ޖީލުގެ ވާހަކަ- ޝާހީނޫރު 2
ޝާހީނޫރު – 2
މާލޭގެ ހަލަބޮލިމަގުތައް ދޫކޮށް އަމިއްލަ ފަސްގަނޑަށް އައްޑުއަތޮޅު ހިތަދޫއަށް ދިރިއުޅުން ބަދަލުކޮށްލިއިރު ރަށުގައި ހުރި ގެ ހުރީ ރާނައިނިމިފައެވެ. ޖަންނަތަށްޓަކައި ފިރުދައުސް އެގެ ހުވަފެނީ ގަނޑުވަރެއް ފަދައިން ބިނާކޮށްދިނެވެ. ގެއާ މާދުރުނޫން ހިސާބެއްގައި އޮތް ކުޑަބިންކޮޅެއްގައި ކްލިނިކެއްގެ މަސައްކަތް ކުރަން ފެށިއިރު ޖަންނަތު ދިޔައީ ރަށު ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަމުންނެވެ.
ދެކުދިންގެ ނަމާ ގުޅުވައިގެން ކްލިނިކަށް ނަންދޭކަށް ދެމީހުންވެސް ބޭނުމެއް ނުވިއެވެ. ހަގީގަތުގައި އެއީ ޖަންނަތު ބޭނުންވި ގޮތެވެ. ފިރުދައުސް ކްލިނިކްގެ ނަމުން އެތަނަށް ނަން ދެވުނީ ކީއްވެގެންކަން އެނގުނީ އަދިކިރިޔާ ފިރުދައުސް އެމީހުން ގާތުގައި ނެތުމަށްފަހުގައިކަން ޔަގީނެވެ.
Ads by BMLކޮންމެއަކަސް މިއަދު އަތޮޅުގައި އެންމެ ގިނަ މީހުންގެ ލޯތްބާއި އިހުތިރާމާއި ގަދަރު ލިބިފައިވާ އެކަކަށް ޑޮކްޓަރ ޖަންނަތު ވުމަކީ އޭނާގެ ގާބިލުކަމާއި ފިރުދައުސްގެ ހެޔޮކަމާއި ނަމޫނާ އޯގާތެރިކަމާ ގުޅިގެން އައިކަމެއްކަން އެއީ އެނގޭ ހަގީގަތެކެވެ. ދެކުދިން ބޮޑުވެ ފުރާވަރަށް އެރިފަހުން ފިރުދައުސްގެ ބަލިހާލު އެންމެންގެ ކުރިމައްޗަށް ހާމަވެގެންދިޔައީ ދެން އެކަން ސިއްރު ނުވާނެތީއެވެ.
ބައްޕަގެ ފަހުދުވަސްތައް ވޭތުކުރަމުން ދިޔައީ ޓީޗަރަކަށް، އުސްތާޒަކަށްވުރެ ބޮޑަށް ނެތް ވަގުތަކުންވެސް އެހުސްކަން އިހުސާސްނުވާ ވަރުގެ އުފާވެރިކަން އެމީހުންގެ ގުޅުމަށް ގެނައުމުގައެވެ.
ދެވަނަ ސްޓްރޯކާއެކު ބައްޕަ ތެދުވެ އުޅެވޭވަރަށްވުރެ ބަލިވީއިރުވެސް ހިތްވަރު އެލުވާނުލައެވެ. ގޮޑީގައި އިނދެގެންވެސް ކޮންމެ ދުވަހަކު މަންމައާއި ދައްތައަށް ކޮފީ ގިރުމަކީ ބައްޕަ އިންތިހާއަށް ސަމާލުވެ ލޯބިން ކުރަމުން އައި ކަމެކެވެ.
އެއާދަ އަދިވެސް މިއަދުވެސް އެމީހުންގެ ގައިގައި ވަނީ ހިފާފައެވެ. ތެދަށް ބުނަންޏާ އެއާދަ ދޫކޮށްލާކަށް އެމީހުން ބޭނުމެއްވެސް ނޫނެވެ.
