ޖީލުގެ ވާހަކަ: ޝާހީނޫރު – 1 ވަނަބައި
ފޫހި ދުވަހަކަށް އިރުއެރީއެވެ. އެނދުން ފައިބައިގެން ތަންމަތި ފޮޅައި ރީތިކޮށްލި އިރުވެސް އެއްވެސް ގަޔާވުމެއް ނެތެވެ. ދިމާކުރިމަތީގައި އެނދުގެ ސައިޑްކަބަޑު މަތީގައި ސްޓޭންޑެއްގައި އިން ފޯނުން ދިއްލިފައިވާ ގަޑިއަށް ވެސް ކަޅިއަޅާލީ ނުރުހުގެ ނަޒަރަކުންނެވެ. ބަސްނުމޮށޭ ގަޑިއަށް ލޯ އެޅުމުން ވަކި ވާނެ ކަމެއް އޮންނާނެހެއްޔެވެ.
އަމިއްލަ ހިތުންހިތަށް ކުދި ކިޔަމުން ނިދާކޮޓަރީގެ މަޑުދޫލަމަތިން ހިނގައިގަތީ އެހާމެ އަރާމުކަފަގަނޑެއްކަހަލަ ފައިވާން ގާނަމުންނެވެ. ވެގެންވަންޏާ ފަޔަށް ލަމުންދިޔަ ބާރުން ދޫލަ ކަޑައިގެންދާވަރު ކުރަމުންނެވެ.
ފާހާނާއަށް ވަންނަން ނެގި ފިޔަވަޅު ހުއްޓިއްޖެއެވެ. ފުންނޭވާއެއް އެތެރެއަށް ދަމާލުމާއެކު ތުންފަތްމަތިން ހުރިހާ ފޫއްސަކާއި ނުރުހުމެއްގެ އަސަރު ފިލައި މަޑުމަޑު ހިނިތުންވުމެއްގެ އަސަރު ވެރިވެއްޖެއެވެ.
ބޮލަށް ގެނައި ހަރަކާތަކާއެކު އެނބުރިލިވަގުތު ހޭވިގެން ދިޔަ ރާޅުބާނި އިސްތަށިތަކުން ފޮރުވާލެވުނު މޫނު އަރިކޮށްލާފައި އަތުގެ އިނގިލިތަކުން އިސްތަށިތައް ދުރުކޮށް ލޯ ކުޑަކޮށްލިއެވެ. އަދި ހިނިތުންވަމުން ކުރިއަށް ފިޔަވަޅު ނެގި ގޮތަށް ދެކިހިލީގައި އަތް ވިއްދައި މޫނު ކުނިކޮށްގެން ހުރި ސޯޅަ ވަރަކަށް އަހަރުގެ އަންހެންކުއްޖާގެ ކޮޑުގައި ހިފާ އޮޅިގަތެވެ.
"ހާއޭ. މުޅި ދުވަސް ކުނި ނުވީ ހަމަ ކިރިޔާ،"
އެނދު ކައިރީގައި ހުރި ކުޑަމޭޒުމަތީ ހުރި ކޮފީތަށިން އަރަމުން އައި ވަހަށް ނޭފަތް ދަމާލަމުން ޝާހީ އޭނާގެ އަންހެންކޮއްކޮގެ ކޮލުގައި ވިކާލިއެވެ.
"ކުޑަކޮށް ލަސްވީ ހޫނުފެން ކައްކަން ބަލާލިއިރު ޖަގަށް ކޮންމެވެސް ކަމެއް ވެފަ ހުރީތި. އަވަހަށް އުނދުނުން ފެން ކައްކައިގެން ތި ގިރައިގެން މިއައީ. އެހެންނޫނީ ކަމަނާގެ މޫނުފުޅު އަލި ނުވާނެކަން އެނގޭވިއްޔަ. މިއަދު ހަތަރުދަމު ހުންނާނީ ކުނިމޫނު ހަދައިގެންކަންވެސް އެނގޭ،"
ނޫރީ އެނދުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. ހިތްހަމަނުޖެހޭ ނުރުހޭ ރާގެއްގައި ވާހަކަ ދެއްކިކަމުގައި ވިޔަސް އޭނާގެ ހަމައެކަނި އިން ދައްތަ ކޮފީތަށި ނަގާ ތުބުގައި ޖައްސާލި ވަގުތު އެފެނުނު ހިތްހަމަޖެހުން ފެނިފައި ހިތުގެ އަޑިން ނޫރީ އިނީ އުފާވެފައެވެ.
