ގައުމު ހަލަބޮލި ކުރަން ޖާގަ ނުދޭށެވެ!
ކޮންމެ ޤައުމެއްގެ ވެސް ތަރައްޤީއާއި ކުރިއެރުމުގެ އަސާސަކީ އެ ޤައުމެއްގައި ޤާއިމުވެފައިވާ ހަމަޖެހުމާއި އަމާންކަމެވެ. ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރާއި އެކުވެރިކަމެވެ. މި އަސާސަށް ހީނަރުކަމެއް އަތުވެއްޖެނަމަ، މުޅި ޤައުމު ހުއްޓުމަކަށް އައިސް، ނުރައްކާތެރި އަނދަވަޅަކަށް ވެއްޓިގެންދެއެވެ. ޤައުމު ހަލަބޮލިކޮށްލުމަކީ ހަމައެކަނި މަގުމަތީގައި ހިންގާ ހަމަނުޖެހުމެއް ނުވަތަ އަޑުގަދަކުރުމެއް ނޫނެވެ. އެއީ ޤައުމުގެ ޤާނޫނީ ނިޒާމާއި، އިޖްތިމާޢީ އޮނިގަނޑާއި، ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރުގެ ގުޅުންތައް ނަގާލައި، ފިތުނަވެރިކަމާއި ބައިބައިވުން އުފައްދައި، ދައުލަތުގެ މުއައްސަސާތަކުގެ ހައިބަތު ކަނޑުވާލުމެވެ. މިއީ ޤައުމެއްގެ ހިތާއި ފުރާނައަށް ދެވޭ ވަރަށް ނުރައްކާތެރި ހަމަލާއެކެވެ.
މިފަދަ ހަލަބޮލިކަމެއްގެ ސަބަބުން ޤައުމަށް ލިބޭ ގެއްލުންތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. އިޤްތިޞާދީ ގޮތުން ބަލާއިރު، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި، ފަތުރުވެރިކަން ފަދަ ނާޒުކު ސިނާޢަތްތަކަށް ވަގުތުން އޭގެ އަސަރުކުރެއެވެ. ވިޔަފާރިތައް ހުއްޓި، ވަޒީފާގެ ފުރުޞަތުތައް ގެއްލި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށަށް ދެއެވެ. އެންމެ ބޮޑު ގެއްލުމެއް ލިބެނީ އިޖްތިމާޢީ ފޭރާމަށެވެ. އަވަށްޓެރިންނާއި އެކުވެރިންގެ މެދުގައި ނަފުރަތާއި ހަސަދަވެރިކަން އުފެދި، ޒަމާންތަކެއް ވަންދެން ދެމިއޮތް އެކުވެރިކަމުގެ ގުޅުންތައް ކެނޑި، ވީދި ހަފުސްވެގެންދެއެވެ. އެއް އާއިލާއެއްގެ މެންބަރުންގެ މެދުގައި ސިޔާސީ އަދި ފިކުރީ ގޮތުން ބައިބައިވުން އުފެދި، ވާހަކަ ދެއްކުންވެސް ހުއްޓިގެންދާ މަންޒަރަކީ މީގެ ހިތި ހެއްކެކެވެ. މިކަމުގެ ސަބަބުން ގުޅުންތައް ހީނަރުވެ، އިޖްތިމާޢީ ރައްކާތެރިކަން ގެއްލި، މުޖުތަމަޢު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓެއެވެ. މި ހުރިހާ ގެއްލުމެއްގެ އެންމެ ބޮޑު ބުރައެއް އުފުލަންޖެހެނީ އާންމު، ނިކަމެތި ރައްޔިތުންނެވެ. އެމީހުންގެ ދިރިއުޅުމުގެ އަމާންކަމާއި ހަމަޖެހުން ގެއްލި، މާދަމާގެ އުންމީދުތައް ފަނޑުވެގެން ދެއެވެ.
ޤައުމެއް ހަލަބޮލިކޮށްލަން ބޭނުންވާ މީހުންނާއި ސަބަބުތަކަށް ބަލާއިރު، އޭގެ ފަހަތުގައި ވަނީ ވަކި ބައެއްގެ އަމިއްލަ އެދުމާއި މަސްލަހަތުތަކެވެ. ބާރުވެރިކަމަށް ދަހިވެތިވެފައިވާ ސިޔާސީ ފަރާތްތަކުން، ރައްޔިތުންގެ ޝުޢޫރުތަކާ ކުޅެ، އެމީހުން މަގުމައްޗަށް ނެރެގެން އަމިއްލަ މަޤްޞަދުތައް ހާސިލުކުރަން މަސައްކަތް ކުރެއެވެ. ހަމައެހެންމެ، ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދަން ނުވަތަ ވަކި ފިކުރެއް ކުރިއަރުވަން އުޅޭ މީހުން، ޒިންމާދާރުކުޑަ ގޮތެއްގައި ދޮގު ޚަބަރު ފަތުރައި، މީހުންގެ ހިތްތަކުގައި ނަފުރަތު އުފައްދައެވެ. މީގެ އިތުރުން، ޤާނޫނާއި ޤަވާއިދަށް ނުކިޔަމަންތެރިވާ، ކުށްކުރުމުގައި އިސްކޮށް އުޅޭ ފަރާތްތަކަށް، ޤައުމު ހަލަބޮލިވެފައި އޮތުމަކީ އެމީހުންގެ ޖަރީމާތައް ހިންގުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. މި ހުރިހާ ފަރާތްތަކުންވެސް، އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި، ހަމަޖެހުމަށްވުރެ ބޮޑަށް އިސްކަންދެނީ އެމީހުންގެ އަމިއްލަ އެދުންތަކަށެވެ.