އާދައިގެ މަތިން ހެނދުނުގެ ނާސްތާއަށްފަހު ޖަންނަތު ދާނީ ކްލިނިކަށެވެ. މިއީ ސްކޫލުތައް ބަންދު ދުވަސްވަރެވެ. ރޯދައަށް ތައްޔާރުވަމުން އަންނަ ދުވަސްކޮޅަކަށް ވިޔަސް މިގޭގެ ހުރިހާ ކަމެއްހެން އޮތީ ދުރާލާ ނިމިފައެވެ. ސުކޫލު ބަންދުވާއިރު އަބަދުވެސް ގޭތެރޭގެ ކަންތައް އޮންނާނީ ވީހާވެސް ލުއި ގޮތަކަށް ހަމަޖައްސާފައެވެ.
މަންމައަކާއި ފުރާވަރުގެ ދަރިއަކާއި ޒުވާން ދަރިއަކު އުޅޭ ގެއަކަށް ވުމުން މިގޭގައި މާބޮޑު މަސައްކަތްތަކެއް މިހާރު ނޯވެއެވެ. ގޭގެ ކަންތައްތަކުގައި އެހީވެ، މަސައްކަތްތައް ކޮށްލަން އެތައް އަހަރަކުއްސުރެ އުޅެމުން އަންނަ ސަންފާދައްތައަކީވެސް މިގޭގެ އެއްހިއްސާއެވެ.
އެހެން ދުވަސްދުވަހު ގޭގެ އެހެން އެންމެނާއެކު ނާސްތާ ކުރަން އިންނަ ސަންފާދިޔެ މިއަދު ހެނދުނުހެނދުނާ އެދިޔައީ އޭނާގެ އަމިއްލަ ކަމެއް އޮތުމުންނެވެ.
ފިރުދައުސްގެ ހެޔޮހަޔާތުގައި މާމީރުކޮށް ކައްކާފައި ހުރި ކަންޖެއް ގެނެސް އެއްދުވަހަކު ޖަންނަތަށް ކާންދީފިއެވެ. އެރަހައާއެކު ކަނދި ކެއްކިމީހަކު ހޯދަން ޖަންނަތު ބޭނުންވެއްޖެއެވެ.
އޭރު ޖަންނަތު އިނީ ނޫރީއަށް ބަލިވެއެވެ. އެދުވަހުން ފެށިގެން މިގެއަށް ސަންފަދައްތަ އަންނަން ފަށައިފިއެވެ. ކުރީކޮޅު ހަމައެކަނި ބައެއް ކަހަލަ ހާއްސަ ކާތަކެތި ތައްޔާރުކޮށްދޭން އައިނަމަވެސް ނޫރީ ވިހެއުމާއެކު ގޭތެރެއަށް އެހީވާނެ މީހަކު ވަރަށް ބޮޑަށް ބޭނުންވެއްޖެ ކަމަށް ފިރުދައުސް ބުނެފިއެވެ.
އަދި ސަންފާދިޔެ އަށްވުރެ ވަކިން އެކަމަށް ކުފޫ ހަމަވާ އެހެންމީހަކު އެމީހުންނަކަށް ނުފެނުނެވެ.
މިހާރު ސަންފާދިޔެއަކީ މިގޭގެ އެއްހިއްސާކަމުގައި ވަނީ ވެފައެވެ. ފިރިމީހާގެ ގެ ހުއްޓަސް، ނަމެއްގައި ހުރި ފިރިއެކެވެ. ލިބޭ ފައިސާއިން އެ ފިރިމީހާއަށް ހަރަދު ނުދެންޏާ ގެއިން ނުކުންނަން ޖެހޭނެ ކަމުގެ ބިރާއެކު ދަރިފުޅަކު ގޮވައިގެން ބިކަ ތެޅެމުން ދިޔަ ސަންފާދިޔެއަށް މިއީ ހެޔޮ ނަސީބެކެވެ.