"ހިތަށް އަރާ ފަތިހު ހޭލާ އުޅެފައި ތި ނުބޮއި އަނެއްކާ މިތަންމަތި ހޫނުކުރަނީ ކޮންކަމަކާ ބާވައޭ!؟" ނޫރީ އަތުގެ އިނގިލިތަކުން ދައްތަގެ ރީތިރީތި އެނދުގައި ބޮޅު އަޅަމުން އަހާލިއެވެ.
"ކޮއިފުޅާ. މިއީ ހަމަ މަންމަ ދިން އާދައެއް. ނިކަން ބަލާބަލަ، އެއޮތީ ނުތެދުވެ، ކާކުގެ އަތުން ކޮފީ ބޮއިގެން ތެދުވަން ކަމަށް؟ ހޫނ ނިކަން ބުނެބަލަ!؟"
ކޮފީތަށިން އެތިއެތިފޮދުން ބޮމުން ޝާހީ ބުނެލިއެވެ.
"ފަތިހު މަންމަވެސް އުޅޭނެ ހޭލާ. އެކަމަކު އިރުއެރުމުން އެއޮތީ އޮށޯވެގެން. އިއްޔެއާ ޖެހެންދެން އަހަރެމެން ދެމައިންނަށް ކޮފީ ގިރައިދިން އަތުން އެއާދަ ކުރުވީ، މިހާރުދެން މިއީ ހަޔާތުގެ އެންމެ މުހިންމު އެއް އާދައަށްވެ ނިމިއްޖެ. ކޮންމެ ދުވަހެއްގެ އުފާވެރި ފެށުމަކަށް ވާ މިއާދަ ދޫކޮށްލާކަށް މަންމަވެސް ދޮންތަވެސް ބޭނުމެއް ނޫން،"
ޝާހީ އޭނާގެ ލޯބިވާ ކޮއްކޮގެ ބޮލުގައި އަތުން ޖަހާލިއެވެ. އަދި ބޮލާއި ލޮލުން އިޝާރާތް ކުރަމުން އަހާލިއެވެ.
"މަންމައަށް ކޮފީ ދީފިން؟"
"އުނހު. މަންމައަށްވުރެ ކުރިން މިގޭގެ ރާނީކަމަނާއަށް ކޮފީދޭން އައީ. ދެން ދާންވީ މިގޭގެ ރާނީސާހިބާ އެނދުން ނަގަން، ކީއްކުރާނީ. ބައްޕަ ދަމުން މަ ފަކީރުގެ ކޮނޑާއި ބޮލުގައި އެޅުވި ކުޑަކުޑަ ޒިންމާއެއް މީ. މިޒިންމާ އަދާކުރަން ޖެހޭނެތާ،"
ނޫރީ އެނދުން ތެދުވެ ދިގުނޭވާއެއް ލަމުން ބުނެލިއެވެ.
ކޮއްކޮގެ މިލޮބުވެތި އަދާއަށް ޝާހީ ހީނލިއެވެ. އެއީ އުފާވެރި ހީނލުމަކަށް ވިޔަސް ފޮރުވިފައިވާ ހިތި އަސަރު ނޫރީއަށް އިހުސާސްކުރެވުނެވެ. އެހިތި އަސަރަކީ މިއާއިލާގެ އެންމެންގެ އުފަލުގައި ތާއަބަދަށް ލެވިފައިވާނޭ އަސަރެކެވެ. ނުހަނު ލޯބިވާ އިންސާނަކު އެމީހުންނާއެކު ނެތްކަމުގެ އަސަރެވެ.
