ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ރައީސްގެ ދަތުރުފުޅު ކުރުކޮށް: ފެނިގެން ދިޔައީ ގައުމީ ރޫހާއި ހާލަތު ބަދަލު ކުރުމަށް ރައީސް ކުރައްވާ މަސައްކަތަށް އޮތް ތާއީދު!

ރައީސް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރަށަކުން ރައީސަށް މަރުބަހާ ދެންނެވުން. ފޮޓޯ ރައީސް އޮފީސް
ރައީސް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރަށަކުން ރައީސަށް މަރުބަހާ ދެންނެވުން. ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕަށް ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި އިތުބާރު، އަދި ގައުމުގެ ހާލަތު ބަދަލުކޮށް އާރާސްތުކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަށް އޮތް ފުރިހަމަ ތާއީދު، އެމަނިކުފާނު ރާއްޖޭގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުން ވަރަށް ސާފުކޮށް ދަނީ ފެނިގެންނެވެ. ރިޔާސީ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވުމުގެ މަތިވެރި މަސައްކަތްޕުޅު އެމަނިކުފާނު ފައްޓަވައި، އެ ވައުދުފުޅު ހާސިލުކުރުމާ މިހާރު ވަނީ ވަރަށް ބޮޑަށް ކައިރިވެފައެވެ.

މިކަމުގެ އެންމެ އަލިގަދަ މިސާލަކީ، މިމަހުގެ 11 އިން 14 އަށް އެމަނިކުފާނު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް، އެއީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށް ރައީސް ވަނީ ވަޑައިގެންފައެވެ.

ދަތުރުފުޅުގެ ފަހު މަންޒިލް ކަމަށްވާ މާޅޮސް ހިމެނޭގޮތަށް، ވަޑައިގެންނެވި ކޮންމެ ރަށަކުން ރައީސް މުޢިއްޒަށް ދެންނެވި ހޫނު މަރުހަބާއިން ދައްކުވައިދިނީ، ގައުމީ ވަންތަކަމުގެ ރޫހާއި، ސަރުކާރަށް އޮތް ބޮޑު ތާއީދެވެ. މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތުމުން، ރައްޔިތުންގެ ކަންބޮޑުވުންތަށް ވަގުތުން އަޑުއައްސަވައި ހައްލު ހޯއްދަވައި ދެއްވުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު އިތުރަށް ހާމަވެގެންދިޔައެވެ.

މި ދަތުރުފުޅުތަކުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން ޙާލަތު ބެއްލެވުމާއި، ކައުންސިލްތަކާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯއްދެވުމެވެ. އެއީ ރައީސްގެ ހިތްޕުޅުގައި ރައްޔިތުންނަށްޓަކައި އޮތް އިންތިހާ ލޯތްބާއި، ކޮންމެ ރައްޔިތެއްގެ އިހުސާސްތައް އަޑުއެއްސެވުމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތު އަންގައިދޭ ކަމެކެވެ. ރައީސް މުޢިއްޒު ވަނީ ކޮންމެ ރަށެއްގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ތަރައްގީއަށް އެންމެ ބޭނުންވެފައިވާ ކަންކަން އަމިއްލަފުޅަށް އަޑުއައްސަވާފައެވެ.

ޚާއްސަކޮށް ބ. މާޅޮހުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެރަށުގެ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކަކަށް ހައްލު ހޯއްދަވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިއެވެ. އެގޮތުން، މާޅޮހުގެ ބަނދަރުގެ މަޝްރޫއު އަވަސްކޮށް، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާއި، އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި، ފުޓުބޯޅަ ދަނޑު ހުރިހާ ވަސީލަތްތަކާއެކު ތަރައްގީކުރުން ފަދަ މުހިންމު މަޝްރޫއުތައް ހިންގަވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތް މިއަހަރު ފެށޭނެކަމުގެ އުފާވެރި ޚަބަރުވެސް ދެއްވިއެވެ.

މާޅޮހަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން، އެއީ ޓެކްނިކަލް ދިރާސާއެއް ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި، ޕަމްޕިން ނިޒާމެއް ގާއިމުކޮށްގެން އެކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، މާޅޮހު ސިއްޙީ މަރުކަޒުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާކަން ހާމަކުރައްވައި، ހުރިހާ ޚިދުމަތަކާއެކު އެ މަސައްކަތްވެސް އަވަހަށް ފެށިގެންދާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ތައުލީމީ ދާއިރާއަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވަމުން، މާޅޮހު ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލާއި، އިތުރު ކްލާސްރޫމްތަކާއި، ސްޓާފްރޫމް އަދި ސައިންސް ލެބް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ޖާގައިގެ ދަތިކަން ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. މިކަމުގެ ހައްލެއްގެ ގޮތުން، ރައްޔިތުން ބޭނުންވާ ގޮތަކަށް، ބިން ދެއްކުމުން އައު ސްކޫލެއް އަޅައިދެއްވުމަށް ބަޖެޓާއެކު ސަރުކާރު އޮތީ ތައްޔާރަށްކަން އިއުލާންކުރެއްވުމަކީ، ރައްޔިތުންގެ އަޑުއެއްސެވުމަށް އެމަނިކުފާނު ދެއްވާ އިސްކަން އަންގައިދޭ ފުރިހަމަ މިސާލެކެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު އިސްކަންދެއްވީ ހަމައެކަނި ވަކި ރަށެއްގެ ތަރައްގީއަކަށް ނޫނެވެ. މުޅި ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ވެސް ފާހަގަކުރެވިގެންދިޔައެވެ. ދަރަވަންދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ފައްޓަވައިދެއްވުމާއި، މާޅޮހުގައި އަލަށް ގާއިމުކުރާ މިސްކިތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އެމަނިކުފާނު އަޅުއްވައިދެއްވުމަކީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް، އަމާން މުޖުތަމައެއް ބިނާކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތު ހަލުވިކަމާއެކު ކުރިއަށްދާކަމުގެ ހެއްކެކެވެ. ސަރުކާރުގެ އަމާޒަކީ، އަންނަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުތަކުން ކުދި ރަށްރަށަށް އިސްކަން ނުދިނުމުގެ ސަބަބުން ގިނަ މަސައްކަތްތަކެއް ނުކުރެވި ހުއްޓެވެ. ނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވިއެވެ. މާޅޮހުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް އިފްތިތާހްކޮށްދެއްވުން ފަދަ ކަންކަމުންވެސް މިކަން ހާމަވެއެވެ.

ޖުމްލަކޮށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބ. އަތޮޅުގެ ދަތުރުފުޅަކީ، ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށިގެންދިޔަ، އަދި ރައްޔިތުންނަށް އުއްމީދުތަކެއް ގެނެސްދިން ދަތުރުފުޅެކެވެ. މި ދަތުރުފުޅުން އެންމެ ބޮޑަށް ފެނިގެންދިޔައީ، ގައުމީ ރޫހާއި އެއްބައިވަންތަކަމާއެކު، ރައީސް މުޢިއްޒުގެ ތަރައްގީގެ ވިޝަނަށް ރައްޔިތުންގެ ފަރާތުން އޮތް ބޮޑު ތާއީދާއި، އެމަނިކުފާނުގެ އިޚްލާސްތެރި މަސައްކަތްޕުޅުތަކަށް ރައްޔިތުން ކުރާ ފުރިހަމަ އިތުބާރެވެ.