އޭނާގެ ހުރި ހަމައެންމެ އެހީތެރި ދަރިފުޅަށް މޮޅަށް ތައުލީމު ހޯދައިދިނުމަށް ބޭނުންވެގެން ގްރޭޑް ފަހަކުން ވަކިކޮށް މާލޭ މަދަރުސާއަކަށް ލައި، މާލޭ ގެއެއްގައި ބަހައްޓަން ނިންމީ އަމިއްލައަށެވެ.
އެހެންނަމަވެސް ދަރިފުޅު ގްރޭޑް ދިހައަކަށްފަހު އޯލެވެލް ނިންމާފަ ދެން އިތުރަށް ކިޔެވުމުގެ ބަދަލުގައި ދިޔައީ ވަޒީފާއަށެވެ. އެކަމާ ބަހެއް ބުނަން ބޭނުން ނުވީ ދަރިފުޅުގެ އުފަލާއެކު އެއީ އެންމެ ރަނގަޅު ގޮތްކަމަށް ވިސްނައިގެންނެވެ. އަދި މިގޭގެ މީހަކަށް ވެގެން އައިސް މިގޭގައި ސަންފަ ދިރިއުޅެން ފެށިފަހުން ކަންބޮޑުވުމާއި ފިރިމީހާދެކެ ގަންނަ ބިރާވެސް ދުރުވެއްޖެއެވެ. އަދި ދަރިފުޅުގެ ވެސް ހުއްދަ އޮތުމާއެކު ފިރިމީހާގެ ކިބައިން މިނިވަންވެސް ވެގަތެވެ.
ސަންފާދިޔެގެ ދަރިފުޅެއް ހުންނަކަން އެނގުނުނަމަވެސް މިދަރިފުޅާ އެއްފަހަރުވެސް މިގޭގެ އެއްވެސް މީހަކާ ބައްދަލެއްނުވެއެވެ. ސަބަބަކީ މިގެއަށް ސަންފާދިޔެ އަންނަން ފެށިއިރުވެސް ދަރިފުޅު ރަށުގައި ނުހުންނާތީއެވެ. އެކަމަކު އަބަދުވެސް ސަންފާދިޔެގެ ދުލުން އެދަރިފުޅުގެ އެކި ވާހަކަ ކިޔާ އަޑު އިވިއިވި ނުފެނި އެމީހުން އެންމެނަށްވެސް ސަންފާދިޔެގެ ރަންދޫންޏެއް އުޅޭކަމާއި ރަންދޫންޏަކީ ފިސާރިމޮޅު ސޮރެއްކަން އެނގެއެވެ.
މިއަދު ހެނދުނުހެނދުނާ ސަންފާދިޔެ އެދިޔައީ އޭނާއަށް ދަރިފުޅު ފޮނުވި ހަދިޔާތަކެއް ބަލައެވެ. ދަރިފުޅު ކުރިން ރިސޯޓެއްގައި މަސައްކަތް ކުރިއަސް މިހާރު އަމިއްލަ މަސައްކަތުން ކިޔަވަން ފެށި ވާހަކަވެސް ސަންފާދިޔެ ކިޔައެވެ. ޗުއްޓީއަކަށް ރަށަށް ގެންނަންވީނޫންހޭ އަބަދުވެސް ޖަންނަތު ބުނެއެވެ.
އެހެންނަމަވެސް ސަންފާދިޔެ ބުނާ ގޮތުގައި އޭނާގެ ރަންދޫނި ރަށްދެކެ ވަރަށް ނުރުހެއެވެ. ރަށަށް އައުމަށް ހަމައެއްގޮތަކަށްވެސް އެއުޅެނީ އެއްބަސްވެސް ނުވެގެންނެވެ.
ފިރުދައުސްކްލިނިކާއި "ފިނިހިޔާ"ގެ، ފިރުދައުސާއި ޖަންނަތުގެ ދެކުދިން ޝާހީއާއި ނޫރީ އަދި ސަންފާދިޔެއާއި އޭނާގެ ރަންދޫނިގެ ވާހަކަ ގުޅިފައިވަނީ މިހިސާބަށެވެ. ހަޔާތުގެ ދަތުރު ކުރިއަށް ދަމުން ގޮސް މިވާހަކަ އަށް އަންނާނީ ކޮން ކުލަތަކެއް ކަމެއް ނޭނގެއެވެ.