"ބައްޕަ މަތިން ހަނދާންވީ.....،"
ނޫރީ ދޮންތައަށް ބަލާލަމުން ދޮންތަގެ ހީނލުމަށް ހިނިތުންވިއެވެ. އެއްގޮތަކަށެވެ. އެއީ އެއްބަނޑުއެއްބަފައިވަންތަކަމުގެ ގުޅުމާއި އެނގުމުގެ އެއްގޮތްކަމެވެ.
"ނޫރުޖާން، ދޮންތަގެ ފުރާނައާ، ތީ ހަމަ ބައްޕަ ނެތްތާނގައި ބައްޕަ. އަންހެންކުއްޖަކަށްވުން ނޫން އެހެން ހުރިހާ ކަމެއް ހަމަ ބައްޕަގެ، ހުރިހާ ގޮތަކުންވެސް ވައްތަރު، އުޅުމާއި ބުނުންވެސް....."
ހުސްވަމުން ދިޔަ ކޮފީތަށީގެ ފަހު އެތިފޮދު އަރުން އެތެރެވަމުން ދިޔައިރު ޝާހީގެ ހިތް ވިރިގެންދިޔަ އިހުސާސް އޭނާއަށް ކުރެވުނެވެ. ގާތުގައި ހުރި ބައްޕަގެ ދިރިހުރި ތަސްވީރެއް ކަހަލަ އަންހެން ކޮއްކޮގެ މޫނުމަތިން އެފެނުނު ކުލައިން އޭނާގެ ހިތަށް މާބޮޑަށްވެސް ތަދުކުރީއެވެ.
"އަހަރެން ބައްޕައާ ވައްތަރުވުމުން ޖޭ ވީތަ؟ ދޮންތަވެސް މަންމައާ ވައްތަރެއްނު، ހުރިހާކަމެއްގައިވެސް ތީ ހަމަ މަންމަ، އެހެނޭ ކިޔާފަ މަވެސް ޖޭ ނުވަމޭ،"
ނޫރީ ދެބުމަ ގޮށްޖަހާލިއެވެ.
"ޗީ، މަ ޖޭވާންވީ ކީއްވެ؟ ހަމަތެދެއް މިބުނީ. ކޮއްކޮ ފެންނަ ކޮންމެ ފަހަރަކު ބައްޕަމަތިން މާބޮޑަށް މިސްވަނީ،"
ޝާހީ ކަރުއެލުވާލިއެވެ.
"ހޫން، ފިލްމީވާނެ ކަމެއް ނެތް،"
ނޫރީ ދެލޯ ކުޑަކޮށްލަމުން ތުންފިއްތާލިއެވެ.
"އޭތްޔޯ. ކޮފީ. މަށަށް ކޮފީފޮދެއް ދޭނެ މީހެއްވެސް މިގޭގައި ނެތްތަ؟ ކޮންމެ ދުވަހަކު މިހާރު ކްލިނިކަށް ދާން ޖެހެނީ ގަޑިޖެހިގެން، އަޅެ. ފިރުދައުސްގެ ޖާން ޝާހީނޫރު ކޮބާ؟"
އެއިވުނު ނިދިން ހޭލެވޭ އަޑާއެކު ޝާހީއާއި ނޫރީ އެކަކު އަނެކެއްގެ މޫނަށް ބަލާލިއެވެ. އަދި ދެކޮޑު އަރުވަމުން ދެމީހުން އެކުއެކީގައި ކަހަލަ ގޮތަކަށް ކޮޓަރިން ބޭރަށް ދުއްވައިގަތެވެ.
"އޭތް މަންމާ. އެކްޓު ކުރުމުން މަންމައަށް އެވޯޑުނުދޭން ވެގެން އޮސްކާ އަށް ދިވެހިން ނޮމިނޭޓް ނުކުރަނީ، އެހާވަރަށް މަންމަގެ އެކްޓިން ކަމަކުނުދޭ،"
އަތުގައި އޮތް ތުވާލި ކޮނޑުގައި އޮޅާލަމުން ޝާހީ މަންމަގެ ކޮޓަރީގެ ދޮރުމައްޗަށް ހުއްޓި ގޮވާލިއެވެ. އޭރު ދިމާ ކުރިމަތީ ހުރި ބޮޑު ނިދާ އެނދުގައި ބިއްދޮށަށް އެނބުރިގެން ގައިގައި ސާލުއޮޅައި ބޮނޑިވެލައިގެން އޮތް މަންމަ އަދިވެސް ހޫނއަޅުވާފައި ކުޑަކުއްޖެއްހެން ކުކުރަނީއެވެ.
