އައިނު ފިހާރަ ހުންނަންވީ މާލޭގައި އެކަންޏެއް ނޫން، ކޮންމެ އަތޮޅަކުވެސް ހުންނަން ޖެހޭ!
ސަރުކާރުން މާލޭގެ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހުޅުވި ފުރަތަމަ އައިނު ފިހާރައަށް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދާއިރު، މި ޚިދުމަތް ހަމައެކަނި މާލެއަށް އަމާޒު ނުކޮށް، ވީހާވެސް އަވަހަކަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމަށް ރައްޔިތުން ދަނީ އެދެމުންނެވެ. އަގުހެޔޮކޮށް އައިނު ހެދުމުގެ ފުރުޞަތަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު، މި ފިހާރައަށް ލިބެމުންދާ ބޮޑު ތަރުޙީބުން ވަރަށް ސާފުކޮށް ދައްކުވައިދެއެވެ.
އައިޖީއެމްއެޗުގައި ހުޅުވި "އެމްސީޖީއެޗް" (އައިނުފިހާރަ) އިން ޚިދުމަތް ދޭން ފެށިތާ މިވީ ދެތިން ދުވަސް ތެރޭގައި އެތައް ސަތޭކަ ބަޔަކު ވަނީ ޚިދުމަތް ހޯދުމަށް އެދިފައެވެ. ލިބިފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޚިދުމަތް ދޭން ފެށި ފުރަތަމަ ދެ ދުވަހުގެ ތެރޭގައި އެކަނިވެސް ލޮލުގެ ނަންބަރު ނެގުމަށް 400 އެއްހާ މީހުން ނަންނޯޓުކޮށްފައިވެއެވެ. އަދި ފުރަތަމަ ތިން ދުވަސް ތެރޭގައި ސަތޭކައެއްހާ މީހުންނަށް އައިނު ހަދައި ހަވާލުކޮށްފައިވާއިރު، 361 މީހަކު ވަނީ ލޮލުގެ ނަންބަރު ނަގާފައެވެ. މިއީ މިފަދަ ޚިދުމަތަކަށް އޮތް ބޮޑު ޑިމާންޑްގެ ހެއްކެކެވެ.
މި ފިހާރަ ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ، އައިނުގެ ވިޔަފާރީގައި އަމިއްލަ ބައެއް ފަރާތްތަކުން ނާޖާއިޒު ފައިދާ ނަގަމުންދާކަމުގެ ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން މިކަމަށް އިޝާރާތް ކުރައްވައި، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. "އާސަންދަ" ގެ ދަށުން އައިނު ހެދުމަށް ކަނޑައަޅާފައިވާ އަދަދު 1,000 ރުފިޔާއިން 2,000 ރުފިޔާއަށް ބޮޑުކުރުމަށްފަހު، އެ އަގުގެ ތެރޭގައި އަމިއްލަ ޖީބުން ޚަރަދުކުރަން ނުޖެހޭ ގޮތަށް އައިނު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.
Ads by BMLމާލޭގެ ރައްޔިތުންނަށް މި ފަސޭހަ ލިބިގެންދިޔަ ނަމަވެސް، އަތޮޅުތަކުގެ ރައްޔިތުންގެ ޙާލަތު މުޅިން ތަފާތެވެ. އަތޮޅުތެރޭގައި ހުންނަ މަދު އައިނު ފިހާރަތަކުން ވިއްކާ އައިނުގެ އަގުބޮޑުވުމުގެ ސަބަބުން، ގިނަ ފަހަރަށް "އާސަންދަ" އިން ލިބޭ ފައިސާއަށްވުރެ ބޮޑު ޚަރަދެއް ކުރަންޖެހެއެވެ. ނަތީޖާއެއްގެ ގޮތުން، ގިނަ ބަޔަކަށް މަޖުބޫރުވަނީ އައިނެއް ހެދުމަށްޓަކައި މާލެއަށް ދަތުރުކުރުމުގެ ބުރައާއި ޚަރަދު އުފުލުމަށެވެ. މީގެ ތެރޭގައި ދަތުރުފީ އާއި މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދުތައް ހިމެނޭއިރު، އަތޮޅުތެރޭގެ ރައްޔިތަކު އައިނެއް ހެދުމަށް ކުރަންޖެހޭ ޖުމްލަ ޚަރަދު، މާލޭގައި ދިރިއުޅޭ މީހަކާ އަޅާބަލާއިރު އެތައް ގުނައެއް އިތުރުވެއެވެ.
އެހެންކަމުން، ގިނަ ބަޔަކު ދެކޭގޮތުގައި، މި ޚިދުމަތް ޙަޤީޤީ މާނައެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނީ، މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ރައްޔިތުންނަށް ވެސް އެމީހުން ދިރިއުޅޭ ސަރަޙައްދުން ފަސޭހަކަމާއެކު މި ޚިދުމަތް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދެވިގެންނެވެ. މަދުވެގެން ކޮންމެ އަތޮޅެއްގެ އެއް ހޮސްޕިޓަލެއްގައި މިފަދަ ފިހާރައެއް ޤާއިމުކުރުމަކީ، ސިއްޙީ ޚިދުމަތްތައް ލާމަރުކަޒުކޮށް، ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.
އައިޖީއެމްއެޗުގެ އައިނު ފިހާރައަށް އޮތް ބޮޑު ޑިމާންޑަކީ، މި ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މުހިންމުކަން އަންގައިދޭ ވަރުގަދަ ހެއްކެކެވެ.
Ads by MACL
