ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ގައުމީދުވަސް ފާހަގަކުރާއިރު ވިސްނާލަންޖެހޭ....!

ގައުމީދުވަސް ފާހަގަކުރާއިރު ވިސްނާލަންޖެހޭ....!

ގައުމީ ދުވަސް އަނެއްކާވެސް މިވަނީ އަޅުގަނޑުމެންނާ ބައްދަލުކޮށްފައެވެ. މިދުވަސް އައުމުން ސްކޫލްތަކުގައި ދަރިވަރުން ސަގާފީ ހެދުމުގައި ނުކުމެ އެކުދިންނާ ހަވާލުވެފައިވާ ޓާސްކް އަދާކޮށް، ރަސްމީ އިދާރާތަކުގެ ވެރިންނާއި، މުވައްޒަފުން ވެސް ދުވަހާގުޅޭ ޚާއްޞަ ދިދަނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވުމަށްފަހު އެ އިދާރާތައް ބަންދުކޮށް އަރާމުކޮށްލުމުގެ ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް، މި ހުރިހާ ކަމެއްގެ އަޑީގައިވާ، މި ދުވަހުގެ ހަޤީޤީ ރޫޙު އޮތީ ކޮންތާކު ހެއްޔެވެ؟

ގައުމީ ދުވަހަކީ ހަމައެކަނި މިފަދަ ވަނދުގޮތަކަށް ފާހަގަކޮށްލާ ދުވަހެއްގެ ބަދަލުގައި، ދިވެހި ތާރީޚުގެ އެންމެ ޢިބްރަތްތެރި އެއް ޞަފްޙާކަން ހަނދާންކޮށް، އޭގެ ފިލާވަޅުތަކުގެ މައްޗަށް ވިސްނާ ފިކުރުކުރަންޖެހޭ ދުވަހެކެވެ. މިއީ ޕޯޗުގީޒުންގެ 15 އަހަރާއި 6 މަހުގެ އަނިޔާވެރި އަޅުވެތިކަމުން، އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (ބޮޑުތަކުރުފާނު) އާއި އެމަނިކުފާނުގެ ހިތްވަރުގަދަ އަޚުންނާއި އެކުވެރިން، މި ލޮބުވެތި ވަޠަން މިނިވަންކޮށްދެއްވި ފަޚުރުވެރި ދުވަހެވެ.

މި ދުވަހުގެ އަސްލަށް ވިސްނާލާއިރު، ފެންނަން އޮތީ ޤައުމީ ޚިޔާނާތުގެ ހިތިކަމެވެ. ބާރުގަދަ ޕޯޗުގީޒުންނަށް ދިވެހި ފަސްގަނޑަށް ފައިބައިގަތުމުގެ ފުރުސަތު ލިބުނީ، ދިވެއްސެއްގެ ސަބަބުންނެވެ. އެއީ ތަޚުތުގެ ދަހިވެތިކަމުގައި، އަމިއްލަ ބޭބޭފުޅު ޤަތުލުކޮށް ރަސްކަމަށް އިސްވެވަޑައިގެންނެވި ނުވަވަނަ ޙަސަން ރަސްގެފާނެވެ. އޭނާ ވަނީ ރަސްކަން ދެމެހެއްޓުމަށްޓަކައި، ޕޯޗުގީޒުންގެ އެހީތެރިކަމަށް އެދި، ކޮއްޗޭއަށް ވަޑައިގެން، އަމިއްލަ ދީނާއި ޤައުމު ދޫކޮށް، ނަޞާރާ ދީނަށް ވަދެވަޑައިގެންފައެވެ. މި ޣައްދާރުކަމުގެ ނަތީޖާއަކަށްވީ، ޢަލީ ރަސްގެފާނު ޝަހީދުކޮށް، "އަނދިރި އަނދިރިން"ގެ ނަމުން މަޝްހޫރުވި ޕޯޗުގީޒު ވެރިޔާގެ އަނިޔާވެރިކަން މުޅި ދިވެހިރާއްޖެއަށް ވެރިވެގެން ދިއުމެވެ.

މި އަނދިރި އަޅުވެތިކަމުން ޤައުމު ސަލާމަތްކުރެއްވުމަށް، ތިލަދުންމަތީ އުތީމުގެ ތިން އަޚުން ކަމަށްވާ ޢަލީ ތަކުރުފާނާއި މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނު، ޤައުމީ ޖިހާދަށް ނުކުމެވަޑައިގަތީ، އެބޭކަލުންގެ އީމާންތެރިކަމާއި ޤައުމީ ލޯބީގެ ވަރުގަދަކަމުންނެވެ. އެމަނިކުފާނުންގެ ކުޑަކުޑަ ލަޝްކަރު، މަޝްހޫރު "ކަޅުއޮށްފުންމި"ގައި ރޭގަނޑުގެ ވަގުތުތަކުގައި ރަށްރަށަށް އަރައި ޕޯޗުގީޒުންނާ ހަނގުރާމަކޮށް، ފަތިސްވުމުގެ ކުރިން ފުރާ އުސޫލުން ހިންގެވި ޖިހާދަކީ، ހިކުމަތްތެރިކަމާއި ކެރުމުގެ އާދަޔާޚިލާފު މިސާލެކެވެ.

އެތައް ޖިހާދީ ހަމަލާތަކަކަށްފަހު، މި މަތިވެރި މަސައްކަތުގެ ނިމުން އައީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ރޭގައެވެ. ބޮޑުތަކުރުފާނު އިސްވެ ހުންނަވައިގެން، މާލޭގައި ހުރި އަނދިރި އަނދިރިންގެ ގަނޑުވަރަށް ޙަމަލާދެއްވައި، އޭނާ މަރާލައްވައި، ޕޯޗުގީޒުންގެ އަނިޔާވެރިކަން ނިމުމަކަށް ގެންނެވިއެވެ. މިއީ ދިވެހިންގެ އެއްބައިވަންތަކަމާއި، އީމާންތެރިކަމާއި، ޤައުމަށްޓަކައި ޤުރުބާންވުމުގެ ރޫޙު އޭގެ އެންމެ ރީތި މިސާލުން ދައްކުވައިދިން ތާރީޚީ ހާދިސާއެކެވެ.

