ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ޑޮލަރުގެ ތާށިކަން އިންތިހާ، އެކަމަކު ޑޮލަރުން މުސާރަ ލިބޭ ފަރާތްތަކުން ބްލެކް މާކެޓު ހިސޯރު ކުރަނީ!

ޑޮލަރުގެ ތާށިކަން އިންތިހާ، އެކަމަކު ޑޮލަރުން މުސާރަ ލިބޭ ފަރާތްތަކުން ބްލެކް މާކެޓު ހިސޯރު ކުރަނީ!

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމުގެ ހިތިކަން އާންމު ރައްޔިތުންނާއި ކުދި ވިޔަފާރިތައް އިންތިހާއަށް ތަހައްމަލުކުރަމުން ދާއިރު، މުޖުތަމައުގެ އިމްތިޔާޒު ލިބިފައިވާ މަދު ބަޔަކު މި ހާލަތުގެ ނާޖާއިޒު ފައިދާ ނަގާ ބަޔަކަށް، ކަޅު ބާޒާރުގެ "ވިޔަފާރިވެރިން" ވެފައިވާކަން އަންނަނީ ހާމަވަމުންނެވެ.

ބޭސްފަރުވާއަކަށް ނުވަތަ ކިޔެވުމަށް ބޭރަށްދާން ޖެހޭ އާންމު މީހާ ޑޮލަރެއް ހޯދުމަށް 19 އާއި 20 ރުފިޔާއިން ކަޅު ބާޒާރުގައި ސަލާންޖަހާއިރު، ބޮޑެތި މުސާރަތައް ޑޮލަރުން ލިބޭ ފަރާތްތަކުން އެމީހުންގެ ޑޮލަރު، މި ކަޅު ބާޒާރަށް ދޫކޮށް، އެތައް ގުނައެއްގެ ފައިދާ ނަގަމުންދެއެވެ.

ރާއްޖޭގައި މިވަގުތު އޮތީ ދެ ނިޒާމެކެވެ. އެކަތި އޮތީ ބޭންކުތަކާއި ސަރުކާރުގެ ރަސްމީ ކަރުދާހުގައެވެ. އެއީ ޑޮލަރެއް 15.42 ރުފިޔާއަށް ލިބޭނެ ކަމުގެ ނިޒާމެވެ. ނަމަވެސް، މި ނިޒާމުގެ ފައިދާ އާންމު ރައްޔިތަކަށް ލިބުމަކީ ހުވަފެނެކެވެ. ދެވަނަ ނިޒާމަކީ، ކަޅު ބާޒާރުގެ ހަގީގީ ދުނިޔެއެވެ. މި ދުނިޔޭގައި ޑޮލަރުގެ އަގު ކޮންޓްރޯލް ކުރަނީ، ޑޮލަރުން މުސާރަ ލިބޭ، އަދި ޑޮލަރު ޖަމާކުރާ މަދު ބައެކެވެ. އެމީހުންނަށް ރަސްމީ ރޭޓުން ލިބޭ ޑޮލަރު، އެއްވެސް އުނދަގުލެއް ނެތި ކަޅު ބާޒާރުގައި ޑަބަލް އަގުގައި ވިއްކާލައިގެން އެ ލިބެނީ ހަލާލު ނޫން ފައިދާއެކެވެ. އެއީ އާންމު ރައްޔިތުންގެ އަތުން ފޭރޭ ފޭރުމެކެވެ.

އެންމެ ހިތާމަހުރި ކަމަކީ، ގައުމީ މަސްލަހަތަށްޓަކައި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް، ބޮޑެތި ކުންފުނިތަކުން މުވައްޒަފުންނަށް ދޭ މުސާރައިގެ ކުޑަ އިންސައްތައެއް ދިވެހި ރުފިޔާއިން ދޭން ނިންމުމުން، އެކަމާ ދެކޮޅަށް އެންމެ ބާރަށް އަޑުއުފުލަނީ ހަމަ މި އިމްތިޔާޒު ލިބިފައިވާ މުވައްޒަފުންނެވެ. އެމީހުންގެ މުސާރައިގެ ބޮޑު ބައި (މިސާލަކަށް 80 އިންސައްތަ) އަދިވެސް ޑޮލަރުން ލިބެމުން ދާއިރު، މުސާރައިގެ ކުޑަ ޕަސަންޓޭޖެއް ރުފިޔާއިން ލިބުމަކީ އެމީހުންނަށް "ބޮޑު އަނިޔާއަކަށް" ވެއެވެ. އެހެނަސް، މުޅި މުސާރަ ރުފިޔާއިން ލިބި، ކޮންމެ ޑޮލަރެއް ބޮޑު އަގުގައި ގަންނަން ޖެހިފައިވާ އާންމު ރައްޔިތުންގެ ހާލާމެދު އެމީހުން ވިސްނާލަނީ ކިހާވަރަކަށް ބާއެވެ؟

މިކަމުން ދޭހަވަނީ އެމީހުންގެ އިހުތިޖާޖަކީ ހައްގަށްކަށްޓަކައި ކުރާ އިހުތިޖާޖެއް ނޫން ކަމެވެ. އެހެނެއްކަމަކު އެއީ ކަޅު ބާޒާރުން ލިބޭ ފަސޭހަ ފައިދާގެ މަގު ބަންދުވެދާނެތީ ވެގެން އުޅޭ ކަންބޮޑުވުމެކެވެ. ގައުމެއްގެ އިގްތިސާދު ހީނަރުވެ، ރައްޔިތުން ހާލުގައި ޖެހިފައިވާއިރު، އެ ހާލަތުން ފައިދާ ނެގުމަކީ ގައުމީ ޚިޔާނާތެކެވެ.