** ** ** **
"ފުރަތަމަ ނަޒަރުން ހަމަ އެހިނދުން ތިޔަ ސޫރަ ހިތުގައި ބިންވަޅު ނެގުނޭ....
ފޮނިފޮނި އިޝްގުން ހިތް މަސްތުން ފުރުވާލި ހިނދުގާ ހިތް އެކުދެވުނޭ...."
އިވެމުން ދިޔަ ލަވައަށް ޗީޗީ ކިޔައި މޫނު ހަދަމުން އައިސް މޭޒުމަތީގައި ހުރި ލެޕްޓޮޕުގެ ސްކްރީނުގައި އިނގިލިޖައްސައި ލަވަ ނިއްވާލުމަށްފަހު އޭނާ އެނދުގައި ބަންޑުން އޮތް ޒުވާނާއަށް ބަލާލިއެވެ.
"ކޮންފަދަ ހުތުރު ލަވައެއް؟ އަޅެ ކަލޭ ތީ ފިރިހެނެއްތަ އަންހެނެއްތަ؟ ކޯޗެއްތަ؟" ލައިގެން ހުރި ގަމީހުގެ ގޮށް އަޅުވަމުން އޭނާ ބުނެލިއެވެ.
"ލަވަ އަކީ ރީތި ލަވައެއް. އެކަމާ ކަލޭ މިހާރު ދެކޮޅު ހަދާފާނެ. އެކަމަކު ކަލޭ ހަމަ ތިލަވައިގެ ތިބަސްތައް އަދި ކިޔާނެ، އެދުވަސްއަންނަންދެން މަ މިއިންނަނީ މިހެން...." ދިގުކޮށްފައި ހުރި ނިޔަފަތިތަކުގައި ހާކާފައި ހުރި ކުލަތައް ފިލުވަމުން ބަންޑުން އޮތްގޮތަށް އޮވެ ޒާދީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި އޭނާގެ ރޫމްމޭޓަށް ބަލާލަމުން ބުނެލިއެވެ.
"ޗީޗީ...މަ ގުޑުވަން ނޫޅޭ...ތިކަހަލަ މަޅިއެއްގައި މިއެއް ނުޖެހޭނެ..." އިސްކޮޅާ އެއްވަރުގެ ލޯގަނޑު ކުރިމައްޗަށް ހުއްޓެމުން ނޫރުއަމީން އޭނާގެ އެކުވެރިޔާއަށް ޖެއްސުމުގެ ވައްތަރެއް ދައްކާލިއެވެ.
"އަސްތާ. އެއޮއް ލޯންޗު ފުރާގަޑި ޖެހުނީ... ކަލޭ އަދިވެސް ޗާލުވެ ނުނިމޭ....؟" ކުއްލިއަކަށް ގަޑި ބަލާލުމާއެކު ފުންމައިގެން ތެދުވަމުން ޒާދީ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. ޒިހާނަށްވެސް ގަޑި ހަނދާންވީ ދެނެވެ. އަވަހަށް އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން ތައްޔާރުވާން ފެށިއެވެ. މިއަދު މިއީ ގަޑިޖެހިގެން ވާނެ ދުވަހެއް ނޫނެވެ.
މިއީ ސަންފާދިޔެގެ ރަންދޫނި ޒިހާން ހަސަން އެވެ. ޒުވާން އަންހެންކުދިންގެ ހިތްތަކުގެ ރާޖާއެވެ. ޒިހާންގެ ފުރާނައަކީ އޭނާގެ މަންމަ ސަންފާދިޔެއެވެ. މަންމަ މާލޭގައި ވަޒީފާ އަދާކުރަން ފެށީ ޒިހާނަށްޓަކައެވެ. ބައްޕަ ހަސަންދީދީއަކީ މުޅިރަށުގެ މީހުންގެ ނަމުންނަމަ "ފޮނިހަސަނެވެ،" އަތްފައިހެލޭ އެއްވެސް މަސައްކަތެއް ނުކުރާނެއެވެ.
