ބުދަ، 18 ނޮވެމްބަރު 2026
ރިޕޯޓް

އޮސްޓްރޭލިއާ އާއި ދިވެހިރާއްޖޭގެ ގުޅުން: ޒަމާންވީ ގުޅުމުގެ އައު ކުރިތައް

އޮސްޓްރޭލިއާ އާއި ދިވެހިރާއްޖޭގެ ގުޅުން: ޒަމާންވީ ގުޅުމުގެ އައު ކުރިތައް

އޮސްޓްރޭލިއާއަކީ ދިވެހިރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. މިގުޅުން ބިނާވެފައިވަނީ ތަފާތު ދާއިރާތަކުގެ އެއްބާރުލުމުގެ މައްޗަށެވެ. ތަޢުލީމާއި، ސަލާމަތީ އަދި ދިފާޢީ ދާއިރާއިން މިދެޤައުމުގެ ގުޅުން ދަނީ ދުވަހުން ދުވަހަށް ބަދަހިވަމުންނެވެ.

ދިވެހިންނަށް އޮސްޓްރޭލިއާ އެންމެ މަޝްހޫރުވެފައިވަނީ ފެންވަރު ރަނގަޅު މަތީ ތަޢުލީމްގެ މަންޒިލެއްގެ ގޮތުގައެވެ. 1980ގެ އަހަރުތަކުން ފެށިގެން، އޮސްޓްރޭލިއާ ސަރުކާރުން ވަނީ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދީފައެވެ. މިފުރުޞަތުތަކުގެ ބޭނުންހިފައި، އެތައް ދިވެހިންނެއް ވަނީ އެކި ދާއިރާތަކުން މަތީ ތަޢުލީމް ހާސިލްކޮށްފައެވެ. މިގޮތުން، ސަރުކާރުގެ މަތީ މަޤާމްތަކުގައާއި، އަމިއްލަ ވިޔަފާރިތައް ހިންގުމުގައާއި، އެކި ދާއިރާގެ ޢިލްމާއި ހުނަރު އުނގަންނައިދީ، ދިވެހިރާއްޖެއަށް ބިނާކުރަނިވި އަދި ފައިދާކުރަނިވި ޚިދުމަތްތަކެއް ކުރުމުގައި އޮސްޓްރޭލިއާގެ ދައުރު ވަރަށް މުހިއްމެވެ.

2023 ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާގެ ހައިކަމިޝަންއެއް ދިވެހިރާއްޖޭގައި ޤާއިމްކުރެވިގެން ދިއުމަކީ، އޮސްޓްރޭލިއާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ބަދަހިވަމުންދާކަމުގެ ހެއްކެކެވެ. މިއީ ސަރަޙައްދީ ސަލާމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ ސަބަބުން ސަރަޙައްދީ ޤައުމުތައް އެކުގައި މަސައްކަތްކުރުމަށް މަޖުބޫރުވެފައިވާ ދަނޑިވަޅެކެވެ. ދިވެހިރާއްޖެއަކީ ކުޑަ، އަދި ވަޞީލަތުގެ ގޮތުން އެހާ ފޯރުންތެރި ޤައުމަކަށް ނުވާހިނދު، ބޭރުގެ ޤައުމުތަކާއި ގުޅިގެން، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި ދިފާޢު ކަށަވަރުކުރުމަކީ މުހިއްމުކަމެކެވެ.

މިގޮތުން، އޮސްޓްރޭލިއާއާއި އޮތް ދިފާޢީ ގުޅުމަކީ، ދެޤައުމުގެ މެދުގައި މަޝްވަރާކުރެވި، ދެޤައުމުގެވެސް މަސްލަޙަތުތައް ކުރިއަރުވަން ބައްޓަން ކުރެވެމުން އަންނަ ގުޅުމެކެވެ. އަދި، މިގުޅުމުގެ ސަބަބުން، ދިވެހިރާއްޖެއަށް ދަނީ ގިނަ ފައިދާތަކެއް ކުރަމުންނެވެ.

ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއްކަމަކީ، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި، އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ޑިފެންސް މިނިސްޓަރ އޮނަރަބަލް ރިޗަރޑް މާރލްސް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އޮސްޓްރޭލިއާގެ ހިލޭ އެހީގެ ދަށުން ގާރޑިއަން ކްލާސްގެ ޕެޓްރޯލް ބޯޓެއް ދިވެހިރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާކަން ޢިއުލާންކުރުމެވެ.

މިޕެޓްރޯލް ބޯޓް ވެގެންދަނީ، ދިވެހިރާއްޖޭގެ މަސްކަނޑުތަކާއި، ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް ވަރަށް ބޮޑު އެހީއަކަށް، އަދި މީގެ ސަބަބުން، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް އެދެވޭ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުރުންވެސް، ކުރިއަރާފައިވާ އަސްކަރިއްޔާތަކާއިއެކު ތަފާތު އެކްސަރސައިޒްތަކާއި، އެހެނިހެން ޙަރަކާތްތައް ކުރިއަށް ގެންދިއުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ޤާބިލްކަމާއި ހުނަރު އިތުރުވެ، ފެންވަރު މަތިވެގެންދާނެއެވެ.

އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ވަރަށް ދިގު މުއްދަތަކަށް ދެމިގެން އައިސްފައިވާ ގުޅުމެކެވެ. ތަޢުލީމާއި ދިފާޢީ ދާއިރާއިން މިގުޅުން އިތުރަށް ބަދަހިވެ، ދެޤައުމުގެ މަސްލަޙަތު ރައްކާތެރިކުރުމަށް ވަނީ ބޮޑު އެހީއަކަށް ވެފައެވެ. މިގުޅުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ސަލާމަތީ އަދި ދިފާޢީ ޤާބިލުކަން އިތުރުވެ، މާލޭގެ ކަނޑުގެ ސަރަހައްދުތައް ރައްކާތެރިކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.