"މިގޭގައި އަހަންނަށް ހަމްދަރުދީ ވާނެ އެކަކުވެސް މިހާރުދެން ނެތީދޯ؟ ފިރުދައުސް ދިޔައީ އަހަންނަށް މިހެން ހަދަންބުނެފަ ކަމަށް ވަންޏާ ވެސް ހެޔޮނުވާނެއެއްނު. ގައިމު މަގޭވެސް އޮންނަނީ ހިތެކޭ،"
އެއޮތް ގޮތަށް އޮވެ މަންމަ ކުސްޖަހަމުން ދިޔައެވެ.
"އެންމެ ރަނގަޅު. ބައްޕަ ބުނެގެން ނޫނަސް ބުނެގެން ވިޔަސް މަންމަގެ ނޫރީ އެހެންހަދާނެތަ؟"
ކޮފީތަށި ހިފައިގެން އައިސް ކޮޓަރިއަށް ވަންނަމުން ދޮރުމަތީގައި ހުރި ޝާހީގެ ކޮޑުގައި މުލައްދަޑިން ޖަހައި ދުރުކޮށްލީ ނޫރީއެވެ. ކޮފީގެ ވަހަށް އުފާވެފައި ކުޅޭ އެއްޗެއް ލިބުނީމައި ހެވިފައި އިންނަހެން އެނދުމެދަށް ތެދުވެ އެއިނީ ދެކުދިންގެ މަންމަ ޖަންނަތެވެ.
"މަންމަގެ ދޮންދޫންޏާ....،"
ކޮފީތަށި ހޯދަމުން ނޫރީގެ އަތުގައި ހިފާ ގާތަށް ޖައްސާލަމުން ޖަންނަތު ބަލައިލީ ދޮރުމަތީގައި ހުރި ޝާހީއަށެވެ.
"ކީއްވެ ދުރުގައި ތިހުރީ ކަނބުލޯ މިކޮޅަށް އާދެބަލަ، މިގަޑީގައި ތިދެކުދިން ގާތުގައި ތިބުމަށްވުރެ މަންމަގެ ދުވަސް ފުރިހަމަ ވާ އެހެންކަމެއް ނޯންނާނެކަން އެނގެއެއްނު."
ދެކުދިން ގެނެސް މޭގައި ޖައްސާލަމުން ޖަންނަތު ފުންނޭވާއެއް ލިއެވެ. މިއީ މިހާރު އޭނާގެ ދެދުނިޔެއެވެ.
ހަޔާތުގެ ދަތުރުގައި އޭނާ އެކަނިކޮށްލާފައި ވަގުތާއި ތަގުދީރުގެ އޮޔާއެކު އޭނާގެ މުޅި ހިތާއިނަފުސުގެ ހުރިހާ އުފަލެއް ހިފައިގެން އިންތިހާއަށް ލޯބިވާ ފިރިމީހާ އޭނާއާ ވަކިވިއިރު ދީފައިވާ މިދެނިޝާނަކީ އޭނާގެ ހަމަޖެހުމާއި ދިރިހުރުން ކަމުގައި ވަނީ ވެނިމިފައެވެ.
ދެކުދިންދެކެ އެދެމީހުންވީ ލޯބި އަދު އޭނާ ދޭން ޖެހިފައިވަނީ އެކަނިކަން ހިތަށް އެރުމުންކުރާ އަސަރު ބޮޑެވެ. އެހެނެއްކަމަކު އެއީ އެއްވެސްކަމެއް ކުރެވެން އޮތް އަސަރެއް ނޫންކަން ހުދު އޭނާއަށްވެސް އެނގެއެވެ.
