ހަފްތާއެއްގެ ތެރޭ އަވަށްޓެރި 2 ގައުމުގެ އެންމެ އިސްވެރިން ރާއްޖެއަށް، އެނގިގެން ދިޔައީ ސަރުކާރަށް އޮތް އިތުބާރު!
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބުކަމާއި، ބައިނަލްއަޤްވާމީ މައިދާނުގައި މި ސަރުކާރަށް އޮތް އިތުބާރާއި މަޤްބޫލުކަން، މިދިޔަ ހަފްތާގެ ތެރޭގައި ފެނިގެންދިޔަ މަންޒަރުތަކުން ވަނީ ވަރަށް ސާފުކޮށް ސާބިތުކޮށްދީފައެވެ. އެއް ހަފްތާއެއްގެ ތެރޭގައި، ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ އަދި އެންމެ ގާތް އެއް އަވަށްޓެރި، އިންޑިއާގެ ބޮޑުވަޒީރާއި، ތާރީޚީ ގޮތުން ރާއްޖެއާ އެންމެ ބޮޑު ގުޅުމެއް އޮންނަ އަނެއް އަވަށްޓެރި، ސްރީލަންކާގެ ރައީސް ރާއްޖެއަށް ޒިޔާރަތްކުރެއްވުމަކީ އިއްތިފާޤުން ދިމާވި ކަމެއް ނޫނެވެ. މިއީ ރާއްޖޭގެ މިހާރުގެ ސަރުކާރުން ގެންގުޅޭ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ނަތީޖާއެވެ.
ކުރިމަތިލާން ޖެހުނު އިޤްތިޞާދީ އަދި ސިޔާސީ ގޮންޖެހުންތަކާ އެކުވެސް، ސަރުކާރުން ދުނިޔޭގެ ޤައުމުތަކާ، ޚާއްޞަކޮށް އަވަށްޓެރި ޤައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ހެތްކެކެވެ. މި ދެ ދަތުރުފުޅަކީ، ސަރުކާރަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރާ އިތުބާރު އަންގައިދޭ ރަން އަކުރުން ފަވާލެވޭނެ ފަދަ ހާދިސާތަކެކެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ދިވެހި ސަރުކާރުގެ ޚާއްޞަ ދަޢުވަތަކަށް ރާއްޖެއަށް ވަރަށް މުހިންމު ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ މިނިވަންކަމުގެ އުފަލުގައި ބޭއްވި ޚާއްޞަ ޙަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް، އަޚުވަންތަކަން ރަމްޒުކޮށްދޭ ހެއްކެކެވެ.
Ads by BMLމި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ބަޔަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށް، ދެ ޤައުމުގެ ދެމެދުގައި ތަފާތު 8 އެއްބަސްވުންތަކެއްގައި ސޮއިކުރުމެވެ. އޭގެ ތެރޭގައި ދެ ޤައުމު ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި، 565 މިލިއަން ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުމާއި، ޑޮލަރު ކްރެޑިޓް ލައިން އެއްބަސްވުމާއި، މަސްވެރިކަން ތަރައްޤީ ކުރުމަށް އެހީތެރިވުމުގެ ފަހުމުނާމާ ހިމެނެއެވެ.
މީގެ އިތުރުން ރާއްޖެއަށް ކޮލިޓީ ބޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުމާއި، ތިމާވެށީގެ ދާއިރާ ތަރައްޤީ ކުރުމުގެ އެއްބަސްވުމާއި، ޑިޖިޓަލައިޒޭޝަންގެ އެއްބަސްވުމެއްގެ އިތުރުން އެމްއެމްއޭގެ ނެޓްވޯކް އިތުރުކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
މި ދަތުރުފުޅުގެ ފުރިހަމަ ކާމިޔާބީން އެނގިގެންދިޔަ އަނެއް ކަމަކީ، ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ރާއްޖެއާއި އިންޑިއާ ދެމެދު ނަފްރަތު އުފެއްދުމަށް ސޯޝަލްމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ކުރިއަށް ގެންދިޔަ ކެމްޕެއިންތައް ފެއިލްވެފައިވާ ކަމެވެ.
