ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ޑޮލަރާއި ދިވެހި ރުފިޔާގެ "ކްލޭޝް": ފެށުނު ގޮތާއި މިހާރުގެ ހާލަތު

ފޮޓޯ ޖީލު އޮންލައިން
ފޮޓޯ ޖީލު އޮންލައިން

ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ މައްސަލައަކީ ރާއްޖޭގެ މާލީ ހާލަތު އަދި އިގްތިސާދަށް އަންނަ ބަދަލުތަކަަށް ނަޒަރު ހިންގާލާ ކޮންމެ މީހަކަށްވެސް އެންމެ ފުރަތަމަ ފެންނާނެ މައްސަލައެކެވެ. ފާއިތުވި ފަސް އަހަރު ތެރޭގައި، ދިވެހި ރުފިޔާގެ އަގު ދަށްވުމާއި، ޑޮލަރުގެ އަގު އަތްނުފޯރާ ހިސާބަށް އަރައިގެން ހިނގައްޖެއެވެ. އަދި މިއީ ހަގީގަތުގައިވެސް ވަރަށް އަވަސް ހައްލެއް ބޭނުންވެފައިވާކަމެެވެ. އެެހެންނަމަވެސް، މައްސަލައިގެ ބޮޑުކަމުން މިމައްސލަ ހައްލުކުރުމަށް ވަގުތު ނަގާނެއެވެ.

ރާއްޖޭގެ އިގްތިސާދު އަދި މާލީ ހާލަތު މިހާސާބަށް ގޮސްފައިވަނީ ކީއްވެގެންކަން ބެލުމަކީ މި މައްސަލަ ހައްލުކުރުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅެވެ. ހަމަމިއާއެކު، މި މައްސަލައިގެ އަސްލާއި މިހާރުގެ ހާލަތު ވަރަށް ރަނގަޅަށް ދެނެގަންނަން އެބަޖެހެއެވެ. އެއްވެސް ބައްޔަކީ އޭގެ އަސްލު ދެނެނުގަނެ ފަރުވާލިބޭނެ ބައްޔެއް ނޫނެވެ. އެގޮތުން ބަލައިލާއިރު ދިވެހި ރުފިޔާގެ އަގު ދަށްވުން ގުޅިފައިވަނީ ފާއިތުވި ފަސް އަހަރުގެ މަނިޓަރީ ސިޔާސަތާއެވެ. އެގޮތުން އެންމެ ބޮޑު ރޯލެއް އަދާކޮށްފައިވަނީ ޕަބްލިކް އެކައުންޓު އޮވަރ ޑްރާފްޓުކޮށް ރާއްޖޭގެ އިގުތިސާދަށް ގިނަ އަދަދެއްގެ ފައިސާ ނެރުމާއެވެ.


ފެށުނު ގޮތް



ކޮވިޑް -19 އާއެކުގައި ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމާއި އިގްތިސާދުތަކުގައި ތަޅުއެޅުވުމުގެ ސަަބަބުން ރާއްޖެވެސް ބަންދުކުރަންޖެހުނެވެ. އަދި މިއާއެކު، ބޭރުން އާމްދަނީ ލިބޭނެ ހުރިހާ ދޮރުތަކެއް ބަންދުވިއެވެ. އަދި އެ ހާލަތުގައި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ކުރިއަށްގެންދެވޭނެ ހަމައެކަނި މަގަކީ ބޭރުން ދަރަންޏަށް ފައިސާ ނެގުމާއި މަރުކަޒީ ބޭންކުން ފައިސާ ނެގުމެވެ.


ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ދަރަންޏަށް ފައިސާ ނެގޭނެ މިންގަނޑުތައް ބަޔާންކުރާ މާއްދާއާއި، މަރުކަޒީ ބޭންކުން ފައިސާ ނެގުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ މާއްދާއަށް އަމަލުކުރުން ވަގުތީ ގޮތުން މެދުކަނޑައިލީ މިދެންނެވި ސަބަބާހުރެއެވެ. ނަމަވެސް 2021 ވަނަ އަހަރު ކޮވިޑުން އަރައިގަންނަަން ފެށުނު ނަމަވެސް 2022 އާއި 2023 ގައިވެސް އެ މާއްދާތައް ސަސްޕެންޑުކުރިއެވެ.


