ލޮޅުން އެރީކީ ނޫން، ތިބީ ސަރުކާރާއެކުގައިކަން ސާބިތުކޮށްދިނީ!
ސަރުކާރު ހިންގާ ކޯލިޝަންގައި ކުރިން ހިމެނުނު އެމްޑީއޭގެ ނައިބުރައީސް އަދި ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަމަށް ދެއްކެވުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވެ، އޭގެ ބަދަލުގައި އެ ޕާޓީގެ މެމްބަރުންގެ މެދުގައި އޮތް ވަރުގަދަ އެއްބައިވަންތަކަމާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އޮތް ފުރިހަމަ ތާއީދު އިތުރަށް ސާބިތުވެގެން ހިނގައްޖެއެވެ.
އައްބާސް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމެއްގައި ހޫނު ބަހުސްތަކެއް ހިނގާ، ބައެއް މެމްބަރުން ސަރުކާރާ ދެކޮޅަށް ނުކުންނަން އުޅޭކަމަށް ބުނެ ފެތުރި ޚަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގެއްކަން ޕީއެންސީގެ މެމްބަރުން ވަނީ އެއް އަޑަކުން ސާބިތުކޮށްދެއްވާފައެވެ. އައްބާސްގެ މި ޕޯސްޓަކީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީއާ ދެމެދު ފިތުނަ އުފެއްދުމަށް ހިންގި ނިކަމެތި، އަދި ނާކާމިޔާބު މަސައްކަތެއްކަން މިހާރު ވަނީ އެނގިފައެވެ.
އައްބާސްގެ ޕޯސްޓާއެކު، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ އެތައް މެމްބަރުން ވަނީ ވަގުތުން ވަގުތަށް ސޯޝަލް މީޑިއާގައި އެކަމަށް ރައްދުދެއްވާފައެވެ. މިއީ ޕާޓީއަށް "ލޮޅުން އެރި" ކަމުގެ ހެއްކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދެއްކި ނަމަވެސް، ޙަޤީޤަތުގައި ފެނިގެންދިޔައީ އެއާ މުޅިން ތަފާތު މަންޒަރެކެވެ. ފެނިގެންދިޔައީ، ޕާޓީގެ އަގުތަކާއި ސަރުކާރުގެ ސިޔާސަތުތައް ދިފާޢުކުރުމުގައި އެ މެމްބަރުންގެ މެދުގައި އޮތް ވަރުގަދަ އެއްބާރުލުމެވެ. މިއީ މަޖުބޫރީ ހާލަތެއްގައި ކުރި ކަމެއް ނޫނެވެ. މިއީ ޕާޓީގެ އަސާސްތަކާއި، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމަށްޓަކައި އެކުގައި ތިބިކަން އަންގައިދިން ވަރުގަދަ ހެކިތެކެވެ.
Ads by BMLރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ އައްބާސްގެ ވާހަކަތައް ދޮގުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ޕީއެންސީ ޕީޖީ ބައްދަލުވުމަކީ އަބަދުވެސް ޚިޔާލު ބަދަލުކޮށް، ސަރުކާރުގެ މަސައްކަތްތައް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ކުރިއަށް ގެންދިއުމަށް މަޝްވަރާކުރާ ބައްދަލުވުންތަކެއް ކަމަށާއި، އައްބާސް އެ ފެތުރީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
އިދިކޮޅު ފިކުރުގެ ފަރާތްތަކުން ދައްކާ ގޮތުގައި، ޕީއެންސީގެ މެމްބަރުން ތިއްބެވީ "ބަނދެވިފައި" ކަމަށާއި، ގޮނޑި ގެއްލޭ ގާނޫނުގެ ސަބަބުން އެހެން ގޮތެއް ނެތިގެންނެވެ. އެހެނެއްކަމަކު މިއީ ޒިންމާދާރުކަމާއި ދިމާ އިދިކޮޅަށް ދެކެވޭ ވާހަކައެކެވެ. މެމްބަރަކު އެ މެމްބަރަކު އިންތިޚާބުވި ޕާޓީ ދޫކޮށް ދިއުމުން ގޮނޑި ގެއްލޭ ގޮތަށް ހެދިފައިވާ ގާނޫނަކީ ސިޔާސީ ހަމަޖެހުމާއި، ރައްޔިތުންގެ ވޯޓަށް އިޙްތިރާމްކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން، ކުރީގެ ސަރުކާރުތަކުގައި ފެނުނު ފަދަ، ފައިސާގެ ނުފޫޒުން މެމްބަރުން ގަނެ، ސިޔާސީ މަސްރަޙު ހަލަބޮލިކުރުމުގެ ފުރުސަތު ވަނީ ބަންދުވެފައެވެ. ޕީއެންސީގެ މެމްބަރުން ތާއީދުކުރައްވަނީ މިފަދަ ހަމަޖެހުމާއި އެއްބައިވަންތަ ކަމަށެވެ.
އައްބާސްގެ ވާހަކަތަކުގައި، ދާއިރާތަކުގެ ތަރައްޤީ ނުހިނގާކަމަށް ބުނެފައިވީ ނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަންނަނީ ދުވަހުން ދުވަހަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ފަށައި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވަމުންނެވެ. ޕީއެންސީގެ މެމްބަރުންގެ އެންމެ ބޮޑު އަމާޒަކީ ސަރުކާރާ ގުޅިގެން މި މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމެވެ.
ޚުލާސާކޮށް ދަންނަވާނަމަ، އައްބާސްގެ ޕޯސްޓަކީ ޕީއެންސީގެ ސަފުތަކުގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށް ކުރި މަސައްކަތެއް ނަމަވެސް، އެކަމުގެ ނަތީޖާއަކަށްވީ އޭގެ އިދިކޮޅެވެ. އެއީ، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕަކީ އެއް އަމާޒެއްގައި، އެއް ޢަޒުމެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ފުރިހަމަ ތާއީދާއެކު ތިބި ބައެއްކަން މުޅި ދިވެހިރާއްޖެއަށް ސާބިތުވެގެން ދިއުމެވެ. އައްބާސަށް ރައްދު ދިނުމުގައި، މުޅި ޕާޓީގެ އެއްބައިވަންތަ އަޑުން ވަނީ ސޯޝަލް މީޑިއާ ގުގުމާލާފައެވެ.
Ads by MACL