ރާއްޖޭގައި ޑޮލަރުގެ ތާށިކަމުގެ މައްސަލައަކީ މުޅިން އައު ކަމެއް ނޫނަސް، މިހާރު މި ފެންނަ ނުރައްކާތެރި ހާލަތަށް މައްސަލަ ގޯސްވެ، އިންތިހާއަށް ބޮޑުވެގެން ދިޔައީ 2020 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގައި ކުރިމަތިވި ކޮވިޑް-19ގެ ކާރިސާ އާއެކުއެވެ. އެ ދުވަސްވަރު ރާއްޖޭގެ އިގްތިސާދުގެ މައި ނާރު ކަމުގައިވާ ފަތުރުވެރިކަން އެކީ ހުއްޓުމަކަށް އައުމުން، ގައުމަށް ޑޮލަރު ވަންނަ މައި ދޮރު ވަނީ ބަންދުވެފައެވެ. ނަމަވެސް، އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން، ތެލާއި، ބޭހާއި، ކާބޯތަކެތި އެތެރެކުރުމަށް ޑޮލަރު ބޭނުންވާ މިންވަރު ދަށްނުވުމުން، ޑޮލަރަށް އޮތް ޑިމާންޑާއި ސަޕްލައިގެ ދެމެދުގައި ބޮޑު ހުސްކަމެއް އުފެދުނެވެ. މީގެ ސީދާ ނަތީޖާއަކަށްވީ، ބޭންކުތަކުން ޑޮލަރު ލިބުން އެކީ ހުއްޓި، ކުރިން ސިއްރުސިއްރުން ހިނގަމުން އައި ކަޅު ބާޒާރު ބާރެއްނެތް ގޮތުގައި ފުޅާވެ، ޑޮލަރުގެ އަގު 17 އާއި 18 ރުފިޔާއަށް އަރައިގެން ދިއުމެވެ.

ހީވެސްނުކުރާހާ އަވަހަށް ފަތުރުވެރިކަން އަލުން ރަނގަޅުވި ނަމަވެސް، ޑޮލަރުގެ ތާށިކަމަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ. އޭގެ މައިގަނޑު ސަބަބަކީ، ކޮވިޑްގެ ފަހުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، ޚާއްސަކޮށް ޔޫކްރެއިން ހަނގުރާމައަށްފަހު ތެލުގެ އަގު ރެކޯޑް މިންވަރަކަށް ބޮޑުވުމުން، ކުރިން އެތެރެކުރި މިންވަރަށް ތަކެތި އެތެރެކުރުމަށް މިހާރު މާ ގިނަ ޑޮލަރު ބޭނުންވުމެވެ. މީގެ އިތުރުން، އެންމެ ނުރައްކާތެރި މައްސަލައަކަށް ވެފައިވަނީ، ޑޮލަރު އަތުޖެހޭ ފަރާތްތަކުން ރަސްމީ ރޭޓުގައި ބޭންކަށް ޑޮލަރު ދޫކުރުމުގެ ބަދަލުގައި، ކަޅު ބާޒާރުގައި 19 ނުވަތަ 20 ރުފިޔާއަށް ވިއްކާލުމަކީ މާ ފައިދާހުރި ގޮތަކަށް ވެފައިވުމެވެ. މިކަމުގެ ސަބަބުން ރަސްމީ މާލީ ނިޒާމު ހުސްވެ، އާންމު ރައްޔިތުންނާއި ކުދި ވިޔަފާރިތައް މަޖުބޫރުވެފައިވަނީ ކަޅު ބާޒާރުގެ ރަހުމެނެތް އަގުތަކަށް ބަރޯސާވާށެވެ.

މިއީ ހަމައެކަނި އިގްތިސާދީ މައްސަލައެއް ނޫނެވެ. މިއީ އިޖުތިމާއީ އިންސާފުގެ މައްސަލައެކެވެ. ގާނޫނުތައް ހެދިފައި އޮންނަންވާނީ ހަމައެކަނި ކަރުދާހުގައެއް ނޫނެވެ. އޭގެ ފައިދާ އެންމެންނަށް ހަމަހަމަކަމާއެކު ލިބެންޖެހޭނެއެވެ. ޑޮލަރުގެ ކަޅު ބާޒާރު ހިންގުމުގެ ފުރުސަތު މަދު ބަޔަކަށް ދީފައި، މުޅި ގައުމު އެކަމުގެ ވޭން ތަހައްމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.