ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ގައުމީ ޓީމެއްގެ ޖާޒީ ލުމަކުން، އެހެން މުބާރާތްތަކުގައި ކުޅުމުގެ ހައްގު ގެއްލިގެން ނުވާނެ!

ލަންކާއާ އެކު މާލޭގައި ކުޅުނު މެޗުގެ ތެރެއިން ހުޒަންޓެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ލަންކާއާ އެކު މާލޭގައި ކުޅުނު މެޗުގެ ތެރެއިން ހުޒަންޓެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޓީމުގެ ޖާޒީގައި ކުޅިވަރަށް ޚިދުމަތް ކުރުމަކީ ކޮންމެ ކުޅުންތެރިއަކުވެސް ހާސިލުކުރަން ބޭނުންވާ ޝަރަފެއް ނަމަވެސް، އެ ޝަރަފުގެ ސަބަބުން އެތައް ކުޅުންތެރިންނެއްގެ ކުޅިވަރު ކެރިއަރއަށް ހުރަސްއެޅި، އާމްދަނީ ހޯދުމުގެ ފުރުސަތުތަކުން މަހުރޫމްވާން ޖެހުމަކީ ރާއްޖޭގެ ކުޅިވަރުގެ މާހައުލުން ފެންނަމުންދާ ހިތާމަވެރި ހަގީގަތެކެވެ. ގައުމީ ޓީމަށް ކުޅޭތީ ނުވަތަ ކުޅެފައިވާތީ، އަތޮޅު ތެރޭގައި ބާއްވާ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވުމުގެ ހައްގު ގެއްލިގެން ދިއުމަކީ ގިނަ ކުޅުންތެރިންނަށް ކުރިމަތިވަމުން އަންނަ ބޮޑު ގޮންޖެހުމެކެވެ.

މި މައްސަލައިގެ އަސްލަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތަކުގެ ގަވާއިދުތައް އެކުލަވާލާފައިވާ ގޮތެވެ.

ގިނަ މުބާރާތްތަކުގެ ވިލަރެސްވެރިން، މުބާރާތުގެ ވާދަވެރިކަން ހިފެހެއްޓުމުގެ ނަމުގައި، ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންނަށް ބައިވެރި ނުވެވޭ ގޮތަށް ނުވަތަ ގައުމީ ޓީމު ދޫކޮށްލާތާ ވަކި މުއްދަތެއް ވުމުން ނޫނީ ނުކުޅެވޭ ގޮތަށް ގަވާއިދުތައް ހަދާފައިވެއެވެ.

މީގެ ސަބަބުން، ގައުމަށްޓަކައި ގުރުބާންވާ ކުޅުންތެރިންނަށް، އެމީހުންގެ އަމިއްލަ ރަށުގެ ނުވަތަ އަތޮޅުގެ މުބާރާތެއްގައި ކުޅެލުމުގެ ފުރުސަތުވެސް ގެއްލިގެންދެއެވެ.

މާލީ ގޮތުން ބަލާއިރު، މިކަމުގެ ސަބަބުން ކުޅުންތެރިންނަށް ލިބެނީ ވަރަށް ބޮޑު ދެރައެކެވެ.

ގައުމީ ޓީމެއްގައި ހިމެނޭ ކުޅުންތެރިއަކަށް އެލަވަންސްގެ ގޮތުގައި މަހަކު ލިބެނީ ގާތްގަނޑަކަށް 5000 ރުފިޔާއެވެ. އެކަމަކު، އަތޮޅުތެރޭގައި ބާއްވާ ބޮޑެތި މުބާރާތްތަކުން އެންމެ މުބާރާތަކުންވެސް ބޮޑު އާމްދަނީއެއް ލިބުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން، ގައުމީ ޓީމުގެ ޖާޒީ ލުމުގެ ސަބަބުން އާމްދަނީ ހޯދުމުގެ އެންމެ މުހިންމު ދޮރުތައް ބަންދުވުމުން، ގިނަ ކުޅުންތެރިންނަށް ގައުމީ ޓީމަށްވުރެ އެހެން މުބާރާތްތަކަށް އިސްކަންދޭން މަޖުބޫރުވެއެވެ.

