ނޭޕާލްގެ އަނިޔާވެރިކަމަށް ހިތްވަރު ދޭ ދިވެހިންނަށް: މުޖުތަމައުއަށް ތި ދެނީ ނުރައްކާތެރި މެސެޖެއް!
މުޒާހަރާ ކުރުމުގެ ހައްޤަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުންނަށް ލިބިފައިވާ އަސާސީ ހައްޤެކެވެ. ނަމަވެސް، އެ ހައްޤު ބޭނުންކުރުމުގައި ވެސް ކަނޑައެޅިފައިވާ އުސޫލުތަކާއި ހުދޫދުތަކެއް ވެއެވެ. ނޭޕާލްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި އަނިޔާވެރިކަން ދިވެހިރާއްޖޭގައި ބައެއް ފަރާތްތަކުން ދިފާޢުކޮށް ވާހަކަ ދެއްކުމަކީ، މުޅި މުޖުތަމަޢަށް ނުރައްކާތެރި މެސެޖެއް ދެވޭ ކަމެކެވެ.
ނޭޕާލްގައި މިދިޔަ އާދިއްތަ ދުވަހު ފެށުނު "ޖެން ޒީ" މުޒާހަރާތަކަކީ، ސަރުކާރުގެ ކޮރަޕްޝަން އިތުރުވުމާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރުމާ ގުޅިގެން ގިނަ ޒުވާނުންތަކެއް މަގުތަކަށް ނުކުމެ ކުރިއަށްގެންދާ ހަރަކާތެކެވެ. ޖެންޒީ އަކަސް އެހެން ބަޔަކަސް މުޒާހަރާ ކުރުމަކުން އެއީ މައްސަލައެއް ނޫނެވެ. އަދި ބޭނުންހާ އެއްޗެއް ގޮވުމަކީ އެ ގައުމުގެ މިހާރުގެ ހާލަތާ ބަލައި މައްސަލައެއް ނޫނެވެ. ނަމަވެސް ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ބެލެވެއެވެ.

މުޒާހަރާތައް ފެށުނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރުމާ ދެކޮޅަށް ނަމަވެސް، މިހާރު ޒުވާނުންގެ ގޮވާލުންތައް ވަނީ އިތުރުވެފައެވެ. ފާއިތުވި އަހަރުތަކުގައި ސަރުކާރުތަކުން ހިންގައިފައިވާ ކޮރަޕްޝަނާ މެދު ނުރުހުން ފާޅުކޮށް، މިހާރު އޮތް ސަރުކާރުގެ އިސްތިއުފާއަށް ގޮވާލަމުންދެއެވެ. މުޒާހަރާތަކުގެ ސަބަބުން ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ އާއި ރައީސް ރާމް ޗަންދްރަ ޕުޑެލް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
Ads by BMLމި މުޒާހަރާތައް ހޫނުވެ، ސަލާމަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު މަރުވެ، ތިން ސަތޭކަތަކައަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ ވަޒީރުންނާއި އޮފިޝަލުންގެ ގެތަކަށާއި ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖަހާ ގެއްލުން ދީފައެވެ. ނޭޕާލްގެ އެންމެ ބޮޑު މީޑިއާ ހައުސް ކާންތިޕޫރު ޕަބްލިކޭޝަންސް އިމާރާތުގައި ވެސް ހުޅުޖަހާފައިވެއެވެ.
މި ހާލަތާ ގުޅިގެން ނޭޕާލްގެ އަސްކަރިއްޔާއިން އަންނަނީ ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުންނަށް ހިމާޔަތްދީ، އެމީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ބޮޑު ސަރަހައްދެއްގައި ވަނީ ކާފިއު އިއުލާނުކޮށްފައެވެ. ދިވެހި ސަރުކާރުން ވެސް ވަނީ ނޭޕާލަށް ދަތުރުނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ބޮޑު ވަޒީރަކަސް ރައީސަކަސް އިންތިހާބުކުރަނީ ވޯޓުންނެވެ. ބާލަން ޖެހޭނީ ވެސް ވޯޓު ދީގެންނެވެ. ޑިމޮކްރެޓިކް ނިޒާމެއްގައި ވެރިންނަށް މައްސަލަތަކެއް ދިމާވެއްޖެނަމަ، އެކަން ހައްލުކުރަންޖެހެނީ ގާނޫނީ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިންނެވެ. އިންތިޚާބުތަކުން ވެރިން ބަދަލުކުރުމާއި، ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ގާނޫނީ ދާއިރާގައި މަސައްކަތް ކުރުމަކީ ތަހުޒީބު މުޖުތަމަޢުތަކުގައި ބަލައިގަންނަ ގޮތެވެ.
