ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ތަޢުލީމީ ދާއިރާއަށް ގެނައި ބަދަލުތަކަކީ ނިޒާމަށް އިންސާފާއި ހަމަހަމަކަން ގެނައުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކެއް!

އެޑިޔުކޭޝަން ދާއިރާ ކުރިއަރުވަން ސަރުކާރުން ގެންދަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުން ---
އެޑިޔުކޭޝަން ދާއިރާ ކުރިއަރުވަން ސަރުކާރުން ގެންދަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުން ---

ސަރުކާރުގެ "ހިލޭ ތަޢުލީމު" ސިޔާސަތާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން އޮޅުވާލައި، ޙަޤީޤަތް އޮޅުވާލަމުންދާ ކަމަށް ބުނެ، ތަޢުލީމީ ދާއިރާއަށް ގެނައި ބަދަލުތަކަކީ ނިޒާމަށް އިންސާފާއި ހަމަހަމަކަން ގެނައުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އަމިއްލަ ސްކޫލުތަކުގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ ފީ ދައުލަތުން ދިނުން ހުއްޓާލުމަށް ނިންމި ނިންމުމަކީ ދަރިވަރުންނަށް ގެއްލުންދިނުމުގެ ބަދަލުގައި، ދައުލަތުގެ މާލިއްޔަތު ޒިންމާދާރުކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުޞަތުތަކެއް ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައި ކުރި ކަމެއްކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކޮންމެ ދަރިވަރަކަށް ގްރޭޑް 12 ގެ ނިޔަލަށް ހިލޭ ތަޢުލީމު ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސާފު ސިޔާސަތެކެވެ. ނަމަވެސް، އެ ފުރުޞަތު ކަށަވަރުވެފައިވަނީ ދައުލަތުން ހިންގާ ސްކޫލްތަކުންނެވެ. ސަރުކާރު ސްކޫލަކުން ޖާގަ ލިބެން އޮއްވާ، އަމިއްލަ އިޚްތިޔާރުގައި ޕްރައިވެޓް ސްކޫލަކަށް ދަރިވަރަކު ވަންނަ ނަމަ، އެ ދަރިވަރެއްގެ ފީ ދެއްކުމަކީ ދައުލަތުގެ ޒިންމާއެއް ނޫނެވެ. މިއީ ތަޢުލީމުގެ ހުރިހާ މަރުޙަލާއަކަށް ވެސް ހިނގާ އުސޫލެކެވެ.

މި ނިޒާމުގެ ތެރެއިން އެއްވެސް ދަރިވަރަކު ތަޢުލީމުން މަޙްރޫމް ނުވާނެ ގޮތް ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން، ދަރިވަރަކު ދިރިއުޅޭ ރަށެއްގައި ހުންނަ ސަރުކާރުގެ ސްކޫލަކަށް ވަންނަން އެދުމުން ޖާގަ ނެތުމުގެ ސަބަބުން އެ ފުރުޞަތު ނުލިބިއްޖެނަމަ، އެ ދަރިވަރަކު އަމިއްލަ ސްކޫލަކުން ކިޔެވި ނަމަވެސް އެ ޚަރަދު މިނިސްޓްރީން ހަމަޖައްސައިދޭނެއެވެ. މީގެން ދޭހަވަނީ ސަރުކާރުގެ އަމާޒަކީ އިޚްތިޔާރީ ގޮތުން ކުރާ ޚަރަދުތަކެއް ދައުލަތުން ކުރުމުގެ ބަދަލުގައި، ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤު ކޮންމެ ކުއްޖަކަށްމެ ލިބިދިނުންކަމެވެ.

