ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އިންދިރާ ގާންދީގެ ރެކޯޑު ފަހަނަޅައި، މޯދީ ސިޔާސީ ތާރީޚުގެ އާ ސަފުހާއަކަށް!

ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް
ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރެކޯޑު ފަހަނަޅައި، އެ ޤައުމުގެ ތާރީޚުގައި ވިދިވިދިގެން އެއް ދައުރެއްގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ދެވަނަ ބޮޑުވަޒީރަކަށް ވެވަޑައިގެންފިއެވެ.

މިއީ 2014 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ވެރިކަން ކުރައްވަމުން ގެންދަވާ މޯދީގެ ސިޔާސީ ހަޔާތްޕުޅަށް އިތުރުވި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

މޯދީ މި ތާރީޚީ ކާމިޔާބީ ހާސިލްކުރެއްވީ، ބޮޑުވަޒީރުކަމުގެ މަގާމުގައި ވިދިވިދިގެން 4,078 ދުވަސް ފުރިހަމަ ކުރެއްވުމަށްފަހުއެވެ. މިއާއެކު، އޭނާ ވަނީ ޖެނުއަރީ 1966 އިން ފެށިގެން މާރިޗު 1977 އާ ހަމައަށް ޖުމްލަ 4,077 ދުވަހު ޚިދުމަތް ކުރެއްވި އިންދިރާ ގާންދީގެ ރެކޯޑު މުގުރާލައްވާފައެވެ.

އިންޑިއާގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވުމުގެ ޝަރަފު އަދިވެސް އޮތީ އެ ޤައުމުގެ ފުރަތަމަ ބޮޑުވަޒީރު، ޖަވާހަރްލާލް ނެހެރޫއަށެވެ. ނެހެރޫ ވަނީ އިންޑިއާއަށް މިނިވަންކަން ލިބުނު 1947 އިން ފެށިގެން އަވަހާރަވި 1964 އާ ހަމައަށް، ގާތްގަނޑަކަށް 17 އަހަރު ވަންދެން މެދުކެނޑުމެއްނެތި ބޮޑުވަޒީރުކަން ކުރައްވާފައެވެ.

މި ކާމިޔާބީއާ އެކުވެސް، އިންދިރާ ގާންދީ ބޮޑުވަޒީރުކަމުގައި ހޭދަކުރެއްވި ޖުމްލަ މުއްދަތު އަދިވެސް މޯދީއަށްވުރެ ދިގެވެ. އެއީ 1980 އިން 1984 އަށް ދެވަނަ ފަހަރަށް މަގާމު ފުރުއްވި ދުވަސްތައް ހިމެނޭތީއެވެ. މޯދީ މިހާރު ހާސިލް ކުރައްވާފައިވަނީ ވިދިވިދިގެން އެއް ދައުރުގެ ރެކޯޑެވެ.

މީގެ އިތުރުން ބޮޑުވަޒީރު މޯދީއަކީ އިންޑިއާގެ ތާރީޚުގައި ކޮންގްރެސް ޕާޓީއަށް ނިސްބަތްވެ ވަޑައިނުގަންނަވާ، އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޮޑުވަޒީރު ވެސްމެއެވެ. މީގެ ކުރިން މި ޝަރަފު ލިބިވަޑައިގެންފައިވަނީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ފަރާތުން ބޮޑުވަޒީރުކަން ކުރެއްވި އަޓަލް ބިހާރީ ވާޖްޕާއީއަށެވެ.

މޯދީގެ ސިޔާސީ ކާމިޔާބީތައް ހަމައެކަނި ހުއްޓެނީ ޤައުމީ ފެންވަރުގައި އެކަންޏެއްނޫނެވެ. އޭނާ ވަނީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، 2001 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ގުޖުރާތު ސްޓޭޓްގެ ޗީފް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ. މި ދެ މަގާމު އެކުވުމުން، މޯދީ ވަނީ މެދުކެނޑުމެއްނެތި 22 އަހަރަށްވުރެ ގިނަ ދުވަހު އިންތިޚާބީ ސަރުކާރެއްގެ (ސްޓޭޓް އަދި ޤައުމީ ފެންވަރުގައި) އިސްވެރިއެއްގެ ގޮތުގައި ޚިދުމަތް ކުރައްވާފައެވެ.

މިއީ އިންޑިއާގެ އެހެން އެއްވެސް ބޮޑުވަޒީރަކަށް ލިބިވަޑައިގެންފައިވާ މުތުލަޤު ކާމިޔާބީއެއް ނޫނެވެ.