ފިރުދައުސާއި ޖަންނަތަކީ އެއްގަހެއްގައި ފޮޅުނު ދެމަލޭ ބުނުން ރަނގަޅު ނުވިޔަސް މިސާލެއް ޖަހަންޏާ އެހެންވެސް ބުނަންވީއެވެ. އެއީ ދެހަށިގަނޑެއްގައި ލެއްވި އެއް ފުރާނައެކޭ ވެސް ބުނަންވީއެވެ.
ދެމީހުން ބައްދަލުވީ ވަގުތުން ފެށިގެން ފިރުދައުސް އަބަދުގެ އަބަދަށް ވަކިވެގެން ދިއުމާ ހަމައަށް ދުވަހަކުވެސް އެދެމީހުންގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގައި، އަޑުގަދަވެ، މަންޒަރު ކުލަހުތުރުވެގެންދިޔަތަން ދުށް ލޮލެއް ނެތެވެ. އެފަދަ އަޑެއް އިވުނު ކަންފަތެއްވެސް ނެތެވެ.
ފުރަތަމަ ފަހަރަށް ސުކޫލު ދޮރާށިބުޑުން ފެނުނު ވަގުތުން ފެށިގެން، ގްރޭޑު ދިހައެއްގައި ކިޔަވަމުން ދިޔަ ފިރުދައުސަށް ގްރޭޑް ނުވައެއްގެ އެދަރިވަރު ޖަންނަތަކީ އޭނާގެ ދެދުނިޔޭގެ އަނބިމީހާކަން ޔަގީންވި ގޮތަށް ޖަންނަތަށްވެސް ފިރުދައުސަކީ އޭނާގެ ދުނިޔެއާއި އާހިރަތުގެ ބައިވެރިޔާކަން އޮތީ ޔަގީންވެފައެވެ.
ސުކޫލު ނިމުމާއެކު އެއްވެސް ދިމާއަކުން ބުނާ އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދީ ދެމީހުން ކައިވެނިކޮށްފިއެވެ.
ހަނީމޫނަށް ދާނެ ފައިސާ އެއްކުރީ ކައިވެނިކޮށްގެން ދެމީހުން ކުރި މަސައްކަތުންނެވެ. އެފައިސާގައި ހަނީމޫނަށް ދިޔައީ ޖަންނަތުގެ ހުވަފެންތައް ސީދާކޮށްދިނުމަށް ކޯހެއްވެސް ހަމަޖައްސައިގެންނެވެ.
އަށްއަހަރުވަންދެން ޖަންނަތު ޑޮކްޓަރުކަމުގެ ކޯސްހަދައި ކިޔެވުން ފުރިހަމަކުރަމުން ދިޔައިރު އަނެއްކޮޅުން ފިރުދައުސް ދިޔައީ ރެއާދުވާލު މިންނެތް މަސައްކަތް ކުރަމުންނެވެ. ކަލާނގެ ދެއްވިޔަތީ ވިސްނުން ތޫނު ސިކުނޑީގެ ބޭނުން ވަރަށްވެސް ފުރިހަމައަށް ކުރަން އެނގޭ ފިރުދައުސް މޮޅު ހިސާބާއި ފިޒިކްސްގެ މުދައްރިސެއްގެ ގޮތުގައި އުޅުނުއިރު ގެއާއި ބަދިގެވެސް ބަލަހައްޓަމުން ދިޔައީ އަނބިމީހާ ނުހުންނަ ވަގުތުތަކުގައި އެއީ އޭނާގެ ވާޖިބުކަމަށް ހަދާފައެވެ.
ބަލަބަލައި ތިއްބާ އެދެމީހުންގެ ގުލްޝަން ފަރިވެ ފޮޅިއްޖެއެވެ. އަލަތު ދަރިފުޅު އެންމެ ފުރަތަމަ ފެނުނު ވަގުތު ހިނިތުންވެލާފައި ފިރުދައުސް ބުނެލިއެވެ.