Ads by BMLމިފަދަ ޙާލަތްތައް އުފެއްދުމަށްޓަކައި ވަރަށް ބޮޑަށް ދުރާލައި ރޭވިގެންވާ އުކުޅުތައް ބޭނުންކުރެއެވެ. އޭގެތެރޭގައި، އަސާސެއް ނެތް ދޮގު މަޢުލޫމާތާއި ޚަބަރުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފެތުރުމާއި، ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލުވާލުމަށްޓަކައި ހަގީގަތާ ޚިލާފު ވާހަކަތައް ދެއްކުމާއި، ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި ބައިބައިކުރުމާއި، ކުޑަކުޑަ ކަމެއް ބޮޑުކޮށްގެން މުޅި މުޖުތަމަޢުގެ ހަމަޖެހުން ނަގާލުން ހިމެނެއެވެ. މިފަދަ ކަންކަމުން ރައްކާތެރިވެ، ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަކީ ވަކި އެއް ބައެއްގެ ޒިންމާއެއް ނޫނެވެ. މިއީ ސަރުކާރާއި، ދައުލަތުގެ މުއައްސަސާތަކާއި، ކޮންމެ ދިވެހި ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެކެވެ.
މިކަމުގައި ސަރުކާރުގެ އެންމެ މުހިންމު ޒިންމާއަކީ، އެއްވެސް ފަރާތަކަށް ބެލުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒުކުރުމެވެ. ފިތުނަ އުފައްދައި ޤައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ ފަރާތްތަކާމެދު ޤާނޫނީ ޒިންމާ މަތިކޮށްފައިވާ މުއައްސަސާތަކުން، ޤާނޫނީ ފިޔަވަޅު އެޅުމަކީ ލާޒިމުކަމެކެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކަންކަމަށް ހައްލު ހޯދައިދިނުމަކީވެސް ސަރުކާރުގެ ވާޖިބެކެވެ. ފަރުދީ ޒިންމާގެ ދަށުން، ކޮންމެ ރައްޔިތަކުވެސް ލިބޭ ކޮންމެ ޚަބަރެއްގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު މެނުވީ އެ ޤަބޫލުކޮށް، ހިއްސާ ނުކުރުން މުހިންމެވެ. ތިމާގެ އަމިއްލަ ފިކުރާ ދެކޮޅު މީހުންނަށް އިޙްތިރާމުކޮށް، ޚިޔާލު ތަފާތުވުންތައް ނަފުރަތަށް ބަދަލުކުރުމުގެ ބަދަލުގައި، ހެޔޮ ގޮތުގައި މަޝްވަރާކޮށް ހައްލު ހޯދުމުގެ ސަޤާފަތް އާލާކުރަންޖެހެއެވެ. ޤައުމުގެ މަސްލަހަތު، އަމިއްލަ މަސްލަހަތާއި ސިޔާސީ ޕާޓީގެ މަސްލަހަތަށްވުރެ އިސްކުރަންޖެހެއެވެ.
ޤައުމު ހަލަބޮލިވުމުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި، އިސްނަގަންވީ ދައުލަތުގެ ވެރިންނާއި، ސިޔާސީ ލީޑަރުންނާއި، ދީނީ ޢިލްމުވެރިންނާއި، މުޖުތަމަޢުގައި ޤަދަރުލިބިފައިވާ ފަރާތްތަކެވެ. އެބޭފުޅުންގެ ޢަމަލާއި ބަހުން ރައްޔިތުންނަށް ދައްކަންވީ އެއްބައިވަންތަކަމާއި، އެކުވެރިކަމުގެ ރިވެތި ނަމޫނާއެވެ. ތަޢުލީމީ ނިޒާމުގެ ތެރެއިންނާއި، މީޑިއާ މެދުވެރިކޮށް، ޤައުމީ ލޯތްބާއި، އެކަކު އަނެކަކަށް އިޙްތިރާމުކުރުމުގެ މުހިންމުކަން އުގަންނައިދޭންޖެހެއެވެ. މި މަސައްކަތްތައް ކާމިޔާބުވެއްޖެނަމަ، އޭގެ ނަތީޖާއަކަށް ވެގެންދާނީ، އަމާން، ފާގަތި، އަދި އެކުވެރި މުޖުތަމަޢެކެވެ. އެއީ އަންނަން އޮތް ޖީލުތަކަށް ދޫކޮށްދެވޭނެ އެންމެ އަގުބޮޑު އެއް ހަދިޔާއެވެ. އެ ޖީލުތަކަށް އެމީހުންގެ ހުނަރާއި ގާބިލުކަން ބޭނުންކުރެވޭނީ، ޤައުމު ބިނާކުރުމަށެވެ. ފިތުނައިގެ އަލިފާންގަނޑު ނިއްވުމަކަށް ނޫނެވެ.
ދިވެހި ލޮބުވެތި އެންމެހާ އަޚުންނާއި އުޚްތުންނަށް އިލްތިމާސްކުރަނީ، ތިމާމެންގެ ސަބަބުން ޤައުމުގެ ހަމަޖެހުމަށް ނުރައްކަލެއް ކުރިމަތިވެދާނެ އެއްވެސް ކަމެއް ނުކުރުމަށެވެ. ވިސްނުންތެރިކަމާއެކު ކަންކަން ވަޒަންކޮށް، ޤައުމުގެ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެ މަސައްކަތްކުރުމަށެވެ. މި ޤައުމަކީ އަޅުގަނޑުމެން އެންމެންގެ ޤައުމެވެ. މި ޤައުމުގެ އަމާންކަން ޙިމާޔަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ އަތްމަތީގައިވާ އަގުބޮޑު އަމާނާތެކެވެ.
Ads by MACL