ކުރީގެ ސަރުކާރުން ހަމައެކަނި ގްރޭޑް 11 އަދި 12 އަށް އަމިއްލަ ސްކޫލުތަކަށްދާ ކުދިންގެ ފީ ދައްކައިދިނުމަކީ އިންސާފުން ބޭރު، ތަފާތުކުރުމެއްކަން ފާހަގަކުރެވެއެވެ. ސަބަބަކީ، ހަމަ އެ އުސޫލުން ގްރޭޑް 1 އިން 10 އަށް އަމިއްލަ ސްކޫލުތަކަށްދާ ދަރިވަރުންނަށް އެ އިނާޔަތް ނުލިބޭތީއެވެ. މިހާރުގެ ސަރުކާރުން ގެނައި ބަދަލާއެކު މިވަނީ، ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް އެއް ހަމައަކުން، އެއް އުސޫލެއްގެ ދަށުން ޢަމަލުކުރެވޭނެ ގޮތް ހަމަޖެހިފައެވެ. މިއީ ދެމެހެއްޓެނިވި އަދި ހަމަހަމަ ނިޒާމެއް ޤާއިމުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

ރާއްޖޭގެ ޚާއްޞަ ޙާލަތަށް ބަލާއިރު، ހުރިހާ ސްކޫލެއްގައިވެސް ކިޔަވައިދެނީ އެއް ދީނެއް، އެއް ސަގާފަތެއް އަދި ޤައުމީ އެއް މަންޙަޖަކަށެވެ. އަމިއްލަ ސްކޫލުތަކުން "އިންޓަރނޭޝަނަލް" ލޭބަލް ބޭނުންކުރި ނަމަވެސް، ޙަޤީޤަތަކީ ރާއްޖޭގައި ސާނަވީ އިމްތިޙާނު ހަދާ ސަރުކާރުގެ ސްކޫލުތަކާއި އަމިއްލަ ސްކޫލުތަކުން ވެސް ދަރިވަރުން ތައްޔާރުކުރަނީ އެއް ފެންވަރެއްގެ ބައިނަލްއަޤްވާމީ އިމްތިޙާނުތަކަށެވެ. އެހެންކަމުން، އެއް ސްކޫލެއް އަނެއް ސްކޫލަށްވުރެ މަތީ ދަރަޖައެއްގައި ބަލައިގަނެ، ދައުލަތުން ޚާއްޞަ އިމްތިޔާޒެއް ދޭންޖެހޭ އެއްވެސް އަސާސެއް ނެތެވެ.

މި ސަރުކާރުން އަންނަނީ ހަމައެކަނި އެކަޑަމިކް ދާއިރާއަށް ބެލުމުގެ ބަދަލުގައި، ހުރިހާ ފެންވަރެއްގެ ދަރިވަރުންނަށް އެކުދިންގެ ހުނަރާއި ޤާބިލްކަމާ ގުޅޭ ފުރުޞަތުތައް ފަހިކޮށްދިނުމަށެވެ. އޭލެވެލްއަށް ވަނުމުގެ ޝަރުޠުތަކަށް ލުއި ދިނުމުގެ އިތުރުން، ވޮކޭޝަނަލް އަދި އެޕްރެންޓިސްޝިޕް ފަދަ އާ މަގުތައް ތަޢާރަފްކުރުމަކީ ތަޢުލީމީ ނިޒާމު ފުޅާކޮށް، ވަޒީފާގެ ބާޒާރަށް ބޭނުންވާ ޒުވާނުންތަކެއް ބިނާކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު އަންގައިދޭ ކަމެކެވެ.

އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ ޚިލާފަށް، ތަޢުލީމީ ދާއިރާއަށް ގެނެވުނު ބަދަލުތަކަކީ ރައްޔިތުން އެދެމުން އައި، ރަނގަޅަށް ދިރާސާކޮށްފައިވާ، އަދި ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ފައިދާތަކެއް ޤައުމަށް ގެނެސްދޭނެ ބަދަލުތަކެކެވެ. ސަރުކާރުގެ އަމާޒަކީ ސިޔާސީ ކޯޅުންތަކުން ތަޢުލީމީ ނިޒާމު ސަލާމަތްކޮށް، ކޮންމެ ދަރިވަރަކީ ވެސް ޤައުމަށް ބޭނުންތެރި، ޤާބިލް ފަރުދަކަށް ހެދުން ކަމަށް މިނިސްޓްރީން ބުނެއެވެ.