ތަންތަނުގައި ހުޅުޖަހައި، އާންމު މުދަލަށް ގެއްލުން ދިނުމަކީ ބައެއް ފަހަރު ފަހުމު ނުވިޔަސް، އޭގެ ގެއްލުން އެ ޤައުމެއްގައި ނުވަތަ އެ ތަނެއްގައި ދިރިއުޅޭ އެންމެނަށް އުފުލަން ޖެހޭ ކަންކަމެވެ. އާންމު މުދަލަށް ލިބޭ ގެއްލުންތައް ބަދަލުކޮށް، އަލުން ބިނާކުރުމަށް ގައުމުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހެއެވެ. މިކަމުގެ ސަބަބުން، ތަރައްގީގެ އެހެނިހެން މަޝްރޫޢުތައް ހުއްޓި، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކަށް ބުރޫ އަރައެވެ. މީގެ އިތުރުން މިފަދަ ހަރަކާތްތަކުގެ ސަބަބުން އިންވެސްޓަރުން ގައުމުން ފިލައިގޮސް، އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.
ވެރިން އަނިޔާ ދީފި ނަމަ އެމީހުންނާއި އޭގެ ހިތި ބައްދަލުކުރަން ޖެހޭނީ ހެދިފައި އޮންނާ ގާނޫނާއި ގަވާއިދުގެ ތެރެއިންނެވެ. ރައްޔިތުން ނިކުމެ ވެރިންނަށް އަނިޔާކޮށް ތަޅާ ހެދުމަކީ ތަހުޒީބުވެފައިވާ ދުނިޔޭގައި ގަބޫލުކުރެވޭ ކަންކަމެއް ނޫނެވެ. ކޮންމެ މައްސަލައެއް ދިމާވިޔަސް، އޭގެ ހައްލަކީ ގާނޫނީ ދާއިރާގެ ތެރެއިން މަސައްކަތް ކުރުމެވެ. ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކަށް މައްސަލަތައް ހުށަހަޅައި، އިންސާފު ހޯދުމަކީ، އަދުލު އިންސާފުގެ ނިޒާމެއްގައި ރައްޔިތުންނަށް ލިބިފައިވާ ހައްޤެކެވެ.

ނޭޕާލުން މުޅި ދުނިޔެއަށް މި ދައްކައިދެނީ ނުބައި މެސެޖެކެވެ. ރާއްޖޭގައި ވެސް މި އަނިޔާވެރިކަން ދިފާއުކޮށް ވާހަކަދައްކާ މީހުން މަދެއް ނޫނެވެ. މިފަދަ ހަރަކާތްތައް ދިފާޢުކޮށް ވާހަކަ ދެއްކުމަކީ، ދިވެހިރާއްޖޭގެ މުޖުތަމަޢަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. މިފަދަ ހަރަކާތްތައް ހިތްވަރު ދިނުމަކީ، ޒުވާނުންނަށް ކުށްކުރުމަށް ހިތްވަރު ދިނުމެއް ކަމުގައި ވެސް ވެދާނެއެވެ. ހަމަނުޖެހުންތަކާއި އަނިޔާވެރިކަމަށް ތާއީދުކުރުމަކީ، މުޖުތަމަޢުގެ ހަމަޖެހުމާއި އަމަންއަމާންކަން ނަގާލާނެ ކަމެކެވެ.
ނޭޕާލްގައި ހިނގަމުންދާ އަނިޔާވެރިކަން ދިވެހިރާއްޖޭގައި ދިފާޢުކޮށް ވާހަކަ ދެއްކުމަކީ، މުޅި މުޖުތަމަޢަށް ނުރައްކާތެރި މެސެޖެއް ދެވޭ ކަމެކެވެ. ޑިމޮކްރެޓިކް ނިޒާމެއްގައި ހައްލު ނުކުރެވޭ މައްސަލައެއް ނުވެއެވެ. މުޒާހަރާ ކުރުމުގެ ހައްޤު ބޭނުންކުރުމުގައި ވެސް ކަނޑައެޅިފައިވާ އުސޫލުތަކަށް ބޯލެނބުން މުހިންމެވެ. ގާނޫނީ ދާއިރާގެ ތެރެއިން މަސައްކަތްކޮށް، މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަކީ، ތަހުޒީބު މުޖުތަމަޢެއްގެ ސިފައެކެވެ. މިފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ބަދަލުގައި، އަމަންއަމާންކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ، ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ޒިންމާއެކެވެ.
Ads by MACL