"މިއީ މިގޭގެ ޝާހީކަމަނާ، އަހަރެމެންގެ ޝާހީ ހަނދާން، ޝާހީ ޖަންނަތުވަފިރުދައުސް،"
ލޯބިލޯބި އަންހެންދަރިފުޅަށް އަށްއަހަރުވީއިރު އަނެއްކާވެސް ޖަންނަތު ބަލިވެ އިނދެ ވިހައިފިއެވެ. މިފަހަރުވެސް ލިބުނީ ހަނދެއްފަދަ އަންހެންދަރިފުޅެކެވެ.
ފިރިހެންދަރިއަކު ބޭނުންވެފައި ތިބި ނަމަވެސް ތުއްތު ދަރިފުޅު ފެނުމާއެކު ދެމީހުންނަށްވެސް އެއްކަމަކަށް އެއްބަސްވެވުނެވެ. އެމީހުންގެ އާއިލާ ފުރިހަމަވިކަމުހެ އިހުސާސެވެ. އިތުރު ދަރިފުޅަކު ބޭނުންނުވާ ކަމުގެ އިހުސާސެވެ. އަދިދެން ހަގު ދަރިފުޅު އުރާލުމާއެކު އެއީ އެމީހުންގެ ގެއަށް އައި ނޫރީކަމަށް ފިރުދައުސް ބުނެފިއެވެ.
"ނޫރީ ޖަންނަތުވަފިރުދައުސް،"
"އަހަރެމެންގެ ޝާހީނޫރު،"
ދެކުދިން އެކުގައި ގާތްކޮށްލާ ގިނަ ފަހަރު ފިރުދައުސް އިންތިހާއަށް ލޯބިން ގޮވާލައެވެ.
އެމީހުންގެ ދިރިއުޅުން ދިޔައީ އިންޑިޔާގެ މުމްބާއީގައި ނުހަނު އުފާވެރިކަމާއެކުގައެވެ. ޖަންނަތުގެ ޕީއެޗްޑީ ފާހާއެކު އެތެރެހަށީގެ ހާއްސަ ޑޮކްޓާރ ކަމުގެ މަތީދަރަޖައާއެކު ދެމަފިރިން ދެކުދިންނާއެކު އެނބުރި އަމިއްލަ ގައުމަށް އައީ މުސްތަގުބަލުގެ ޗާޓު ކުރަހައި ނިންމައިގެން އޭގައި ކުލަ ޖެއްސުމަށެވެ.
މާލޭގެ ހަލަބޮލިމަގުތައް ދޫކޮށް އަމިއްލަ ފަސްގަނޑަށް އައްޑުއަތޮޅު ހިތަދޫއަށް ދިރިއުޅުން ބަދަލުކޮށްލިއިރު ރަށުގައި ހުރި ގެ ހުރީ ރާނައިނިމިފައެވެ. ޖަންނަތަށްޓަކައި ފިރުދައުސް އެގެ ހުވަފެނީ ގަނޑުވަރެއް ފަދައިން ބިނާކޮށްދިނެވެ. ގެއާ މާދުރުނޫން ހިސާބެއްގައި އޮތް ކުޑަބިންކޮޅެއްގައި ކްލިނިކެއްގެ މަސައްކަތް ކުރަން ފެށިއިރު ޖަންނަތު ދިޔައީ ރަށު ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަމުންނެވެ.
ދެކުދިންގެ ނަމާ ގުޅުވައިގެން ކްލިނިކަށް ނަންދޭކަށް ދެމީހުންވެސް ބޭނުމެއް ނުވިއެވެ. ހަގީގަތުގައި އެއީ ޖަންނަތު ބޭނުންވި ގޮތެވެ. ފިރުދައުސް ކްލިނިކްގެ ނަމުން އެތަނަށް ނަން ދެވުނީ ކީއްވެގެންކަން އެނގުނީ އަދިކިރިޔާ ފިރުދައުސް އެމީހުން ގާތުގައި ނެތުމަށްފަހުގައިކަން ޔަގީނެވެ.
- ނުނިމޭ -
Ads by MACL
