ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ހަނދާން އާކޮށްލުމެއް، ވި ވައުދާއި އެއްގޮތަށް މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ލިބޭ!

މަސްވެރިކަމަކީ ދިވެހިންގެ ގައުމީ ލޭނާރު -- ފޮޓޯ: ޕީއެސްއެމް
މަސްވެރިކަމަކީ ދިވެހިންގެ ގައުމީ ލޭނާރު -- ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވަޢުދުފުޅު ކަމުގައިވާ، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އުސޫލު މިހާރު ދަނީ ކާމިޔާބުކަމާއެކު ތަންފީޒު ކުރަމުންނެވެ. ކުރީގެ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި ބޮޑެތި އަދަދުތަކުގެ ފައިސާ ދައްކަވައި ޚަލާސްކޮށްދެއްވުމަށްފަހު، މި ސަރުކާރުން ވަނީ މަސްވެރިންގެ ހިތްތަކުގައި އުފެދިފައިވާ މާޔޫސްކަން ފިއްލަވައިދެއްވައި، އެމީހުންގެ ބުރަ މަސައްކަތުގެ އަގު ވަގުތުން ހޯއްދަވައިދެއްވާފައެވެ.

މި އިންޤިލާބީ ބަދަލާއެކު، މަސްވެރިންގެ މެދުގައި ސަރުކާރަށް ގެއްލިފައި އޮތް އިތުބާރު ނިމުމަކަށް އައިސް، މިހާރު ކޮންމެ މަސް ދޯންޏަކަށްވެސް މަސްކިރާތާ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި ބަރާބަރަށް ފައިސާ ޖަމާވާކަމުގެ ފުރިހަމަ ޔަޤީންކަން ވަނީ ލިބިފައެވެ. ކުރިން ދުވަސްތަކާއި ހަފްތާތަކުން ފައިސާ ނުލިބި ތިބެންޖެހުނު އުނދަގޫ ދަނޑިވަޅު ނިމި، މިހާރު މަސްވެރިންގެ މަސައްކަތަށް ލިބެންޖެހޭ އަގު ވަގުތުން ލިބޭނެކަމުގެ އުންމީދު އާވެގެން ހިނގައްޖެއެވެ.

މިކަމުގެ ސާފު ހެއްކެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތައް ފުދެއެވެ. އެގޮތުން، ހަމައެކަނި ނިމިދިޔަ ޖުލައި މަހުގެ ނިޔަލަށް 672 މަސް ދޯންޏަކަށް ޖުމްލަ 46.4 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ ސަރުކާރުން މިކަމަށް ދެއްވާ އަހަންމިއްޔަތުކަމާއި، ފައިސާ ދޫކުރުމުގެ ނިޒާމު ހުއްޓުމެއްނެތި ހިނގަމުންދާކަން ދައްކުވައިދޭ ހެއްކެކެވެ.

މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަމައެކަނި ފައިސާ ދެއްކުން އަވަސްކުރުމަކަށް ނޫނެވެ. މަސްވެރިންނަކީ މާލީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށްޓަކައި، މަސްވެރިންގެ ދަފްތަރެއް އެކުލަވާލައި، އެމީހުންނަކީ މާލީ ނިޒާމްގެ ތެރެއިން ދައުލަތް ދަންނަ ބަޔަކަށް ހައްދަވާފައިވެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، މަސްވެރިންގެ އާމްދަނީއަށް ބިނާކޮށް ބޭންކުތަކުން ލޯނު ލިބުމުގެ މަގު ފަހިވެ، މިހާތަނަށް 14 މަސްވެރިއަކަށް ބީއެމްއެލް އިން ލޯނު ދޫކޮށްފައިވެއެވެ.

މީގެ އިތުރުން، ދިވެހި މަހުގެ އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި މަތީ އަގެއް ހޯދައިދިނުމުގެ މަޤްސަދުގައި "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި ޤައުމީ ބްރޭންޑެއް ތަޢާރަފުކުރުމަކީ ދުރުވިސްނުމާއެކު އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއީ ދިވެހި މަހުގެ އަގުއެއްކޮށް، އުފެއްދުންތެރިކަން އިތުރުކޮށް، މަސްވެރިންނާއި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭ ނަފާ އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އިންޑިއާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، އެކުއަކަލްޗަރ ދާއިރާ ތަރައްޤީކުރުމާއި، މަސްވެރިންނަށް ތަމްރީނު ދިނުންފަދަ ކަންކަމަށްވެސް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މި ހުރިހާ މަސައްކަތްތަކަކުންވެސް ދޭހަވަނީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ދައްކަވަމުން މިގެންދަވަނީ ހަމައެކަނި ފޮނި ވާހަކަތަކެއް ނޫންކަމާއި، ވި ވަޢުދުތައް އަމަލުން ސާބިތުކޮށްދެއްވާނެކަމެވެ. މިއީ މަސްވެރިންގެ ހައްޤުގައި އެޅޭ ވަރުގަދަ ފިޔަވަޅުތަކެއްކަން ކަށަވަރެވެ.