ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ޚިޔާލުފާޅުކުރުން ތަށްމިނަށް ހުޅުވާލިޔަސް، މިއީ ދެންބޮޑުވަރެއް!

ޚިޔާލުފާޅުކުރުން ތަށްމިނަށް ހުޅުވާލިޔަސް، މިއީ ދެންބޮޑުވަރެއް!

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ތެރެއިން ރައްޔިތުންނަށް ލިބިދީފައިވާ އެންމެ އަސާސީ އެއް ޙައްޤަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެވެ.
މިއީ ދުޅަހެޔޮ މުޖުތަމަޢެއްގެ ތަނބުތަކުގެ ތެރެއިން މުހިންމު ތަނބެކެވެ. އެހެންނަމަވެސް، ފަހަކަށް އައިސް މި ޙައްޤުގެ ނާޖާއިޒު ފައިދާ ނަގައި، އިޖުތިމާޢީ އަދަބުތަކާއި އަޚްލާޤީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހިންގާ މަންޒަރު ދަނީ އާންމުވަމުންނެވެ.

ޚާއްޞަގޮތެއްގައި، ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް، އެމަނިކުފާނުގެ މަޤާމުގެ ހުރުމަތް ކަނޑައި، އެއްވެސް އިޙްތިރާމެއްނެތި އާންމު ތަންތަނުގައި ހަޅޭއްލަވައި، ހުތުރު ބަހުން މުޚާތަބުކުރުން ފަދަ ނާތަހުޒީބު ޢަމަލުތަކަކީ މުޅި ޤައުމު ކަންބޮޑުވާންޖެހޭ ފަދަ ނުރައްކާތެރި މައްސަލައެކެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކޮންމެ މީހަކަށްމެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވީ ނަމަވެސް، އެއީ ހުދޫދެއްނެތި ލިބިގެންވާ ޙައްޤެއް ނޫނެވެ.

އެ މިނިވަންކަން ބޭނުންކުރެވޭނީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާނެ ގޮތެއްގެ މަތިންނާއި، އެހެން މީހުންގެ ޙައްޤުތަކާއި އަބުރަށް އިޙްތިރާމްކުރާ ޙާލުގައެވެ.

ވީމާ، ޤައުމުގެ ރައީސަށް ނިސްބަތްކޮށް ހުތުރު ބަސް ބުނުމަކީ އެމަޤާމުގެ ހުރުމަތްތެރިކަން ކަނޑުވާލައި، ޤާނޫނުއަސާސީން ރައްކާތެރިކޮށްދީފައިވާ އަބުރުވެރިކަމުގެ ޙައްޤަށް އަރައިގަތުން ކަމުގައި ނޫނީ ނުވާނެއެވެ.

މީގެ އިތުރުން، ދިވެހިންގެ ދީނާއި ސަގާފަތުގެ ބިންގަލަކީ އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، އަދަބުވެރިކަމެވެ. އިސްލާމްދީން ވަނީ ވެރިންނަށް ކިޔަމަންތެރިވެ، އެބޭފުޅުންނަށް އިޙްތިރާމްކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައެވެ.

ވެރިމީހާގެ ކިބައިން ކުށެއް ފެނުނު ކަމުގައި ވީނަމަވެސް، އެކަން އިޞްލާޙުކުރުމަށް އިސްލާމްދީން ދަސްކޮށްދެނީ ޙިކުމަތްތެރިކަމާއި ރިވެތި ނަޞޭޙަތުންނެވެ.

އާންމު ތަންތަނުގައި އަޑުގަދަކޮށް، މީހުންގެ އަބުރަށް އަރައިގަތުމަކީ އިސްލާމީ އަޚްލާޤާ މުޅިން ޚިލާފު، މުޖުތަމަޢުގައި ފިތުނަވެރިކަން އުފެދިދާނެ ކަމެކެވެ.

މިފަދަ ހާދިސާތަކާމެދު އާންމުން މީސްމީޑިއާގައި ފާޅުކުރާ ޚިޔާލުތަކަށް ބަލާއިރު، ގިނަ ބަޔަކު ދެކެނީ މިފަދަ ޢަމަލުތަކަކީ ހިތްވަރުގަދަކަމުގެ ނިޝާނެއް ނޫން ކަމަށާއި، އެއީ ނާތަހުޒީބު، ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.

އަދި ޚިޔާލު ތަފާތުވުން ފާޅުކުރަންވާނީ މިއަށްވުރެ ބިނާކުރަނިވި، އިޙްތިރާމުވެރި ގޮތެއްގައި ކަމަށާއި، މިފަދަ ޢަމަލުތަކުން ޒުވާން ޖީލަށް ލިބެނީ ވަރަށް ނޭދެވޭ މެސެޖެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

އެހެންކަމުން، މި މައްސަލައަކީ ހަމައެކަނި ވަކި ފަރުދެއްގެ ޢަމަލެއްގެ ގޮތުގައި ދެކެވޭނެ ކަމެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވީދި، އެކަކު އަނެކަކަށް ކުރާ ޤަދަރާއި އިޙްތިރާމް ގެއްލެމުންދާކަމުގެ ހެއްކެކެވެ.

މިކަމުގެ އަޑީގައި ސިޔާސީ ބޭނުންތަކަށްޓަކައި މުޖުތަމަޢު ބައިބައިކޮށް، ރައްޔިތުންގެ މަޖިލިސް ފަދަ އިސް މުއައްސަސާތަކުގައި އިސް ބޭފުޅުން ދައްކަވާ ނޭދެވޭ ނަމޫނާގެ އަސަރު އެބަހުއްޓެވެ.

މިއަދު އާންމު ރައްޔިތެއްގެ ފަރާތުން ފެނިގެން މިދާ ޢަމަލަކީ، އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ޢަމަލުތަކުގެ ނަތީޖާ ކަމުގައި ބުނާ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

މި ބޮޑު އިޖުތިމާޢީ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހުދޫދުތައް ޢާއިލާއިން ފެށިގެން ތަޢުލީމީ ނިޒާމުގެ ތެރެއިން ކިޔަވައިދީ، ޒުވާނުން ހޭލުންތެރިކުރުވަންޖެހެއެވެ.

މީގެ އިތުރުން، ސިޔާސީ ލީޑަރުންނާއި އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން، އެބޭފުޅުންގެ ޢަމަލުތަކުން މުޖުތަމަޢަށް ރިވެތި ނަމޫނާ ދައްކަވަން ޖެހެއެވެ.

އަދި އަބުރު ރައްކާތެރިކުރުމުގެ ޤާނޫނުތައް ހަމަހަމަކަމާއެކު ތަންފީޒުކޮށް، ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ކަން ކަށަވަރުކުރަންޖެހެއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭ ޙައްޤެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމަކީ ހަމައެކަނި ވަކި ފަރުދެއްގެ މަޤާމެއް ނޫނެވެ.

އެއީ ދިވެހި ދައުލަތާއި ޤައުމުގެ އިއްޒަތާއި ހައިބަތުގެ ރަމްޒެކެވެ. އެމަޤާމަށް ކުރާ އިޙްތިރާމަކީ މުޅި ޤައުމަށް ކުރާ އިޙްތިރާމެކެވެ. ވީމާ، މިފަދަ ނާތަހުޒީބު ޢަމަލުތައް ހުއްޓުވައި، ދިވެހިންގެ މެދުގައި އޮތް އިޙްތިރާމާއި އެކުވެރިކަމުގެ ރޫޙު އަލުން އާލާކުރުމަކީ، މިއަދު އަޅުގަނޑުމެން އެންމެންގެ ޤައުމީ ވާޖިބެކެވެ.