ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

ވަޅުޖެހެމުން ދިޔަ ދިވެހި ފުޓްބޯޅައަށް އާ އުންމީދެއް!

ރާއްޖެއާ ލަންކާ ކުޅުނު މެޗު, ރާއްޖެ ކާމިޔާބުކުރީ 3-0 އިން -- ފޮޓޯ/ ލަންކާ ފުޓުބޯޅަ
ރާއްޖެއާ ލަންކާ ކުޅުނު މެޗު, ރާއްޖެ ކާމިޔާބުކުރީ 3-0 އިން -- ފޮޓޯ/ ލަންކާ ފުޓުބޯޅަ

މިއަދު ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ މެޗެކެވެ. ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކާމިޔާބުކުރީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. 3-0 ގެ މި މޮޅަކީ، ފަހަކަށް އައިސް ވަޅުޖަހަމުން ދިޔަ ދިވެހި ފުޓްބޯޅައަށް ލިބުނު ބޮޑު ހިތްވަރަކާއި އާ އުއްމީދެކެވެ.

މި މޮޅަކީ ގައުމީ ޓީމުގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން ހޯދި ކާމިޔާބީއެއްކަން ފާހަގަކޮށްލެވެއެވެ. އަދި ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ރާއްޖެ މޮޅުވި ފުރަތަމަ ފަހަރަށް މި މެޗު ވެގެންދިޔައެވެ.

ލަންކާ ޓީމު މި މެޗަށް ނިކުތީ 2002 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ލަންކާ މައްޗަށް ހޯދަމުން އައި މޮޅުވުމުގެ ސިލްސިލާ ނިންމާލުމުގެ އުންމީދާއެކުގައެވެ. ނަމަވެސް ދިވެހި ގައުމީ ޓީމު ވަނީ ވަރުގަދަ ހިތްވަރެއް ދައްކާ، ލަނޑުތަކެއް ޖަހާ، މޮޅު ނަތީޖާއެއް ހޯދާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ދެ ލަނޑު ޖެހިއެވެ. ފުރަތަމަ ލަނޑު ނާއިޒު ހަސަން (ދާދު) ކާމިޔާބުކުރީ އިބްރާހިމް އައިސަމް ނެގި ކޯނަރަކުން ބޮލުން ޖަހައިގެންނެވެ. މި ލަނޑާއެކު ލަންކާއަށް ހަމަނޭވާ ލުމުގެ ފުރުސަތު ނުލިބެނީސް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ ލަންކާގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ ރާއްޖެއަށް ދެވަނަ ލަނޑު ޖަހާފައެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރާއްޖޭގެ ތިން ވަނަ ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ)އެވެ. މި ލަނޑު ސެންޓޭ ޖެހީ ބަދަލަކަށް ކުޅެން އެރި 16 އަހަރުގެ މުހައްމަދު އިލާން އިމްރާން ދިން ބޯޅައަކުންނެވެ.

ލަންކާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ޓީމަށް ނަތީޖާއެއް ނެރުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ.

ގިނަބަޔަކު ގަބޫލުކުރާގޮތުގައި ދިވެހި ފުޓްބޯޅައިގެ ރަންޒަމާނަކީ 1980 އާއި 90 ގެ އަހަރުތަކެވެ. އެ ދުވަސްވަރު ދިވެހިރާއްޖޭގެ ޓީމުތަކާއި ކުޅުންތެރިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ނުލިބުނު ނަމަވެސް، ގައުމީ ލެވެލްގައި އޮތް ފޯރިއާއި ޖޯޝްއޮތީ މެދުއުޑުގައި ފިޔަޖަހާލަ ޖަހާލައެވެ. އެކަމަކު ދޭން އޭގެފަހުން ފެންނަމުންދިޔައީ ފުޓްބޯޅައިގެ ފެންވަރު ދަށްވަމުންދާ މަންޒަރެވެ.

ގައުމީ ޓީމުގެ ނަތީޖާތައް ނުރަނގަޅުވެ، ފުޓްބޯޅަ ސަޕޯޓަރުންގެ ހިތްތަކުގައި ނާއުންމީދުގެ ކުލަވަރު ގަދަވެފައި ވަނިކޮށް އަނެއްކާވެސް ދިވެހި ފުޓްބޯޅަ ސަޕޯޓަރުންގެ ހިތްތަކުގައި އަބަދަށްޓަކައި ބިންވަޅުނެގިފައިވާ އެއް ކާމިޔާބީއަކީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ. 2008 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ފުރަތަމަ ފަހަރަށް މި ތަށި އުފުލާލިއެވެ. އަދި 2018 ވަނަ އަހަރު ވެސް ރާއްޖޭން ވަނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. މިފަދަ ކާމިޔާބީތަކަކީ ދިވެހި ފުޓްބޯޅައަށް އަބަދުވެސް އުއްމީދާއި ހިތްވަރު ގެނެސްދޭ ކަންކަމެވެ. މިއަދު ލަންކާއާ ދެކޮޅަށް ހޯދި މި މޮޅަކީ، މިފަދަ އިތުރު ކާމިޔާބީތަކެއް ހޯދުމަށް މަގުފަހިކޮށްދޭނެ ކަމަށް އުންމީދުކުރެވެއެވެ.

ރާއްޖެއާ ލަންކާ ކުޅޭ ދެވަނަ ލެގުގެ މެޗު މި މަހު ނުވަ ވަަނަ ދުވަހު އޮންނާނެއެވެ. މި މެޗުން ރާއްޖެ ތިން ލަނޑުގެ ފަރަގަކުން ބަލިނުވެއްޖެނަމަ ރާއްޖެއަށް ސުޕަ ކަޕްގެ ޗެމްޕިއަންކަން ލިބޭނެއެވެ.

ލަންކާ އަތުން ރާއްޖެ މޮޅުވި މި މޮޅާއެކު ދިވެހި ފުޓްބޯޅަ ސަޕޯޓަރުންގެ ހިތްތަކުގައި އާ އުއްމީދުތަކެއް އުފެދިއްޖެއެވެ. މި އުއްމީދުތަކާއެކު ދިވެހި ގައުމީ ޓީމު ކުރިއަށް އޮތް މެޗުތަކުން ވެސް ރަނގަޅު ނަތީޖާތަކެއް ހޯދައި، ދިވެހި ފުޓްބޯޅައިގެ ރަންޒަމާން އަލުން އަނބުރާ ގެނެސްދޭނެ ކަމަށް އުންމީދުކުރަމެވެ.