެ މެޑަލްގެ ބޮޑުބައި އެމަނިކުފާނުގެ ސަރުކާރަށް ހައްޤުކަމަށް ޤަބޫލުކުރެވެއެވެ.
Ads by MACL
