ޤައުމީދިފާޢީ ބާރު: ނުގުޑާނެ އަޒުމެއް، ހުއްޓުމެއްނެތް ޚިދުމަތެއް!
ދިވެހިރާއްޖޭގެ ތާރީޚުގެ ތެރެއިން ގައުމީ ދިފާޢާއި މިނިވަންކަމުގެ ރޫޙު އެންމެ ފުރިހަމައަށް ރަމްޒުކޮށްދޭ އެއް ދުވަހަކީ ހިޖުރީ ގޮތުން ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރާ ގައުމީ ދުވަހެވެ. މިއީ 1573 ވަނަ އަހަރު، ޕޯޗުގީޒުންގެ އަޅުވެތިކަމުގެ އަނދިރިކަމުން ދިވެހި ގައުމު ސަލާމަތްކުރެއްވުމަށް ޤައުމީ ބަޠަލު މުޙައްމަދު ތަކުރުފާނު އަލްއަޢުޒަމް ހޯއްދެވި މަތިވެރި ކާމިޔާބީގެ ހަނދާން އާކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު މަގުސަދަކީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ކާބަފައިން ވެވަޑައިގެންނެވި ގުރުބާނީތައް ހަނދުމަކޮށް، އެ ހަނދާންތަކުން އިބުރަތް ލިބިގަނެ، ގައުމީ ލޯތްބާއި އެއްބައިވަންތަކަން ހިތްތަކުގައި އާލާކުރުމެވެ. ގައުމީ ދުވަހުގެ ތާރީޚީ މާނައިން، ގައުމެއްގެ ސަލާމަތާއި ދިފާޢަށްޓަކައި ވަރުގަދަ އަސްކަރީ ބާރެއްގެ މުހިންމުކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.
މި ތާރީޚީ ރޫޙާ އެކު، ދިވެހިރާއްޖޭގެ ދިފާޢީ ނިޒާމު ހަރުދަނާކޮށް، ޒަމާނީ ގޮންޖެހުންތަކަށް ތައްޔާރުކުރުމުގެ މަތިވެރި ޒިންމާ މިއަދު އުފުއްލަވަމުން ގެންދަވަނީ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނެވެ. އެމަނިކުފާނުގެ ދުރުވިސްނޭ ލީޑަރޝިޕްގެ ދަށުން، ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ ގާބިލިއްޔަތު އިތުރުކޮށް، 21 ވަނަ ގަރުނުގެ ސަލާމަތީ މާހައުލާ އެކަށޭނަ، ޒަމާނީ ބާރަކަށް ހެދުމަށް ވަނީ ވަރުގަދަ އަޒުމެއް ކަނޑައަޅުއްވާފައެވެ. މި މަސައްކަތުގެ ހެއްކެއްގެ ގޮތުން، އެޑްވާންސްޑް އަސްކަރީ ސާމާނު ހޯދުމާއި، އާ ޓެކްނޮލޮޖީތައް ދިފާޢީ ނިޒާމުގެ ތެރެއަށް ގެނައުމާއި، ސިފައިންގެ ފަންނީ ތަރައްގީއަށް ޚާއްސަ ސަމާލުކަމެއް ދެއްވުން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން، ގައުމީ ދިފާޢު ހަރުދަނާކުރުމަކީ ހަމައެކަނި އެތެރޭގެ ކަމެއް ނޫންކަން ދެނެވަޑައިގެން، ވަޒީރު ޣައްސާން ވަނީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ދިފާޢީ ގުޅުންތައް ބަދަހިކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުން ފަދަ ދާއިރާތަކުން އަވައްޓެރި ގައުމުތަކާ އެކު އުފައްދާފައިވާ ހަރުދަނާ ގުޅުންތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ދިފާޢީ ގާބިލިއްޔަތު އިތުރުވެ، އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުމަށް ވެސް މުހިންމު ރޯލެއް ދިވެހިރާއްޖެއިން ދަނީ އަދާ ކުރަމުންނެވެ. މި ހުރިހާ ކަމެއްގެ ބިންގަލަކީ، ރަނގަޅު ތަމްރީނާއި ތައުލީމު ލިބިފައިވާ، ހުނަރުވެރި އަސްކަރީ މީހުންތަކެއް ބިނާކުރުންކަމަށްވާތީ، އެމް.އެން.ޑީ.އެފްގެ އިންސާނީ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ އެމަނިކުފާނުގެ ލީޑަރޝިޕްގައި އިސްކަންދެއްވާ ކަމެކެވެ.