އެހެންކަމުން، ގައުމީ ދުވަސް ފާހަގަކުރުމަކީ ހަމައެކަނި މާޒީގެ ވާހަކައެއް އާކުރުމެއް ނޫނެވެ. އެއީ ޤައުމީ ލޯތްބާއި، މިނިވަންކަމުގެ އަގު ވަޒަންކުރުމާއި، އިސްލާމީ ވަޙްދަތު ދެމެހެއްޓުމުގެ މުހިންމުކަން ހަނދާންކޮށްދޭ ދުވަހެކެވެ. މި ދުވަހުގެ ހަޤީޤީ ރޫޙު އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށްޓަކައި، މި ޖިހާދުގެ ފިލާވަޅުތައް ސްކޫލްތަކުގެ މަންހަޖުތަކުންނާއި، މީޑިއާތަކުން ފުޅާ ދާއިރާއެއްގައި އުނގަންނައިދޭން ޖެހެއެވެ.

އަންނަން އޮތް ޖީލުތަކަށް މި ތާރީޚުން ލިބިދޭ ފިލާވަޅުތައް ގިނަގުނައެވެ. ބޮޑުތަކުރުފާނު ފަދަ ބަތަލުންނަކީ ކެރުމާއި ހިކުމަތްތެރިކަމުގެ ނަމޫނާއަކަށް ހަދައި، ޤައުމަށް ޚިދުމަތްކުރުމުގެ ޝައުޤުވެރިކަން އެކުދިންގެ ހިތްތަކުގައި އުފެއްދިދާނެއެވެ. ހަމައެއާއެކު، ނުވަވަނަ ޙަސަން ރަސްގެފާނުގެ ޣައްދާރުކަމުން ލިބޭ ޢިބްރަތަކީ، އަމިއްލަ މަސްލަޙަތަށްވުރެ ޤައުމީ މަސްލަޙަތު އިސްކުރުމުގެ މުހިންމުކަން އުނގަންނައިދޭ ފިލާވަޅެކެވެ. މިއީ ޤައުމިއްޔަތުގެ ބިންގާ ވަރުގަދަކޮށް، ވަޠަންދެކެ ލޯބިވާ ދަރިންތަކެއް ބިނާކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ނަމަވެސް، ބޮޑުތަކުރުފާނުގެ ޖިހާދުން ޢިބްރަތް ޙާޞިލްކޮށް، މިއަދުގެ ޙާލަތަށް ބަލައިލުން މުހިންމެވެ. އޭރުގެ "ޕޯޗުގީޒުން" ފަދައިން، މިއަދުވެސް އަޅުގަނޑުމެންގެ ޤައުމަށް ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވެފައި އެބަހުއްޓެވެ. ސިޔާސީ ބައިބައިވުމާއި، ބޭރުގެ އިޤްތިޞާދީ ނުފޫޒާއި ދަރަނީގެ އަޅުވެތިކަމާއި، މަސްތުވާތަކެއްޗާއި ޖަރީމާތަކުގެ ވަބާ އަދި ކޮރަޕްޝަނަކީ، ޤައުމު އެތެރެއިން ފަނާކޮށްލާ "ޒަމާނީ އަނދިރި އަނދިރިން"ނެވެ.

މި ގޮންޖެހުންތަކުން އަރައިގަތުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫނެވެ. އެއީ ކޮންމެ ދިވެހި ރައްޔިތެއްގެ ޤައުމީ ވާޖިބެކެވެ. ސިޔާސީ ލީޑަރުން ޤައުމީ މަސްލަޙަތު އިސްކޮށް އެއްބައިވަންތަވުމާއި، ދައުލަތުގެ މުއައްސަސާތަކުން ޢަދުލުވެރިކަމާއެކު ޤާނޫނު ތަންފީޒުކުރުމާއި، ޢިލްމުވެރިންނާއި މުދައްރިސުން ޤައުމީ ތަރުބިއްޔަތު ދިނުމާއި، ކޮންމެ ފަރުދަކުވެސް ޤައުމުގެ ހަމަޖެހުމަށް މަސައްކަތްކުރުމަކީ މި ޒަމާނީ ޖިހާދުގެ ބައިތަކެވެ.

ޚުލާޞާއަކީ، ގައުމީ ދުވަހުން ލިބިދޭ އެންމެ ބޮޑު ދެ ޢިބްރަތެއް ވެއެވެ. އެއީ ޤައުމަށް އެންމެ ބޮޑު ނުރައްކަލަކީ ބޭރުގެ ޢަދާވާތްތެރިންނަށްވުރެ، އެތެރޭގެ ޚާއިނުންކަމާއި، ދިވެހިންގެ އެއްބައިވަންތަކަމަކީ އެއަށްވުރެ ބާރުގަދަ ހަތިޔާރެއް ނެތް ބާރެއްކަމެވެ. ވީމާ، މި ގައުމީ ދުވަހު، އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، މާޒީގެ މި ފިލާވަޅުތަކުގެ އަލީގައި، މިއަދުގެ ގޮންޖެހުންތަކާ ކުރިމަތިލައި، މުސްތަޤްބަލުގެ ޖީލުތަކަށް މިނިވަން، ފާގަތި ދިވެހި ޤައުމެއް ވާރުތަކޮށްދިނުމެވެ.