ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

މެންބަރު އައްބާސްގެ މާލީ ހިސާބު މުޅިން ގޯސް، ހުޅުމާލޭގައި ބިމެއްވެސް އޮވޭ!

މެންބަރު އައްބާސްގެ މާލީ ހިސާބު މުޅިން ގޯސް، ހުޅުމާލޭގައި ބިމެއްވެސް އޮވޭ!

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މާލީ ބަޔާނަކީ، އޭނާގެ އަސްލު މާލީ ހާލަތު އޮޅުވާލާފައިވާ، ހަގީގަތާ ޚިލާފު މައުލޫމާތުތަކެއް ހިމަނާފައިވާ ބަޔާނެއްކަން ހާމަވެއްޖެއެވެ. އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޮޑެތި ކުންފުނިތަކާއި ހުޅުމާލޭގައި އޮންނަ އަގުބޮޑު ބިމެއްގެ މައުލޫމާތު ފޮރުވާފައިވުމުން، މި ބަޔާނުގެ ސައްހަކަމާމެދު ސުވާލު އުފެދެއެވެ.

އައްބާސް މަޖިލީހަށް ހުށަހެޅި މާލީ ބަޔާނުގައިވާ ގޮތުން، އޭނާއަށް ލިބޭ ހަމައެކަނި އާމްދަނީއަކީ މަޖިލިސް މެންބަރުކަމުގެ މުސާރައިގެ ގޮތުގައި ލިބުނު 927,532.11 ރުފިޔާއެވެ. ނަމަވެސް، އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރީތަކުން އެނގޭ ގޮތުގައި އައްބާސްއަކީ ބައެއް ކުންފުނިތަކުގެ ހިއްސާދާރެއް އަދި އިސް މަގާމުތަކެއް ފުރުއްވާ ބޭފުޅެކެވެ. އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރޭގައި:

  • ސާއްބަ ބްރަދާސް ޕްރައިވެޓް ލިމިޓެޑް (ބޯޑް މެންބަރު އަދި ހިއްސާދާރު)

  • ސާއްބަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް (ބޯޑް މެންބަރު އަދި ހިއްސާދާރު)

  • ސާއްބަ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (މެނޭޖިން ޑިރެކްޓަރު އަދި ހިއްސާދާރު)

މި ކުންފުނިތަކުގެ ހިއްސާއިން ލިބޭ އާމްދަނީއެއް، ނުވަތަ ކުންފުނިތަކުގައި އޭނާގެ ހިއްސާ އޮންނަ ކަމެއްވެސް އޭނާގެ މާލީ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.

ސާއްބަ ނަމުގައި ހުޅުމާލޭގައި އޮންނަ ގޯތި (ސްލޮޓް 22384) ---

މިކަމުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓެނީ، އޭނާގެ ކުންފުނިތަކުގެ ނަމުގައި ހުޅުމާލޭގައި އޮންނަ އަގުބޮޑު ބިމެއްގެ މައްސަލައަށެވެ. ކުރިން "ސާއްބަ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި އޮތް މި ބިން، ފަހުން "ސާއްބަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް" ގެ ނަމަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބިމުގެ މައުލޫމާތު ވެސް، އަދި މި ބިމާ ގުޅުން ހުރި ކުންފުނިތަކުގެ މައުލޫމާތު ވެސް އައްބާސްގެ މާލީ ބަޔާނުގައި ހިމަނާފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އައްބާސް ދަނީ އޭނާގެ ބައެއް މުދާތައް ވިއްކާލުމަށް މަސައްކަތް ކުރައްވަމުންނެވެ. މާލީ ބަޔާނުން މިފަދަ މުހިންމު މައުލޫމާތުތައް އުނިކުރުމަކީ، މުދާތައް ފޮރުވައިގެން މުއާމަލާތް ކުރުމަށް ހުޅުވިގެންދާނެ ދޮރެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އައްބާސްގެ މާލީ ބަޔާނުގައި އޭނާގެ 8 ބޭންކް އެކައުންޓުގައި ހުރީ އެންމެ 4,015.85 ރުފިޔާ އާއި 3 ޑޮލަރު ކަމަށް ދައްކާފައިވާއިރު، އޭނާ ވަނީ މިދިޔަ އަހަރު އެކަނިވެސް ބީއެމްއެލްއިން 849,000 ރުފިޔާގެ ލޯނެއް އަދި އެމްއައިބީން 731,340.38 ރުފިޔާގެ ލޯނެއް ނަންގަވާފައެވެ. މަޖިލިސް މުސާރަ ފިޔަވައި އެހެން އާމްދަނީއެއް ނުލިބޭ ކަމަށް ބުނާއިރު، މިހާ ބޮޑެތި ލޯނުތައް އަނބުރާ ދައްކަމުންދާ ގޮތާމެދުވެސް އުފެދެނީ ސުވާލެވެ.

މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އައްބާސް ވިދާޅުވީ، މާލީ ބަޔާން ތައްޔާރުކުރި ލޯފާމަށް ވިޔަފާރީގެ މައުލޫމާތު ހިމަނަން ނޭނގުމުން އެކަން ހިމަނާފައި ނުވަނީ ކަމަށާއި، އެއީ މަޖުބޫރު ކަމެއްނަމަ އެކަން ކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ކޮންމެ މެންބަރަކު ކޮންމެ އަހަރެއްގެ އޮގަސްޓް 31 ގެ ކުރިން މާލީ ބަޔާން ހުށަހަޅަން ޖެހެއެވެ. ގަވާއިދާ ޚިލާފުވާ މެންބަރުންނަށް ފިޔަވަޅު އެޅުމުގެ ބާރު މަޖިލީހަށް ލިބިގެންވެއެވެ. މާލީ ބަޔާނުގައި ހަގީގަތް ފޮރުވުމަކީ، ރައްޔިތުންގެ އިތުބާރު ގެއްލި، މަޖިލީހުގެ އަގުވެއްޓޭނެ ކަމެކެވެ.