އިސްލާމީ އުސޫލުތަކާއި ގުޅޭ ގޮތަށް ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ވިދާޅުވުމަކީ އެކަމަށް ހުރަސްއެޅުއްވުމެއްނޫން!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ލޯކަލް ޓޫރިޒަމް ފުޅާކުރުމުގައި އިސްލާމީ އުސޫލުތަކާއި ދިވެހިންގެ އާދަކާދަތަކަށް އިޙްތިރާމްކުރުމަށް ވިދާޅުވުމުން، އިދިކޮޅު ފަރާތްތަކުން އެ ވާހަކަފުޅުގެ އަޞްލު މަޤްޞަދު އޮޅުވާލައި، އެއީ ލޯކަލް ޓޫރިޒަމާ ދެކޮޅަށް ދެއްކެވި ވާހަކަފުޅެއްކަމަށް ސިފަކޮށް ފަތުރަމުންދާ ދޮގު މައުލޫމާތުތަކަށް ރައްދު ދެއްވުމުގެ ގޮތުން ގިނަ ބަޔަކު ދަނީ ޝުޢޫރުފާޅުކުރަމުންނެވެ. ރައީސްގެ ވާހަކަފުޅުގެ ހަޤީޤަތާއި، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް މި ސަރުކާރުން އަޅުއްވަމުން ގެންދަވާ ޢަމަލީ ފިޔަވަޅުތަކަށް ބަލާއިރު، އިދިކޮޅު ފަރާތްތަކުގެ އެތުހުމަތު ތަކަކީ ބަލައިގަނެވޭނޭ ތުހުމަތުތަކެއް ނޫނެވެ.
ރާއްޖޭގެ އިޤްތިޞާދުގެ މައި ނާރަށް ވެފައިވާ ފަތުރުވެރިކަން، މީހުން ދިރިއުޅޭ ރަށްރަށަށް ފުޅާވެގެން ދިއުމާއެކު، އިޤްތިޞާދީ ފައިދާތަކުގެ އިތުރުން ބައެއް އިޖްތިމާޢީ ކަންބޮޑުވުންތައްވެސް ވަނީ ފެންމަތިވެފައެވެ. ދިވެހި މުޖުތަމަޢުގެ އާންމު އުސޫލުތަކާ ޚިލާފަށް ބައެއް ފަތުރުވެރިން ޢަމަލުކުރުމަކީ ރައްޔިތުންގެ ޝަކުވާއެކެވެ. ރައީސް ޑރ. މުޢިއްޒު އއ. އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި މިކަމަށް އަލިއަޅުއްވާލެއްވީ، އެ ރަށުގެ ކުޑަކުދިންތަކެއްގެ ފަރާތުން ލިބިވަޑައިގެންނެވި ޝަކުވާއަކާ ގުޅިގެންނެވެ.
އުކުޅަހުގެ ކުޑަކުދިންތަކެއް ރައީސަށް އެރުވި މެސެޖެއްގައި، "ކޮއްކޮމެން ބޭނުން ބީޗަށް ދާން. އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް. ބީޗްގައިވެސް، ރެސްޓޯރެންޓްގައިވެސް، މަގުމަތީގައިވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން،" މިހެން ލިޔެފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތަކަށް އިޖާބަދެއްވުމުގެ ގޮތުން، ވިޔަފާރީގެ ކުރިއެރުން ހޯދާއިރު ދީނާއި ޘަޤާފަތް ހިމާޔަތްކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
Ads by BMLއެމަނިކުފާނު ވިދާޅުވީ، "އަޅުގަނޑުމެންނަށް މި ލިބޭ ފުރުޞަތުތަކުގެ ބޭނުންހިފަންޖެހޭނީ، އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް އިޚްލާޞްތެރިކަންމަތީގައި ތިބެގެން... އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ތިބި ބައެއްކަން ގަބޫލުކޮށްގެން،" ކަމަށެވެ. މިއީ ލޯކަލް ޓޫރިޒަމް ހުއްޓުވަން ދެއްވި އިންޒާރެއް ނޫނެވެ. އެއާޚިލާފަށް، އެއީ އިޤްތިޞާދީ މަންފާއާއެކު ދިވެހި އައިޑެންޓީޓީ ދެމެހެއްޓުމަށް ދެއްވި ނަސޭހަތެކެވެ.
