ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ދިވެހި ސިފައިންނަށް ބުރަ ހަފްތާއެއް، އެއްވެސް ކަމެއް އުނިނުކޮށް 24 ގަޑިއިރު ގައުމާއި ރައްޔިތުންގެ ޚިދުމަތުގައި!

ދިވެހި ސިފައިން 24 ގަޑިއިރު ޚިދުމަތުގައި -- ފޮޓޯ: އެމްއެންޑީއެފް
ދިވެހި ސިފައިން 24 ގަޑިއިރު ޚިދުމަތުގައި -- ފޮޓޯ: އެމްއެންޑީއެފް

ނިމިގެން މިދާ ހަފްތާއަކީ ދިވެހިރާއްޖޭގެ މަސްރަހަށް ވަރަށް ބުރަ އަދި  ތާރީޚީ ހަފްތާއެކެވެ. ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް އައިސް ބައްދަލުކުރިއިރު، މިއީ ހަމައެކަނި އާދައިގެ އީދެއް ކަމަށް ހީކޮށްގެން ތިބި ނަމަވެސް، ޤައުމީ ފެންވަރުގައި ވަރަށް ބުރަބޮޑު ޒިންމާތަކެއް އުފުލަންޖެހުނު ހަފްތާއެކެވެ.

ޖުލައި މަސް ފެށުނީއްސުރެ ދެކެވެމުން އައި އެއް ވާހަކައަކީ، އަވައްޓެރި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެ ކަމުގެ ޚަބަރެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން ކަށަވަރުކޮށްދެއްވާފައި ނުވުމުން، އެއީ ހަމައެކަނި ދެކެވުނު ވާހަކައެއް ކަމަށް ގިނަ ބަޔަކު ބަލައިގެން ތިއްބެވެ.

އޭގެ ފަހުން އަޅުގަނޑުމެންނާ ބައްދަލުކުރި އަނެއް އުއްމީދަކީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް، ދިވެހިރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވާނެ ކަމުގެ އިއުލާނެވެ. ތަނެއް ހުޅުވުމަކީ ހަމައެކަނި ރިބަން ފަށެއް ކަނޑާލުން ކަމަށް އާންމުކޮށް ދެކެވޭތީ، މިކަމަށްވެސް އެހާ ބޮޑު ސަމާލުކަމެއް ދެވިފައެއް ނުވެއެވެ.

ދެން ތިލަވި އަނެއް ވާހަކައަކީ، އެކުވެރި ސްރީލަންކާގެ ރައީސް، ރާއްޖެ ވަޑައިގަންނަވާ ވާހަކައެވެ. މި ހުރިހާ ކަންކަމަކީ ވަކިވަކިން ބަލާއިރު އާދައިގެ ކަންކަން ކަމަށް ދެކެވިދާނެއެވެ. އެހެންނަމަވެސް، ދެ ޤައުމެއްގެ އެންމެ އިސްވެރިން އެއް ހަފްތާއެއްގައި ރާއްޖެ ވަޑައިގަތުމާއި، މިނިވަން ދުވަހުގެ ކުލަގަދަ ހަރަކާތްތަކާއި، އަދި ޤައުމީ އުމްރާނީ ތަރައްޤީގެ މުހިންމު ބައެއް ކަމަށްވާ އާ ޓާމިނަލް ހުޅުވުން ގުޅިލާމެހިފައިވާއިރު، އަޅުގަނޑު މި ވާހަކަ ގުޅުވާލަނީ މި ހުރިހާ ކަމެއްގެ މައި ތަނބު ކަމުގައިވާ ވަރަށް މުހިންމު ބަޔަކާއެވެ.

އެއީ ރާއްޖޭގެ ދިފާޢީ ބާރު، ދިވެހި ސިފައިންނެވެ. މި ބަޔާންކުރެވުނު ތިން ކަމުގެ އިތުރުން، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ސިފައިން ތިބެންޖެހުނު "ހައި އެލާޓް"ގެ މިންވަރު އަމިއްލަ ސިކުނޑިއަށް ގެނެސްގަތުމުންވެސް އެ ބޭފުޅުން އުފުއްލެވި ބުރަ މަސްއޫލިއްޔަތު ވަޒަންކުރެވޭނެއެވެ.

އިންޑިޔާގެ ބޮޑު ވަޒީރު ރާއްޖެ ވަޑައިގަތުން ކަށަވަރުވެ، އެކަން އިއުލާން ކުރުމާއެކު، ރާއްޖޭގެ ސަލާމަތީ ބާރުތަކުން ތައްޔާރުވާންޖެހުނު މިންވަރު ބޮޑެވެ. ސަބަބަކީ، އިންޑިޔާގެ ބޮޑުވަޒީރަކީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ދަތުރުކުރައްވާ ޝަޚްސިއްޔަތަކަށް ވުމެވެ. މީގެއިތުރުން، ސްރީލަންކާގެ ރައީސް ވަޑައިގަތުމާއި، މި ދެބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތްތަކާއި، އާ ޓާމިނަލް ހުޅުވުމުގެ ހަރަކާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ދިވެހި ސިފައިންގެ ކޮނޑުގައި އެޅުނު ވަރަށް ބޮޑު ޤައުމީ ވާޖިބެކެވެ.

