ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އިބޫއާއި ޝާހިދުގެ ޑީލް: ފޯޅަވައްސާއި މަސްކަނޑު ގުރުބާންކޮށް، ސިޔާސީ މަގާމެއް ހޯދުންތަ؟

އިބޫ ސަރުކާރުގެ ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ---
އިބޫ ސަރުކާރުގެ ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ---

7 ޖޫން 2021 އަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވުނު ދުވަހެކެވެ. ދިވެހިރާއްޖެއިން އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ އަހަރީ އާންމު ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމުގެ ޝަރަފު ލިބިގެން ދިއުމަކީ ދިވެހިން އުފާކުރި ކަމެކެވެ. އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް އޭރުގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންތިހާބުވީ އދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި 143 ވޯޓު ހޯއްދަވައިގެންނެވެ. އެ މަގާމަށް އަބްދުﷲ ޝާހިދު އިންތިހާބުވެގެންދިޔައީ، އިންޑިއާގެ ތާއީދާއެކު އިންޑިއާއިން ރާއްޖެއަށް ފާޅުގައި ކޮށްދިން ކެމްޕޭނުތަކާއެކު ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއީލްގެ މައްޗަށް ކުރިހޯދާ ބޮޑު ތަފާތަކުންނެވެ.

ރާއްޖެފަދަ ކުޑަ ގައުމަކަށް މިވަރުގެ ބޮޑު ޝަރަފެއް ލިބިގެން ދިއުމީ ދިވެހި ކޮންމެ ރައްޔިތެއް އެކަމާ ފަޚުރުވެރިވުން ހައްގު ކަމެކެވެ. އެހެނަސް "އެދުމެއް ނެތި ވެދިމެއް ނުކުރާނެއޭ" ބުނަނީ ހެޔޮކޮށެވެ. އދ. ގެ ރައީސްކަން އަބްދުﷲ ޝާހިދަށް ވެދުމަށް އެރުވުމުގެ ޑީލާއެކު ރާއްޖޭގެ މަސްކަނޑުން ބަޔަކާއި ފޯޅަވަހި އިންޑިއާއިން "ރަސްކަން ކުރަމުން" އަންނަ މޮރިޝަސްއަށް ވެދުމަށް އެރުވީއެވެ. ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގެ ބާރު ދަމަހައްޓަން އެންމެ މީހަކަށްޓަކައި ގައުމު ގުރުބާންކޮށްލީއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރި ވަރުގަދަ ކެމްޕޭނުން ބަލިވި ސަބަބަކީ އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ ސަބަބެއް ނޫނެވެ. އިންޑިއާއާއި އެކު ހެދި ޑީލްތަކާއި ފޮނުވި ސިއްރު ސިޓީތައް ވެގެންދިޔައީ ރައީސް އިބޫގެ ރިހޭފައި މައްޗަށް ވެއްޓުނު ފޮޔަކަށެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ހަތިޔާރަކަށް "އެ ސިއްރު ސިޓީ" ނެގުން ވެގެންދިޔައީ ރައީސް އިބޫއަށް ބޮޑު ޗެލެންޖަކަށެވެ. ރާއްޖޭގެ ބައެއްގެ ގޮތުގައި ރާއްޖެއިން ވަކާލާތުކުރަމުން އައި ފޯޅަވަހީގެ މިލްކުވެރިކަން ދޫކޮށްލާ މޮރިޝަސްގެ ބޮޑުވަޒީރަށް އިންޑިއާގެ އެދުމަށް ފޮނުވި ސިޓީއަކީ ރައީސް ސޯލިހުގެ އެންމެ ބޮޑު ވެއްޓުމެވެ.

ރައީސް އިބޫ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ވެރިންނަށްވެސް ނޭނގި އިންޑިއާއިން އޭރުގެ ފޮރިންމިނިސްޓަރ އަބްދުﷲ ޝާހިދު މެދުވެރިވެ ރައީސް އިބޫ ފޮނުއްވި ސިޓީގެ ނަތީޖާ ދިވެހިންނަށް ލިބިގެންދިޔައީ ހިތިކޮށެވެ. ދިވެހި ދައުލަތުން ޒަމާނުންސުރެ ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން އިޓްލޮސް އިން ފޯޅަވަހީގެ ބާރުވެރިކަން މޮރިޝަސްއަށް ހަވާލުކޮށް ރާއްޖޭގެ މަސްކަނޑު ދިވެހިންނަށް ގެއްލުވާލީއެވެ.

ވެރިކަމުގައި ތިބެ މަޖިލީހުގެ މެޖޯރިޓީއާއި އެމްޑީޕީ ބައިބައިވެ ހިޔާލުތަފާތުވުންތައް އުފެދިގެން އައީ މި ސަބަބައްޓަކައެވެ. ޕާޓީގެ މަތިފަޑިން ފެށިގެން އެންމެ އާދައިގެ އާންމު މެންބަރުންގެ ފާޑުކިޔުންތައް ރައީސް އިބޫއަށް އަމާޒުވާން ލަސްތަކެއް ނުނެގިއެވެ. ދެ މަގާމުގައި ހުންނަވައިގެން އދ. ގެ މަސައްކަތްތަކާ އުޅުއްވަމުން ރާއްޖެ ވެއްޓެމުންދިޔަ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ދޭންވާ އަހައްމިއްޔަތުކަން ނުދެވި ދެ މީދާފެހި ބުޅަލަށްވީވަރުވެ ނިމުނީއެވެ.

ކޮވިޑު-19 ގެ ބަލިމަޑުކަމުގައި ވެއްޓިގެންދިޔަ އިގްތިސާދީ އަނދަވަޅުން އަރައިނުގަނެވި އޭރު ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ދޭނެކަމަށް ލަފާކުރި އެއްވެސް ހިލޭ އެހީއެއް ނުލިބި ގައުމު ބޮޑު ދަރަނިވެރިކަމަކަށް ދިއައީ ފޮރިންމިނިސްޓަރުގެ ޒިންމާ އަދާނުކުރެވި "ބޮޑު މަގާމާ" ބަގުޑި ބައްދަންހަދައިގެންކަން ދިވެހި ކޮންމެ ރައްޔިތަކުމެ ގަބޫލުކުރެއެވެ.