މި ދެންނެވި ސަބަބުތަކާހުރެ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ދަރަންޏަށް ފައިސާ ނެގޭނެ މިންގަނޑުތައް ބަޔާންކުރާ މާއްދާއާއި، މަރުކަޒީ ބޭންކުން ފައިސާ ނެގުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ މާއްދާއަށް އަމަލުކުރުން ވަގުތީ ގިތުން މުދެކަނޑާލެވުނެވެ. އެހެންނަމަވެސް ކޮވިޑަށް ފަހުގައިވެސް މިމާއްދާތައް ސަސްޕެންޑުކުރިއެވެ.

އެގޮތުން ކޮވިޑް19 ގެ ބަންދު ހިމެނޭހެން 2023 ގެ ނޮވެމްބަރުގެ ނިޔަލަށް ރާއްޖޭގެ އިދގްތިސާދަށް ބިލިއަނެއްހައި ރުފިޔާ ވަނީ ނެރިފައެވެ. މިއީ ޕަބްލިކް އެކައުންޓް އޯވާރޑްރޯކޮށްގެންނެވެ. އަދި މި ފައިސާގެ ތެރެއިން ބޮޑު އަދަދެއް ދިގު މުއްދަތުގެ ބޮންޑަށް ބަދަލުކުރިއެވެ.

މިގޮތަށް ޗާޕުކުރެވުނު ފައިސާގެ ތެރެއިން ފުރަތަމަ އަހަރު 4.4 ބިލިއަން ރުފިޔާ ބޮންޑަށް ބަދަލުކުރެވުނެވެ. އަދި އޭގެފަހުންވެސް އިތުރު 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމަށްފަހު ބޮންޑަށް ބަދުލުކުރިއެވެ. މިއީ މި ފައިސާ އަނބުރާ ދެއްކުން ލަސްކުރުމުގެ ގޮތުންނެވެ. މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ ލިކުއިޑިޓި ނުވަތަ ންކުތަކުން އެމްއެމްއޭގައި ބަހައްޓަން ކަނޑައަޅާފައިވާ ރުފިޔާ އެމްއާރުއާރުގެ އިތުރުން ޖަމާކޮށްފައިވާ ބެލެންސް ނުވަތަ އެކްސެސްކޮށް ހުންނަ ރުފިޔާ ރިޒަރވްސް އާއި އެމްއެމްއޭގެ އޯވަނައިޓް ޑިޕޮސިޓް ފެސިލިޓީގައި އިންވެސްޓްކޮށްފައިވާ އަދަދު ވަރަށް ބޮޑަށް އިތުރުވުމެވެ. އެގޮތުން 2020 ވަނަ އަހަަރާ އަޅާބަލާއިރު ދިވެހި ރުފިޔާގެ ލިކުއިޑިޓީ 178 އިންސައްތަ އިތުރުވިއެވެ.


 ދިވެހި ރުފިޔާގެ ލިކުއިޑިޓީ އިތުރުވުމަކީ ރާއްޖެފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް މިއީ ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ސަބަބަކީ ލިިކުއިޑިޓީ އިތުރުވާވަރަކަށް ދިވެހި ރުފިއާއިން ޑޮލަރަށް ކުރާ ޑިމާންޑު ބޮޑުވާތީއެވެ.


މަރުކަޒީ ބޭންކުން ދައްކާގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭންކިން ނިޒާމުގައި ރުފިޔާ ލިކުއިޑިޓީގެ ގޮތުގައި އެވްރެޖްކޮށް ހަތް ބިލިއަންރުފިޔާ އެބަހުއްޓެވެ.

މީގެ އިތުރުން ދެން ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ބޭންކުތަކުގައި ޑިޕޮސިޓުކޮށްފައި ހުރި ދިވެހި ރުފިޔާއާއި ޑޮލަރުގެ ފަރަގު ބޮޑުވުމެވެ. ރުފިޔާ ޑިޕޮސިޓުކުރާ މިންވަރު އިތުރުވަމުންދާއިރު ޑޮލަރު ނުވަތަ ބޭރު ފައިސާ ޑިޕޮސިޓުކުރާ މިންވަރު އިތުރުނުވުމެވެ. މިވެސް ބޭރު ފައިސާއަށް އޮންނަ ޑިމާންޑު އިތުރުވާ ސަބަބެކެވެ.