Ads by BMLމި ދުރުވިސްނުން ޙަޤީޤަތަކަށް ހެދުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ، ގައުމުގެ ދިފާޢީ އައްޑަނަ ކަމަށްވާ ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރު، އެމް.އެން.ޑީ.އެފް އެވެ. އެމް.އެން.ޑީ.އެފް އަކީ ހަމައެކަނި އަސްކަރީ ބާރެއް ނޫނެވެ؛ އެއީ ގައުމީ ސަލާމަތާއި، ރައްޔިތުންގެ ރައްކާތެރިކަމާއި، ވަޠަންދެކެ ލޯބިވާ ދިރިހުރި ރަމްޒެކެވެ. ދިވެހިރާއްޖޭގެ ފުޅާ ޖޯގުރާފީއަށް ބަލާއިރު، އެތެރެއާއި ބޭރުގެ ކޮންމެ ނުރައްކަލަކުން ގައުމު ދިފާޢުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށްޓަކައި، އެމް.އެން.ޑީ.އެފް ވަނީ ކޯސްޓްގާޑާއި، މެރިން ކޯޕްސް ފަދަ ޚާއްސަ ބައިތަކަށް ބަހާލައިފައެވެ. ކޯސްޓްގާޑުން ރާއްޖޭގެ ބޮޑު އިގްތިސާދީ ސަރަހައްދު (އީ.އީ.ޒެޑް) ބަލަހައްޓައި، ގަވާއިދާ ޚިލާފު ޙަރަކާތްތައް ހުއްޓުވާއިރު، މެރިން ކޯޕްސް އަކީ ކޮންމެ ބާވަތެއްގެ ނުރައްކަލަކާ ކުރިމަތިލުމަށް ތައްޔާރަށް ތިބި މައިދާނީ ބާރެވެ.
މި މަތިވެރި ވިސްނުން އިތުރަށް ހަރުދަނާކޮށް، ދިވެހިރާއްޖޭގެ ދިފާޢީ ނިޒާމުގެ ތާރީޚުގައި ރަންއަކުރުން ފަވާލެވޭ ފަޚުރުވެރި ބާބެއް ފެށިގެން މިދަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައެވެ. އެމަނިކުފާނުގެ ވެރިކަމުގެ އެންމެ މުހިންމު އެއް ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ފުރިހަމައަށް ކަށަވަރުކުރުމުގެ ގޮތުން، ރާއްޖޭގައި ތިބި ބޭރުގެ އަސްކަރީ ސިފައިން ފޮނުވާލައި، ޤައުމުގެ ދިފާޢީ އެންމެހާ ކަންކަން ސައްތައިން ސައްތަ ދިވެހިންގެ ބާރުގެ ދަށަށް ގެންނެވުމަކީ، މި ޒަޢާމަތުން އެޅުއްވި އެންމެ ވަރުގަދަ އެއް ފިޔަވަޅެވެ. މީގެ އިތުރުން، އެމްއެންޑީއެފްގެ ގާބިލިއްޔަތު އިތުރުކުރެއްވުމުގެ ތެރެއިން، ރާއްޖޭގެ ފުޅާ އިގްތިސާދީ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމުގެ ގާބިލިއްޔަތު ލިބިގެންދާނެ ފަދަ ޒަމާނީ ޓެކްނޮލޮޖީ، ޚާއްސަކޮށް، އިންސާނަކާ ނުލައި ދަތުރުކުރާ ބާވަތުގެ އުޅަނދު (ޑްރޯން) ގެ ޚިދުމަތް ތަޢާރަފްކުރެއްވުމަކީ، ދިފާޢީ ބާރުގެ ތާރީޚަށް އިތުރުވި އައު ކާމިޔާބީއެކެވެ.