މައިންބަފައިންގެ ވާރުތައިން ލިބުނު ގެގަނޑެއް ހުންނާތީ އެކަމާ މަތިހަށިނަގާފައި ހުންނަނީއެވެ. ދުނިޔޭގެ ހޭލަމޭލަ ނޭނގި އަލިފާނެއްފެނެއް ވަކިނުވާއިރުވެސް ޒިހާނަށް ފަހުމުވި އެއްކަމެއް އޮތެވެ. ބައްޕައަކީ ބަހުން މަހުޖަނެއް ކަމާއި ކަމުން ބޭކާރުމީހެއްކަމެވެ. މަންމަ ރެއާދުވާލު އެގެއިން މިގެއިން ހަވާދުހަނާކޮށްދެމުން، މަސްހިއްކައި ފަތްތެލުލައި ދެމުން، ގޭގޭގެ ފާތިހާތަކަށް އެކަނިހަށްޓާ 60 ކާށިން ހުނިގާނައި ސައްތަ މީހުންނަށް ވާ ބަތުގެ ހަނޑޫ ހޮވައި، ބޯކިބާފަދަ ތަކެތި ހަދަން ބޭނުންވާ ހަނޑޫމުގުރައި ފުނޑައިދީ، ހަވާދުފުނޑައިދީ އެތައް މަސައްކަތެއް ކޮށްފައި ލިބޭ ދެލާރި އެއްކޮށްގެން ޒިހާނަށް ރަނގަޅު ކާނާއާއި އަންނައުނު ހޯދައިދީ ސުކޫލުގެ ކަންތައްތައް ކޮށްދޭ ހަނދާން އޭނާގެ ޅަ ސިކުނޑީގައި ބިންވަޅު ނެގުނީ ކުޑަކުޑައިރުއެވެ. ބަދަލުވަމުން އައި ޒަމާނާއެކު މަންމަ ފެށީ ގޭގެއަށް ކައްކައިދޭށެވެ. ގޭގައި އިނދެގެން ކައްކަމުން އައި ކެއްކުން ގޭގެއަށް ގޮސް ކައްކައިދިނުމަކަށް ބަދަލުވީއެވެ.
އެހުރިހާ މަސައްކަތެއްކޮށް ލާރި ހޯދަމުން ދިޔައީ ޒިހާނަށްޓަކައެވެ. ރަށުން ގްރޭޑް މަތީތައުލީމު ލިބެން ހުއްޓަސް ޒިހާން މާލެ ފޮނުވީ އުއްމީދުތަކަކާއެކުގައެވެ. ގުރޭޑް ފަހަކުން ފެށިގެން މަންމަގެ އެހީގައި ޒިހާން ކިޔަވަމުން ދިޔައީ މާލޭ ސުކޫލެއްގައެވެ.
ޒިހާން މާލެދާން ބޭނުންނުވި ނަމަވެސް މަންމަގެ އެދުމާ ދެކޮޅު ހަދާނެ ހިތްވަރެއް ނުލިބުނެވެ. ބައްޕައަކީ ނަމެއްގައި ހުންނަ މީހެކެވެ. އަދި އަމުދުން ބައްޕަ މަންމައަށް ލިބޭ ލާރި އަތުލައިގެން އަޗާތަޅައި ބޭކާރު ހަރަދުތައް ކުރާތީ އެކަމާ ކަންބޮޑުވެފައި ހުންނަ ޒިހާން ބޭނުންވަނީ ވީހާވެސް އަވަހަށް އަމިއްލަ ފައިމައްޗަށް ތެދުވެ މަންމަ އުޅޭނެ ތަނެއް ހޯދައިދިނުމަށެވެ.
(ނުނިމޭ)
Ads by MACL