މިދެންނެވި ހުރިހާ މައްސަލައެއް އެއްފަހަރާ ފެންމަތިނުވި ނަމަވެސް އިގުތިސާދުގެ އަސާސްތައް ބަލިކަށިވެފައި އޮތުމުން މަޑުމަޑުން އެ މައްސަލަތައް ދިޔައީ ފެންމަތިވަމުންނެވެ. މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު އެ މަސައްކަތުގެ ނަތީޖާވެސް އަންނަނީ ފެންނަމުންނެވެ.

ހައްލުކުރާނީ ކިހިނެއް؟

މި މައްސަލަ ހައްލުކުރުމަށްޓަކައި އެޅުނު އެންމެ ފުރަތަމަ ފިޔަވަޅަކީ ފައިސާ ޗާޕުކުރުން ހުއްޓާލުމެވެ. އަދި މިއީ  އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ރިޕޯޓުތަކުންވެސް އިލްތިމާސްކުރާގޮތެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވުމުގެ އިތުރަށް ފަސް އަހަރު ތެރޭ ރާއްޖޭގެ ބޭރުގެ ދަރަނި އިންތިހާއަށް އިތުރުވުމާއެކު، ފައިސާ ޗާޕުކުރުމުގެ ސަބަބުން ރުފިޔާގެ އަގު ވެއްޓޭނެކަމާއި، ތަކެތީގެ އަގު އުފުލޭނެކަން އެ އިދާރާއިން ފާހަގަކުރިއެވެ. ނަމަވެސް އެ ވާހަކަތަކަށް ސަމާލުކަމެއް އެއިރު ދެވިފައި ނެތެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއެކު އެންމެ ފުރަތަމަކަމަށް ފައިސާ ޗާޕުކުރުން ހުއްޓުވިއެވެ. އަދި ޗާޕުކުރެވޭ ގޮތަށް ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް ސަސްޕެންޑުކުރަމުން އައި އައުން ނިމުމަކަށް ގެންނެވިއެވެ.

ފައިސާ ޗާޕުކުރުމުން ބޭންކިން ނިޒާމުގައި ދިވެހި ފައިސާ އިތުރުވެ، ބޭރު ފައިސާގެ ޑިޕޮސިޓާއި ދިވެހި ފައިސާގެ ޑިޕޮސިޓުގެ ފަރަގު ބޮޑުވި މައިގަނޑު އެއް ސަބަބަކީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ބޭންކުތަކަށް ޖަމާނުކުރުމެވެ. 2023 ވަނަ އަހަރު ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބުނު އާމްްދަނީ އިތުރުވި ނަމަވެސް ބޭންކުތަކަށް ވައްދާފައިވަނީ އާމްދަނީގެ 52 އިންސައްތަައެވެ. 2019 ވަނަ އަހަރު ޓޫރިޒަމް ވިޔަފާރިތަކަށް ލިބުނު އާމްދަނީގެ 74 އިންސައްތަ ބޭންކުތަކަށް ވެއްދިއެވެ.

2019 ވަނަ އަހަރު ޓޫރިޒަމް ވިޔަފާރިތަކަށް ލިބުނު އާމްދަނީގެ %6 ބޭންކުތަކަށް ވިއްކި ނަމަވެސް 2023 ވަނަ އަހަރު ބޭންކުތަކަށް ޓޫރިސްޓު ވިޔަފާރިތަކުން ވިއްކީ އެ ވިޔަފާރިތަކުގެ އާމްދަނީގެ އެންމެ 3 އިންސައްތައެވެ. އެއީ އެންމެ 68 މިލިއަން ޑޮލަރެވެ.

މިއީ ދުވަސްވީ މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި މިންވަރެއް ބޭންކުތަކަަށް މާރުކުރުން ލާޒިމުކޮށް ގަވާއިދެއް ނިމުނު އަހަރުގެ އޮކްޓޯބަރު މަހު އެކުލަވައިލިއެވެ. މި އަހަރުގެ ޖަނަވަރީގައި އެ އުސޫލުތައް ހިމެނޭ ގާނޫނެއް އެކުލަވައިލާ އެއަށް އަމަލުކުރަން ފެށިއެވެ.