މިކަމުގެ އެންމެ ފާޅުކަން ބޮޑު މިސާލަކީ ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ ފުންނާބު އުސް އެއް ކުޅުންތެރިޔާ، "ހުޒާމް" ހުޒާމް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހުނު މައިގަނޑު އެއް ސަބަބަކީވެސް މިއީ ކަމަށް ވެދާނެއެވެ. 

ގައުމީ ޓީމުގައި ހުރުމުން އޭނާއަށް މުހިންމު މުބާރާތްތަކެއްގައި ކުޅުމުގެ ފުރުސަތު ގެއްލި، މާލީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން، އޭނާއަށް މަޖުބޫރުވީ ގައުމީ ޖާޒީ ބާލައި، އާމްދަނީ ލިބޭނެ ގޮތްތަކަށް އިސްކަން ދިނުމަށެވެ.

މިއީ ހުޒާމް އެކަނި ތަޖުރިބާ ކުރި ކަމެއް ނޫނެވެ. އެތައް ކުޅުންތެރިންނެއް މިފަދަ ދެކޮޅު ނުޖެހޭ ހާލަތްތަކާ ކުރިމަތިލަމުންދާ ކަމީ ހިތާމަހުރި ކަމެކެވެ.

މިކަމާ ގުޅިގެން ގައުމީ ވޮލީ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ޝަރަފް "ޖީލު އޮންލައިން" އަށް ވިދާޅުވީ، މިއީ ވަކާލާތު ކުރަން ޖެހޭ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކަށް، ގައުމީ ޖާޒީ ލުމަކީ އެހެން އެއްވެސް ކަމަކުން މަހުރޫމް ވާންޖެހޭ ސަބަބެއް ނޫން. އެ ކުޅުންތެރިންނަށް އެހެން މުބާރާތްތައް ކުޅުމުގެ ފުރުސަތު އޮންނަންވާނެ،" ޝަރަފް ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މައްސަލައިގެ ސަބަބުން ގައުމީ ޓީމުތަކަށް ހުނަރުވެރި ކުޅުންތެރިން ލިބުމަށްވެސް ހުރަސްއެޅި، ގިނަ ކުޅުންތެރިން ގައުމީ ޓީމާ ދުރުވާން މަޖުބޫރުވެއެވެ.

ބައިނަލްއަގްވާމީ ކުޅިވަރުގެ މާހައުލަށް ބަލާއިރު، ގައުމީ ޓީމަށް ކުޅުމަކީ ކުޅުންތެރިއެއްގެ ކެރިއަރުގައި ލިބޭ އެންމެ މަތީ ޝަރަފެވެ. އެއީ އޭނާގެ އަގު މައްޗަށް ގޮސް، ބޮޑެތި ޕްރޮފެޝަނަލް ކްލަބްތަކުގެ ސަމާލުކަން ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުޅުންތެރިންގެ މައިގަނޑު އާމްދަނީ ބިނާވެފައި އޮންނަނީ ވަކި ކްލަބަކާއެކު ހަދާފައިވާ  ކޮންޓްރެކްޓްގެ މައްޗަށެވެ.

ގައުމީ ޓީމަށް ކުޅެންޖެހެނީ ފީފާ ނުވަތަ އެހެން ކުޅިވަރު އިދާރާތަކުން ކަނޑައަޅާފައިވާ ވަކި "އިންޓަރނޭޝަނަލް ވިންޑޯ" ތަކެއްގައެވެ.

މި މުއްދަތުތަކުގައި ކްލަބްތަކުގެ މައްޗަށް ލާޒިމުވެގެންވަނީ އެމީހުންގެ ކުޅުންތެރިން ގައުމީ ވާޖިބު އަދާކުރުމަށް ދޫކޮށްލުމަށެވެ.

