ޕާކިން ސިސްޓަމްތަކުން ބޮޑު ގެއްލުމެއް ލިބިފައިވާތީ އެމައްސަލަ ބަލަން އޮޑިޓް ރިޕޯޓްގައި ބުނެފި
މާލެ އާއި ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށް ބުނެ ފެށި ޕާކިން ސިސްޓަމްތަކުގެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 59 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި ނަމަވެސް، އޭގެ ބޭނުން ނުކުރެވި ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާތީ އެ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ.
ހައުސިން މިނިސްޓްރީގެ 2018 އިން 2023 ވަނަ އަހަރުގެ ނިޔަލަށް ނެރުނު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މާލެ އާއި ހުޅުމާލޭގެ 20 ސަރަހައްދެއްގައި ޕާކިން ސިސްޓަމް ބެހެއްޓުމަށް ޖޫން 26، 2016 ގައި 59.9 މިލިއަން ރުފިޔާއަށް އެސްޓީއޯއާ ހަވާލުކުރި ނަމަވެސް، މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާތީ ދެ އަހަރު ފަހުން އެ އެއްބަސްވުން ވަނީ ބާތިލުކޮށްފަ އެވެ.
އެ އެއްބަސްވުން ބާތިލުކުރިއިރު ނިމިފައިވަނީ އެންމެ ދެ ޕާކިން ސިސްޓަމް ކަމަށް ވާއިރު، ބާކީ ހުރި 14 ސިސްޓަމް ބެހެއްޓުމަށް 2018 ވަނަ އަހަރުގެ ތެރޭގައި 14.4 މިލިއަން ރުފިޔާއަށް ބޭރުގެ ކުންފުންޏަކާ ހަވާލުކުރި ނަމަވެސް، މި ބޮޑު މަޝްރޫއު ފެށުމުގެ ކުރިން އެއްވެސް ފީސިބިލިޓީ ސްޓަޑީއެއް ހަދާފައިވާކަން ލިޔެކިޔުމުން އެނގެން ނެތް ކަމަށް ރިޕޯޓުގައިވެ އެވެ.
Ads by BMLމި މަޝްރޫއަށް ފައިސާ ދޫކުރުމުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާކަން ފާހަގަކުރަމުން އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މަސައްކަތް ނިމުނު މިންވަރު ކަށަވަރުކުރުމެއް ނެތި އެސްޓީއޯއިން ހުށަހެޅި ހަތަރު ބިލަކަށް 9.8 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި، ބޭރުގެ ކުންފުނިން ހުށަހެޅި ދެ އިންވޮއިސްއަކަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކިއިރު، އެއީ ކޮން ސަރަހައްދެއްގައި ބެހެއްޓި ސިސްޓަމެއްގެ ފައިސާކަން ވެސް އެނގެން ނެތް ކަމަށެވެ.
މި މަސައްކަތާ ގުޅިގެން ހުށަހެޅި ބިލުތަކަށް ޖުމްލަ 13.86 މިލިއަން ރުފިޔާ ދައްކާފައިވަނީ މަސައްކަތް ނިމިފައިވާކަން ޔަގީން ނުކޮށް ކަމަށް ވާއިރު، 2018 ވަނަ އަހަރު ވެރިކަން ބަދަލުވެ މަޝްރޫއު ހުއްޓާލިއިރު ބޭރުގެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދިން 2.17 މިލިއަން ރުފިޔާގެ ތެރެއިން 1.45 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް މިނިސްޓްރީން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.
ސަރުކާރުގެ ސިޔާސަތަށް އައި ބަދަލާއެކު މި ސިސްޓަމްތައް އޮޕަރޭޓްކުރުމަކީ ދެކޮޅުޖެހޭ ކަމަކަށް ނުވާތީ، ބަހައްޓާފައި ހުރި ތަންތަން ނެގުމަށާއި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް 2022 ވަނަ އަހަރު ނިންމިއިރު، މަސައްކަތް ހުއްޓާލުމުން އެސްޓީއޯއިން މިނިސްޓްރީއާ ހަވާލުކުރި ޕާކިން ސިސްޓަމްގެ ސާމާނުތަކަށް ވީގޮތެއް މިހާރު ނޭނގޭ ކަމަށް މިދިޔަ މަހު މިނިސްޓްރީން ވަނީ އޮޑިޓް އޮފީހަށް އަންގާފަ އެވެ.
ދައުލަތުގެ ބަޖެޓުން 59،356،602 ރުފިޔާ ހަރަދުކޮށްގެން ހިންގި މި މަޝްރޫއުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކޮށް ދައުލަތަށް ގެއްލުން ލިބިފައިވާތީ، މިއީ މާލިއްޔަތު ގަވާއިދުގެ ދަށުން ހުއްދަނޫން އަމަލެއް ކަމަށް ކަނޑައަޅައި، އެ ގަވާއިދުގައިވާ އުސޫލުތަކުގެ ތެރެއިން މި މައްސަލަ ބަލައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވާފަ އެވެ.
Ads by MACL