މި ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައިރު، ސިފައިންގެ އެހެނިހެން ވާޖިބުތަކަށް އެއްވެސް ދަތިކަމެއް އައިސްފައެއް ނުވެއެވެ. ދުވަސްވަރުގެ ގޮތުން މޫސުން ގޯސްވެ، ރާއްޖޭގެ އެކި ހިސާބުތަކުގައި ފެންބޮޑުވުމުން ފެން ހިއްކުމުގެ މަސައްކަތުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުން ދިޔައީވެސް ހަމަ ސިފައިންނެވެ. ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކަށް ވަގުތުން އިޖާބަދީ، އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދިޔައީވެސް ހަމަ ސިފައިންނެވެ. އަދި މި ހުރިހާ ކަމެއްގެ ތެރެއިން، މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ރާވައި، ތަމްރީނުތައް ފުރިހަމަކޮށް، ރައްޔިތުންނަށް ފަޚުރުވެރިކަމާއެކު ދައްކުވައިދިނީވެސް ހަމަ އެބޭފުޅުންނެވެ.

މީގެ އިތުރުން، ޤައުމީ ދިފާޢީ ބާރުގެ ޒިންމާތައް ހަމައެކަނި ހުއްޓިފައިވަނީ ސަލާމަތީ ކަންކަމަށް އެކަންޏެއްނޫނެވެ. ސްކޫލްތަކުގެ ދަރިވަރުންނަށާއި، ޢާއްމުންނަށް އަމާޒުކޮށްގެން، އަލިފާނުގެ ހާދިސާތަކާއި، ކަނޑުމަތީގެ ނުރައްކާތަކުން ރައްކާތެރިވުމާއި، އަދިވެސް ތަފާތު އެތައް ދާއިރާއަކުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އެބޭފުޅުން ދަނީ އަހަރަކު އެތައް ފަހަރަކު ހިންގަމުންނެވެ. މިއީ، ރައްޔިތުންނާ ސިފައިންނާ ދެމެދު އޮންނަ އިތުބާރާއި ގާތްކަން އިތުރުކޮށްދޭ އަގުހުރި މަސައްކަތެކެވެ.


ޚިދުމަތުގެ މައިދާނުގެ އިތުރުން، ކުޅިވަރުގެ މައިދާނުގައިވެސް ދިވެހި ސިފައިން ދަނީ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން، މިއަހަރުގެ ޤައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދައި، މުބާރާތުގެ ތަށި އެއްކޮށް މިލްކުކުރުމަކީ އެބޭފުޅުންގެ ހިތްވަރާއި، ޑިސިޕްލިން އާއި، ޓީމުވޯކުގެ ރީތި މިސާލެކެވެ. ފައިނަލް މެޗުގައި އެޗްޑީސީއާ ވާދަކޮށް، ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށް، ހޯދި މި ކާމިޔާބީއަކީ މުޅި ޤައުމު ފަޚުރުވެރިވާ ކާމިޔާބީއެކެވެ.


އެއްވެސް ޝައްކެއްނެތް ގޮތުގައި، ދިވެހި ސިފައިންގެ ހަމައެކަނި ފަންނަކީ ބަޑިއާއި ހެވިކަމުގެ ފަންނެއް ނޫނެވެ. އެއީ، ޤައުމީ އެންމެ މަތީ ފެންވަރުގެ ސަލާމަތީ ކަންކަމުން ފެށިގެން، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައްޔާއި، ރައްޔިތުންނަށް އެހީތެރިވުމުގައްޔާއި، ޤައުމީ އުފާތަކުގައި ރީތި ނަމޫނާ ދެއްކުމުގައްޔާއި، އަދި ކުޅިވަރުގެ މައިދާނުގައިވެސް ޤައުމަށް ރީތި ނަން ހޯއްދަވައިދެއްވާ، ފަންނުވެރި، ހުނަރުވެރި، އަދި ވަފާތެރި ބައެކެވެ.

މި ބުރަ ހަފްތާގައި އެއްވެސް ކަމެއް އުނިނުކޮށް، އެބޭފުޅުން ދެއްކެވި ހިތްވަރާއި ހުނަރަށް މުޅި ދިވެހި ޤައުމު ފަޚުރުވެރިވެ، ޝުކުރުވެރިވާކަން ކަށަވަރެވެ.