މި ނިޒާމުގެ ސަބަބުން، ކުޅުންތެރިން އެމީހުން ނިސްބަތްވާ ގައުމީ ޓީމަށް ކުޅުމަކުން އޭނާގެ ކްލަބް ކެރިއަރއަށް އެއްވެސް ހުރަހެއް ނާޅައެވެ.

އަދި އޭނާގެ މައިގަނޑު އާމްދަނީއަށް ބުރުލެއްވެސް ނާރައެވެ. އޭގެ ބަދަލުގައި، ގައުމީ ޓީމުގައި ދައްކާ މޮޅު ކުޅުމުގެ ސަބަބުން އޭނާގެ ކްލަބްގައި އޭނާގެ މަގާމު އިތުރަށް ހަރުދަނާވެ، މުސާރަ ބޮޑުވުމަށްވެސް މަގުފަހިވެގެންދެއެވެ.

ޕްރޮފެޝަނަލް ކުޅުންތެރިން، އެމީހުންގެ ކްލަބްތަކުގެ ހުއްދަ ނެތި، ރަސްމީ ނޫން މުބާރާތްތަކުގައި ބައިވެރިވުން މަނާކޮށްފައި އޮންނަނީ އަނިޔާއެއް ލިބިދާނެތީއާއި، އިންޝުއަރެންސްގެ ކަންކަމަށްޓަކައެވެ. އެއީ ގައުމީ ޓީމަށް ކުޅޭތީ މުބާރާތުގެ ވިލަރެސްވެރިން އެޅި ހުރަހެއް ނޫނެވެ.

މިކަމުން އެނގިގެންދަނީ، ރާއްޖޭގެ ހާލަތާއި ބައިނަލްއަގްވާމީ މިންގަނޑާ ހުރި ބޮޑު ތަފާތެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ގައުމީ ޖާޒީއަކީ ކުޅުންތެރިއެއްގެ ކުރިމަގަށް ހުޅުވޭ ދޮރެއް ކަމަށްވާއިރު، ރާއްޖޭގައި އެ ޖާޒީ ވެފައިވަނީ އާމްދަނީ ހޯދުމުގެ ފުރުސަތުތައް ބަންދުކުރުވާ ހުރަހަކަށެވެ.

ބައިނަލްއަގްވާމީ ނިޒާމުތަކުން ފެންނަނީ ގައުމީ ވާޖިބާއި ކުޅުންތެރިންގެ އަމިއްލަ މަސްލަހަތު އެއް މިސްރާބަކަށް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހަމަޖައްސާފައިވާ ތަނެވެ. އެއީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިސްލާހުކުރުމަށް ނަމޫނާއަކަށް ބެލިދާނެ މުހިންމު ފިލާވަޅެކެވެ.

އެހެންކަމުން، މި މައްސަލައިގެ އަސްލަކީ މުބާރާތްތައް ރާވާ ހިންގާ ފަރާތްތަކުން ގެންގުޅޭ ސިޔާސަތުތައް ކަން ވަރަށް ސާފެވެ. ކުޅިވަރު އެސޯސިއޭޝަންތަކާއި، ކަމާބެހޭ އިދާރާތަކުން އިސްނަގައިގެން، ގައުމީ ޓީމްގެ ކުޅުންތެރިންގެ ހައްގުތައް ރައްކާތެރިކޮށް، އެމީހުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ގެއްލިގެން ނުދާނެ ގޮތަކަށް އުސޫލުތައް އެކުލަވާލުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އެހެން ނޫންނަމަ، ގައުމަށްޓަކައި ފަޚުރުވެރި ޖާޒީ ލާން ތިބި އެތައް ހުނަރުވެރި ކުޅުންތެރިންނެއް ދަނޑުތަކުން ގެއްލިގެން ހިނގައިދާނެއެވެ.