ދެ ޤައުމުގެ ގުޅުމަށް ހީނަރުކަން އައިސް، ރައްޔިތުންގެ މެދުގައި އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ކުރި މަސައްކަތްތަކަށް ރައްޔިތުންގެ ތާއީދެއް ނެތްކަން، ބޮޑުވަޒީރު މޯދީއަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު ހޫނު މަރުޙަބާއިން ސާބިތުވެގެން ދިޔައެވެ. ސަރުކާރުން ވަނީ މިފަދަ ހަޑިހުތުރު ކެމްޕޭންތަކަށް ބީރު ކަންފަތެއް ދީ، ޤައުމީ މަޞްލަޙަތު އިސްކޮށް، އިންޑިއާއާއެކު އޮތް ތާރީޚީ ގުޅުން އިތުރަށް ބަދަހިކޮށްފައެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ ކާމިޔާބު ދަތުރުފުޅު ނިންމަވާލައްވައި، އެނބުރި ވަޑައިގެންތާ 24 ގަޑިއިރުވެސް ހަމަނުވަނީސް، ރާއްޖޭގެ އަނެއް ގާތް އަވަށްޓެރި، ސްރީލަންކާގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމަކީ ދިވެހީންނަށް ލިބުނު އިތުރު ފަޚުރެކެވެ.
ލަންކާއަކީ ތަޢުލީމީ ގޮތުންނާއި، ވިޔަފާރީގެ ގޮތުންނާއި، ސިއްޙީ ގޮތުން ދިވެހިން އެތައް ޒަމާނެއް ވަންދެން ބަރޯސާވެ، ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. މި ދަތުރުފުޅުގައި ލަންކާގެ ރައީސަށް ދިވެހި ސަރުކާރުން އަރުވާފައިވާ މެހްމާންދާރީން ދެ ޤައުމުގެ ދެމެދުގައިވާ ތާރީޚީ، ޘަޤާފީ، އަދި އިޖްތިމާޢީ ގުޅުމުގެ ފުންކަން ވަނީ ރަމްޒުކޮށްދީފައެވެ.
މި ދަތުރުފުޅުގައިވެސް ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރެވިފައެވެ. އޭގެ ތެރޭގައި ވިޔަފާރި ކުރުމާއި، ޘަޤާފީ ތަރިކަ ރައްކާތެރިކުރުމާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އިތުރުން، ހަޔަރ އެޑިއުކޭޝަން ގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ދެ ޤައުމަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
ޖުމްލަކޮށް ބުނާނަމަ، އެއް ހަފްތާއެއްގެ ތެރޭގައި ސަރަޙައްދީ ބާރެއް ކަމުގައިވާ އިންޑިއާގެ ބޮޑުވަޒީރާއި، ތާރީޚީ ގާތް އަވަށްޓެރިއެއް ކަމުގައިވާ ސްރީލަންކާގެ ރައީސް ރާއްޖެއަށް ޒިޔާރަތްކުރެއްވުމަކީ، މި ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތާއި، "އަވަށްޓެރިންނާ ރަހުމަތްތެރި ގުޅުމެއް ބޭއްވުމުގެ" ސިޔާސަތު ކާމިޔާބުކަމުގެ އަލިގަދަ ހެއްކެކެވެ.
މިއީ ސަރުކާރަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރާ އިތުބާރާއި، ރާއްޖޭގެ ސިޔާސީ ހަމަޖެހުމާއި، ޤައުމު ހިންގުމުގައި ގެންގުޅޭ ހަރުދަނާ އުޞޫލުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރާކަމުގެ އަލިގަދަ ހެއްކެކެވެ. މިއީ ހަމައެކަނި ދެ ދަތުރުފުޅެއް ނޫނެވެ. މިއީ ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ޤަދަރާއި ޢިއްޒަތް އިތުރުވެ، ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބުކަން ސާބިތުވެގެން ދިޔަ ތާރީޚީ ހަފްތާއެކެވެ.
Ads by MACL