އިދިކޮޅު ފަރާތްތަކުން އެ ވާހަކަފުޅު ސިފަކުރި ގޮތާ މުޅިން ޚިލާފަށް، ހަމަ އެ ބައްދަލުވުމުގައި ރައީސް ވަނީ ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. "ރީތި ހަމަތަކުގެ މަތިން، އިސްލާމްދީނުގައި ވާގޮތަށް، މި އިންޑަސްޓްރީގައި، މި ވިޔަފާރީގައި ބާރުމިނުގައި ކުރިއަށްދާންވީ. މި ސަރުކާރު އޮންނާނީ ފުރިހަމައަށް ތިޔަބޭފުޅުންނާ އެކީގައި،" ރައީސް ވިދާޅުވިއެވެ. މި ޢިބާރާތުން އެކަނިވެސް ސަރުކާރުގެ ސިޔާސަތު ވަރަށް ސާފުވެއެވެ.
ހަމައެކަނި ބަހުންނެއް ނޫނެވެ. ޢަމަލީ ގޮތުންވެސް މި ސަރުކާރުން ދަނީ ލޯކަލް ޓޫރިޒަމަށް ބޭނުންވާ އެންމެހައި ކަންކަން ފަހިކޮށްދެއްވަމުންނެވެ. ރަށްރަށުގެ ގެސްޓް ހައުސްތަކުގެ ބެޑް ކެޕޭސިޓީ އިތުރުވުމާ ގުޅިގެން ކުރިމަތިވާ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތް ދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރެވެމުންނެވެ.
މީގެ އިތުރުން، ފަތުރުވެރިންނަށް ފަސޭހައިން ރަށްރަށަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެއަރޕޯޓްތައް ތަރައްޤީކޮށް، ސީ ޕްލޭންގެ އޮޕަރޭޝަންތައް ފުޅާކޮށް، ފެރީގެ ޚިދުމަތް ހަރުދަނާކުރަމުން އެބަގެންދެއެވެ. އަދި ގެސްޓް ހައުސް ވިޔަފާރިވެރިންނަށް މާލީ ގޮތުން ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން މުޅި ރާއްޖޭގައި ސެލްފް ސަރވިސް އޭޓީއެމް އަދި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ބާރު ސްޕީޑުގައި ކުރިއަށެވެ.
އެންމެ ފަހުން އެކުލަވާލި ޑޮލަރު މާރުކުރުމުގެ ޤަވާއިދުގައިވެސް ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ހިމަނާފައިވުމާއި، ރަށްރަށުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި ވެލިމަގުތައް ހިމާޔަތްކުރުމަށް ސަރުކާރުން ދެއްވާ ސަމާލުކަމަކީވެސް ލޯކަލް ޓޫރިޒަމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަމުގެ ހެއްކެކެވެ.
ވީމާ، މި ހުރިހާ ޙަޤީޤަތްތަކެއް އެނގެން އޮއްވައި، ރައީސްގެ ވާހަކަފުޅަކީ ލޯކަލް ޓޫރިޒަމަށް ހުރަސްއެޅުއްވުންކަމަށް ދެއްކުމަކީ، ސިޔާސީ މަޤްޞަދެއްގައި ހަޤީޤަތް އޮޅުވާލުން ފިޔަވައި އެހެން ކަމެއް ނޫންކަން ޔަޤީނެވެ. ސަރުކާރުގެ އަމާޒަކީ ދިވެހިވަންތަކަމާއި އިސްލާމީ އުސޫލުތަކުގެ ތެރެއިން، ދެމެހެއްޓެނިވި އަދި ފައިދާހުރި ލޯކަލް ޓޫރިޒަމެއް ޤާއިމްކުރުމެވެ.
Ads by MACL
