އޮޅުވާނުލައްވާ! އިބޫ ކަމަދޫއަށް ވަޑައިގަތީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސް މުއިއްޒު ވަޑައިގަތީ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބ. އަތޮޅު ކަމަދޫއަށް މިފަހުން ކުރެއްވި ރަސްމީ ދަތުރުފުޅަކީ، އެރަށުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ދަތުރުފުޅެކެވެ. މިއީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމަށްފަހު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތުން އެރަށަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މިކަމުގެ ސަބަބުން ކަމަދޫގެ ރައްޔިތުންނަށް އާ އުންމީދުތަކެއް ލިބިގެން ގޮސްފައިވާއިރު، ގިނަ ބަޔަކު ދަނީ މި ތާރީޚީ ޒިޔާރަތަށް މަރުޙަބާ ކިޔަމުންނެވެ.
ނަމަވެސް، މި ދަތުރުފުޅާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް އިދިކޮޅު ފަރާތްތަކުން ދަނީ ޙަޤީޤަތް އޮޅުވާލުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. އެފަރާތްތަކުން ދަޢުވާކުރާ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ކަމަދޫއަށް ޒިޔާރަތްކުރެއްވިއެވެ. އެއީ ތެދު ވާހަކައެއް ކަމުގައި ވިޔަސް، އެ ދެ ޒިޔާރަތުގެ ދެމެދުގައި ހުރި ބޮޑު ތަފާތު ފަނޑުކޮށްލަން އެފަރާތްތަކުން މަސައްކަތްކުރެއެވެ. ޙަޤީޤަތަކީ، ރައީސް ޞާލިޙް ކަމަދޫއަށް ވަޑައިގަތީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުންނެވެ. އެއާ މުޅިން ޚިލާފަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ޒިޔާރަތަކީ، ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ޢަމަލީ ޙައްލުތަކެއް ހޯއްދަވައި ދެއްވުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
އަހަރުތަކެއް ވަންދެން އެއްވެސް ރައީސަކު ރަސްމީ ހައިސިއްޔަތުން ޒިޔާރަތްކޮށްފައި ނުވާ ކަމަދޫއަށް، ރައީސް މުޢިއްޒު ވަޑައިގަތުމަކީ އެރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މިކަން އެރަށު ކައުންސިލުން ވެސް ފާހަގަކޮށް، ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ރައްޔިތުންގެ ޙާލު ބައްލަވާލެއްވުމަށް ވަޑައިގަތުމުން އެކަމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިއީ ރިޔާސީ ކެމްޕެއިން ދަތުރަކާއި، ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ދަތުރެއްގެ ތަފާތު ވަރަށް ސާފުކޮށް ދައްކުވައިދޭ ކަމެކެވެ.
Ads by BMLކަމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، އެރަށާމެދު ކުރިން ގެންގުޅެމުން އައި ތަފާތުކުރުންތައް ނިމުމަކަށް ގެނެސް، ބ. އަތޮޅުގެ ތަރައްޤީގެ ލިސްޓުގެ ފަހަތުން ކުރިއަށް ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކަމަދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ހުއްޓުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށާއި، މި ދަތުރުފުޅުގެ މަޤްޞަދަކީ ހަމައެކަނި ވާހަކަ ދެއްކުން ނޫން ކަމަށާއި، ޢަމަލުން އެކަން ސާބިތުކޮށްދެއްވުން ކަމަށެވެ.
މި ޔަޤީންކަމުގެ ތެރެއިން، ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ސްކޫލަށް 12 ކްލާސްރޫމުގެ އައު ޢިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި މި ދަތުރުފުޅުގެ ތެރެއިން ވަނީ ސޮއިކުރެވިފައެވެ. ހަމައެއާއެކު، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކޮށް 16 ގަޑިއިރަށް ބަދަލުކުރުމަށް، މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢު މިއަހަރު ނިމުމުގެ ކުރިން ފައްޓަވާނެ ކަމުގެ އުފާވެރި ޚަބަރުވެސް ރައީސް ދެއްވިއެވެ.
ރަށުގެ އިޤްތިޞާދީ ކުރިއެރުމަށް އަމާޒުކޮށް، ހޯކްސް ހޮޓެލްއާއެކު ސީޕްލޭންގެ ޚިދުމަތް ފެށުމުގެ އެއްބަސްވުން ފާހަގަކުރެއްވިއެވެ. އަދި ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ކަމަދޫ ފަދަ ރަށްރަށަށް، ރަށާ ކައިރިން ޕިކްނިކް ރަށެއް ހަމަޖައްސަވައި ދެއްވާނެކަމުގެ ވައުދުވެސް ވެވަޑައިގަތެވެ. މީގެ އިތުރުން، ޒުވާނުންނަށް އުފާވެރި ޚަބަރެއް ދެއްވަމުން، ޒަމާނީ ފެންވަރުގެ ޓާފް ފުޓުބޯޅަ ދަނޑެއް އެޅުމަށް ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްފައިވާކަން ހާމަކުރެއްވިއެވެ.
އުމްރާނީ ތަރައްޤީގެ އެހެން މަޝްރޫޢުތަކުގެ ތެރޭގައި، ރައްޔިތުން އެދޭގޮތަށް ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި، ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް އަވަހަށް ފެށުމާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އައު މިސްކިތެއް އެޅުމުގެ ވައުދު ހިމެނެއެވެ.
ރައީސް ވަނީ ކަމަދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވައި، ހުރިހާ މަޝްރޫޢުއެއްވެސް ފުރިހަމައަށް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ތަކުރާރުކޮށް ދެއްވާފައެވެ. މިއީ ސިޔާސީ ވާހަކަތަކުން އަރައިގަނެ، ކަމަދޫއަށް ތަރައްޤީގެ އާ ފަތިހެއް ގެނެސްދިނުމަށް އެޅުނު ޢަމަލީ، ވަރުގަދަ ފިޔަވަޅެކެވެ.
Ads by MACL