މި އަސްކަރީ އާލާތްތަކާއި ވަސީލަތްތަކުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވަނީ ދިވެހި ސިފައިންގެ ފަންނީ ގާބިލުކަމާއި، އަޚްލާޤީ ހަރުދަނާކަމާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރެއްވުމަށެވެ. އެމްއެންޑީއެފްގެ ކޮންމެ މީހަކީ ވެސް ޒަމާނީ ހުނަރުތަކުން ފައްކާކުރެވިފައިވާ، ޤައުމީ ލޯބި ހިތުގައި އަށަގެންފައިވާ ފަޚުރުވެރި ފަރުދަކަށް ހެދުމަށްޓަކައި، އެންމެ ޒަމާނީ ތަމްރީނުތަކާއި ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް ދަނީ ފަހިކޮށްދެއްވަމުންނެވެ. މި މަސައްކަތްޕުޅުތަކުގެ އެންމެ މައިގަނޑު މަގްސަދަކީ، އެމްއެންޑީއެފް އަކީ ހަމައެކަނި ހަތިޔާރާއި އާލާތުން ވަރުގަދަ ބާރަކަށް ނު ހައްދަވައި، ޤައުމީ ލޯތްބާއި ވަތަނީ ރޫޙުން ފުރިގެންވާ، ކޮންމެ ގޮންޖެހުމަކާވެސް ކެރިގެން ކުރިމަތިލާނެ ފަންނުވެރި، ހުނަރުވެރި ދިވެހި ސިފައިންތަކެއް ބިނާކުރުމެވެ. މިއީ ދިވެހިރާއްޖޭގެ ދިފާޢީ މުސްތަޤްބަލު އުޖާލާކޮށް، އަމާންކަމާއި ރައްކާތެރިކަން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ.
އަސްކަރީ ދިފާޢުގެ އިތުރުން، އެމް.އެން.ޑީ.އެފް އިން ގައުމު ބިނާކުރުމާއި މުޖުތަމައަށް ޚިދުމަތްކުރުމުގައި އަދާކުރާ ދައުރު ވަރަށް ފުޅަލެވެ. ގުދުރަތީ ކާރިސާތަކުގައި އެހީތެރިވުމާއި، ރިމޯޓްކޮށް ރަށްތަކަށް ފާރަވެރިވެ ރައްޔިތުންނަށް ބޭނުންވާ ތަފާތު ޚިދުމަތް ފޯރުކޮށްދިނުން ފަދަ އިންސާނީ މަސައްކަތްތަކުގެ ސަބަބުން، ސިފައިންނާއި އާންމު ރައްޔިތުންނާ ދެމެދު އުފެދިފައިވަނީ ވަރަށް ބަދަހި ގުޅުމެކެވެ. މި ގުޅުމުގެ ސަބަބުން ގައުމީ އެއްބައިވަންތަކަން ހަރުދަނާވެ، އެމް.އެން.ޑީ.އެފް އަކީ ދިވެހި ރައްޔިތުން ފަޚުރުވެރިވާ، އިތުބާރުކުރާ މުއައްސަސާއަކަށް ވެފައިވެއެވެ. އެމް.އެން.ޑީ.އެފްގެ ސިފައިންގެ ފަންނުވެރިކަމާއި، އަދަބުވެރިކަމާއި، ގައުމަށްޓަކައި ވާންޖެހޭ ކޮންމެ ގުރުބާނީއަކަށް ތައްޔާރަށް ތިބޭކަމުގެ އަޒުމަކީ، މުޅި ދިވެހި ގައުމަށް ލިބޭ ހިތްވަރެކެވެ.
ޖުމްލަކޮށް ބުނާނަމަ، ގައުމީ ދުވަހުން އާލާކޮށްދޭ މިނިވަންކަމުގެ ރޫޙާއި، ދިފާޢީ ވަޒީރުގެ ދުރުވިސްނޭ ރޭވުންތެރިކަމާއި، އެމް.އެން.ޑީ.އެފްގެ ސާބިތުކަމާއި ފަންނީ ކުރިއެރުމާ ގުޅިގެން، ދިވެހިރާއްޖޭގެ ގައުމީ ދިފާޢަށް ވަނީ ވަރުގަދަ ބިންގަލެއް އެޅިފައިވެއެވެ. މި ތިން ބަހާގެ މައްޗަށް ބިނާވެފައިވާ ގައުމީ ދިފާޢީ ނިޒާމުގެ ސަބަބުން، ރާއްޖެއަކީ އިންޑިއާ ކަނޑުގައި ސިޔާދަތާއި ހަމަޖެހުމުގެ ނަމޫނާއެއްގެ ގޮތުގައި ދެމިއޮންނާނެކަން ކަށަވަރެވެ. އަދި ދިވެހި ރައްޔިތުންނަށް ބޭނުންތެރި، ތަރައްގީ ވެފައިވާ މާދަމައަކަށް އުއްމީދުކުރުމުގެ ފުރުސަތު މިކަމުން ލިބިގެންދެއެވެ.
Ads by MACL
