އޯލެވެލް އިމްތިޙާނު ނިމުމުން ގަރާޖަށް: ގެމަނަފުށީ އައިޒަންގެ ހުވަފެނުގެ ކާރު މަގުމައްޗަށް!
އިމްތިޙާނު ކަރުދާހުގައި ގަލަން ހިންގުން ހުއްޓާލިތާ ހަފުތާއެއްވެސް ނުވަނީސް، ގއ. ގެމަނަފުށީ އަޙްމަދު އައިޒަން އަމްޖަދު އޭނާގެ މުޅި ހިތާއި ސިކުނޑި ހުސްކޮށްލީ ގޭގެ ގަރާޖަށެވެ. ގްރޭޑް 8 ގައި ދެކެންފެށި ހުވަފެނެއްގައި ކުލަޖެއްސުމަށެވެ. އެއީ އަމިއްލަ އަތުން ރޭސިން ކާރެއް ބިނާކުރުމުގެ ހުވަފެނެވެ. އޭގެ 74 ދުވަސް ފަހުން، އައިޒަންގެ އެ ހުވަފެން ވަނީ އޭނާގެ ގަރާޖުން ނިކުމެ، ގެމަނަފުށީގެ މަގުތަކުގައި ދުއްވާލާފައިވާ ހަޤީޤަތަކަށް ބަދަލުވެފައެވެ.
ކުޑައިރުއްސުރެ އިންޖިނިއަރިންގެ ދާއިރާއަށް ހިތްޖެހިފައިވާ އައިޒަންއަކީ ކުޅޭތަކެތި ރޫޅާ، އެތަކެތި މަސައްކަތްކުރާ ގޮތް އަމިއްލައަށް ދަސްކުރަމުން އައި ކުއްޖެކެވެ. އޭނާގެ އެންމެ ބޮޑު އެހީތެރިއަކަށްވީ ޔޫޓިއުބެވެ. އޯލެވެލް އިމްތިޙާނު ނިމުމާއެކު ލިބުނު ހުސްވަގުތުގެ ބޭނުން ހިފައި، ޖޫން މަހުގެ 16 ވަނަ ދުވަހު އޭނާގެ މި ބިޔަ މަޝްރޫޢު ފެށިއެވެ.
މި މަސައްކަތުގައި އައިޒަންއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ރަށްފުށެއްގައި ހުރެ، އަމިއްލަ ޑިޒައިނަކަށް ބޭނުންވާ ސާމާނު ހޯދުމެވެ. އެކިތަންތަނުން ހޯދި ސާމާނަކީ ސީދާ އެކަތި އަނެކައްޗާ ގުޅޭ ތަކެއްޗެއް ނޫނެވެ. ނަމަވެސް އައިޒަންގެ ހުނަރާއި ހިތްވަރުގަދަކަމުން އެކަންކަމަށް ހައްލު ހޯދިއެވެ. ހަލާކުވެފައިވާ ބަގީއަކުން ފުރޮޅު ހޯދައި، ގަރާޖެއްގައި ރޫޅާލާފައި އޮތް ސައިކަލަކުން އިންޖީނު ނަގައި، އަދި އެހެން ސައިކަލަކުން ކާބްރޭޓަރު ހޯދިއެވެ. ކާރުގެ ބޮޑީގަނޑު ހެދުމަށް ބޭނުންވާ ދަނގަޑު ވެލްޑްކުރުމުގެ މަސައްކަތްވެސް އޭނާ އަމިއްލައަށް ދަސްކޮށްގެން ކުރިއަށް ގެންދިޔައީ، ބޭބެއެއްގެ ބެލުމުގެ ދަށުންނެވެ.
Ads by BML
"ފުރަތަމަ ފަހަރަށް ވެލްޑިންގ ޕްލާންޓެއްގައި އަތްވެސްލީ. އަމިއްލައަށް ދަސްކޮށްގެން ކާރުގެ އޮނިގަނޑު ނިންމާލީ،" އައިޒަންގެ އަޒުމް ކިހާ ވަރުގަދަކަން އޭނާގެ ވާހަކައިން ހާމަވެއެވެ.
އަމިއްލަ ޑިޒައިނަކަށް ހެދުމުން ދިމާވި އެންމެ އުނދަގޫ މައްސަލައަކީ ކާރުގެ ފަހަތު ސާފްޓް ހަމަޖެއްސުމެވެ. އެއްވެސް ސާފްޓެއް ފިޓުނުވުމުން، ރަށު ޕިކަޕެއްގެ ސާފްޓެއް ނަގައި، އެއަށް ބައިތަކެއް އިތުރުކޮށް ވެލްޑްކޮށްގެން އައިޒަން އަމިއްލައަށް އުފެއްދީ އޭނާގެ ޑިޒައިނަށް ފިޓުވާ ސާފްޓެކެވެ. ކާރުގެ ބޮޑީ ހެދުމަށް ފައިބަރުސީޓް ބޭނުންކޮށް، ރިވެޓް ޖަހައިގެން ވަރުގަދަކޮށްފައިވެއެވެ. މި ކާރަކީ 10 ފޫޓު ދިގު، 4 ފޫޓު ފުޅާ، އެންމެ މީހަކަށް ދުއްވޭ ގޮތަށް ފަރުމާކޮށްފައިވާ ކާރެކެވެ.
މި ބުރަ މަސައްކަތް ނިންމާލުމަށްފަހު، އައިޒަންގެ އެންމެ ބޮޑު އުފަލަކަށްވީ، ފުލުހުންގެ ހުއްދަޔާއެކު ގެމަނަފުށީގެ މަގުތަކުގައި ޓެސްޓް ބުރެއް ޖަހާލުމުގެ ފުރުޞަތު ލިބުމެވެ. އޭނާގެ އަމިއްލަ ދެއަތުން ބިނާކުރި ކާރުގައި މުޅި ރަށުގައި ބުރުޖެހިއިރު، އޭނާއަށް ކުރެވުނީ ބުނެދޭންވެސް ނޭނގޭ ފަދަ އުފާވެރި އިޙްސާސެކެވެ. ޓެސްޓް ބުރު ނިންމާލުމަށްފަހު، މާލޭގައި ފަށާ އިންޖިނިއަރިންގ ކޯހެއްގައި ބައިވެރިވުމަށް އޭނާ ވަނީ ފުރާފައެވެ.
އައިޒަންގެ މި ކާމިޔާބީގެ ފަހަތުގައި އޭނާގެ މަންމައާއި ބައްޕަގެ އިތުރުން، މުޅި ގެމަނަފުށީގެ ރައްޔިތުންގެ ތަރުޙީބާއި ތައުރީފު އެބައޮތެވެ. އައިޒަން ބުނާ ގޮތުގައި، މިހާރު ހުރި ކާބްރޭޓަރު ބަދަލުކޮށްފިނަމަ، ގަޑިއަކު 70 ކިލޯމީޓަރުގެ ބާރުމިނުގައި ކާރު ދުއްވާލެވިދާނެއެވެ.
"މިއީ ފެށުމެއް. އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި ތަފާތު އުފެއްދުންތައް ފެންނާނެ،" އައިޒަން ބުނީ އުންމީދާއި ހިތްހަމަޖެހުމާއެކުގައެވެ. މިއީ ހުނަރާއި ހިތްވަރު އެއްކޮށްލުމުން ކޮންމެ ހުވަފެނެއްވެސް ހަޤީޤަތަކަށް ހެދިދާނެކަމުގެ ރީތި މިސާލެކެވެ.
Ads by MACL