ނަތީޖާއަކީ ބޭރުފައިސާއިން އާަމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރު އިތުރުވުމެވެ. އަދި މަރުކަޒީ ބޭންކަށް ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ޑޮލަރު ލިބޭނެ މަގެއް ފަހިވުމެވެ. އަދި ބޭންކުތަކުން މަރުކަޒީ ބޭންކަށް ވިއްކާ ޑޮލަރުގެ ބޮޑު ބައެއް އަނބުރާ އިގުތިސާދަށް ނެރެން ފެށުމެވެ.

އޭގެ އިތުރަށް ބޭންކުތަކުން ބޭރު ފައިސާއިން ދޫކުރާ ލޯނުތައް އިތުރުކުރަން އެހީތެރިވުމަށް ބޭންކުތަކުން އެމްއެމްއޭގައި ބޭރު ފައިސާއިން ބަހައްޓަންޖެހޭ ރިޒާވްގެ އެންމެ ކުޑަ މިންވަރު %5 އަށް ކުޑަކޮށްފައިވެއެވެ. ނަތީޖާއަކީ ވަގުތުން ވަގުތަށް ލޯނުގެ ގޮތުގައި ދޫކުރާނެ 45 މިލިއަން ޑޮލަރު ބޭންކުތަކަށް ލިބުމެވެ.

މިހާރުގެ ހާލަތު

މި ސިޔާސަތުތަކުގެ ނަތީޖާ އަންނަނީ ފެންނަމުންނެވެ. ބޭންކުތަކުން ވިޔަފާރިތަކާއި އާއްމު ފަރުދުންނަށް ޑޮލަރުން ދޭ ހިދުމަތްތައް މިހާރު އިތުރުކޮށް ފުޅާކޮށްފިއެވެ. ދަރިވަރުންނަށް ދޭ އެހީ އިތުރުކޮށްފިއެވެ. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް ބޭންކުން ވިއްކާ ޑޮލަރު އިތުރުވެއްޖެއެވެ. ދަރިވަރުންގެ ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކާއި އާއްމުންގެ ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތަކުގެ ލިމިޓު ވަރަށް ބޮޑަށް އިތުރުކޮށްފިއެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބީއެމްއެލްއިން ދޭ ޑޮލަރުގެ އެހީވެސް އިތުރުކޮށްފިއެވެ.

މި ހުރިހާ ކަމެއް ހާސިލުކުރެވުނުއިރު ދައުލަތުގެ ދަރަނި އަދާކުރުމަށް ހޭދަކުރި ބޭރު ފައިސާަގެ އަދަދު 60 އިންސައްތަ އިތުރުވެއްޖެއެވެ. ރިޒާވްގައި ހުރި ފައިސާގެ އަދަދު ނިމުނު އަހަރަށްވުރެ ބޮޑު ތަނުން އިތުރުކުރެވި، ބޭނުންކުރެވޭ ރިޒަރވްގައި 200 މިލިއަނަށްވުރެ ގިނަ ޑޮލަރު އެބަހުއްޓެވެ.

އެހެންކަމުން ސަރުކާރުގެ ސިޔާސަތުތަކާއެކު ރައީސް ޑރ.މުޢިއްޒު ކަނޑައެޅުއްވި މާލީ އަމާޒަށް ވާސިލުވެވި، ޑޮލަރުގެ ތާށިކަމުން އަރައިގަނެވުމާ ގާތަށް މިއަދު މިވަނީ ދަތުރުކުރެވިފައެވެ. ހަތަރު އަހަރު މެދުކެނޑުމެއްނެތި، ބަލައިލުމެއް، ވިސްނުންތެރިކަމެއް ނުބަހައްޓައި ފައިސާ ޗާޕުކޮށް، އުފެއްދުންތެރިކަމަކަށް ހަރަދުނުވާ ގޮތަށް ބިލިއަނުން ދަރަނި ނަގައިގެން އުފަންކުރި މާލީ މައްސަލަތައް ހައްލުކުރަން ވަގުތު ނަގާނެއެވެ. ނަމަވެސް މައްސަލަތައް ހައްލުވަމުންދާކަން މިއޮތީ ހާމައަށް ފެންނާށެވެ.